A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ

ފުވައމްުލކު ހޮސްޕިޓަލުގެ ލެބް

ފުވައްމުލައް ސިޓީން ދާދި އަހަވަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތް ހަމަޖެހިގެންދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންކުރާނީ ޓީބީ ފަދަ ބަލިތައް ވެސް ޓެސްޓްކުރުމަށް ބޭނުންކުރާ “ޖީން އެކްސްޕާޓް މެޝިން” އަށް ޚާއްސަ ވައްތަރެއްގެ ކާޓްރިޖެއް ލައްވައިގެން ކަމަށް ވެއެވެ.

“ﷲގެ ހެޔޮ ރަޙުމަތްފުޅާއެކު ފުވައްމުލަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފެށުމަށް ދެން ގިނަ ހަފުތާތަކެއް ނުނަގާނެކަމަށް އުއްމީދު ކުރެވޭ. ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ޖީން އެކްސްޕާޓް މެޝިނެއް އެންމެ އަވަހަށް ޖާގަ ލިބޭ ބޯޓަކުން ފުވައްމުލަކަށް ގެނައުމުގެ މަސައްކަތްވަނީ ފެށިފައި” ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވެއެވެ.

ގިނަ ބައެއްގެ އެންމެބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކުގެ 14000 ހާ މީހުންގެ އާބާދީގައި ޓެސްޓް ހެދޭގޮތް ހަމަޖައްސާފައި ނޯންނާތީ ކުރިމަތިވާ ދަތި އުނދަގުލެވެ. ޚާއްސަކޮށް މާލެއިން އަންނަ މީހުން ކަރަންޓީނުވާން ފެށުމުން މިކަމަށް މީހުންގެ ޑިމާންޑް ބޮޑު ބޮޑުވެފައިވާ ކަމަށް މެނޭޖަރު ހާމަކުރައްވައެވެ.

މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ އިސްވެރިންގެ ފަރާތުން ފެށިގެން މަޖިލީސް މެމްބަރުންނާ ހަމައިންވެސް ޔަޤީންކަން ދެއްވަމުން އައީ ފުވައްމުލައް ސިޓީގައި ވެސް ކޮވިޑް-19 ޓެސްޓް ކުރެވޭގޮތް ހަދާނެ ކަމަށެވެ. ޙާލަތަށް ރިޢާޔަތް ކުރެވިގެން “ހޮޓްޒޯން” ތަކުގައި ޓެސްޓް ކުރުމުގެ ގާބިލުކަން އުފައްދަމުން ފުވައްމުލަކާއި ހަމައަށް ވެސް އަންނާނެ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލް

އަހުމަދު ސައީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭ 5 ސަރަހައްދެއްގައި ކޮވިޑް-19 ފެސިލިޓީތަކެއް ގާއިމުކުރިއިރު ފުވައްމުލައް ސިޓީ ނުހިމެނޭތީ އެކަމުގައި ފުވައްމުލަކުގެ މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. އެ 5 ސަރަހައްދުގެ އިތުރުން ދާދި ފަހުން ވަނީ ގދ. ތިނަދޫގައި ވެސް ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްފައެވެ.

ފުވައްމުލައް ސިޓީ ހިމެނޭ ގޮތުން ކޮވިޑް ފެސިލިޓީ ގާއިމުކުރި އައްޑޫ ސިޓީން ފުވައްމުލައް ސިޓީގެ މީހުންގެ ކޮވިޑް-19 ޓެސްޓްތައް ނެހެދި، ސާމްޕްލްތައް މާލެ ފޮނުވައިގެން ޓެސްޓްކުރަން ޖެހުމުން އިތުރު ދުވަސްތަކެއް އެކަމުގައި ހޭދަވާކަމަށް ބުނެ ވެސް އާއްމުގެ ފާޑުކިޔުން އޮތީ ފެންމަތިވެފައެވެ.

ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވިގޮތުގައި ކޮވިޑަށް ޓެސްޓްކުރެވޭ ވަސީލަތްތައް ގާއިމުކުރުމުގައި ލަސްތަކެއް ވެގެން ދިޔައީ މުޅި ދުނިޔޭގައި އެ ވަސީލަތްތަކަށް އެއްފަހަރާ ބޭނުންވެފައި ވުމާއި އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ދުނިޔެ ތައްޔާރުވެފައި ނެތުމުން ކަމަށެވެ. އޭގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެހެން ފުރަބަންދުވެ، ދަތުރުފަތުރު ކުރުންވެސް މުޅިންހެން ހުއްޓުމަކަށް އައުމުން މިފަދަ ވަސީލަތްތައް ރާއްޖެ އެތެރެކުރުމުގައި ދިމާވި ބޮޑެތި ދަތިތަކާއި އުނދަގުލުގެ ސަބަބުން ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !