ފުވައްމުލައް ސިޓީގެ އާބާދީ ކުރިއަރަނީ ވަރަށް ކުޑަ މިންވަރަކަށް

ފުވައްމުލައް ސިޓީގެ އާބާދީ 2018-2019 ސެޕްޓް
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ރަށްވެހިވެފައިވާ މީހުންގެ އާބާދީ ސިޓީ ކައުންސިލުން އިއްޔެ ހާމަކޮށްފިއެވެ. އިއްޔެ އާއްމުކޮށްފައި ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުވައްމުލައް ސިޓީގައި ރަޖިސްޓްރީ ވެފައިވާ ޖުމްލަ މީހުންގެ އަދަދެއެވެ. ފުވައްމުލައް ސިޓީގެ ޖުމްލަ އާބާދީ ނިމުނު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރީ 13056 ގައެވެ. ފާއިތުވި ޖުލައި މަހު ފުވައްމުލައް ސިޓީގެ އާބާދީ ވަނީ 13000 ން މައްޗަށް އަރާފައެވެ.

ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ތަފާސް އާބާދީގެ ތަފާސް ހިސާބު

އަދިވެސް ފުވައްމުލައް ސިޓީގައި އެންމެ މީހުން ގިނަ ދޫނޑިގަމު އަވަށުގައި މިހާރު ތިބީ 2152 މީހުންނެވެ. މިއީ ނިމުނު 2018 ވަނަ އަހަރު މާރޗު މަހު އާއްމުކުރި ތަފާސް ހިސާބަށް ވުރެ 27 މީހުން އިތުރު އަދަދެކެވެ. އަދި ދެވަނަ އަށް އޮތް މިސްކިތްމަގު އަވަށުގެ އާބާދީ އަކީ 2029 އެވެ. މިއީ 18 މީހުންގެ އިތުރުވުމެކެވެ. އާބާދީގެ ގޮތުން 3 ވަނާގައިވާ ހޯދަޑު އަވަށް ވަނީ 59 މީހުންގެ ކުރިއެރުމަކާއެކު 1784 ގައެވެ. ފާއިތުވި 2018 ވަނަ އަހަރުގެ މާރޗު މަހުން މިއަހަރު، 2019ގެ ސެޕްޓެމްބަރު މަހަށް އާބާދީ އެންމެ ބޮޑަށް އިތުރުވެފައި ވަނީ ދަޑިމަގު އަވަށުގައި ކަމަށް ދައްކައެވެ. އެއީ 62 މީހުންގެ އިތުރުވުމެކެވެ.

އާބާދީގެ ގޮތުން 5 ވަނާގައި ވާ ފުނާޑު އަވަށުން 22 މީހުން މަދުވެ އާބާދީ ވަނީ ދަށަށް ގޮސްފައެވެ. މި އަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ފުނާޑު އަވަށުގެ އާބާދީ އަކީ 1699 އެވެ.

އާބާދީގެ ގޮތުން އަދިވެސް އެންމެ މީހުން މަދު މާލެގަމު އަވަށާއި މާދަޑު އަވަށުގައި ތިބީ 1013 އާއި 1105 މީހުންނެވެ. މިދެ އަވަށަށް ވެސް ވަނީ 7 މީހުނާއި އެކަކު (1) އިތުރުވެފައެވެ.

ފުވައްމުލައް ސިޓީގެ އާބާދީއަށް ފާއިތުވި ދޮޅު އަހަރުގައި އައިސްފައިވާ ބަދަލު

ފާއިތުވި ދޮޅު އަހަރު (މާރޗް 2018 އިން ސެޕްޓެމްބަރ 2019) ތެރޭގައި ފުވައްމުލަކުގެ އާބާދީއަށް އިތުރުވެފައި ވަނީ ޖުމްލަ 161 މީހުންނެވެ. މިއީ %1.25 ގެ އިތުރުވުމެކެވެ.

އާބާދީ މި ނިސްބަތުން ކުރިއަރާނަމަ ފުވައްމުލައް ސިޓީގެ އާބާދީ 15000 އަށް އަރަން އަދި 12 އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެއެވެ.

ފުވައްމުލައް ސިޓީއަށް ހިޖުރަކުރާ މީހުން ނިސްބަތުން މަދުކަމަށް ބެލެވެއެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް ހިޖުރަކުރާ މީހުންނަށް ދޭން ހުޅުވާލި 20 ފްލެޓަށް ކުރިމަތިލާފައި ވަނީ ވެސް 5 މީހެކެވެ. ނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލުގެ ވިސްނުމަކީ ހިޖުރަކުރަން އެދޭ ފަރާތްތަކަށް ފުވައްމުލައް ހުޅުވާލުންކަން އެސިޓީގެ މޭޔަރު ވަނީ އާއްމުކުރައްވާފައެވެ.

އާންމު ޚިދުމަތްތައް ލިބުމާއި ވިޔަފާރީގެ ފުރުސަތު ތައް ހުޅުވުމުގައި އާބާދީ ބޮޑު ރޯލެއް ކުޅޭ އިރު ފުވައްމުލަކުގެ މުސްތަގުބަލުގެ އާބާދީ އާއި މެދު ވިސްނުން ބުއްދިވެރިއެވެ. އެކަހެރި ކޮށް އޮތް ފުވައްމުލަކަށް ހިޖުރަކުރުމުގެ ފުރުސަތު ކުޑަ އިރު ރާއްޖޭގެ އާބާދީ ބޮޑު އެހެން ރަށް ތަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ބޮޑެވެ. ވީމާ، ދުރު މުސްތަގުބަލުގައި އާބާދީގެ ގޮތުން ފުވައްމުލަކަށް މިހާރު ލިބިފައިވާ ދަރަޖަ މަޑުމަޑުން ފަހަތައް ޖެހި އާންމު ރަށެއްގެ ދަރަޖަ ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments