ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީ އިން 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާންކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ކުންފުންޏަށް ބޭނުންވާ ޓެކްނިކަލް މަގާމުތަކަށާއި ނޮން-ސްކިލްޑް މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ތެރޭ ހުޅުވާލަން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި މަގާމުތަކަށް މުވައްޒަފުން ހޮވުމުގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ 37 ރަށެއްގައި އެ ކުންފުނީގެ އެކި މަޝްރޫއުތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އިތުރު 10 ރަށެއްގައި މަޝްރޫއުތައް ފަށާނެ ކަމަށާއި އެއިން ކޮންމެ ރަށަކަށް، މަދުވެގެން 10 މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ވެލްޑަރުންނާއި އެކްސްކަވޭޓަރު ޑްރައިވަރުން ފަދަ ޓެކްނިކަލް މަގާމުތަކާއި ސުޕަވައިޒަރުންނާއި އެޑްމިން މަގާމުތަކާއި ކައްކާ އިން ފަދަ މަގާމްތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރެއިން ބައެއް މަގާމުތަކަށް މިހާރު ވެސް އިއުލާންކޮށްފައި ވާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި ދެން ހުރި މަގާމުތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ހަ މަސް ތެރޭގައި އެ ކުންފުނިން ފަށަން ނިންމާފައިވާ އިތުރު 49 މަޝްރޫއަކަށް އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެ މަޝްރޫއުތަކަށް އިތުރު 150 މުވައްޒަފުން ނަގަން ވިސްނާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަގާމުތަކަށް އެކަށީގެންވާ ދިވެހިން ނުލިބިއްޖެ ނަމަ، ބިދޭސީން ނަގަންޖެހޭނެ ކަމަށެވެ. އެމްޓީސީސީ އިން އާންމުކުރި އެކުންފުނީގެ މިދިޔަ އަހަރުގެ ދެވަަނަ ކުއާޓާ ރިޕޯޓްގައިވާ ގޮތުން އެކުންފުނީގައި މިހާރުވެސް ގިނައީ ބިދޭސީންނެވެ. ދިވެހިންގެ ނިސްބަތަކީ 46 އިން ސައްތައެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީއިން އެކަށީގެންވާ މިންވަރަށް ފުވައްމުލަކު ރައްޔިތުންނަށް ފުވައްމުލަކު ސައިޓުން ވަޒީފާ ނުދޭކަމުގެ ޝަކުވާ ދަނީ ގިނަ ބަޔަކު ކުރަމުންނެވެ. އެގޮތުން، ސައިޓުގައި މަސައްކަތްކުރަމުންދަނީ އެހެން ރަށްރަށުގެ މީހުންގެ އިތުރުން ބިދޭސީ މުވައްޒަފުންނެވެ. މީގެ އިތުރުން ސައިޓަށް ބޭނުންވާ ކާބޯތަކެތިފަދަ ދުވަހުން ދުވަހަށް ބޭނުންވާ ސާމާނުވެސް ފުވައްމުލަކު ފިހާރަތަކުން ނުގަނެ އެތަކެތި ގެންނަނީ މާލެއިން ކަމަށްވުމާއިއެކު މިފަދަ އުމްރާނީ މަސައްކަތަކުން ރަށްވަންނަންޖެހޭ މަންފާނުވަދެއެވެ.
މިދިޔަ އަހަރު އެޕްރީލް މަހު އެމްޓީސީސީ އާއި 8 މަސްދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާއިރު 11 މަސް ފާއިތުވެގެންދާއިރު ނިމިގައިވަނީ ރިންގު ރޯޑުގެ ތާރުގެ މަސައްކަތެވެ. އަދި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު އަދި އެމަސައްކަތުގެ ތެރެއިން ހަދަންޖެހޭ ސްޕީޑް ބުރޭކަރު ހަދާފައެއްނުވެއެވެ. ހިގާމީހުން ބޭނުންކުރާ ޕޭމަންޓްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެއްނުވެއެވެ. މީގެއިތުރުން ފުވައްމުލަކުގެ ބޮޑެތި މަގުތައް ހެދުމަށްވެސް އެމްޓީސީސީއާއި ހަވާލުކުރެވިފައިވެއެވެ.
ޚިޔާލުތައް