މިހާރު ފުވައްމުލައް ސިޓީ އަށް ކުރަވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން އޯޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އޯޑިޓާ ޖެނެރަލް އަށް މަރުހަބާ ދެންނެވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރުއެވެ.
ފުވައްމުލައް ސިޓީ އިދާރާގެ ޖަލްސާކުރާ ކޮޓަރީގައި ބޭއްވުނު ބައްދަލުވުމުގައި ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް މުޙައްމަދު އާއި އާއިޝަތު އަބްދުލް ގާދިރުގެ އިތުރުން ސިޓީ ކައުންސިލް އިދާރާގެ އސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ މެދު ދާއިރާގެ ރައްޔތުންގެ މަޖުލީހުގެ މެމްބަރު ހުސޭން މުހައްމަދު ދީދީ އާއި އޯޑިޓް އޮފީހުގެ ޑިރެކްޓާ އޮފް ޓެކްނިކަލް ސާވިސަސް އަހުމަދު ސާލިހު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މއިަދުގެ ބައްދަލުވުމުގެ ބައެއް އިސް ވެރިން
މި އަދުގެ ބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާގެ ކަންތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި، ފައިސާގެ ކަންކަން ބެލެހެއްޓުމަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްދެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ހާމަކުރައްވައެވެ.
އޯޑިޓާ ޖެނެރަލްގެ މި ޒިޔާރަތުގައި ފުވައްމުލައް ސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވާ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައި ވެސް އެއެވެ.
އޯޑިޓާ ޖެނެރަލް ގެ މިދަތުރުފުޅާކީ ދެކުނު ސަރަހައްދުގެ އޯޑިޓް އޮފީހުން ނެރޭ އަހަރީ ރިޕޯޓް ނެރުމުގެ ހަފުލާ ފުވައްމުލައް ސިޓީގައި ބޭއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ދެކުނުގެ ސަރަހައްދީ އޯޑިޓް އޮފީސް ހުންނަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މެހުމާނުންގެ ފޮތުގައި އޯޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރެއްވުން
މިދަތުރާއި ގުޅިގެން އޯޑިޓްގެ ދާއިރާއިން ފުވައްމުލައް ސިޓީގެ ދައުލަތުގެ މުއައްސަސާ ތަކާއި އަމިއްލަ ފަރާތްތަކަށް އަދި ސްކޫލް ދަރިވަރުންނަށް އެކައުންޓިން އަދި އޯޑިޓް އާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމުގެ ސެޝަންތަކެއް ބާއްވާފައި ވެއެވެ.
މި ދަތުރުފުޅާއި ގުޅިގެން އިތުރު ތަފުސީލް އޯޑިޓް އޮފީހުގެ މީޑިއާ އޮފިސަރާއި ކުރެވުނު ސުވާލަށް ޖަވާބު ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.
ޚިޔާލުތައް