A wide advertisement which will be shown on all devices. (700 x 100)

މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާތީ ބައެއް މަގުތައް ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ، ބައެއް މަގުތަކުގައި އާންމު ދަތުރުފަތުރު ކުރުން ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ޖުމްލަ 830 މީޓަރުގެ މަގެއް ހެދޭނެއެވެ. މީގެ ތެރޭގައި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ތާރު އެޅުމާއި، ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ޚާއްސަ ލޭނެއް ގާއިމުކުރުމާއެކު ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.

އެމްޓީސީސީން މި މަސައްކަތް އަވަސްކޮށް ކުރިއަށް ގެންދާއިރު، ފުލުހުން ރޭ އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް އާންމު ކުރި މައުލޫމާތުގައި ވަނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު، ރޭ 8:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. ފުލުހުން ހާމަކުރި ޗާޓުން ދައްކާ ގޮތުގައި، ބަންދުކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ތާރު އަޅާ ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކާއި، ޖުމްހޫރީ ހިނގުމުގެ ބައެއް، ޗާންދަނީ މަގުގެ ބައެއް، އިބްރާހިމް ހަސަން ދީދީ މަގުގެ ބައެއް، މުހައްމަދު އިސްމާއީލް ދީދީ ގޯޅި އަދި ކަނޑި ދޮން މަނިކު ގޯޅި ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ފުޅާކޮށް 4 ލޭނަށް ބަދަލުކުރެވޭނެއެވެ. އަދި 830 މީޓަރުގެ މަގުގައި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި، މަގުމަތީގެ ނިޝާންތައް (ރޯޑް މާކިން) ޖެހުމާއި، ސައިން ބޯޑުތައް ހަރުކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !