A wide advertisement which will be shown on all devices. (700 x 100)

ތާރީޚު: ފުވައްމުލަކު ހުކުރުމިސްކިތް

ފުވައްމުލަކު ހުކުރު މިސްކިތް

ޑރ. އަބްދުﷲ ވަހީދު

ފުވައްމުލަކު ހުކުރުމިސްކިތް ބިނާކުރެވުނީ ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި (1692 އިން 1701 އަށް) އެ މަނިއްޕުޅުގެ އަމުރުފުޅަށެވެ. އެ މިސްކިތް ބިނާކުރުމުގެ ކުރިން އެ ރަށުގައި ހުކުރުކުރަމުން އައިސްފަވަނީ ހަމައެކަނި ގެންމިސްކިތުގައެވެ. ބައެއް ލިޔުންތަކުގައި އެ މިސްކިތް ބިނާކުރެވިފައި ވަނީ އޭގެ ތަންކޮޅެއް ކުރިން އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރުގައި (1648 ން 1687 އަށް) ކަމަށް ބުނެފައިވެއެވެ. އެހެނަސް މިސްކިތުގަވާ ބޯޑުގަ ބުނަނީ އެ މިސްކިތް ބިނާކުރެއްވީ ދެއްވަދޫ ރަސްގެފާނު ކަމަށެވެ. އަދި ރަށުގެ ދުވަސްވީ ގިނަ މީހުން ވެސް ބުނަނީ މި ގޮތަށެވެ.

އާބާދީއާ ބަލާފައި މިސްކިތް ކުޑަވެފައިވުމުން، އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި މިސްކިތަށް 3 ފެންޑާއެއް އިތުރުކޮށް، މިހުރާބުގެއަކާއި މިމްބަރެއް ހަދައި، ފަންގިފިލާގައި ބަނބުކެއޮ ފިލާ ޖަހައި، ނިރޮޅު މުޑި ވިއްދައި ވަރުގަދަކޮށް، މަތީ ބުރީގައި ނަމާދު ކުރެވޭގޮތަށް ހެދުނެވެ. މި މަސައްކަތް ހިންގެވީ ވާރު ހަސަން ދީދީއެވެ. އެއީ 1930 ހާ ހިސާބުގައެވެ. ވަޑާމުގެ މަސައްކަތް ކުރީ ހަވަރުތިނަދޫ މާވަޑިފުތާއެވެ.

އޭގެ ފަހުން މިސްކިތް ބޮޑަށް މަރާމާތު ކުރެވުނީ 1990 ގެ އަހަރުތަކުގައި ޑިޕާޓުމެންޓު އޮފް ރެލިޖަސް އެފެއާޒުންނެވެ. އޭގެ ފަހުން ކުރެވިފައިވަނީ ކުދި މަރާމާތުތަކެކެވެ.

ފުވައްމުލަކުގައި އިތުރު މިސްކިތެއްގަ ހުކުރުކުރަން ފެށުނީ ކޭނހިގޭ އިބުރާހިމް ދީދީގެ އަތޮޅުވެރިކަމުގައެވެ. އެކަމަށްޓަކައި އޭނާ އެ ރަށު މާދަޑުގައި ހުންނަ ބޯޅަމިސްކިތް ބޮޑުކުރައްވައި މަރާމާތުކުރެއްވިއެވެ. ފަހުން މިސްކިތްތައް އިތުރުވެ މިހާރު 8 އަވަށުގައި 10 މިސްކިތެއްގައި ހުކުރުކުރެވެއެވެ.

ފުވައްމުލަކުގައި މިހާރު ހުކުރު ކުރާ މިސްކިަތތައް، 2020

ހުކުރުމިސްކިތުގެ ހަރިންމަތެރޭގައިވާ ދެ ބިސްތާނެއްގައި އެރަށަށް އަރުވާލެވުނު ރަސްމަތިފުށުގެ ބައެއް ބޭފުޅުން ފަސްދާނުލެވިފައި ވެއެވެ. އެއިން އެއް ބޭފުޅަކީ ސާމިޔާކިލެގެ (ވަނަން: މާފިލާފުށީ ރަސްގެފާނު) އެވެ. ދެން ޣިޔާސުއްސުއްދީނު ރަދުންގެ އިބުރާހިމް ފާމުލަދޭރިކިލެގެފާނާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުންނެވެ. އަދި އޭގެ އިތުރުން މުހައްމަދު ޱޝަމްސުއްދީނު 3 ގެ ދަރިކަލުން ހަސަން ޢިއްޒައްދީނެވެ.

މީގެތެރޭގަ ސާމިޔާކިލެގެ ހިމެނިފައި ވުމުން ޖަވާބުދޭން އުނދަގޫ ސުވާލެއް ކުރިމަތިވެއެވެ. އެއީ ހަސަން ތާޖުއްދިނުގެ ތާރީޚު ފޮތުގައި ބުނާގޮތުން ސާމިޔާކިލެގެ ފުވައްމުލަކަށް އަރުވާލެވުނީ މުހައްމަދު އިމާދުއްދީނު 1 ގެ ރަސްކަމުގަ (1632 އިން 1648) އެވެ. އެއީ މިސްކިތް ބިނާކުރެވުނު ކަމަށް ލަފާކުރެވޭ ދުވަސްވަރުގެ 50 އަހަރު ކުރިއެވެ. ވީމާ މި ދެ ދުވަސްވަރު ދިމާނުވާ މައްސަލަ ހައްލުކުރާނީ ކިހިނެއް ތޯއެވެ؟ މީގެ އެއް ޖަވާބަކީ މިސްކިތް ބިނާކުރުމުގެ ކުރިން ސާމިޔާކިލެގެ އެބިމުގައި ފަސްދާނުލެވިފައި ވުމެވެ. މިހެން ވެފައި އޮވެދާނެ ކަމެއްކަމަށް ބެލެވޭ ސަބަބަކީ މިސްކިތް މަރާމާތުކުރުމުގެ ތެރޭގައި އެތަނުން މިނިކަށި ފެނިފައިވާތީވެ، މިސްކިތް ބިނާކުރުމުގެ ކުރިން ވެސް އެއީ ޤަބުރުސްތާނެއްކަން އެނގޭ ކަމެވެ. ސުވާލުގެ އަނެއް ޖަވާބަކީ އެ ކިލެގެ 50 އަހަރަށް ވުރެ ގިނަ ދުވަހު އެ ރަށުގައި ހުންނެވުމަށް ފަހު އަވަހާރަވުމެވެ. މިއީ ނާދިރު ކަމެކެވެ. ވީމާ ބުރަވެވެނީ ފުރަތަމަ ޖަވާބަށެވެ.

ކޮންމެއަކަސް އެ ހުކުރުމިސްކިތަކީ ޤައުމީ ތަރިކައެކެވެ. ހިމާޔަތް ކުރަން ޖެހޭ ތަނެކެވެ.

ފުވައްމުލަކު ހުކުރު މިސްކިތު ގަބުރުސްތާން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !