ހިފާފައިވާ ފަލަސްތީނުގެ ބިމުގައި އިޒުރޭލުން ވަޒަންވެރި ކުރުވުން ހުއްޓުވުމަށް ހުށަހެޅުނު ގަރާރު އދ. ގެ ސަލާމަތީ މަޖުލީހުގެ އިއްތިފާގުން ފާސްކޮށްފޮއެވެ. އޮބާމާގެ ސަރުކާރުން ވަކި ކޮޅަކަށް ވޯޓު ނުދީ ހަމަހިމޭންކަން އިޚުތިޔާރު ކުރުމުން ބާކީ ތިބި 14 މެންބަރު ގައުމުން ވެސް ވަނީ އިޒުރޭލުން ވަޒަންވެރިކުރުވުމާއި ދެކޮޅަށް ހުށަހެޅުނު ގަރާރަށް ތާއިދުކޮށްފައެވެ.
ފުރަތަމަ މިސްރުން މިގަރާރު ހުށަހަޅަން އުޅުމުން އިޒުރޭލާއި އެމެރިކާގެ ކުރިޔަށް އޮތް ސަކުކާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިސްރަށް ގިނަ ޕްރެޝަރުތަކެއް ކުރިމަތިކޮށް ގަރާރު އަނބުރާ ނަގުވާފައެވެ. ނަމަވެސް ސަލާމަތީ މަޖުލީހުގައި ހިމެނޭ ނިއުޒީލޭންޑާއި، މެލޭޝިއާ، ވެނެޒުއެލާ އާއި ސެނެގާލުން އެކަން އެގޮތަށް ދޫނުކޮށް، އިއްޔެ އަލުން އެގަރާރު ސަލާމަތީ މަޖުލީހަށް ހުށަހަޅައި ފާސް ކުރުވީއެވެ.
މިގަރާގުން ވަނީ ހިފާފައިވާ ބިންތަކުގައި އިޒުރޭލުގެ ވަޒަންވެރި ކުރުމުގެ އެންމެހާ ކަންތައްތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިކަމަކީ ފަލަސްތީނާއި އިޒުރޭލުގެ ދެ ދައުލަތް އެކުގައި ސުލްހަވެރި ވުމަށް ކޮންމެހެން ވެސް މުހިންމު ކަމެއްކަމަށެވެ.
ނަމަވެސް އަންނަން ހުރި ރައީސް ޓްރަމްޕާއި އިޒުރޭލުން ވަނީ މި ގަރާރު ވީޓޯ ކުރުމަށް އޮބާމާގެ ސަރުކާރަށް އަންގާފައެވެ. އެކަމަކު އޮބާމާގެ ސަރުކާރުން ބޭނުންވީ އޭނާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިގަރާރު ފާސްކުރުމަށެވެ. އެއާއެކު، އިޒުރޭލާއި ދެކޮޅަށް ސަލާމަތީ މަޖުލީހުން ފާސްވި ފުރަތަމަ ގަރާރު މިގަރާރު ވެގެން ދިޔާއީއެވެ.
ނަމަވެސް ގޮތް ދޫނުކުރާ އިޒުރޭލުން ބުނެފައި ވަނީ މިއީ އެގައުމާއި ދެކޮޅު-މީހުން ފާސްކުރި ގަރާރެއް ކަމަށާއި މިގަރާރަށް އަމަލު ނުކުރާނެ ކަމަށެވެ.
ފަލަސްތީނުން އދ.އަށް ކަނޑައަޅާފައިވާ މަންދޫބު ސައެބު އެރެކާޓު ރޮއިޓާސް އަށް ވިދާޅުވީ މިއީ ބައިނަލް އަގުވާމީ ގާނޫނަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިއީ އިޒުރޭލުގެ ހައްދުފަހަނަޅާފައިވާ ސިޔާސަތާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ބަސްބުނުން ކަމަށެވެ.
“ސުލްހަ ގާއިމު ކުރެވޭނީ ބިންތައް ހިފައި، ހިސޯރުކޮށްގެން ނޫންކަން ބައިނަލް އަގުވާމީ މުޖުތަމިއުން މިވަނީ އިޒުރޭލުގެ ރައްޔިތުންނަށް އަންގައިދީފައި. އަދި 1967ގައި އިޒުރޭލު ގާއިމުކުރި ފަދައިން އިޒުރޭލާއި އިންވެގެން ފަލަސްތީނުގެ ދައުލަތެއް ވެސް އޮވެގެންކަން ސުލްހަވެރިކަމާއި އަމާންކަމާއެކު ދެ ގައުމަށް ވެސް އުޅެވެން އޮތީ” ސައެބު އެރެކާތު ވިދާޅުވިއެވެ.



ޚިޔާލުތައް