ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލާ އިންޑިއާ އާއި ސެމްސަންގް އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކެއްގައި އިންޑިއާގެ މަޝްހޫރު ވައިލްޑް ލައިފް އެކްޕްލޯރާ މަލައިކާ ވާޒު ފުވައްމުލަކުގެ ކަނޑުއަޑިއަށް ފީނައިފިއެވެ. މަލައިކާ ފުވައްމުލަކުގެ ކަނޑުއަޑިއަށް ފީނައިފައި މިވަނީ ކަނޑުއަޑީގެ އެންމެ ގޮތްނޭގޭ ސޫފިކަމަށްވާ ޓައިގާ ޝާކްގެ ހަގީގަތް ހޯދުމަށް ކަމަށް ސެމްސަންގް އިންޑިއާއިން އާންމުކޮށްފައިވާ ވީޑިއޯގައި މަލައިކާ ހާމަކުރިއެވެ.
“ޝާކް އައިލެންޑް” ގެ ގޮތުގައި މަޝްހޫރުވެފައިވާ ފުވައްމުލައް ސިފަކުރަމުން މަލައިކާ ހާމަކޮށްފައިވަނީ “މި ވެދާނެ ދުނިޔޭގައިވާ އެންމެ ތަފާތު ސަރަހައްދުކަމަށް” އެވެ. އޭނާގެ މުޅި ދަތުރުގައި ވެސް ހުރިހާ ކަމަކަށް ފޮޓޯ ނެގުމަށް ބޭނުންކުރާނީ ސެމްސަންގު ގެލެކްސީ އެސް 21 އަލްޓްރާ ފޯނެވެ.
ފުވައްމުލަކުގެ ކަނޑުއަޑީގެ ދިރުމުގެ މުއްސަދިކަން ހާމަކުރަމުން މަލައިކާ ބުނެފައިވަނީ އެސަރަހައްދަކީ މިޔަރުތަކުގެ ދިރުމުގެ އިތުރުން ކަނޑުއަޑީގެ މުއްސަދި ދިރުމެއް އޮތްތަނެއްކަމަށެވެ. އަދި މުރަކަތަކާއި ތަފާތު މަސްމަހާމެހީގެ މުއްސަދިކަމެއް އެފަރުގައި އޮތްކަމަށެވެ. އަދި މިޔަރުގެ ސަބަބުން ކަނޑުއަޑީގެ ދިރުން ދުޅަހެޔޮވެގެންދާނެކަމަށްވެސް މަލައިކާ ބުންޏެވެ.
ސެމްސަންގު ގެލެކްސީ އެސް 21 އަލްޓްރާ ބޭނުންކޮށްގެން މަލައިކާ ނަގައިފައިވާ 4ކޭ ވީޑިއޯތައް ފުވައްމުލަކުގައި ސާފުކުރަން ތިބި ބަޔަކަށް ދެއްކިކަމަށާއި އެފަރާތްތައްވެސް އެމަންޒަރު ފެނި ހައިރާންވިކަމަށްވެސް މަލައިކާ ބުންޏެވެ.
ޚިޔާލުތައް