ގްރޭޓަރ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަޤްސަދުގައި “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް”ގެ ނަމުގައި ފައިނޭންސިން ސްކީމްއެއް ތަޢާރަފް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއްއެމްއޭ) އިން ނިންމައި ރެގިއުލޭޝަންއެއް ނެރެފިއެވެ.
އެމްއެމްއޭއިން ބުނާގޮތުގައި، މި ސްކީމަށްޓަކައި ހުރިހާ ބޭންކްތަކުން އެ ބޭންކްތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން %10 އާއި %15 އާ ދެމެދުގެ ބައެއް ޚާއްސަކުރަން ޖެހޭނެއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ސްކީމުގެ ދަށުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީ އަނބުރާ ދައްކައި ނިންމުމަށް އެންމެ ދިގު މުއްދަތަކީ 25 އަހަރު ދުވަހެވެ. ނަމަވެސް، ފެސިލިޓީ ނަގާ ފަރާތުން އެދިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއް ކަނޑައެޅޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އެމްއެމްއޭގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ޤާތްގަނޑަކަށް 3500 ހައުސިންގ ޔުނިޓަށް މި ސްކީމްގެ ތެރެއިން ފައިނޭންސް ހަމަޖެއްސުމެވެ.
އެމްއެމްއޭއިން ހާމަކުރެއްވި ގޮތުގައި، މި ސްކީމުގެ ދަށުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނެ މައިގަނޑު ދެ ގޮތެއް ހިމެނެއެވެ.
އެއްގޮތަކީ ލީސް އެންޑިންގ ވިތް އޯނަރޝިޕް ނުވަތަ ބޭންކްތަކުން ފައިނޭންސްކޮށްގެން ހަދާ ހައުސިންގ މަޝްރޫޢުތަކެވެ.
މި ސްކީމް ހިންގާ އިދާރާއަކުން އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރާ ފަރާތްތައް މެދުވެރިކޮށް ހަދާ ގޯތިގެދޮރު، ގަތުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިންގެ ފުރުސަތު ދޫކުރެވޭނެއެވެ. މި ފެސިލިޓީގެ ދަށުން އަހަރަކު ނެގޭނެ އެންމެ ބޮޑު ފައިދާގެ މިންވަރަކީ ޕްރިންސިޕަލްގެ %5 އެވެ.
ފައިނޭންސިންގ އެއްބަސްވުމާ އެއްގޮތަށް ކުއްޔަށް ދައްކަންޖެހޭ އަދަދު ދައްކައި ނިމުމުން، އެތަނެއްގެ މިލްކުވެރިކަން ފެސިލިޓީ ނެގި ފަރާތުގެ ނަމަށް ބަދަލުކުރެވޭނެއެވެ. މި ފެސިލިޓީ ނަގާއިރު އެއްވެސް ރަހުނެއް (Collateral) ނުވަތަ އިކުއިޓީ (Equity) ބަހައްޓާކަށް ނުޖެހޭނެއެވެ. ނަމަވެސް، ކުއްޔަށް ދައްކާ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ޖެހިދާނެއެވެ.
ދެވަނަ ގޮތަކީ އެންޑް ޔޫސަރ ފައިނޭންސިންގ ނުވަތަ ޑިވެލޮޕަރ / އިންވެސްޓާރ ފައިނޭންސްކޮށްގެން ހަދާ ހައުސިންގ މަޝްރޫޢުތަކެވެ.
މި މޮޑެލްގެ ދަށުން، ކަނޑައެޅިފައިވާ ގެދޮރު އިމާރާތް ކުރާ ފަރާތްތަކުން ހަދާ ގެދޮރު ގަންނަން ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ދޫކުރާ އިދާރާއިން ފައިނޭންސިންގ ދޫކުރެވޭނެއެވެ. މި މޮޑެލްގެ ދަށުން ފައިނޭންސް ދިނުމުގެ އުސޫލުތަކާއި، އަގާއި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިންނެވެ. މި ފެސިލިޓީގެ ދަށުން އަހަރަކު ނެގޭނެ އެންމެ ބޮޑު ފައިދާގެ މިންވަރަކީ ޕްރިންސިޕަލްގެ %6 އެވެ. ގެދޮރު ގަންނަ ފަރާތްތަށް އިކުއިޓީގެ ގޮތުގައި %5 ބަހައްޓަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ހާލަތުގައި، ފައިނޭންސިންގް ފެސިލިޓީން ގަންނަ ތަން ނޫން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ.
އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މި ސްކީމްގެ ދަށުން ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެކަންޏެވެ. އޭގެ އިތުރުން، މި ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަރާތަކީ މިސްކީމްގެ ދަށުން ދޫކުރެވޭ ފައިނޭންސިން ފެސިލިޓީއަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ޤާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.
މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި މާލީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިން ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެކެވެ.
މިގޮތުން، މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭއިން މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް ކާމިޔާބުކަމާ އެކީ މިފަދަ ހައުސިން މަޝްރޫޢުތައް ހިންގާފައިވެއެވެ. އެގޮތުން، އަރަބިއްޔާ އަދި ގާކޮށި ފްލެޓްތައް ގިން ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން ހިންގި މިފަދަ ހައުސިން މަޝްރޫއުތަކުންކަން ފާހަގަކޮށްލެވެއެވެ.



ޚިޔާލުތައް