A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު މަގުތައް ހެއްދެވުމަށް ލުތުފީ ކުރެއްވި ބުރަ މަސައްކަތުގެ ހަނދާން

ފުވައްމުލަކު އޯކިޑްމަގު - ފަހުން ދެފަރާތުން ހަނިކުރެވިފައި. ގޫގުލް ސްޓްރީޓް ވިއު - ޝަހީދު

ފުވައްމުލަކު ސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ތާރުއެޅިގެން ހެދުމުގެ މަސައްކަތް ކުރިއަށްދާ މިދުވަސްވަރު އާންމު ރައްޔިތުން ޝަކުވާ ކުރަމުންދަނީ މަގުތައް ހަނިވެގެނެވެ. ޒަމާނީ މަގުތަކުގައި ހުންނަ ގިނަކަންތައްތަކުން މަހުރޫމުވާން ޖެހުމެވެ. ފުވައްމުލަކުގެ ގިނަ މަގުތަކުގައި ދުވާރެއް ނެތެވެ. ވެހިކަލް މަޑުކުރާނެ ޖާގައެއްނެތެވެ. ބަހުގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާއިރު ބަސް ހުއްޓި ހަދާނެޖާގައެއް ނެތެވެ. ބަސްލޭނެއް ހެދުމަކީ ކުރެވޭނެކަމެއްނޫނެވެ. ބައިސިކަލް ލޭނެއް ހެދެމަކީ ކުރެވިދާނެކަމެއް ނޫނެވެ. މިކަހަލަ ކިތަންމެ ކަމެއްގެ ވާހަކަ ފުވައްމުލަކު ރައްޔިތުންގެ ދައްކަމުންދެއެވެ. މިހުރިހާ ކަމެއް ނިމެނީ ފުވައްމުލަކު މަގުތައް ހަނިވުމާއިއެވެ.

ފުވައްމުލަކު ތާރީޚަށް ބަލާއިރު މީގެ 70 އަހަރުކުރިން ފުވައްމުލަކުގައި ފުޅާ މަގުތަކެއް ހެދުމުގެ މަސައްކަތް ފެށުނެވެ. އެއީ މިޒަމާނަށް ބޭނުންވާހާ ފުޅާ މަގުތަކެކެވެ.  ދޮށީ އުމުރުގެ ބޭފުޅުން ބަހުންނަމަ 50 ފޫޓު ފުޅާމިނުގައި އެމަގުތަކުގައި ހުންނާނެއެވެ. އެމަޝްރޫއަށްވީ ކިހިނެތްހެއްޔެވެ. ޒަމާނީ ވަސީލަތްތައް ނެތް ޒަމާނެއްގައި އެމަސައްކަތްތައް ކުރީ ކިހިނެތްހެއްޔެވެ.

އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔޭގެ ވެރިކަމުގައެވެ. ފުވައްމުލަކު އަތޮޅުވެރިއަކަށް މަޝްހޫރު ތާރީޚް ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ހުންނެވި ދުވަސްވަރުއެވެ. ފުވައްމުލަކުގެ މަގުތައް ހަނިވުމުގެ ސަބަބުން މަގުތައް ފުޅާކޮށް މަގުތައް ސީދާކުރެއްވުމުގެ މަސައްކަތް ކުރެއެވިއެވެ. މިމަސައްކަތުގައި ފުވައްމުލަކު އެތަކެއް ޗަސްބިމެއް ހިއްކަންޖެހުނެވެ. ގޯތިތަކުން ބޮޑު ސަރަހައްދަން ނަގަންޖެހުނެވެ. ބައެއް ގޯތިތަކުގެ މެދުންވެސް މަގު ގޮސްފައިވާކަމަށް ފުވައްމުލަކު ދޮށީ އުމުރު ބޭބޭފުޅުން ވިދާޅުވިއެވެ.

ފުވައްމުލަކު އޯކިޑްމަގު – ފަހުން ހަނިކުރެވިފައި

އެޒަމާނަކީ ބަރު އުޅަނދުފަހަރު ގެންގުޅު ޒަމާނެއްނޫނެވެ. އިންޖީނުލީ އެއްގަމު އުޅަނދެއްވެސް މިރަށުގައި ހުރިކަމަކަށްނުވެއެވެ. އެންމެ ބިޔަ އުޅަނދަކީ ބޮޑު ގާޑިޔާއެވެ. މިޒަމާނުގެ ގިނަ ޒުވާމުންނަށް ބޮޑު ގާޑިޔާ ފެނިފައި ނެތަސް ތަސައްވުރެކުރެވިދާނެއެވެ. އެހެންކަމުން އެޒަމާނުގެ ގިނަ މީހުންނަކަށް މަގު ފުޅާވުމުގެ މުހިންމު ކަމެއް ނުފެނުނެވެ. އެމީހުންނަށް ކަންތައް ބޮޑުވީ އެމީހުންގެ ގޯތިގެދޮރުން ބައެއް ގެއްލޭތީއެވެ. އެބައިމީހުންގެ ރުއްގަސްތައް ކަނޑާލަންޖެހޭތީއެވެ. އެބައިމީހުންގެ އަލައޮޅުތައް ހިއްކައިގެން މަގު ހަދަންޖެހުމެވެ. އެކަމާއި ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވިއެވެ. މިހާ ފުޅާމަގުތައް ހަދަނީ ކޮންބޭނުމަކަށްތޯއެވެ. ބުނެ ސުވާލު އުފެއްދިއެވެ. ބޮޑު ގާޑިޔާއަށް ދެވެންޏާ ހުރިހާކަމެއް ނިމުނީއެވެ. މިވާހަކަތައް އާންމުން ދައްކަމުން ދިޔައީ ސިއްރުންނެވެ. އޭރު ވެރިކަން ކުރަމުންދިޔަ އުސޫލުން ކުށްވެރިވެދާނެކަމުގެ ބިރަށެވެ. ދުނިޔެ ހިގާ ބީދައިން މިފަދަ ވާހަކަތައް ލުތުފީގެ ކަންފަތައްވެސް ނުގޮސްހުރުމަކީ ދުރުކަމެކެވެ. މިކަމާއި ގުޅިގެން ލުތުފީ ވިދާޅުވިކަމަށް އޭރުގެ ހަރުމީހުންނާއި ހަވާލާދީ މިހާރުގެ ދޮށީ އުމުރުގެ ބޭފުޅަކު ވިދާޅުވީ “މިމަގުތައް ހަނިވެގެން އުޅޭތަން އަހަރެމެންނަށް ނުފެނުނަސް އަދި ފެންނާނެއެވެ”. ވަރަށްވެސް ތެދު ވާހަކަފުޅެކެވެ. އޭގެފަހުން 70 އަހަރުނުވަނީސް އާންމުން އެޝަކުވާ ކޮށްފިއެވެ. އޭރުގެ ޅަޒުވާނުންގެ ތެރެއިން މިވަގުތު ދުނިޔޭގައި  ތިބި މީހުންނަށް އެމަންޒަރުދަނީ ވަރަށް ކައިރިން ފެންނަމުންނެވެ. އެކަމުގެ ހުރި ދަތިކަން ދަނީ ތަހައްމަލް ކުރަމުންނެވެ.

އާންމުންގެ އެނުރުހުމަކަށް ބެއްލެވުމެއްނެތި ލުތުފީ ގެންދެވީ މަގުހައްދަވަމުންނެވެ. މަސައްކަތް ކުރުވީ އުޖޫރައަކަށްނޫނެވެ. އެޒަމާނުގައި މަސައްކަތްކުރުވާ އުސޫލުން ގަދަބާރުންނެވެ. ފުވައްމުލަކަށް ހުރަސް މަގަކާއި ދިގުމަގު މުހިންމު ކަމަށް ދެކިލެއްވިއެވެ. ގަދަ ބަދަވިކަމާއިއެކު ފުވައްމުލަކު ހުރަސް މަގު މިހާރުގެ ޣާޒީ މަގު ނިންމަވާލެއްވިއެވެ. މިހާރުގެ އޯކިޑް މަގުއޮތްތަނުގައި ބޮޑުމަގެއްގެ ގޮތުގައި ދިގުމަގެއްގެ މަސައްކަތް ފެއްޓެވިއެވެ. އެމަގުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޗަސްބިން ބޮޑު ފުވައްމުލަކު ޗަސްބިމުން ހިއްކަވަމުންނެވެ. ވެއްޔަކީ ފަސޭހައި ލިބޭއެއްޗެއްނޫނެވެ. އެކްސްކަވޭޓަރާއި ލޯޑަރު އަޑުނާހާ ޒަމާނެއްގައި އުދައްޔާއި ފަކީރާއިން އުސްތަންތަން ކޮންނެގެން މަގާ ވެލިކޮޅު ބޭނުންކޮށްގެން މަގުތައް ބަރަމުން ގެންދިޔައީ އަޑިއަށް ރުއްބުޑުތަކާއި އެފަދަތަކެތި އަޅަމުންނެވެ. މިމަގު ސީދަލަށް ދިގުވާނޑު ވީދަޑާއި ހަމައަށް ހެއްދެވިކަމަށް ދޮށީ އުމުރުގެބޭފުޅުން ވިދާޅުވެއެވެ. އަހަރެމުންގެ ނަސީބު ދެރަކަމުން އެމަގު ނުނިމެނީސް ލުތުފީގެ ވެރިކަން ނިމިއްޖެއެވެ.

ފުރަތަމަ ޖުމްހޫރިއްޔާ ނިމި ލުތުފީގެ އަތޮޅުވެރިކަން 1953 ވަނަ އަހަރު ނިމުމާއިއެކު އާންމުން އަވަސްވެގަތީ އެބައެއްގެ ގޯތި ބޮޑު ކުރުމަށެވެ. އެހެންކަމުން 50 ފޫޓަށްހަދާފައި އޮތް ބޮޑު މަގު އެމަގާއި އިންވެގެން ހުރި ގޯތިތަކުން ބޮޑުކޮށް މަގުގެ ފުޅާމިން ހަނިކުރިއެވެ. އަދި މިމަގު ހޯދަޑާއި ދިގުވާނޑު އިންވާ ހިސާބަށް ނިމުނެވެ.

ފުވައްމުލަކު ބަހާރުމަގު

އޭގެ ފަހުން ފާއިތުވީ 70 އަހަރު ތެރޭގައި ފުވައްމުލަކުގައި ހަދާފައިވާ އެއްވެސް މަގެއް އެފުޅާމިނުގައި ހަދާފައެއްނުވެއެވެ. މިހާރުވެސް އެންމެ ފުޅާ އެއްމަގެއްގެ ގޮތުގައި ފާހަގަކުރެވެނީ ހުރަސްމަގު މިހާރުގެ ޣާޒީ މަގާއި އޯކިޑު މަގުގެ ބޯޅަ ދަނޑު ކުރިމަތީ ސަރަހައްދެވެ. އެހެންކަމުން ފުވައްމުލަކުގެ މަގުތައް ހެދުމުގެ އެންމެ ބުރަ އެންމެ މުހިންމު މަސައްކަތެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ލުތުފީގެ ނަން ފާހަގަކުރުން މުހިންމެވެ. 70 އަހަރު ކުރިން އެކުރެއްވި މަސައްކަތަކީ އޭރު ރައްޔިތުން ބަލައިނުގަތަސް މިހާރުގެ ރައްޔިތުން ބަލައިގަންނަން ޖެހޭ މުހިންމު މަސައްކަތެކެވެ.

އޭރުގެ ރައްޔިތުންގެ އަމަލުތައް އެހެން ހުރިއިރު މިހާރުވެސް އެފަދަ ބައެއް އަމަލުތައް ފުވައްމުލަކުން ފެނެއެވެ. މިޒަމާނުގެ ފެންވަރަށް މަގުހެދުމުގެ މަސައްކަތް ފެށުނުއިރު ފުވައްމުލަކު ގެ ގިނަ މަގުތަކަކީ ހަނި މަގުތަކެކެވެ. އެމަގުތައް ފުޅާކުރުމުގެ ވާހަކަދެކެވުން ފެށުމާއިއެކު ގޯތީގެ އިމުގައި އިމާރާތްކުރުން އަވަސްކުރާތަން ފެނެއެވެ. އެވަރު ނުވާ ބައެއް ފަރާތްތަކުން އަވަހަށް އިންފާރު ރާނާއުސްކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !