A wide advertisement which will be shown on all devices. (700 x 100)

ޝަމާލު ފުރަތަމަ މެޗު، ފުވައްމުލަކު ސިޓީގެ ކުޅުންތެރިއަކު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗު

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝަމާލު ރޭގެ މެޗުގައި ކުޅެނީ. ފޮޓޯ: އެފްއޭއެމް ގެ ފޭސްބުކް ޕޭ

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ޝަމާލް އަބްދުﷲ ރޭ ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗަކީ އޭނާ ގައުމީ ސީނިއާ ޓީމަށް މިހާތަނަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ފުވައްމުލަކު ސިޓީގެ ކުޅުންތެރިއަކު ގައުމީ ސީނިއާ ޓީމާއިއެކު ވާދަވެރި މެޗެއް ކުޅުނު ފުރަތަމަ ފަހަރުވެސްމެއެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން އެއްކޮށްގެން ކުރިއަށްދާ ކޮލިފައިން ބުރުގައި ސީރިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ކުޅެން ނިކުމެފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި އަރިމަތިން ކުޅެމުންދިޔަ ހަމްޒާގެ ބަދަލުގައެވެ. ޝަންމު މިހާރު ކުޅެމުންދަނީ ޔުނައިޓެޑް ވިކްޓްރީއަށެވެ.

ޝަންމު ފުޓުބޯޅައަށް ނިކުމެފައިވަނީ ކްލަބުގެ އީގަލްގެ ޔޫތު ޓީމަށް ކުޅުމަށްފަހު ކްލަބު އީގަލްގެ ސީނިއާ ޓީމުންނެވެ. އުމުރުން 22 އަހަރުގެ ޝަންމު ކުޅުން ރަނގަޅަށް ފެންނަން ފެށީ ކުލަބު އީގަލްގެ ކޯޗުކަމާއި އިހުސާން އަބްދުލް ގަނީ (ސާންތީ)، ހަވާލުވިފަހުންނެވެ. މި ފަހަރު ލީގުގައި ޔުނައިޓެޑް ވިކްޓްރީން ކުޅުނު 14 މެޗުގައި ވެސް ޝަންމު ކުޅެފައިވެ އެވެ. ޝަންމު އަކީ ޑިފެންސަށާއި މެދުތެރެއަށްވެސް ކުޅޭ ކުޅުންތެރިއެކެވެ.

ޝަންމު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި އެންމެ ފަހުން 23 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު މުބާރާތްތަކުގައި ޝަންމު ވަނީ ކުޅެފަ އެވެ. މި ފަހަރު ގައުމީ ސީނިއާ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނީ ހީނުކޮށް ހުއްޓަ އެވެ. އެއީ ފުރަތަމަ ނެގި ގައުމީ ޓީމުގެ ޕްރޮވިޝަނަލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުގެ އިތުރުން ބައެއް ކުޅުންތެރިންތަކަކަށް އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމާ ގުޅެވެން ނެތުމުންނެވެ.

ގައުމީ ޓީމުން މިދިޔަ މަހު 22 ވަނަ ދުވަހު ދުބާއީ އަށް ޓްރެއިނިން ކޭމްޕް ފުރިއިރު، ޝަންމު އަށް ނުދެވުނެވެ. އެއީ ވިސާ ކަންތައްތައް ހަމަނުޖެހޭތީ އެވެ. ޝަންމު ޓީމާ ގުޅުނީ ތިން ދުވަސް ފަހުންނެވެ.

ރޭގެ މެޗުން ރާއްޖެ ބަލިވީ 4-0 ލަޑުންނެވެ. ރާއްޖެ ކޮޅަށް ވަން 4 ލަޑުގެ ތެރެއިން 3 ލަޑު ވަދެފައިވަނީ ފުރަތަމަ ހާފުގައެވެ. އަދި ފަހު ހާފުގައި ރާއްޖެ ކޮޅަށް ވަދެފައިވަނީ އެންމެ ލަޑެކެވެ. ރާއްޖެ ކޮޅަށްވަން ލަޑުތަކުގެ ތެރެއިން 3 ލަޑަކީ ޕެނަލްޓީތަކުން ރާއްޖެކޮޅަށް ވަދެފައިވާ ލަޑުތަކެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !