A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަނދަރު ތިލަވެ ދޯނިތަކަށް ނުވަދެވިފައި

ފަށަން ދޯނި ބަނދަރަށް ނުވަދެވި ރަސްގެފަންނު ބޭރުގައި ދުއްވަނީ 19 މާރިޗް 2022

ފުވައްމުލަކު ބަނދަރާއި ބަނދަރަށް ވަންނަ ނެރު ތިލަވެ މުދާ އުފުލާ ބޮޑެތި ދޯނިތަކާއި ބޯޓުތަކަށް ނުވަދެވި އެތައް އިރަކު ބޭރުގައި ދުއްވަ ދުއްވާ ތިބެން ޖެހޭ ހާލަތްތައް ދިމާވާން ފަށައިފިއެވެ.

އެގޮތުން ރޭ ފަތިހު ފުވައްމުލަށް އައި “ފަށަން” ދޯންޏަށް ވެސް ބަނދަރުގެ ނެރު ތިލަކަމުން ނުވަދެވި ބޭރުގައި އޮންނަން ޖެހިފައިވާކަމަށް މިކަލް ނޫހުގެ ރިޕޯޓަރު މައުލޫމާތު ދެއްވައެވެ. ފަށަން ދޯންޏަށް ބަނދަރަށް ވަދެވޭ ވަރުވާނީ މިއަދު މެންދުރު ފޮސް ދިޔާގައި (ދިޔަވަރު ބޮޑުވުމުން) ކަމަށް ވެއެވެ. ވުމާއެކު އެދޯނި ރަށުގެ އިރު އުތުރު ފަރާތުގައި ދުއްވާ ދުއްވާ 8 ގަޑިއިރު ވަރު މަޑުކުރަން ޖެހޭނެއެވެ.

ފަށަން ދޯނީގެ އިތުރުން ވެސް ފުވައްމުލަކަށް މުދާ އުފުލާ ބޯޑެތި ދޯނިތަކުގެ ތެރޭގައި ހިމެނޭ ސިކަންދަރު، ބިލާދަރު އަދި އިސްކަންދަރު ދޯންޏަށް ވެސް ބަނދަރަށް ނުވަދެވި، ދިޔަވަރު ބޮޑުވަންދެން ބޭރުގައި ދުއްވަދުއްވާ ތިބެން ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނދަރަށް ވަންނަ ކޮޅުން ނެރުގެ ބޭރުކޮޅު އެންމެ ފަހުން ވެލިނަގައި ފުންކޮށްފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ނަމަަވެސް އެއިގެ ފަހުން ބަނދަރުގެ އެތެރެއާއި ނެރުން ބަނދަރަށް ވަންނަ ހިސާބުން ވެލިނަގައި އެކިފަހަރު މަތިން ފުންކޮށްފައި ވެއެވެ. އެގޮތުން އެންމެ ފަހުން ފުންކޮށްފައި ވަނީ ފާއިތުވި 2021 ވަނަ އަހަރު ޖޫންމަހު 20 ވަނަ ދުވަހު އެވެ. އެފަހަރު ފުންކުރީ ބަނަދަރުގެ އިރުމަތީކޮލަށް އެޅިފައިވާ ވެލިތަކެވެ. އެ ވެލިތައް ނަގައި ބަނދަރު ފުންކޮށްދީފައި ވަނީ އެމްޓީސީސީގެ ހިލޭ އެހީގައެވެ.

ފުވައްމުލަކުގެ ބަނދަރަށް ވެލި އެޅި ތިލަވުމުގެ ސަބަބުން ބަނދަރު ބޭނުންކުރަމުންދާ އުޅަނދުފަހަރުތަކަށް ދަތިވާތީވެ، އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި.

ފުވައްމުލަކު ބަނދަރާއި ނެރަކީ ރަށުގެ ވަށައިގެން ދައުރުވާ ވެލިތައް ޖާމާވާ ސަރަހައްދަކަށް ވުމާއެކު ބަނދަރާއި ބަނދަރަށް ވަންނަ ނެރު ދޭތެރެ ދޭތެރެއިން ވެލިނަގައި ފުންކުރަން ޖެހެއެވެ. އެހެން ނޫނީ ބަނދަރަށް ވަންނަ އުޅަނދުތައް ބީހި ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !