A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ގެންމިސްކިތެއް ނޫން

ގެންމިސްކިތް 1984 ވަނަ އަހަރު ހުރިގޮތް

ނޯޓް: މިއީ 2019 ވަނަ އަހަރު ޖޫން 18 ވަނަ ދުވަހު މިކަލް ނޫހުގައި ކުރިން ޝާއިއުކޮށްފައިވާ ލިޔުމަކަށް ކޮންމެވެސް ވަރެއްގެ އިސްލާޙުތަކަކާއެކު އަލުން ޝާއިއުކުރާ ލިޔުމެކެވެ.

ރާއްޖެ އިސްލާމީ ވާހަކަ ފަދައިން ފުވައްމުލައް އިސްލާމްވީ ވާހަކައަކީ ވެސް ދޫދޫމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކެކެވެ. ލިޔެވި ރައްކާކުރެވިފައިވާ ވާހަކަތަކެއްނޫނެވެ. ނަމަވެސް ބޭރުގެ ސައްޔާހުން ކުރާ ދިރާސާތަކާއި ދިވެހި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ކުރާ ދިރާސާތަކުގެ މައްޗަށް އެކުލެވޭ ވާހަކަތައް ވަނީ ލިޔެވި ރައްކާކުރެވިފައެވެ. އެގޮތުން ފުވައްމުލައް އިސްލާމްވެ އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ގެންމިސްކިތް ކަމަށްވެސް ވަނީ ބައެއް ބޭބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް، ފުވައްމުލައް އިސްލާމްވި ގޮތުގެ ވާހަކައަށް ނަޒަރު ހިންގާލާއިރު ގެންމިސްކިތަކީ ފުވައްމުލަކުގައި އެންމެ ފުރަމަތަ ބިނާ ކުރެވުނު މިސްކިތަށް ވުމުގެ ފުރުސަތު ވަރަށްވެސް ކުޑައެވެ. ގެންމިސްކިތުގެ ބަދަލުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ހެނިއަރި މިސްކިތް ނުވަތަ ހޯދަޑި މިސްކިތް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ. ފުވައްމުލަކުގެ ތާރީޚް ދިރާސާކުރާ ބައެއް ފަރާތްތަކުން އެގޮތަށް ބުނަމުން ދެއެވެ. ހެނިއަރި މިސްކިތާއި ހޯދަޑި މިސްކިތަކީ ޖެހިޖެހިގެން ހުރި ދެމިސްކިތެވެ. އެ ދެ މިސްކިތް ހުންނަނީ ހޯދަޑާއި މާދަޑު އަވަށައި ގުޅޭ ހިސާބުގައެވެ. ނަމަވެސް އެ ދެ މިސްކިތުގެ ތެރެއިން ހެނިއަރި މިސްކިތް ވަނީ އެތަނުން ނަގާފައެވެ. މިހާރުވެސް ހޯދަޑި މިސްކިތް ނަމާދުކުރުމަށް ބޭނުންކުރަމުން ދާއިރު އެމިސްކިތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އެއާކޮންޑިޝަން ވެސް ކޮށްފައެވެ.

ދިވެހިރާއްޖެ އިސްލާމްވުން ރަބީއުލްއާޚިރާ މަހުގައި

ފުވައްމުލައް އިސްލާވީ ވާހަކައަށް ނަޒަރު ހިންގާލާއިރު ގިނަ ބަޔަކު އެއްބަސްވެލައްވާ އެއްކަމަކީ ފުވައްމުލައް އިސްލާމްވީ އެއްފަހަރާ ނޫންކަމެވެ. އެގޮތުން އެންމެ ފުރަތަމަ އިސްލާމްވެފައި ވަނީ ހޯދަޑު އަވަށުންނެވެ. ފުވައްމުލަކު ރައްޔިތުންނަށް އެންމެ ފުރަތަމަ އިސްލާމްދީނަށް ގޮވާލެއްވީ ޔަމަނަށް ނިސްބަތްވާ ޔޫސުފު ބިން އީސާ ހަޟަރަމީ އެވެ. އެއީ މީލާދީން 1145 ވަނަ އަހަރުކަމުގައި ބުނެވެއެވެ. އެކަލޭގެފާނުގެ ގޮވާލެއްވުމަށް އިސްލާމްވީ ހަމައެކަނި ހޯދަޑު އަވަށުންކަމަށް ފުވައްމުލަކު ތާރީޚު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. ހޯދަޑު އަވަށުން ގިނަ ބަޔަކު އިސްލާމްދީން ޚިޔާރުކުރުމާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިގިނަމަވެސް ފަހުން ސުލްހަވެރި އެއްބަސްވުމަށް އާދެވުނުކަމަށްވެއެވެ.

ޔޫސުފު ބިން އީސާ ހަޟަރަމީ ނުވަތަ ޔޫސުފު ނާއިބު ކަލޭގެފާނުގެ އާއިލާގެ ދެވަނަ ފަހަރަށް ފުވައްމުލަކަށް 1171 ވަނަ އަހަރު ވަޑައިގެން ފުވައްމުލަކުގައި ވަޒަންވެރިވެ ވަޑައިގަތްކަަމަށްވެއެވެ. އަދި ޔޫސުފު ނާއިބު ކާފަދަރިކަލުން ޔޫސުފު ފުވައްމުލަކު ހޯދަޑު އަވަށުން ބޭކަނބަލަކާއި ކާވެނިފުޅުވެސް ބައްލަވައިގަތެވެ. ފުވައްމުލައް އެއްކޮށް އިސްލާމްވެފައިވާ ކަމަށް ބުނެވެނީ މިދެންނެވި ދެވަނަ ދަތުރުގައެވެ. އެހެންކަމުން ފުވައްމުލައް އެއްކޮށް އިސްލާމުވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ނެގުމަކީވެސް ދުރުކަމެއްނޫނެވެ.

އެހްނކަމުގައި ވާނަމަ ތާރީޚުތަކުން އެނގޭ ގޮތުގައި އެއީ ދިވެހިރާއްޖެ އިސްލާމަވި ކަމަށްބަލާ މީލާދީނ 1153 ވަނަ އަހަރަށް ވުރެން 8 އަހަރު ދުވަސް ކުރިއެވެ. އަދި މުޅި ރަށް އިސްލާމް ވެފައިމަިވަނީ ރާއްޖެ އިސްލާމްވިކަމަށް ބަލާ 1153 އަހަރަށްވުރެ 18 އަހަރު ފަހުންނެވެ.

ފުވައްމުލަކުގައި އެންމެ ފަހުން އިސްލާމްވިކަމަށް ބުނެވެނީ ރަށުގެ ދެކޮޅެވެ. އެއީ ރަށުގެ މުހިންމު ބުދު ފައްޅިތައް ބިނާވެފައިވާ ސަރަހައްދެވެ. އެގޮތުން ހަވިއްތަ ހުރި ސަރަހައްދަކީ ފުވައްމުލަކުގެ އުތުރުގައި ހުރި ރަށުގެ މައި ބުދުފައްޅިއެވެ. އަދި ރަށުގެ ދެކުނުން ވަށޮވެޔޮ ހުރި ސަރަހައްދަކީ ބުދު ފައްޅިއެއް ހުރިތަނެކެވެ. އެހެންކަމުން، ބުދުދީނުގެ ފާދިރީއިންނާއި ވަފާތެރިން އެންމެ ގިނަވާނީ އެހިސާބުގައި ކަމަށްވުމުން އެސަރަހައްދުތައް އިސްލާމްވުމަށް ގިނަ ދުވަސްތައް ނެގިކަމަށް ބެލެވެއެވެ. އޭގެތެރެއިން ވެސް މިހާރުގެ ހަވިއްތަ ސަރަހައްދަކީ ފުވައްމުލަކުގެ އެންމެ ބޮޑު އެންމެ ބިޔަ ބުދުފައްޅި ކަމަށް ބެލެވެއެވެ. ވުމާއިއެކު އެސަރަހައްދު ރައްޔިތުން އިސްލާމްވުމުގައި ގިނަ ދުވަސްތަކެއް ނަގައި އެންމެފަހުން އިސްލާމްވީ އެމީހުން ކަމަށް ބުނެވެއެވެ.

މިހާރުގެ ގެންމިސްކިތަކީ ކުރީގެ މިދެންނެވި ބުދުފައްޅި ހުރި ސަރައްދުގައި އެބުދުފައްޅި ތަޅާލުމަށްފަހު ބިނާ ކުރި މިސްކިތެކެވެ. ވީމާ ގެންމިސްކިތް ބިނާ ކުރެވުމުގެ ކުރިން ގާތްގަޑަކަށް ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމީ ރައްޔިތުން ދިރިއުޅޭތާ 30 އަހަރުވުރެ ގިނަ ދުވަސް ވާނެ ކަމަށް ބެލެވެއެވެ. ވީމާ މިދިގު މުއްދަތުގެ ތެރޭގައި މިސްކިތެއް ބިނާކޮށްފައި ނުވާކަމަށް ބުނާ ބުނުމަކީ ބުއްދީގެ ނަޒަރުން ގަބޫލުކުރަން އެހޭ ފަސޭހަކަމެއް ނޫނެވެ. އަދި މުސްލިމުންނަށް އޭރު ރައްކާތެރި ހިސާބުކަމަށްވާ ފުވައްމުލަކުގެ މެދުގައި މިސްކިތްތައް ބިނާކުރެވިފައިވާނެ ކަމަށް ބެލެވެއެވެ. އެގޮތުން، މާދަޑާއި ހޯދަޑު އަވަށުގައި މިސްކިތްތައް ބިނާ ނުކުރެވެންވީ ކީއްވެތޯއެވެ.

ގެންމިސްކިޔް އެތެރެިން…

އެހެންކަމުން، ހެނިއަރި މިސްކިތާއި ހޯދަޑި މިސްކިތަކީ އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަށްވުމުގެ ފުރުސަތު ބޮޑެވެ. އެހެނީ މިދެމިސްކިތް ވެސް ވަނީ ހޯދަޑު އަވަށުގައެވެ. ތިންވަނަ އަށް ބިނާ ކުރެވުނު ކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވަނީ އަލްގެދަރި މިސްކިތެވެ. އެޗްސީޕީ ބެލް ފުވައްމުލަކަށް ވަޑައިގެން ކުރެއްވި ދިރާސާތަކުގެ އަލީގައި ބަޔާންކުރާ ވާހަކަތައް މިކަމަށް ބާރުލިބޭ ކަމަށްވެސް ފުވައްމުލަކު ތާރީޚު ދިރާސާކުރާ ބައެއް ފަރާތްތަކުން ވިދާޅުވެލައްވައެވެ. ފުވައްމުލަކުގައި އެންމެ ފުރަތަމް ބިނާކުރެވުނު މިސްކިތަކި އަބާކިރު މިސްކިތް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

އެހެންކަމުން ފުވައްމުލަކުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ހޯދަޑި މިސްކިތް ނުވަތަ ހެނިއަރި މިސްކިތެވެ. އަދި ފުވައްމުލައް އެއްކޮށް އިސްލާމްވުމަށްފަހު ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ގެންމިސްކިތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !