A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ބާރަވަނަ ބައި)

ތޯރާސް ޝާހަށްފަހު މިސްރުގެ ވެރިކަން

ތޯރާން ޝާހު އަވަހާރަވުމާއިއެކު މިސްރުގައި ހަލަބޮލިކަމެއް އުފެދުނެވެ. އައްޔޫބީ ޚާންދާނުން ވެރިކަމަށް އައްޔަންކުރާނެ ގާބިލު ލީޑަރެއް މިސްރުގައެއް ނެތެވެ. މަމްލޫކުން ރަސްކަލުންގެ ގޮތުގައި އާންމު ރައްޔިތުން ބަލައެއްނުގަނެއެވެ. މިސްރުގެ ހާލަތު މިހިސާބަށް ދިޔައިރު، ނަޖުމުއްދީން އައްޔޫބީ އަވަހާރަވި ހިސާބުން ފެށިގެން ސިޔާސީ އިސްދައުރެއް އަދާކުރަންފެށި ނަޖުމުއްދީން އައްޔޫބީގެ ހުވަފަތް އަބިކަނބަލުން ޝަޖަރަތުއް ދޫރުގެ ވިސްނުން ވެރިކަމާއި ދިމާލަށް އެބުރުނެވެ. އޭނާއަކީ ނަޖުމުއްދީނު އަވަހާރަވި ޚަބަރު ސިއްރުކޮށް ލަސްކުރި ފަރާތެވެ. އަދި ތޯރާން ޝާހު މިސްރަށް އައުމަށް ދައުވަތު ދިން ފަރާތުގެ އިތުރުން ތޯރާން ޝާހު އަވަހާރަކޮށްލުމުގެ ރޭވުމުގެ އިސްދައުރެއް އަދާކުރި އެކަކެވެ. މިސްރު ވަނީ އަންހެން ވެރިއަކަށް ތައްޔާރު ވެފައެއްނޫނެވެ. ނަމަވެސް، ހިޖުރީ ސަނަތުން 648 ވަނަ އަހަރު ޝަޖަރަތުއް ދޫރު ވެރިއަކަށް އިސްކުރެވުނެވެ.

ޝަޖަރަތުއް ދޫރު ވެރިކަމަށް އިސްވުމާއިއެކު އާންމުގެ ހިތްހަމަނުޖެހުން އަމާޒުވާން ފެށީ ހަމައެކަނި މިސްރަކު ނޫނެވެ. މުސްލިމު ގިނަ ޝަހަރުތަކުގައި މިކަމާއި ނަފުރަތު އުފެދުނެވެ. ޝަޖަރަތުއް ދޫރަކީ ވިސްނުންތޫނު އަންހެނެއްކަމުން އޭނާ އަށް ވިސްނުނީ އެފަދަ ގޮތަކަށް ވެރިކަން ކުރިއަށްދާނަމަ އިސާހިތަކު އޭނާ އަވަހާރަކޮށްލާނެ ކަމެވެ. ނުވަތަ ވެރިކަމުން ދުރުކޮށްލާނެކަމެވެ. އެހެންކަމުން ވެރިކަމުގެ އާރާއިބާރު މުޝުތެރޭގައި ބޭއްވުމަށް އާވިސްނުމެއް ނެރުނެވެ. އެގޮތުން، އޭނާއަށް ބާރު ހިންގޭވަރުގެ ފިރިހެނަކާއި ކާވެނިކޮށް އެމީހަކު ރަސްކަލެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް ނިންމިއެވެ. އަދި އެގޮތުން އެންމެ ކަމުދާ މީހެއްކަމަށް ޝަޖަރަތުއް ދޫރަށް ފެނުނީ އިއްޒުއްދީނު އައިބަކެވެ.

ޝަޖަރަތުއް ދޫރު، އިއްޒުއްދީނު އައިބަކާއި ކައިވެނިކޮށް ވެރިކަމަށް 80 ދުވަސް ފުރުތަނާ ވެރިއެއްގެ ގޮތުގައި އާންމުންނަށް އިއްޒުއްދީން އައިބަކު ދައްކާ ވެރިކަމުން ދުރުވިއެވެ. އިއްޒުއްދީން އައިބަކު ވެރިކަމަށް އައްޔަންވުމާއިއެކު އާންމުން ހަމައަކަށް އެޅުނެވެ. އަދި އިއްޒުއްދީނު އައިބަކަށް ބައިއަތު ހިފަންފެށިއެވެ.

އިއްޒުއްދީނު އައިބަކު ވެރިކަމަށް އައްޔަންކުރެވުނު ނަމަވެސް ޝަޖަރަތުއް ދޫރުގެ ވިސްނުންހުރީ ފަރުދާގެ ފުރަގަހުން އޭނާ ވެރިކަން ހިންގުމެވެ. އެގޮތުން، މަމްލޫކުންގެ ދެލީޑަރުންކަމަށްވާ ބައިބަރާއި އަޤްތާއީ ބޭނުންކޮށްގެން ޝަޖަރަތުއް ދޫރު އޭނާގެ ބާރު ވެރިކަމުގައި ހިންގަންފެށިއެވެ. ނަމަވެސް، އައިބަކަކީ އެހާ ފިޑި ވިސްނުންކޮށި މީހެއްނޫނެވެ. އޭނާއަށް ޝަޖަރަތުއްދޫރުގެ ނުފޫޒު އެގި މަޑުމަޑުން އޭނާގެ ނުފޫޒުގަދަކުރަން ފެށިއެވެ. އެގޮތުން، އޭނާއަށް ވަފާތެރި ޤުތޫޒުގެ ބޭނުން ހިފަންފެށިއެވެ.

އިއްޒުއްދީން އައިބަކުގެ ވެރިކަަމަށް 4 މަސްވީތަނާ ޝާމުގައިވާ އައްޔޫބީން މިސްރާއި ދެކޮޅަށް ހަގުރާމައަށް ތައްޔާރުވިއެވެ. މިހަގުރާމައިގައި އައްޔޫބީންގެ މައްޗަށް އިއްޒުއްދީނުގެ ލަޝްކަރުން ކާމިޔާބު ހޯދުމާއި ގުޅިގެން މިސްރުގެ ރައްޔިތުންގެ މެދުގައި އިއްޒުއްދީން އައިބަކު މަގުބޫލުވާން ފެށިއެވެ. އިއްޒުއްދީނުގެ ވެރިކަަމުގެ ތިންވަނަ އަހަރު ހިޖުރީ ސަނަތުން 651 ވަނަ އަހަރު ޝާމުގެ އައްޔޫބީން ދެވަނަ ފަހަަރަށް މިސްރަށް ހަމަލާދިނުމަށް ތައްޔާރުވިއެވެ. ނަމަވެސް، މިފަހަރު ބަޣުދާދުގެ އައްބާސީ ޚަލީފާ މިކަން ހުއްޓުވިއެވެ. އޭރު އަދި ތަތާރުން ބަޣުދާދަށް ހަމަލާނުދެއެވެ. އައްބާސީ ޚަލީފާ ޝާމުގެ މިހަމަލާ ހުއްޓުވުމާއި ގުޅިގެން އިއްޒުއްދީނު އައިބަކަށް ހިތްހަމަޖެހުމެއް ލިބުނެއެވެ. އެއީ އައްބާސީން އޭނާގެ ވެރިކަން ބަލައިގަތުމުން ކަމަށް ސިފަވުމުންނެވެ. އެދުވަސްވަރު އިސްލާމީ ވެރިކަން ހިގަމުން ދިޔައީ އިސްލާމީ ވަކިވަކި ސަރަހައްދުތަކަށް ބޮޑެތި މިނިވަންކަން ލިބިގެނެވެ. އެގޮތުން، ބައެއް ވެރިން އަމިއްލައަށް ވެރިކަން ހިންގަމުންދަނީ އައްބާސީންގެ މަދަދު ލިބިގެނެވެ. އަނެއްބަޔަކު ވެރިކަމަށް އަރާ އައްބާސީންގެ ނަން ބޭނުންކުރާނެއެވެ. އައްބާސީން އެގޮތަށް ވެރިކަން ކުރާ ފަރާތްތަކަށް ރުހުންދޭނެއެވެ. އަދި އައްބާސީން ވެރިކަމަށް އައްޔަންކުރާ ބައެއްވެރިން ދޭތެރެއަކުން އައްބާސީވެރިކަމުގެ ނަމުގައި ވެރިކަން ހިންގުން ހުއްޓާލާނެއެވެ. ޚަވާރިޒަމް ދައުލަތަކީ އެފަދަ މިސާލެކެވެ.

އިއްޒުއްދީނު އައިބަކުގެ މަގުބޫލުކަން އިތުރުވެގެން ދިޔަނަމަވެސް، އިއްޒުއްދީނު އައިބަކަށް ފެނުނީ ބައެއް އިސްލީޑަރުން އަބަދުވެސް އޭނާއަށް ފާރަވެރިވާކަމުގައެވެ. މީގެ އިތުރުން، ވެރިކަމުގެ އެންމެ އިސްއެއް ލީޑަރުކަމަށްވާ އަޤުތާއީ އައްޔޫބީންގެ އަންހެންބޭކަބަލަކާއި ކާވެނި ބައްލަވައިގަތުން ވެގެން ދިޔައީ އޭނާ ވެރިކަމަށް ފާރަވެރިވާކަމުގެ ނިޝާނެއްގެ ގޮތުގައި އިއްޒުއްދީނު އައިބަކު ދުށުމެވެ. އެހެންކަމުން، އަޤުތާއީގެ ދުވަސްދުއްވާލުމަށް ރޭވިއެވެ. އަދި ހިޖުރީ ސަނަތުން 652 ވަނަ އަހަރު އަޤުތާއީ އަވަހާރަކޮށްލިއެވެ. އަޤުތާއީ ހަވަހާރަކޮށްލުމާއިއެކު ޝަޖަރަތުއްދޫރަށް އިޚްލާސްތެރި ބައިބަރު ބިރުގަތެވެ. އަދި އަޤުތާއީ ނިމިދިޔަފަދައިން ނިމި ގޮސްދާނެތީވެ، ފިލައިގެން ސޫރިޔާއަށް ގޮސް އައްނާސިރު ޔޫސުފާއި ގުޅުނެވެ.

އަޤުތާއީ ގަތުލުވުމާއި ބައިބަރު ފިލުމާއި އަދި އާންމު ރައްޔިތުންގެ ތެރޭގައި އިއްޒުއްދީނުގެ މަގުބޫލުކަން އިތުރުވާން ފެށުމުން، ޝަޖަރަތުއްދޫރުގެ ބާރު ދުވަހެއް ދުވަހަކަށް ފަޑުވަމުން ދާންފެށިއެވެ. އެއާއިއެކު އޭނާ ރޭވި ފަދައިން ކަންތައްތައް ނުދާކަން އެގި ކުރިންވެސް ކަންތައް ކުރި ބީދައިން އިއްޒުއްދީނުގެ ދުވަސް ދުއްވާލުމަށް ނިންމިއެވެ. އޭރު އިއްޒުއްދީނު އައިބަކު ދިޔައީ ބަދުރުއްދީނު ލުއުލުއު ގެ ދަރިއަކާއި ކާވެނި ބައްލަވައިގަތުމަށް ތައްޔާރުވަމުނެވެ. އެހެންކަމުން، ޝަޖަރަތުއްދޫރު ނިންމީ އަވަހަށް އިއްޒުއްދީނު އަވަހާރަކޮށްލުމަށެވެ. އަދި ހިޖުރީ ސަނަތުން 655 ވަނަ އަހަރު ޝަޖަރަތުއްދޫރު އޭނާގެ ފިރިކަލުން އިއްޒުއްދީނު އައިބަކު އަވަހާރަކޮށްލިއެވެ.

އިއްޒުއްދީނު އައިބަކު އަވަހާރަކޮށްލުމާއި އެކު ޤުތޫޒު ގަޑުވަރަށް އައިސް ޝަޖަރަތުއްދޫރު ހައްޔަރުކުރިއެވެ. އިއްޒުއްދީނު އައިބަކަށްފަހު ވެރިކަމަށް އޭނާގެ ދަރި އަލީ އައްޔަންކުޅައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރުކަމުން ފަރުދާގެ ފުރަގަހުން ވެރިކަން ހިންގަމުން ދިޔައީ ޤުތޫޒެވެ.

އިއްޒުއްދީނު އައިބަކު އަވަހާރަކޮށްލުމާއިއެކު ޝާމުގައި ވެރިކަން ކުރަމުންދިޔަ ލީޑަރުން އަނެއްކާވެސް މިސްރަށް ހަމަލާދިނެވެ. އިއްޒުއްދީނު އަވަހާރަކޮށްލެވުނު އަހަރު ހިޖުރީ ސަނަތުން 655 ވަނައަހަރު ފުރަތަމަ ދެވުނު ހަމަލާއިންވެސް ޤުތޫޒުގެ ލަޝްކަރު ކާމިޔާބު ހޯދިއެވެ. އަދި ދެވަނަ ފަހަރަށް ހިޖުރީ ސަނަތުން 656 ވަނަ އަހަރު އަނެއްކާވެސް މިސްރަށް ހަމަލާދިނެވެ. ދެވަނަ ފަހަރަށް މިސްރަށް ހަމަލާ ދީފައިވަނީ، ތަތާރުން ބަޣުދާދު ސުންނާފަތިކޮށްލިތާ 2 މަސްދުވަސްފަހުންނެވެ. މިފަހަރުވެސް ޤުތޫޒުގެ ވެރިކަމުގެ ދަށުން ނިކުތް މިސްރުގެ ލަޝްކަރު ކާމިޔާބު ހޯދިއެވެ.

ޤުތޫޒު އޭރު ދިޔައީ މަސްރަހު ދިރާސާކުރަމުންނެވެ. ތަތާރުން ބަޣުދާދު ސުންނާފަތިކޮށްލުމަށްފަހު މިސްރަށްވެސް ހަމަލާ ދޭނެ ކަމަށް ޤުތޫޒު ނިންމިއެވެ. އެހެންކަމުން، އޭނާގެ ވިސްނުމާއި ރޭވުން ތަތާރުން ބަލިކުރުމަށް އަމާޒުކުރިއެވެ. އެއާއިއެކު ފަރުދާގެ ފުރަގަހުން ވެރިކަން ކުރުމުގެ ބަދަލުގައި ފަރުދާގެ ކުރިމައްޗަށް ނިކުތުމަށް ނިންމާ ޒުވާން އަލީ ވެރިކަމުން ދުރުކޮށް ވެރިކަމަށް އައްޔަންވިއެވެ.

ޤުތޫޒު ވެރިކަމަށް އައްޔަންވުމާއި މަމްލޫކުންގެ ވެރިކަން ފެށުން

ޤުތޫޒުގެ އަސްލަކީ ޚަވާރިޒަމެވެ. އޭނާގެ އަސްލުމަކީ މަހުމޫދު ބިން މަމްދޫދެވެ. އޭނާއަކީ ޖަލާލުއްދީން ޚަވާރިޒަމަށް ބޮޑުބޭބެ ކިޔާ މީހެކެވެ. ޤުތޫޒު ވެރިކަމަށް އައްޔަންވިއިރު މިސްރުވަނީ ތަތާރުންނާއި ހަމަލާދެވޭ ވަރަށް ތައްޔާރުވެފައެއްނޫނެވެ. ގިނަ މައްސަލަތަކެއް ހުއްޓެވެ. މަމްލޫކުންގެ ތެރޭގައި ޤުތޫޒަށްވުރެ ބޮޑަށް ވެރިކަމަށް ކުފޫ ހަމަވަނީ ތިމަންނަކަމަށް ދެކިގެން ތިބި އެތަކެއް ލީޑަރުންނެއް ތިއްބެވެ. މިސްރުގެ މާލީ ހާލަތު ގޯހެވެ. ތަކެތީގެ އަގުދަނީ އުފުލެމުންނެވެ. އައްޔޫބީންވެސް މިސްރަށް ހަމަލާދޭނީ ކޮންއިރަކުކަމެއް ނޭގެއެވެ. މީގެ އިތުރުން ސަލީބީންގެ ބިރުވެރިކަންވެސް މުޅިން ފިލައިގެނެއްނުދެއެވެ. މިހުރިހާ ކަމަކާއި ޤުތޫޒު ކުރިމަތިލާފައިވަނީ ހިކުމަތްތެރިކަމާއިއެކުގައެވެ.

ޤުތޫޒު ވެރިކަމަށް އައްޔަން ވުމާއިއެކު އެންމެ މުހިންމުކަމެއްކަމުގައި ދެކުނީ މިސްރުގެ ރައްޔިތުން އެއްބައިވަންތަ ކުރުމާއި އުމްރާނީ ގޮތުން ތައްޔާރުވުމެވެ. އެގޮތުން، މިސްރުގެ ލީޑަރުންނާއި، އިލްމުވެރިންނާއި، ވިޔަފާރިވެރިންނާއި މަޝްވަރާކުރަން ފެށިއެވެ. އެހެން ލީޑަރުންނާއި ޚިލާފަށް ޤުތޫޒު ސަމާލުކަން ދިނީ ހުރިހާ އެންމެން އެއްބައިވަންތަކުރުވުމަށެވެ. އޭނާގެ ވެރިކަމާއި ދެކޮޅު މީހުން ގަތުލުކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކާއި ވާހަކަދައްކައިގެން ހައްލުކުރުމަށެވެ. އެފަދަ މީހުންނަށް އޭނާގެ ޖަވާބަކަށް ވަނީ “އަހަރެން ވެރިކަމަށް އައީ ދުނިޔަވީ އެއްވެސް ބޭނުމެއް އޮވެގެނެއްނޫން، އަހަރެން ވެރިކަމަށް މިއައީ ތަތާރުންގެ ބިރުވެރިކަމުން ސަލާމަތްވެވޭނީ ލީޑަރެއް ހުރެކަމަށްވާތީވެ، ތަތާރުންގެ ބާރު ކަނޑުވާލުމަށްފަހު ތިޔަބައިމީހުން ބޭނުން މީހަކު ވެރިކަމަށް އައްޔަންކުރަން އަހަރެން ދޫކޮށްލާނަން”. ޤުތޫޒުގެ މިޖަވާބުތަކުގެ ސަބަބުން ވެރިކަމަށް ދަހިވެތިވެފައިވާ މީހުންގެ އިތުރުން މިސްރުގެ ކަމުވޮށިވެގެންވާ މީހުންނާއި ވިޔަފާރިވެރިންނާއި އިލްމުވެރިން ޤުތޫޒާއި އެއްބައިިވިއެވެ. އެއަށްފަހު ޤުތޫޒު ވެރިންނަށްވެސް ބަދަލުތަކެއް ގެނައެވެ. އެގޮތުން، ގާބިލު މީހުން ބެލުމަށްފަހު އެމީހުންނަށް އެކަށޭނެ މަގާމުތައް ދެއްވިއެވެ. ޤުތޫޒުގެ މިބަދަލުތަކަށް ބައެއް ވެރިން ދެކޮޅުވެރިވިއެވެ. އެފަދަ ފަރާތްތައް ޤުތޫޒު ދިޔައީ ހައްޔަރުކޮށް އެކަހެރިކުރަމުންނެވެ.

މިސްރުގައި ޖިހާދު އިއުލާންކުރުން

ތަތާރުންގެ ލީޑަރު ހުލާގޯ ދިމިޝްގަށް އެރުމުގެ ކުރިން އޭނާގެ މެސެޖެއް މިސްރަށް ފޮނުވިއެވެ. ހުލާގޯގެ މެސެޖުގައި އޭނާއަށް ބައިއަތުހިފުމަށް ޤުތޫޒަށް އަމުރުކޮށް ބިރުދައްކާފައިވެއެވެ. މިސިޓީ ލިބުމާއިއެކު ޤުތޫޒު ހުރިހާ ވެރިން އައްޔަންކުރިއެވެ. އަދި އަސަރާއިއެކު ދެންނެވިއެވެ. “ތިޔަބައިމީހުނަށް މިސްރުގެ ޚަޒާނާއިން ޚަރަދުކުރާތާ ލައްކަ ޒަމާންމިވަނީ ވެފައި، ތިޔަބައިމީހުން މިސްރު ހިމާޔަތްނުކުރާނަމަ މިސްރު ހިމާޔަތްކުރާނީ ކާކު؟” އަދި އަސަރާއިއެކު ޖިހާދު އިއުލާންކުރިއެވެ.

ހުލާގޯ 4 ފަހަރެއްގެ މަތިން އޭނާއަށް ބައިއަތު ހިފުމަށް އަމުރުކޮށް ބިރުދެއްކުމުގެ ސިޓީ މިސްރަށް ފޮނުވިއެވެ. މިހަތަރު ފަހަރުވެސް ސިޓީ ހިފައިގެން އަންނަ މީހާ ޤުތޫޒު ގަތުލުކުރެއެވެ. އަދި މިސްރުގެ ދޮރޯއްޓަށް އޭނާގެ ބޯ ނަގައެވެ. މިހެން ކަންތައް ކުރަނީ މިސްރުގެ ވެރިން ހުލާގޯ ދެކެ ބިރުނުގަންނަކަން ދެއްކުމާއި މިސްރުގެ ވެރިކަމުގެ އާރާއިބާރު ދައްކާލުމަށެވެ.

ޤުތޫޒު ޖިހާދު އިއުލާންކުރުމާއިއެކު ޖިހާދަށް ތައްޔާރުވާން ފެށިއެވެ. އެގޮތުން ހަގުރާމައަށް ސާމާނު އެއްކުރުމާއި ހަގުރާމައަށް ބޭނުންވާ ތަކެތި އެއްކުރުމަށް ބޭނުންވާ ފައިސާ ހޯދުން ފެށިއެވެ. ނަމަވެސް، މިސްރުގެ ޚަޒާނާގައި ހަގުރާމައަށް ބޭނުންވާ މިންވަރަށް ފައިސާއެއްނެތެވެ. އެހެންކަމުން، ޤުތޫޒު ނިންމީ ހަގުރާމައަށް ބޭނުންވާ ސާމާނު ހޯދުމަށް އިތުރަށް ވާރު (ޓެކްސް) ނެގުމަށެވެ. މިކަމާއި މިސްރުގެ އިމާމު އަލްއިއްޒު އިބުނު އަބްދުއް ސަލާމު ދެކޮޅު ހެއްދެވިއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޜަށިމީހާ

    މިފަދަ ވާހަކަތައް ގިނައިން އަޕްޑޭޓް ކުރާނެ ކަމަށް އުެްމީދު ކުރަން