A wide advertisement which will be shown on all devices. (700 x 100)

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކުރެވިގެން ހުޅުވާ ބޭންކުގައި ފުވައްމުލައް ސިޓީގެ ހިއްސާ ވެސް އޮންނާނެ

ފވމ ސިޓީ ޑެޕިއުޓީ މޭޔަރ ޟިރާރު ގެސްޓް ހައުސް ސިމްޕޯސިއަމްގައި ވާހަކަ ދައްކަވަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އެހީވެދިނުމުގެ ގޮތުން އަލަށް އުފައްދާ އެސްއެމްއީ (ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒަސް) ބޭންކްގައި ފުވައްމުލައް ސިޓީގެ ހިއްސާ ވެސް އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރޭ ގެސްޓް ހައުސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި މާލޭ ދަރުބާރުގޭގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވީ އެސްއެމްއީ ބޭންކުގައި މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ހިއްސާ އޮންނާނެކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އަލަށް އުފައްދާ އެސްއެމްއީ ބޭންކަކީ ދިވެހި ރާއްޖޭގައި މީގެ ކުރިން އުފައްދާފައި ނުވާފަދަ ގޮތަކަށް، ސިޓީ ކައުންސިލްތަކުގެ ޙިއްޞާއާ އެކު އުފެދޭނެ ބޭންކެއް ކަމަށެވެ. ދިވެހީންގެ މާލީ ތަނަވަސްކަމާ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގައި، ވިޔަފާރިވެރިންނާއި ސަރުކާރު އަތުގުޅާލުމަށް ޤާއިމްކުރެވޭ މާލީ އިދާރާއެއް ގޮތުގައި މިބޭންކް ވެގެން ދާނެ ކަމަށެވެ.

މިބޭންކުން ފުރަތަމަކޮޅުގައި ވިޔަފާރިތަކަށް ދޫކުރާ ލޯންތަކަށް ޑިޕްސިޓް ބަހައްޓަން ނުޖެހޭނެ ކަމަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ “މިކުންފުނި ފުރަތަމަ ޤާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެން ދާނެ. މާތް ﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރަވަރީ މަހުގައި ފެށިގެން ދާނެ.” ކަމަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ރާއްޖޭގ މުޅި އިގުތިސާދުގެ %70 ކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ. ވުމާއެކު ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، ފަރުދީ ތިޔާގި ކަމަށްޓަކައި، ފަތުރު ވެރިކަމުގެ ނިޒާމު އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މާލޭގައި ބޭއްވުނު ގެސްޓް ހައުސް ސިމްޕޯސިއަމް: ފުވައްމުލަކުގެ އެކި ފަރާތްތަކުން ވެސް ގެސްޓް ހައުސް ވިޔަފާރީގައި އުޅޭ.

ފަތުރުވެރިކަމަކީ ކުރިން ހަމައެކަނި މުއްސަނދިންގެ ވިޔަފާރިއަކަށް ވިޔަސް، އެމްޑީޕީ ސަރުކާރުގައި ގެސްޓް ހައުސް ވިޔަފާރި ތަޢާރަފްވުމާއެކު ސަރުކާރުގެ ސިޔާސަތަކީ، ފަތުރުވެރިކަމުގެ ނަފާ، ސީދާ ރައްޔިތު މީހާގެ ޖީބަށް ފޯރާނެ ގޮތަކަށް، މިޞިނާޢަތުގެ ކަންކަން ތަރުތީބުކުރުން ކމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ތަރައްޤީގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށާޖެހޭ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭ ކަމަށާއި، އެކި އަތޮޅުތަކުގައި ގެސްޓް ހައުސް ވިޔަފާރި ތަރައްޤީވެ ފުޅާވަމުން އަންނައިރު، މިވިޔަފާރި އެންމެ ރަނގަޅަށް ރެގިއުލޭޓް ކުރެވިގެން ހިންގަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ އަމާޒަށް ވާޞިލު ވެވޭނީ ފަތުރުވެރިކަމުގެ ޞިނާޢަތު ވެސް ލާމަރުކަޒީ ކުރެވި، ގެސްޓް ހައުސް ވިޔަފާރީގެ މައި އިންޖީނަކީ ކައުންސިލްތައް ކަމުގައި ހަދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !