ފުވައްމުލައް ސިޓީއިން ކޮވިޑްގެ ހާލަތު ދަށް ނުވާކަމަށް ރޭ ބޭއްވި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވައިފިއެވެ. އެގޮތުން ފާއިތުވި 3 ދުވަހުގައި ވެސް ކޮވިޑްގެ ހާލަތު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ކައުންސިލާ އަބްދުﷲ ނާސިރު ވިދާޅުވިއެވެ.
އިއްޔެ ވެސް 13 މީހަކު ބައްޔަށް ފައްސިވެފައި ވެއެވެ. އެއީ ފްލޫ ކްލިނިކުގެ ސާމްޕަލުން 8 މީހަކާއި، ކޮންޓެކްޓް ޓްރޭސިންގެ 4 މީހަކާއި ޑިޕާޗާ ސާމްޕަލުންގެ 1 މީހެކެވެ. މިމަހު 22 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ވަނީ އެޗްޕީއޭގެ މޮނިޓަރިން އަށް ލާފައެވެ.
ފާއިތުވި 7 ދުވަހުގެ އެވްރެޖަށް ބަލާއިރު ބައްޔަށް ފައްސިވާ މީހުންގެ އަދަދު ހުރީ 9.4 ގައެވެ. އަދި ޓެސްޓް ކުރެވޭ ސާމްޕަލްގެ ނިސްބަތުން ބަލި ފެތުރޭ ނިސްބަތް ހުރީ %10.42 ގައެވެ. ނަމަވެސް އިއްޔެނޫން ކުރީދުވަހު މިއަދަދު ހުރީ %4.56 ގައެވެ. މިހާބޮޑު ތަފާތެއް ޕޮޒިޓިވްވާ ރޭޓަށް (އިންސައްތަ) އައިސްފައިވަނީ އިއްޔެ ނަތީޖާ ލިބުނު ސާޕަލްގެ އަދަދު އެއިގެ ކުރީ ދުވަހަށްވުރެ ބޮޑުތަނުން ދަށްވުމުގެ ސަބަބުންނެވެ.
ފުވައްމުލައް ސިޓީއިން އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވްވި 13 މީހުންނާއެކު މިހާރު އެސިޓީގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 172 އަށް އިތުރު ވެފައެވެ. އެއާއެކު މިހާރު ފުވައްމުލައްމުލައް ސިޓީއިން ޖުމުލަ ޕޮޒިޓިވްވި އަދަދަކީ 1152 އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 978 މީހުންނެވެ.
ކޮވިޑް ބަލީގެ ކޮމްޕްލިކޭޝަން ތަކެއް ދިމާވެގެން މާލެއަށް ފޮނުވައި އައިސީޔޫގައި ފަރުވާދީފައިވާ ފުވައްމުލައް ސިޓީގެ ކުޑަކުއްޖާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މައުލުމާތު ލިބެއެވެ. އޭގެ އިތުރުން ވެސް ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް ފަރުވާއަށް ފޮނުވި ދެ މީހުންގެ ހާލަތުވެސް ރަނގަޅުވަމުން އަންނަ ކަމަށް ފުވައްމުލައް އީއޯސީ ބައްދަލުވުމުގައި ހާމަކުރައްވާފައި ވެއެވެ. މިބަލީގައި އިތުރު ފަރުވާއަށް ރަށުން ބޭރަށް ފޮނުވާފައިވަނީ މިހާތަނަށް 6 މީހުން ކަމަށް ވެއެވެ. އެއިގެ ތެރެއިން އެންމެ ކުރިން ފޮނުވި 3 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ރޭގެ ނުސްވެރިންގެ ބައްދަލުވުމުގައި ބާރުއެޅުއްވީ އާއްމު ފަރުދުން މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން އިސްކުރުމަށެވެ. އަދި އުސޫލުތަކާއި ޚިލާފުވާ ފަރާތްތައް ބެލުމަށް އިތުރު ހަރަކާތްތަކެއް ހިންގާނެ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ފަސް ނުޖެހެނެ ކަމަށް ހާމަކުރެއްވިއެވެ.
މީގެ އިތުރުން ވެކްސިން ޕްރޮގްރާމް އިތުރަށް އަވަސް ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށްދާ ކަމަށާއި އަމާޒަކީ މިމަސް ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ %90 މީހުންނަށް ވެކްސިން ފުރިހަމަ ކުރުން ކަމަށް ވިދާޅުވިއެވެ.
ކޮވިޑް ބަލި ރަށުތެރޭގައި ފެތުރެން މެދުވެރިވަނީ ބައެއް ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ނުކުރާތީ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 144 (ރަށުތެރޭ 105)
ނަތީޖާ ނުލިބޭ 163
ނަތީޖާ ލިބުނު 126 (ރަށުތެރޭ 82)
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު އާއްމު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: – އާއެކު ޖުމުލަ 7121
ދެވަނަ ޑޯޒް: -، އާއެކު ޖުމުލަ 5325
ޚިޔާލުތައް