A wide advertisement which will be shown on all devices. (700 x 100)

ތިމާވެށި: ހިމާޔަތް ކުރެވިފައިވާ ޗަސްބިން

ފުވައްމުލަކު ބަނަޑާރަ ކިޅި އަދި ދަޑިމގި ކިޅި އާއި ޗަސްބިން ސަރަހައްދު - ވަލިކުކުޅު

ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ 2 އަކީ ދުނިޔޭގެ ޗަސްބިމުގެ ދުވަސް ނުވަތަ ވޯލްޑް ވެޓްލޭންޑް ޑޭ ގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އެގޮތުން މިއަހަރުގެ ދުނިޔޭގެ ޗަސްބިމުގެ ދުވަސް ފާހަގަ ކުރުމަށް ފުވައްމުލައް ނޭޗާޕާކުން ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައި ވެއެވެ.

ޗަސްބިންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން  އީޕީއޭ (އެންވަޔަމެޓަލް ޕްރޮޓެކްޝަން އޭޖެންސީ) އިން ވަނީ ދިވެހިރާއްޖޭގެ 27 ސަރަހައްދެއް، ތިމާވެށީގެ ގާނޫނު (4/93) ގެ ދަށުން ހިމާޔާތްކޮށްފައި ވެއެވެ. އަދިވެސް ހިމާޔަތްކުރަން ޖެހޭ ޗަސްބިމުގެ އެތައް ސަރަހައްދެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވާކަމަށް އީޕީއޭއިން ހާމަކުރެއެވެ.

ފުވައްމުލައް ސިޓީގެ ބިމުގެ އޭރިއާގެ ނިސްބަތުން ޗަސްބިމަކީ ވަރަށް ބޮޑު ސަރަހައްދެކެވެ. ފުވައްމުލައް ސިޓީގެ ބިމުގެ އޭރިއާ ކަމަށްވާ 484 ހެކްޓަރު (4.84 ސްކްއާ ކިލޯމީޓަރު)ގެ ތެރެއިން 141 ހެކްޓަރު ނުވަތަ %30 އަކީ ޗަސްބިމުގެ ސަރަހައްދެވެ.

ވޯލްޑް ވެޓްލޭންޑް ޑޭ ފާހަގަ ކުރުން 2022

ވުމާއެކު ފުވައްމުލައް ސިޓީގައި ގާތްގަޑަކަށް ތިންބައިކުޅަ އެއްބަޔަކީ ޗަސްބިމަށް ވުމާއެކު އެ ސަރަހައްދުތަކުގައި އެކުލެވިގެންވާ ދިރުތަކަށް ދެމިތިބެވޭނެ ގޮތަށް އެތަން ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ފުވައްމުލަކުގެ ޗަސްބިންތައް ހިމާޔަތްކޮށްފައެވެ. އަދި އެސަރަހައްދު ގެ ކަންކަން ބެލެހެއްޓުމަށް ނޭޗާ ޕާކްގެ ނަުގަިއ އޮފީހެއް ގާއިމުކޮށްފައި ވެއެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ޔުނެސްކޯގެ ބައޯސްފެއާ ރިޒާވްއެއްގެ ގޮތުގައި އެސަރަހައްދުތައް ވަނީ ލިސްޓްކުރެވިފައެވެ.

ޔުނެސްކޯގައި ލިސްޓްކުރެވިފައި ވަނީ ދިވެހިރާއްޖޭގެ ބައޯސްފެއާ 3 ރިޒާވެކެވެ. އެއީ 1. ބ.އަތޮޅު ބައޯސްފެއާ ރިޒާވް (ކަނޑުގެ ސަރަހައްދެއް) އާއި 2. ފުވައްމުލަކު ބައޯސްފެއާ ރިޒާވްގެ އިތުރުން 3. އައްޑޫ އަތޮޅު ބައޯސްފެއާ ރިޒާވެވެ.

ފުވައްމުލަކުގެ ނޭޗާ ޕާކަކީ މިހާތަނަށް ރާއްޖޭގައި ޗަސްބިމުގައި ހެދުނު ފުރަތަމަ ޕާކެވެ. އެސަރަހައްދު ހިމާޔާތްކޮށް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތަކީ އެއޮފީހެވެ. އާއްމުނަށް އެ ސަރަހައްދު ދެއްކުމާއި އެސަރަހައްދުގެ ދިރުންތަައް ހިމާޔަތްކޮށް ބެލެހެއްޓުމާއި އެ ސަރަހައްދަށް ގެއްލު ނުވާނެ ގޮތެއްގެ މަތިން އެތަން ބޭނުންކުރުމުގެ ފުރުސަތު އާމުންނަށް ދެނީ، މިހާރު ފުވައްމުލައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިނގާ ފުވައްމުލަކު ނޭޗާ ޕާކް އޮފީހުންނެވެ.

މި ކުރު ރިޕޯޓްގައި މިގެނެސްދެނީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ 4 ޗަސްބިމެއްގެ ކުރު މައުލޫމާތު ކޮޅެކެވެ.

1. ފުވައްމުލަކު ބަންޑާރަ ކިޅި އާއި ދަޑިމަގު ކިޅި އަދި ޗަސްބިން

އީޕީއޭއިން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި މި ސަރަހައްދު އެންމެ ފުރަަތަމަ ކަނޑައެޅީ 2012 ވަނަ އަހަރުއެވެ. މިސަރަހައްދުގައި ހިމެނެނީ ސާފު ފެނުގެ ބޮޑު ދެ ކުޅިއާއި އެ ދެ ކުޅި ވަށައިގެންވާ ޗަސްބިން ނުވަތަ ‘ހައޮއެޅެ’ ނުވަތަ ވީދަޑޮ އާއި ގުޅިފައިވާ އޮޅުތަކެވެ.

މި ޗަސްބިމަކީ ތިމާވެށިގެ ގޮތުންނާއި ސަގާފީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ތަފާތު މާހައުލުތަކެކެވެ. ހިދްރިއާ އެކްއޭޓިކާއިން 2013 ވަނަ އަހަރު މިސަރައްދުގައި ކުރި ދިރާސާއިން އެނގުނު ގޮތުގައި އެ ޗަސްބިމުގެ ސަރަހައްދުގައި 9 ވައްތަރެއްގެ ގަހާއި 2 ވައްތަރެއްގެ ވިނަ ފާހަގަ ކޮށްފައި ވެއެވެ. އަދި އެމީހުންނަށް ބާވަތް ވަކިކުރަން ނޭނުގު ގިނަ ވައްތަރުތަކެއްގެ ވިނަތައް ހުރިކަމަށް ވެއެވެ. އެގޮތުން ތަފާތު ބާވައްތަކުގެ ކުދި ގަސްތަކާއި ވިނައިގެ ވައްތަރުތައް ހުރިކަމަށް ފާހަގަކޮށްފައި ވެއެވެ.

ހިދުރިއާ އެކްއޭޓިކާ (2013)ގެ ހޯދުންތަކުން ފުވައްމުލަކު ކުޅި އާއި އެސަރަހައްދުގައި 4 ބާވަތެއްގެ މަސް އުޅޭ ކަމަށް ހާމަކުރެއެވެ. އެއީ ފޫޓުމަހާއި (ޓިލާޕިއާ)، ބޭކި (ބޭންގް) އާއި، ‘ފެނަމަހަ’ (މޮސްކިޓޯ ފިޝް- (Gambusia affinis) ގެ އިތުރުން ބަންގާޅުމަސް (Bengal eel -Angilla bengalensis spp) އެވެ. މީގެ އިތުރުން ކޯވެމަކީ ވެސް އެސަރައްދުގައި އުޅޭ މަހެއް ކަމާއި އެމަސް ވެސް ފެންނަކަމަށް ފުވައްމުލަކު މީހުން ބުނެއެވެ. ނަމަވެސް ބަންގާޅުމަހާއި ކޯވެމައި ގުޅުމެއް އޮވެދާނެ ކަމަށްބެލެވެއެވެ.

މީގެ އިތުރުން ކަނބިއްޔާއި ރާބޮނދީގެ ވައްތަރުތައް، ވަލިކުޅާއި މާކަނާ، ރޭރު، އިރުވައިހުދު އަދި ހިޖުރަކުރާ ދޫނީގެ ބާވަތްތައް ވެސް އެ ދެ ކުޅި އާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދުން ފެނެއެވެ.

ވަރަށް ކުރީ ޒަމާނުއްސުރެ މި މާހައުލަށް ހޭނި އަށަގެންފައިވާ ދިރުންތަކުގެ ތެރޭގައި ވަލި ކުކުޅާއި އަދި ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން ދަނބުގަހާއި، ކަނބިލިފެލާ – (ނިރިލް ނުވަތަ ފާން ގެ ވައްތަރެއް) އާއި ހައު އަދި ލޮންސީގެ ބާވަތްތައް މިހާރު ވަނީ ނެތިގެން ގޮސްދާނެކަމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.

ފުވައްމުލަކު ޗަސްބިމުގައި އަލިފާން ރޯވެފައި

އެގޮތުން ހޫނު ދުވަސްވަރު މިސަރަހައްދުގައި ހުޅުޖެހުމާއި ބައެއް ގަސްތައް ކޮށުމުގެ ސަބަބުން ޖަނަވާރުތަައް ދިރިއުޅުމަށް ބޭނުންވާ މާހައުލު ގެއްލިގެން ދެއެވެ. ދާދި ފަހުންވެސް ވަނީ ޗަސްބިމުގައި ހުޅުޖެހުމުގެ ސަބަބުން ބޮޑު ސަރހައްދެއް އަނދާފައެވެ.

2.ކ.ކާށިދޫ ޗަސްބިން ސަރައްހަދު

މިސަރަހައްދު އީޕީއޭއިން ހިމާޔަތްކޮށްފައި ވަނީ 2021 އަހަރުއެވެ. މި ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫފާ، ކުށްޅަވައްފާ އަދި ކަށިކޭލާއި ރުކުގެ ބާވަތްތައް ހުރެއެވެ. އަދި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަންޒުކަހަނބުގެ އެނެމް ބޮދު އާބާދީއެއް ރެކޯޑުކުރެވިފައި ވަނީ މިސަރަހައްދުން ކަމަށް އީޕީއޭއިން ހާމަކުރެއެވެ.

މިސަރަހައްދުގައި ގިނަ އަދަދަކަށް ކަށިކޭލާއި ބޯކެޔޮ އަދި ކުށްޅަވަކާއި މާރުނަ ވިނަހުރެއެވެ. މިއީ މިސަރަހައްދުގައި އުޅެ ކަންޒުކަހަނބުގެ މައިގަނޑު ކާނާކަށް ވެއެވެ.

ކ.ކާށިދޫ ޗަސްބިން ސަރަހައްދު – ކަނޒުކަހަނބު އާއި ކުއްޅަވައް

3. ލ.ހިތަދޫ ކުޅި ސަރަހައްދު

މިއީ މޫދާއި ގުޅިފައިވާ ކުޅިއެއް ކަމުން ކަނޑުފަޅުގެ ތަފާތު ބާވަތްތަކެއް އޭގެ ޅައުމުރުގައި ނާސަރީއެއގެ ގޮތުގައި، ވިހާ ސަރަހައްދަކަށް ވެއެވެ. އެގޮތުން މި ސަރހައްދުން 28 ބާވަތެއްގެ މަހާއި އެކިވައްތަރުގެ ކަކުނީގެ އާއިލާތަކުގެ ދިރުންތައް ރެކޯޑުކުރެވިފައިވާ ކަމަށް އީޕީއެއިން ހާމަކުރެއެވެ. މީގެ ތެރޭގައި ގުރުވައާއި ކުޅިތަކަށް ޚާއްސަ ބޮޑު ކަކުނި ނުވަތަ ކުޅި ކަކުނި ވެސް ހިމެނެއެވެ.

މީގެ އިތުރުން މިއީ ގިނަ އަދަދަކަށް ރަނޑޫ، ކަރަމަނަ އަދި ބުރެވި އާއި ކުރެދީގެ ބާވަތްތައް ހުންނަ ސަރަހައްދެކެވެ.

މިސަރަހައްދު އީޕީއޭއިން ހިމާޔަތްކޮށްފައި ވަނީ 2021 އަހަރުއެވެ.

ލ. ހިތަދޫ ކުޅި ސަރަހައްދު – ކުޅި ކަކުނި އާއި ކަނޑުގުރުވަ

4. ހދ.ނޭކުރެންދޫ ކުޅީފާ ޗަސްބިން

މިއީ ރައްޖޭގައި އެނެމެ ގިނަ އަދަދަކަށް އެއްތަނެއްގައި ކަނޑޫގަސް ހުރި ކަނޑޫފަލެވެ. މިސަރަހައްދު އީޕީއޭއިން ހިމާޔަތްކޮށްފައި ވަނީ 2018ވަނަ އަހަރުއެވެ.

މި ސަރަހައްދުން ބުރެވި އާއި ދިވެހި ރާއްޖެއިން މަދުންނޫނީ ނުފެންނަ ތެލަ ގަހާއި މަރުގަސް ވެސް މި ކުޅީފާ ގައި ހެދިފައި އެބަހުއްޓެވެ. މަރުގަހަކީ އެހެން ‘މެންގުރޫވް’ ތަކާއި ވަރަށްތަފާތު ބައްޓަމަކަށް އުފެދިފައިވާ މޭވާ އަޅާ ގަހެކެވެ. މިމޭވާ އިން އުފެދޭ މަދުގެ ބައިތައް ހުންނަނީ ރާވާލެވޭ ‘ޕަޒްލް’އެއް ފަދަ ގޮތަކަށެވެ.

މިއީ އީޕިއޭއިން 2022 ފެބްރުއަރީ 4 ގައި އާއްމުކޮށްފައިވާ މައުލޫމާތާއި 2014 ވަނަ އަހަރު ނޮވެމްބަރު މަހު ތިމާވެއްޓާއި ބެހޭ މިނިސްޓރީގެ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުން ތައްޔާރުކުރި އެންވަޔަމެން އެންޑް ސޯޝަލް އެސެސްމެންޓް އެންޑް މެނޭޖްމެންޓް ފްރޭމްވޯކްގެ ދަށުން ތައްޔާރުކުރި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ރިޕޯޓުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ކުރު ރިޕޯޓެކެވެ.

ހދ. ނޭކުރެންދޫ ކުޅިފާ ޗަސްބިން – މަރުގަސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !