A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން 4

ޚަވާރިޒުމަށް ހަމަލާދިނުން
ތަތާރުންގެ ބިޔަ ލަޝްކަރެއް ޚަވާރިޒުމް ސިޓީއަށް ހަމަލާދިނުމަށް ތައްޔާރުކުރިއެވެ. މިލަޝްކަރަކީ މިހާތަނަށް ތަތާރުން މުސްލިމުންނާއި ހަމަލާދިނުމަށް އެކުލަވާލި އެންމެ ބިޔަ ލަޝަކަރެވެ. މިލަޝްކަރު ޚަވާރިޒަމަށް އަންނަ ޚަބަރު ލިބުމާއިއެކު މުސްލިމުންވެސް އެބައިމީހުންގެ ވަތަން ދިފާއުކުރުމަށް ތައްޔާރުވެ އެރަށް ވަރަށް ވަރުގަދައަށް ބަންދުކޮށް ފާރުތައް ބަހަލައްޓަންފެށިއެވެ. ތަތާރުންގެ ލަޝްކަރު ޚަވާރިޒުމް އަށް އާދެވުނުއިރު މުސްލިމުންވަނީ އެރަށް ރަގަޅަށް ބަންދުކޮށްފައެވެ. އެހެންކަމުން ތަތާރުންނަށް ރަށުގެތެރެއަށް ނުވަދެވި ގިނަދުވަސްތަކެއްވާން ފެށުމާއިއެކު މަދަދަށް އިތުރު ލަޝްކަރުތައް ގެންނާންފެށިއެވެ. މިގޮތަށް ފަސްވަރަކަށް މަސްދުވަސް ފާއިތުވުމަށްފަހު އެއްފަހަރަކު ތަތާރުންގެ ބުރަ މަސައްކަރުން އެރަށް ސަލާމަތްކުރުމަށް ލާފައިވާ ފާރުން ބައެއް ހަލާކުކުރިއެވެ. ފާރު ހަލާކުކުރެވުމާއިއެކު އެރަށަށް ވަންނަން މަގެއް ހުޅުވުނު ނަމަވެސް މުސްލިމުންގެ ހިތްވަރާއިއެކު ދެމުންދިޔަ ހަމާލާގެ ސަބަބުން ތަތާރުންނަށް ލިބެމުންދިޔަ ކުރިއެރުންތައް މަޑުޖެހުނެވެ. ނަމަވެސް، މާކަގިނަ ދުވަހެއްނުވެ މުސްލިމުންގެ މައްޗަށް ތަތާރުން ގަދަވެ ރަށުތެރެއަށް ފެތުރިގަތެވެ. ތަތާރުންނަށް ލިބުނު ކުރިއެރުމާއިއެކު މުސްލިމުންތައް ގަތުލުކޮށް ލޫޓުވައި ތަންތަން ހަލާކުކުރަންފެށިއެވެ. އޭގެތެރޭގައި އެރަށުގައިވާ ޑޭމެއްވެސް ހަލާކުކުރިއެވެ. މިޑޭމް ހަލާކުވުމުގެ ސަބަބުން އެތައް މުސްލިމުންނެއް ޣަރަގުވެސްވެ މުޅި އެރަށް ސުންނާފަތިވިއެވެ. މި ހާދިސާގެ ބިރުވެރިކަން ސިފަކުރައްވަމުން އިބުނު އަސީރު ވިދާޅުވަނީ “ނޫހުގެފާނުގެ ގައުމުގެ މީހުންގެ ވާހަކަ ފިޔަވައި މިފަދަ ވާހަކައެއް ތިމަންބޭކަލުން އަޑުނައައްސަވާ” ކަމަަށެވެ.

ޣަޒުނާ އަށް ހަމަލާދިނުން

ޚަވާރިޒުމް ސިޓީ ސުންނާފަތި ވެގެންދިޔައިރު ޚަވާރިޒުމް ގެ ދެކުނު އޮތީ މުހައްމަދު ޚަވާރިޒުމްގެ ދަރިކަލުން ޖަލާލުއްދީން އިބުނު މުހައްމަދު ޚަވާރިޒުމް ޝާހުގެ ވެރިކަމެވެ. ޖަލާލުއްދީނު ވެރިރަށަކީ ޣަޒުނާގައެވެ. އެއީ ކާބުލްގެ 150 ކިލޯމީޓަރު ދެކުނުގައިވާ ރަށެކެވެ. ޚަވާރިޒުމް ސުންނާފަތި ކުރުމަށްފަހު ތަތާރުން މިސްރާބުޖެހީ ދެކުން ޣަޒުނާއާއި އެވެ. އޭރު ޖަލާލުއްދީން ދިޔައީ ތަތާރުންގެ ފަސްމަގުބަލަމުންނެވެ. އެހެންކަމުން، ތަތާރުންނާއި ދެކޮޅަށް އެހީއެއްލިބޭތޯ ޖަލާލުއްދީނު ދިޔައީ އަތްފުނާ އަޅަމުންނެވެ. ތަތާރުންނާއި ދެކޮޅަށް އެހީއަށް އެދިއެދި ހުރި ޖަލާލުއްދީނަށް އެހީތެރިވެދިނުމަށް ތުރުކީގައި އޭރު ވެރިކަން ކުރަމުން ގެންދިޔަ ސަލްޖޫކް ދަރިކޮޅުގެ ރަސްގެފާނު ސައިފުއްދީނު ބުހުރާގު 30 ހާސް ސިފައިން ފޮނުވުން ވެގެން ދިޔައީ ޖަލާލުއްދީނަށް ތަތާރުންނާއި ދެކޮޅަށް ނިކުތުމަށް ލިބުނު ހިތްވަރަކަށެވެ. ތަތާރުން މުސްލިމުންނާއި ދެކޮޅަށް ހަމަލާދޭން ފެށިފަހުން އެއްވެސް މުސްލިމުންގެ ލަޝަކަރަކަށް އެހެން ވެރިއެއްގެ ފަރާތުން މަދަދު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
ސައިފުއްދީން ބުހުރާގުގެ މަދަދުގެ އިތުރުން، ތަތާރުން ސުންނާފަތިކުރި މުސްލިމުންގެ ބިންތަކުން ސަލާމަތްވި ރަސްދަރިކަލެއް ކަމަށްވާ މާލިކް ޚާނާއި މާލިކާއިއެކު ސަލާމަތްވި 60 ހާސް ސިފައިންވެސް ޖަލާލުއްދީނުގެ ލަޝްކަރާއި ގުޅުނެވެ.

މުސްލިމުންގެ މިއެއްބައިވަންތަ ލަޝްކަރު ތަތާރުންނާއި ކުރިމަތިލާން ނިކުތެވެ. ދެފަރާތުގެ ލަޝްކަރު ބައްދަލުވެ އިސާހިތަކު ހަގުރާމައިގެ އުޑިއޭގެ އެންމެ ބާރުމިނުގައި އެބުރެންފެށިއެވެ. މިހަގުރާމަ ތިން ދުވަހަށް ދިގުދެމިގެންދިޔައެވެ. އެއަށްފަހު ތަތާރުންގެ މައްޗަށް މުސްލިމުންގެ ލަޝްކަރުން ފުރަތަމަފަހަރަށް ކާމިޔާބު ހޯދިއެވެ. ގިނަ އަދަދެއްގެ ތަތާރުން ގަތުލުވިއެވެ. އަދި ސަލާމަތްވީ ތަތާރުން އަބުރާ ޖެންކީޒް ޚާނު އަރިހަށް ދިޔައެވެ.

މިލިބުނު ނަސްރާއިއެކު މުސްލިމުންނަށް ތަރާރުންނާއި ކުރިމަތިލުމަށް އިތުރު ހިތްވަރެއްލިބުނެވެ. އެހިތްވަރުގެ ބޭނުންހިފައި ތަތާރުންނާއި ދެކޮޅަށް ނިކުތުމަށްޓަކައި ޖަލާލުއްދީން ތައްޔާރުވެ ޖެންކީޒް ޚާނަށް ހަގުރާމައަށް ދައުވަތުދިނެވެ. ޖެންކީޒް ޚާނަށް މިލިބުނު ނާކާމިޔާބާއިއެކު އަލުން އާލަޝްކަރެއް ރުކުރުވާލިއެވެ. ތަތާރުން ރުކުރުވާލި އާލަޝްކަރާއި މުސްލިމުން ބައްދަލުކުރީ ކާބުލްގައެވެ. މި ހަގުރާމަވެސް ކުރީ ހަގުރާމައެކޭ އެއްގޮތަށް ނިމިގެން ދިޔައީ މުސްލިމުން ލިބުނު ނަސްރާއި ކާމިޔާބީއާއިއެކު ތަތާރުންގެ ގިނަ ބަޔަކު ގަތުލުވެ މުސްލިމުންގެ އެތަށް އަސީރުންނެއް މިނިވަންވެގެނެވެ. އަދި ގިނަ އަދަދެއްގެ ޣަނީމާ މުދާ ވެސް މިހަގުރާމައިން މުސްލިމުންނަށް ލިބުނެވެ.

އިސާހިތަކު، މިޣަނީމާ މުދާ ބަހާނެ ގޮތާއިމެދު ތިން ލީޑަރުންގެ މެދުގައި ޚިޔާލުތަފާތުވިއެވެ. މިޚިޔާލު ތަފާތުވުން ތަކުގައި ހައްލެއް ނުލިބި އެންމެފަހުން ކަނޑި އުފުލުނެވެ. މިހަމަނުޖެހުމުގައި ސައިފުއްދީނު ބުހުރާގުގެ ކޮއްކޮ ގަތުލުވެ ސައިފުއްދީނު ބުރުހާގުގެ ލަޝްކަރު ޖަލާލުއްދީނާއި ވަކިވިއެވެ. އަދި ޖަލާލުއްދީނު އެކަނިވެރިވިއެވެ.

މިހުރިހާ ހަމަނުޖެހުމަށް ހިގަމުން ދިޔައިރު ތަތާރުން ދަނީ އަލުން މުސްލިމުންނާއި ދެކޮޅަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. ތަތާރުންނަށް ލިބުނު ދެނާކާމިޔާބީ އާއި ގުޅިގެން ބަދަލު ހިފުމަށް ޖެންކީޒު ޚާނު ދިޔައީ ފުރިހަމަ އަށް ތައްޔާރުވަމުންނެވެ. އޭގެ އަނެއްކޮޅުން މުސްލިމުންގެ ލަޝްކަރަށް ލިބުނު ކާމިޔާބީއާއިއެކު ލަޝްކަރު މުޅިން ބައިބައިވެ ނިކަމެތިވިއެވެ.

ޖަލާލުއްދީނުގެ ލަޝްކަރަށް ލިބުނު ނިކަމެތިކަމާއިއެކު އަލުން ތަތާރުންނާއި ކުރިމަތިލުމުގެ ހިތްވަރެއް ޖަލާލުއްދީނުގެ ނެތެވެ. އެހެންކަމުން، ޖެންކީޒް ޚާންގެ ލަޝްކަރު ހަގުރާމައަށް ނިކުތް ޚަބަރު ލިބުމާއިއެކު ޖަލާލުއްދީނު ފިލަން ނިކުތެވެ. ޖަލާލުއްދީނު މިސްރާބުޖެހީ މިހާރުގެ ޕާކިސްތާނަށެވެ. ޖަލާލުއްދީން އިންޑިއާއަށް މިސްރާބު ޖެހީ، އިންޑިއާއާއި ޖަލާލުއްދީނާއި އެއްވެސް ގުޅުމެއް ނެތްނަމަވެސް ތަތާރުންނަށްވުރެ ރަގަޅުވާނެ ކަމަށް ބަލާފައެވެ. ޖަލާލުއްދީނާއި އޭނާގެ ލަޝްކަރު ސިންދުކޯރު ހުރަސްކުރުމަށް އެހިސާބަށް ދެވުނުއިރު އެކޯރު ހުރަސްކުރުމަށް ބޭނުންވާ އޮޑިދޯނިފަހަރު ތައްޔާރެއްނުވިއެވެ. އެހެންކަމުން، ޖަލާލުއްދީނަށް މަޖުބޫރުވީ ތަތާރުންނާއި ކުރިމަތިލުމަށެވެ. އެއާއިއެކު ސިންދު ކޯރުގެ އައްސޭރީގައި ވަރުގަދަ ހަގުރާމައެއް ފެށުނެވެ. ކުރިން ހިގި ހުރިހާ ހަގުރާމައަކަށްވުރެ މިހަގުރާމައިގެ ހަމަލާތައް ވަރުގަދަވެފައި ނުރައްކާތެރިއެވެ. ހަގުރާމައިގެ ކާމިޔާބީ ވަކިކޮޅަކަށް ބުރަނުވެ ތިން ދުވަހަށް ދެމިގެންދިޔައެވެ. އެތިން ދުވަހުގެތެރޭގައި ދެލަޝަކަރަށްވެސް ވަރުގަދަ ގެއްލުންތަކެއްވެ އެތަށް ބަޔަކު ޝަހީދުވިއެވެ. މިތިން ދުވަހުގެ ތެރޭގައި ޖަލާލުއްދީނާއި ގުޅުނު މާލިކް ޚާންވެސް ޝަހީދުވިއެވެ. އެހާހިސާބުން ޖަލާލުއްދީން އެދުނު ނަވު ފަހަރަށް އެހިސާބަށް އާދެވުނެވެ. އެއާއިއެކު ޖަލާލުއްދީނު ނިންމީ ހަގުރާމަ ކުރިއަށް ގެންދިއުމުގެ ބަދަލުގައި ނަވަށް އަރައިގެން ބައްޕަ ފަދައިން ފިލުމެވެ.
އެހާހިސާބަށް ދެވުނުއިރު މުސްލިމުންގެ އެތަށް ބަޔަކު ގަތުލުވެފައިވުމާއި ލަޝްކަރުގެ ލީޑަރަޝިޕް ފިލައިގެން ދިއުމާއި ގުޅިގެން ބާކީތިބި މުސްލިމުންކޮޅު ތަތާރުން ގަތުލުކުރިއެވެ. އަދި ޣަޒުނާ ހިފާ އެރަށުގެ އަހުލުވެރިން ގަތުލުކޮށް އެރަށް ސުންނާފަތިކުރިއެވެ. ޣަޒުނާ ހިފުމާއިއެކު މުޅި އަފްޣާނިސްތާން ޖެންކީޒް ޚާނުގެ ބާރުގެ ދަށަށް އައީއެވެ. އެއީ ހުވަފެނެއް ހަގީގަތަކަށްވުން ފަދަ ކަމެކެވެ. އެހެނީ އަފްޣާނިސްތާނު ހިފުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމެއްނޫނެވެ. އެއީ މުޅި އޭޝިއާ ބައްރުގެ ހިތެވެ.

617 ވަނަ އަހަރު ނިމިގެން ދިޔައީ ތަތާރުން ޣަޒުނާ ސުންނާފަތިކޮށް އެރަށުގެ އަހުލުވެރިންތައް ގަތުލުކުރުމާއިއެކުގައެވެ. ހިޖުރީ ސަނަތުން 617 ވަނަ އަހަރުތެރޭ ތަތާރުން ހިފި ރަށްތަކުގެ ތެރޭގައި ސަމަރުގަންދާއި، މައްރޫ އާއި ނައިސާބޫރާއި، ހެރާތާއި، ޚަވާރިޒުމް ސިޓީ އާއި ޣަޒުނާ ފަދަ ރަށްތައް ހިމެނެއެވެ.
(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !