ތިން ވަނަ މޮނިޓަރިންއަށް ލީފަހުން ފުރަތަމަ ފަހަރާ ފުވައްމުލައް ސިޓީގެ ކޮވިޑް-19 ގެ އެކްޓިވް ކޭސްގެ އަދަދު 100 އިން ދަށަށް ހިގަނއްޖެއެވެ. އެގޮތުން މި ސެޕްޓެމްބަރު މަހު 9 ގައި ވަނީ އެއަދަދު 91 އަށް ދަށްވެފައެވެ.
ފާއިތުވި ދެ ދުވަހު (8، އަދި 9 ސެޕްޓެމްބަރު) ގައި ވެސް ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ބޮޑަށް ދަށްވެފައެވެ. އެގޮތުން އެންމެ ފަހުން އަދަދުތައް ހާމަކޮށްފައިވާ 9 ސެޕްޓެމްބަރުގައި އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އަދި އެއިގެ ކުރީ ދުވަހު ބަލި ޖެހިފައި ވަނީ 5 މީހަކަށެވެ. ގައި ހުރިއިރު އެއިގެ ކުރީ ދުވަހު ހުރީ 5 ގައެވެ. ފާއިތުވި ދެ ހަފުތާގެ މުއްދަތަށް ބަލާއިރު ބަލިޖެހޭ އެވްރެޖު ރޭޓް ހުރީ ދުވަހަކަށް %6.2 އަށް ވަނީ ދަށްވެފައެވެ. ފުވައްމުލައް ސިޓީ ކޮވިޑް ޑޭޓާ ޕޯޓަލް މިހާރު ދުވަހުން ދުވަހަށް އަދާހަމަކުރެވެމުން ނުދާކަން ފާއިތުވި ދުވަސްތަކުގައި ފާހަގަ ކުރެވިފައި ވެއެވެ.
މީގެ އިތުރުން ފާއިތުވި 7 ދުވަހު ރަށުތެރޭ ސާމްޕަލްގެ އެވްރެޖް ހުރީ 1 ގައެވެ. ނަމަވެސް 8 ސެޕްޓެމްބަރުގައި ފްލޫ ކްލިނިކުން 1 ޕޮޒިޓިވްވި އިރު 7 ސެޕްޓެމްބަރުގައި ރޭންޑަމް ސާމްޕަލުން 3 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ.
ނުވައެއް ސެޕްޓެމްބަރު އާއި ހަމަޔަށް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖުމުލަ 1295 މީހުންނެވެ. އަދި މުޅިއެކު ބަލިން ރަނގަޅުވެފައި ވަނީ 1195 މީހުންނެވެ. މިބަލި ޖެހިގެން ފުވައްމުލައް ސިޓީއިން ނިޔާވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުގައި ވަނީ އެއްމެ މިހެކެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެ ފަހުން އެބަލިން ރަނގަޅުވި ކަމަށް ބަލާފައިވާ މީހަކު ވެސް އެއިގެ ފަހުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވެއެވެ. މިހާތަނަށް ފުވައްމުލައ ސިޓިގެ 6 މީހަކަށް ރީޖަނަލް ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެވިފައި ވެއެވެ.
މިދުވަސްކޮޅު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ތިބީ ދަޑިމަގު (22) އާއި މސިްކިތްމަގު (16)، ފުނާޑު (12) އާއި ދިގުވާޑު (11)، ހޯދަޑު (11) އަދި ދޫނޑިގަން (10) އެވެ.
ފުވައްމުލައް ސިޓީގައި ވެސް މިދުވަސްވަރު އަންނަނީ ސްކޫލް ކުދިންނަށް 2 ވަނަ ޑޯޒް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. ސްކޫލް ކުދިންނަށް ޖަހަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިންގެ ދެޑޯޒް ޖަހަނީ ފުރަތަމަ ޑޯޒަށްފަހު 3 ހަފުތާއިންނެވެ. ދެން މިހާރު ފުވައްމުލައް ސިޓީގައި ޖަހާ ސިނަފާމް ވެކްސިންގެ 2 ވަނަ ޑޯޒް ވެސް ޖެހުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ޑޯޒަށްފަހު 3 ހަފުތާ ފަހުންނެވެ.
ފާއިތުވި އޮގަސްޓް މަހު 22 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ވަނީ އެޗްޕީއޭގެ 3 ވަނަ މޮނިޓަރިން ގައެވެ. ނަމަވެސް ސިޓީ ކައުންސިލާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ކުރެވުނު މަޝްވަރާތަކާއެކު ސްކޫލްތައް ހުޅުވައި ކިޔަވައިދިނުން ކުރިޔަށްގެންދެއެވެ. އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގައި ޚިދުމަތް ދިނުން ވާނި ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށް ވަނީ ހުޅުވާލެވިފައެވެ.
ނަމަވެސް ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އަދިވެސް އޮތީ ކާފިއު އިއުލާންކޮށްފައެވެ. ހެލްތު މިނިސްޓްރީއިން ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު އިތުރު އެއްމަހަށް ދިގުކޮށްފައެވެ. އެގޮތުން އެންމެ ފަހުން އިއުލާންކުރި މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގައެވެ.
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 135 (ރަށުތެރޭ 64)
ނަތީޖާ ނުލިބޭ 129
ނަތީޖާ ލިބުނު 103 (ރަށުތެރޭ 35)
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު އާއްމު ވެކްސިން ޖެހުމެއް ނޯވޭ)
9 ސެޕްޓެމްބަރުގައި، ފުރަތަމަ ޑޯޒް: 7 އާއެކު ޖުމުލަ 7272
9 ސެޕްޓެމްބަރުގައި،، ދެވަނަ ޑޯޒް: 109، އާއެކު ޖުމުލަ 6148
ކޮވިޑްގެ ވެކްސިން ޖެހި އަދަދުތަކުގެ ހިސާބުތައް ހެދުމުގައި އެކި އިދާރާތަކުގެ މެދުގައި ތަފާތުތަކެއް އުޅެނީ އެކި އިދާރާތަކުން ރަށުގައި ދިރިއުޅޭ އާބާދީގެ އަދަދު ކަނޑައެޅުމުގައި ގެންގުޅޭ ތަފާތު މިންގަޑުންކަން މިކަލް ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ގަބޫލުކުރާ ރަށުގައި ދިރިއުޅޭ އާބާދީގެ އަދަދާއި ފުވައްމުލައް ސިޓީ ކައުންސިލުން ގަބޫލުކުރާ އަދަދުތަކުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ވުމާއެކު ހެލްތު މިނިސްޓްރީގެ ކޮވިޑް ވެކްސިން ޖެހި ނިސްބަތް ފުވައްމުލައް ސިޓީގައި ބަލަނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އަދަދުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ބަލާއިރު ފުވައްމުލައް ސިޓީގެ އަދަދުތައް ހުރީ ކައިރީގައިވާ އެހެން އަތޮޅުތަކަށްވުރެ ނިސްބަތުން ދަށްކޮށެވެ.
މި މަހު 8 ގައި ހެލްތު މިނިސްޓރީގެ އަދަދުތަކުން ދައްކަނީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީގެ ތެރެއިން، ވެކްސިން ޖަހާފައިވާ، އުމުރުން 12 އަހަރުން މަތީގެ ނިސްބަަކީ: ފުރަތަމަ ޑޯޒް %88 އަދި ދެވަނަ ޑޯޒް %66 ކަމަށެވެ. އަދި ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ ފުރަތަމަ ޑޯޒް %66 އަދި ދެވަނަ ޑޯޒް %50 ކަމަށެވެ. ނަމަވެސް މިކަލް ނޫހުގެ އަދަދުތަކުން ބަލާއިރުވެސް މިއަށްވުރެ މަތީ އަދަދަކަށް ވެކްސިން ޖެހިފައި ވެއެވެ.
ޚިޔާލުތައް