ގައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ފުރުސަތުތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފި

2020 ޑިސެމްބަރ: މިއަދު އެމްއެންޔޫއާއި ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުން. ފޮޓޯ؛ އެފްސީސީ
Share on facebook
Share on twitter
Share on google

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ފުރުސަތުތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުވުން ބޭއްވުނީ މިއަދު ސިޓީ ކައުންސިލްގެ މީޓިން ރޫމުގައެވެ.

މިބައްދަލުވުމުގައި އެމްއެންޔޫއިން 2021 ވަނ އަހަރު ފެބުރުއަރީ މަހު ފަށާ ކޯސްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ވަޑައިގަތީ އައްޑޫ ސިޓީ ހިތަދޫ ކެމްޕަސް މެނޭޖަރު އިދުހާމް ފަހުމީ އާއި އެކެމްޕަހުގެ ބައެއް މުވައްޒަފުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް އެމްއެންޔޫގެ ޓީމަކާއި ފުވައްމުލަކު ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފައި ވެއެވެ. އެބައްދަލުވުމުގައި، ފުވައްމުލަކުގައި ޔުނިވަރސިޓީން ހިންގާ ކޯސްތައް އިތުރަށް ފުރިހަމަކުރުމާއި ގައުމީ ޔުނިވާސިޓީގެ އައިސީޓީ ކެމްޕަސްއެއް ގާއިމު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

އެމްއެންޔޫގެ ކޯސްތައް ފުވައްމުލަކުގައި ރަސްމީކޮށް ހިންގަންފައްޓާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު އޭރުގެ އަތޮޅު ކައުންސިލްއާއި ގައުމީ ޔުނިވަރސިޓީ އާއެކު ވެވުުނު އެއްބަސްވުމެއްގެ ދަށުން ގައުމީ ޔުނިވަރސިޓީގެ “ކަޮލް އައުޓްރީޗް ސެންޓަރު” ނަމުގައި ލާނިންސެންޓަރެއް ހުޅުވާފައި ވަނީ 13 އޭޕްރީލް 2014 ގައެވެ. އެއާއެކު އެމްއެންޔޫގެ ކޯސްތަކެއް  ފުވައްމުލަކުގައި “ބްލެންޑެޑް މޯޑަށް” ހިންގަމުން ގޮސްފައި ވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކޮލް އައުޓް ރީޗް ސެންޓަރެއް ފުވައްމުލަކުގައި ހުޅުވީ 2014 ގައި

އެގޮތުން ހިންގި ކޯސްތަކުގެ ތެރޭގައި ބެޗެލަރ އޮފް ނާރސިސް، ބެޗެލަރ އޮފް ސެކަންޑަރީ ޓީޗިން ދިވެހި އާއި ބެޗެލަރ އޮފް ސެކަންޑަރީ ޓީޗިން އިސްލާމް އާއި ބެޗެލަރ އޮފް ޕްރައިމަރީ ޓީޗިން އާއި އެޑްވާންސް ސެޓްފިކެޓް އިން މެނޭޖްމެންޓް (2010) ކޯހާއި އިންގްލިޝް ފޯރ ފާދަރ ސްޓަޑީޒް ކޯހުގެ ބުރުތަކެއް 2006 އިންފެށިގެން ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި ކޯސްތަކަކީ ފުވައްމުލަކު އަތޮޅު ކައުންސިލާއި ގައުމީ ޔުނިވަރސިޓީ އާއި ދެމެދު ގާއިމުކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިޔަށް ގެންދެވުނު ކޯސްތަކެކެވެ. ހުރިހާ ކޯސްތަކުގެ ކިޔެވުންވެސް ކުރިޔަށް ގެންގޮސްފައިވަނީ އަތޮޅު ކައުންސިލްގެ އިމާރާތްތަކުގައެވެ.

ފުވައްމުލަކުގައި މަތީ ތައުލީމުގެ ކޯހެއް އެންމެ ފުރަތަމަ ހިންގާފައި ވަނީ 2002 ވަނަ އަހަރު އެޑްވާންސްޑް ސެޓްފިކެޓް އިން ޓީޗިން ޕްރައިމަރީ އެވެ. އެ ޕްރޮގްރާމަކީ ފުވައްމުލަކުގައި އެދުވަސްވަރު (ޏ.އޭއީސީގައި) ތިބި ތަމްރީނު ނަހަދާ ތިބި ޓީޗަރުންގެ ގިނަބަޔަކު މުދައްރިސްކަމަށް ތަމްރީނު ކުރުމަށް ކުރީގެ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން (މިހާރުގެ ދިވަހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ) އިން ކުރިޔަށްގެންދިޔަ ޚާއްސަ ޕްރޮގްރޫމްގެ ބައެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އެމްއެންޔޫގެ ބޭފުޅުން ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމަށް ފަހު 2020 ޖެނުއަރީ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އެންމެ ފުރަތަމަ ޓީޗިން ކޯހާއި، އީއެފްއެސް (އިންގްލިޝް ފޯ ފާދަރ ސްޓަޑީޒް) ކޯހުގައި ކިޔަވައިދީފައި ވަނީ ޏ،.އޭއީސީގެ ކްލާސްރޫމްތަކުގައެވެ. ނަމަވެސް ފަހުން ކޮލް އައުޓްރީޗެ ސެންޓަރު ގާއިމުކުރުމުން ކޯސްތަކުގެ ކިޔވައިދިނުން ކުރިޔަށް ގެންގޮސްފައި ވަނީ ކުރުނދުމާ މާލަމާއި މިހާރުގެ ގުރުއާނާ ބެހޭމަރުކަޒުގެ ކްލާސްރޫމް އަދި ބައު އަތޮޅުގޭގެ އިމާރާތުގައެވެ.

ނަމަވެސް ފުވައްމުލަކުގެ ގިނަބަޔަކު އެދިގެން ތިބި މިންވަރަށް ގައުމީ ޔުނިވަރސްޓީގެ ހަރަކާތްތައް ފުވައްމުލަކުގައި ފުޅާވެގެން ގޮސްފައެއް ނުވެއެވެ. އަދި މިހާރު އެމްއެންޔޫގެ ކޯސްތައް ފުވައްމުލަކުގައި ކުރިޔަށްގެންދިއުން މެދުކެނޑިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ގައުމީ ޔުނިވަރސިޓީއާއެކު ވެފައިވާ އެއްބަސްވުން ފުވައްމުލައް ސިޓީ ކައުންސިލުން ފަހުން އާކޮށްފައިވާކަން އެނގޭކަށް ނެތެވެ.

ގައުމީ ޔުނިވަރސިޓީގެ ކޯސްތަކަކީ ރަމްޒީ ކުޑަ ފީއަކަށް ނުވަތަ މުޅިން ހިލޭ ކުރިޔަށްގެންދާ އިތުބާރުލިބިފައިވާ ފެންވަރު ރަނގަޅު ކޯސްތަކަށް ވާތީ ފުވައްމުލަކުގެ ގިނަބަޔަކު ވެސް އެ ޔުނިވަރސިޓީގެ ކޯސްތަކަށް ޝައުގުވެރިވެއެވެ. ނަމަވެސް ރަށުގައި ތިބެގެން ކިޔެވޭނެ އިންތިޒާމުތަކެއް މިހާރު ނެތުމުން ގިނަ ކުދިން ކިޔަވަމުން އަންނަނީ ޕްރައިވެޓް ކޮލެޖް ތަކުގައެއެވެ. އެގޮތުން ފުވައްމުލަކަށް ނިސްބަތްވާ ޒިކުރާ ކޮލެޖުގައި ގިނަ އަދަދެއްގެ ކުދިން އަންނީ ކިޔަވަމުންނެވެ.

2020 ޑިސެމްބަރ: މިއަދު އެމްއެންޔޫ ހިތަދޫ ކެމްޕަސް އިސްވެރިންނާއެކު އާއި ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުން. ފޮޓޯ؛ އެފްސީސީ

ފުވައްމުލަކަކީ ރާއްޖޭގެ އެއްރަށެއްގައި އެންމެ ގިނަމީހުން ތިބި 3 ވަނަ ރަށަށް ވުމާއެކު ފުވައްމުލަކަކީ ގައުމީ ޔުނިވަރސިޓީގެ ޚިދުމަތްތައް ލިބެން ހުންނަން ޖެހޭ މުހިންމު ރަށެކެވެ.

އެމްޑީޕީގެ މިސަރުކާރުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އެމްއެންޔޫގެ އައިސީޓީ ކެމްޕަހެއް ފުވައްމުލަކުގައި ގާއިމުކުރަން ވަނީ ހިމަނާފައެވެ. މިއަހަރު ޖެނުއަރީ މަހު އެމްއެންޔޫއާއި އެކު ބޭއްވި ބައްދަލުވުމުގައި މިހާވަކަ ދެކެވުނު ކަމުގައި ވިޔަސް މިއަދު ބޭއްވި ބައްދަލުވުމުގައި މިކަމުގެ މަޝްވަރާކުރިކަން ހާމަކޮށްފއެއް ނެތެވެ. އަދި މިހާތަނަށް އައިސީޓީ ކެމްޕަހާއި ގުޅޭ ގޮތުން އިތުރު އެއްވެސް ކަމެއް ކުރެވުނުކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ހާމަކޮށް ފައިވާކަން އެނގޭކަށް ނެތެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments