މިދިޔަ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ދުވަހު ފުވައްމުލައް ސިޓީ ފަރަށް އަރައިގެން މިމަހުގެ 15 ވަނަ ދުވަހު ފުންކުރެވުނު ވިއެޓްނާމްގެ ބޯޓުގައި ތިބި ފަޅުވެރިން ބޯޓު ދޫކޮށްލުމަށް ފަހު ބޯޓުން ފޭބުމަށް އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ބޯޓުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި ފުވައްމުލައް ސިޓީގެ ފަރަށް އެރި “އެމްވީ އެންޖީއޯސީ ސަން” ނަމަކަށް ކިޔާ މި މުދާ އުފުލާ ބޯޓުގައި ފަޅުވެރިން ތިބުމަކީ ބޯޓުގެ ހާލަތަށް ބަލާއިރު ރައްކާތެރިކަމެއް ނޫންކަމަށް ބެލެވޭތީވެ ބޯޓުން ފަޅުވެރިން ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޯޓުގެ ކެޕްޓަން އެދުމުގެ މަތިން ފަޅުވެރިން ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން 29 ސެޕްޓެމްބަރ 2016 ވީ ބުރާސްފަތި ދުވަހު ކޮށްފައިވާކަމަށެވެ
“މި ބޯޓުން މީހުން ހުސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް “ނޫރައްދީން” ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ބޯޓުގައި ތިބި 20 ފަޅުވެރިން ބުރާސްފަތި ދުވަހު 16:45 ހާއިރު ވަނީ ކޯސްޓްގާޑް ޝިޕް “ނޫރައްދީން” އަށް ބަދަލުކުރެވިފަ” އެމްއެންޑީއެފް އިން ހާމަކުރެއްވިއެވެ.

މި ބޯޓު މިހާރު އޮތީ ޏ.ފުވައްމުލަކު އިރުން 3 މޭލު ބޭރުގައިކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ. އަދި ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އޭޖެންޓުންނާއި، ބޯޓުގެ ފަޅުވެރިން ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންކަމަށްވެސް އެމްއެންޑީއެފް އިން ހާމަ ކުރައްވައެވެ.



ޚިޔާލުތައް