އަންނަ ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ފުވައްމުލައް ސިޓީގައި އަލުން ޖަމާއަތުގައި ނަމާދުކުރުން ފެށޭނެކަމަށް މިރޭ ބޭއްވި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސް ކޮންފަރެންސްގައި ހާމަކުރައްވައިފިއެވެ.
އަލުން ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމީ އިސްލާމިކް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ހާމަކުރެއްވިއެވެ.
މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު މިސްކިތު ކާޕެޓް ނަގާފައިވާނެ ކަމަށާއި އަދި އެއާކޮންޑިޝަން ބޭނުން ނުކުރާ ގޮތަށް ހަމަޖެހިފައިކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ގައިދުރުކޮށް ގެއިން މުސައްލަ ހިފައިގެން އަންނަ ގޮތަށް ކަމަށާއި ގެއިން ވުޟޫއު ކޮށްގެން އައުމަށް ސިޓީ ކައުންސިލުން އެދިވަޑައިގަތެވެ.
ބަލީގެ އަސަރު ހުރި މީހުންނާއި ބަލިގެ ހައިރިސްކް މީހުން މިސްކިތު ޖަމާއަތުގައި ބައިވެރިނުވުމަށް އެދިފައި އެވެ.
މަޣުރިބު ނަމާދާއި އިޝާނަމާދު ގެ ވަގުތަކީ ކާފިއުގެ ވަގުތުކަމުގައި ވިޔަސް އެގަޑީގައި މިސްކިތަށް ނަމާދަށް ދިއުމަށްގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި ނަމަވެސް އެކަން ނޭދެވޭ ގޮތުންގައި ބޭނުން ނުކުރުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.
މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 2 މީހުންނެވެ. ނަތީޖާ ލިބުނު 94 ރޭންޑަމް ސާމްޕަލްގެ ތެރެއިން ވެސް އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ރެންޑަމް ސާމްޕަލުން މީހަކު ޕޮޒިޓިވް ނުވެ މިހާރު ޖެހިޖެހިގެން 4 ދުވަސް ވީއެވެ.
ޚިޔާލުތައް