މިއަދަކީ ދިވެހިންނަށް 895 ވަނަ ބޮޑު އީދު ނުވަތަ އަޟުޙާ އީދު ދުވަހެވެ. ދިވެހިރާއްޖެ އިސްލާމްވި ކަމަށް ބަލާ ހިޖުރައިން 548 ވަނަ އަހަރުން ފެށިގެން މިއަހަރު (1443ހ.) އަށް މިދަނީ 895 ވަނަ އީދު ފާހަގަ ކުރަމުންނެވެ.
އޭރު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި ރަސްގެފާނު، އައްސުލްތާން މުހައްމަދު ބިން އަބްދުﷲ (ދަރުމަވަންތަ ރަސްގެފާނު) އިސްލާމްވެ ވަޑައިގެން، ރާއްޖެ އިސްލާމް ދީނަށް އެނބުރުނު ކަމަށް ބަލަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާޚިރާ މަހުގައެވެ. އެއީ ހިޖުރީ ގޮތުން ގުނާ 4 ވަނަ މަހެވެ. އަދި ބޮޑު ޢީދު އަންނަނީ ހިޖުރީ ގޮތުން ގުނާ 12 ވަނަ މަސް ކަމަށްވާ ޒުލްހިއްޖާ މަހުގެ 10-13 އަށްވާ 4 ދުވަހުގައެވެ.
މުސްލިމުންނަށް ޢީދަކި އުފާވެރިކަމާއި އަޚުވަންތަކަމާއި ގާތްކަން ރަމްޒުކޮށްދޭ ދުވަހެކެވެ. އަހަރުތެރޭގައި މުސްލިމުން ދެ އީދެއް ފާހަގަ ކުރެއެވެ. އެއީ އަޟުޙާ އީދާއި ފިތުރު އީދު ނުވަތަ ކުޑަ އީދެވެ. އަޟުޙާ ޢީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާއި ގުޅުވައިގެން ކަތިލެވޭ އަޟުހިއްޔާ އަށެވެ. އަދި ފިތުރު ޢީދު ގުޅިފައިވަނީ ރަމަޟާން މަހުގެ އަޅުކަމާއި ގުޅިގެން ސަދަގާތެއްގެ ގޮތުން ދެވޭ ފިޠުރު ޒަކާތާއެވެ.
ދިވެހިންނަށް އިސްލާމްދީނުގެ ރުކުންތައް ކަމުގައިވާ ނަމާދު، ޒަކާތް، ރޯދަ، ހައްޖު އަދި އިސްލާމީ އީދު ތައާރަފުވީ 548 ގައި ކަމަށް ތާރީޚު ދިރާސާކުރައްވާ މުހައްމަދު ޝާޠިރު ލިޔުއްވާފައި ވެއެވެ.
އީދަކީ އުފާވެރިން ކަމުގައި ވިޔަސް ހުރިހާ ޢީދަކީ އުފާވެރި އީދު ދުވަސްތައް ކަމުގައި ވެފައެއް ނުވެއެވެ. އެގޮތުން މިފަހަރުގެ ބޮޑު ޢީދަކީ ވެސް އެހާ އުފާވެރި ޢީދަކަށް ގިނަ ދިވެހިންނަށް ނުވެދާނެއެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު މުޅި ރާއްޖެއަށާއި ދުނިޔެއަށް ވެސް ފެތުރިފައިވުމުން ޢީދުގައި އެއްވެއުޅޭ އުޅުންތައް ހުއްޓާލަން ޖެހިފައި ވުމާއި އީދު ކުޅިވަރުތަކުން މަހުރޫމުވުމާއި އީދު ބައްދަލުވުންތަކަށް އާއިލާ ގޭގެއަށާއި ރަޙުމަތްތެރިންނާއި ބައްދަލުކުރުންތައް ހިފެހެއްޓިފައިވުމާއި އަދި ވަކިން ޚާއްސަކޮށް ޢީދު ނަމާދު ގިނަބަޔަކަށް އެކުގައި ކުރުމުގެ ފުރުސަތު ނުލިބުމުން އީދުގެ އުފާވެރިކަން ކުޑަވެގެން ދެއެވެ. އެގޮތުން ފާއިތުވި 2020 (1441ހ.) ވަނަ އަހަރާއި މިއަހަރު 2021 (1442ހ.)ގެ ބޮޑު ޢީދު މިދަނީ ކޮވިޑް-19ގެ ބަންދުގެ ސަބަބުން އުފާވެރިކަމަށް ހިޔަނި އެޅިގެންނެވެ.
މުސީބާތްތަކާއި ނާމަންކަމުގެ ސަބަބުން މިފަދަ ޢީދުތަކާއި ދިވެހިން ކުރިމަތިލާން ޖެހިފައިވާކަން ތާރީޚުގެ ސަފުޙާތަކުން އެންގެއެވެ. އެ ގޮތުން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި މީލާދީން 1558 – 1573 (965-981ހ.) އަށް އޮތް އިރު 17 ވަރަކަށް ބޮޑު ޢީދު އުފާވެރިކަމެއް ނެތި ގޮސްފައިވާ ކަމަށް ބެލެވިދާނެއެވެ. ނަމަވެސް އެދުވަސްވަރުގައި ފާހަގަ ކުރެވުނު ބައެއް ޢީދުތަކުގައި، (ތިލަދުންމަތީ އުތުރު ބުރި، ހއ. ބާރަށުގެ ޢީދުގައި) ބޮޑުތަކުރުފާނު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ތާރީޚީ ލިޔުންތަކުން އެނގޭއެވެ.
މީގެ 110 އަހަރު ކުރިން ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1914 – 1918، (ހިޖުރީ ގޮތުން 1320ގެ އަހަރުތައް)ގައި އަދި އެހަނގުރާމައާއި ގުޅިގެން އައި ތަދު މަޑުކަމާއިއެކު (1358 އިން 1372ހ.) ވެސް 5 ޢީދު ދުވަސް އުފާވެރި ނޫންގޮތުގައި ދިވެހި ކާބަފައިން ހޭދަކޮށް ފާއިތުވެގެން ގޮސްފައިވާ ކަމަށް ޝާޠިރު ލިޔުއްވާފައި ވެއެވެ.
މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމާއި ބަލިމަޑުކަމުގެ ދުވަސްވަރު މީލާދީން 1939- 1953 އާއި ފުރަތަމަ ޖުމުހޫރިއްޔާ ނިމުމާއި ހަމަޔަށް 14 އަހަރުގެ އީދު ދުވަސްތައް އުފާވެރިކަމެއް ނެތި ކާބަފައިންނަށް ހޭދަވެގެން ގޮސްފައިވާ ކަމަށް ބެލެވެއެވެ.
ވުމާއެކު ޢީދަކީ މުސްލިމުންނަށް އުފާވެރިކަން ގެނެސްދޭ ދުވަސްތަކެއް ނަމަވެސް ފާއިތުވި 895 ބޮޑު ޢީދުގެ ތެރެއިން 40 ވަރަކަށް ޢީދު ވެގެންގޮސްފައި ވަނީ ދިވެހިންނަށް ހިތާމަވެރިކަމުގައި ނުވަތަ އުފާވެރިކަމެއް ނެތް ގޮތުގައި ކަމަށް ތާރީޚު ލިޔުއްވުންތެރިޔާ މުހައްމަދު ޝާޠިރު (2021)ގެ ލިޔުމުން އެނގެއެވެ.
ޚިޔާލުތައް