ބިންވެރިޔާ ސްކީމުން ގުޅީފަޅު ގޯތި ލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާއި ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 28 އޮކްޓޫބަރ ގައި އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ފަދައިން ގުޅީފަޅު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާއި ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު 6 ނޮވެމްބަރ ގެ ނިޔަލަށް ހަމަވާނެކަމަށެވެ. އެހެންކަމުން އެދުވަހުގެ 23:59ގެ ކުރިން ހިޔާވަހި ހިޔާވަހިޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށައެޅުމަށް އެދޭކަމަށެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ދެވިފައިވާކަމަށެވެ. 6 ނޮވެމްބަރ އަކީ ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ޙަވާލުވުމަށް ދެވޭ ފަހު ފުރުޞަތު ކަމުގައިވެސް އެ ވުޒާރާގެ އިއުލާނުގައި ވަނީ ބުނެފައެވެ. މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.



ޚިޔާލުތައް