(ނުވަވަނަ ބައި)
މަޑުމަޑުން ލަސްލަހުން ކަމުންދިޔަ ފަރުހާންގެ މޫނު ފެންނަ ހިސާބުގައި ހުރި ލަމްޔާއަށް ފަރުހާން ނޫންތާކަށް ނުބެލެވެއެވެ. ބައެއް ފަހަރު ވައްކަޅިންނެވެ. އަނެއްބައި ފަހަރު ސިދާނަޒަރުން ލަދުރަކި ގޮތަކަށް ސިއްރުންނެވެ. ބައްޕަ ކުރިމަތީ އިނުމުން ފަރުހާން އިނީ ގިނައިން އިސް ޖަހާލައިގެންނެވެ. ބައްޕަ ދައްކާ ވާހަކަތަކަށް ބައެއްފަހަރު އާން ހޫން ކިޔައިލުން ފިޔަވައި އިތުރު ވާހަކައެއް ވެސް ނުދައްކައެވެ. އެހެންކަމުން ހިތް ނުފުރުނަސް ފަރުހާންއަށް ބަލަހައްޓައިގެން ހުރެލަން ލަމްޔާއަށް ކޮންމެވެސް ވަރަކަށް ވަގުތު ލިބުނެވެ.
ދެ ޒުވާނުންގެ އަޑު އިވުނީކަންނޭނގެއެވެ. ކައި ނިމުމާއެކު ފާޚާނާއަކަށް ދާން ޖެހިގެންކަމަށް ބުނެ ރަޝީދު ވަނީ ކޮޓަރިއަށެވެ. ވަގުތުގެ ބޭނުން ހިފައި ފަރުހާންއާއެކު ކާން އިށީންނަން ލަމްޔާ ގާތު ފަރުހާން އެދުނެވެ. އަބަދުވެސް ކަނީ އައިނީއާ އެކުގައިކަމަށް ބުނަމުން ކެއުމުން މަނާވެގަންނަމުން ލަމްޔާ ފަރުހާންގެ ކުރިމަތީ އިށީނެވެ. ނުކެޔަސް ފަރުހާން ބޭނުންވަނީ ލަމްޔާ އަބަދުވެސް ފެންނަން ހުންނަން ކަމަށްވާތީ ތި ގޮތްވެސް އޯކޭއޭ ލާނެތް ގޮތަކަށް އެއްލޯ މަރާލަމުން ފަރުހާން ބުނުމުން ލަމްޔާގެ މޫނަށް ހޫނުވެގެންދިޔައެވެ.
ލަދުން އިނަސް ލަމްޔާގެ މޫނުމަތި އުޖާލާވެ ފަރިމަލެއްފަދައިން ފޮޅިގެން ދިޔަތަން ފަރުހާން ދުއްޓެވެ. އެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ފަރުހާން އެ ގޮތަށް އިރުކޮޅަކު އިނުމަށްފަހު ބުނީ ލަމްޔާގެ މޫނުން ފެންނަން އަބަދުވެސް އެދެނީ މިއަދު ތިފެންނަފަދަ އުޖާލާކަމެއްކަމަށާއި އެ ދުވަހު ބީޗުން ފެނުނު މޫނު ދެން ނުދެއްކުމަށެވެ. ސަމާސާ ރާގަކަށް އެހެން ބުންޏަސް އެއީ ފަރުހާންގެ ހިތުގެ އަޑެވެ.
ކައިނިމިގެން ލަމްޔާއަށް ޝުކުރު އަދާކުރުމަށްފަހު ފަރުހާން ދިޔައީ ލަމްޔާގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލައި ދީފައެވެ. ފަރުހާންގެ ދެމާނަ ނެގޭ ޖުމުލަތަކުގައި ހުރި ފޮރުވިފައިވާ މާނަތަކާ މެދު ބައެއް ފަހަރު އުފާވެއެވެ. އަނެއްބައި ފަހަރު ހިތުގައި ބިރުވެރިކަމާ މާޔޫސީގެ ރިހުން އުފެދެއެވެ. ހިތުގެ ކަނެއްގައި ކުރިލަމުން އައި އެ އިޙުސާސާމެދު ކަންބޮޑުވެއެވެ.
ކެތްތެރިކަމެއްނެތި ލަމްޔާ އިންތިޒާރު ކުރަމުން ދިޔައީ ހަވީރުގެ ވަގުތަށެވެ.
ވަގުތު ޖެހުމުގެ މާކުރިން ތައްޔާރުވެގެން ހުރި ލަމްޔާއަށް ފަރުހާން ގުޅިއިރުވެސް ލަމްޔާ ހުރީ ގޭދޮރުމަތީ އެ ކޯލުގެ އިންތިޒާރުގައެވެ.
ދެ ކުދިން ގޮވައިގެން ބީޗަށް ގޮސް ފޭބިތަނުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލާ މަންޒަރު ފެނުނެވެ. އެހެންނަމަވެސް އިރުކޮޅަކަށް މަޑުކޮށްލާނިއޭ ބުނަމުން ވެއްޔާ ކުޅެލަން ދެ ކުދިން ދޫކޮށްލުމަށްފަހު ދެމީހުން އިށީނީ ދުރު ދުރުގައެވެ. ވާހަކަ ދެއްކީ އަޑުއިވުމެއްނެތް ހަމަ ހިމޭން ބަސްމޮށުމަކުންނެވެ. ބައެއްފަހަރު އެކަކު އަނެކަކާ ދިމާލަށް ބަލާލެވޭ ވަގުތު ދެމީހުންގެ ނަޒަރު ސީދާ ވުމުން ހީނލެވެއެވެ. ނޫނީ ލަދުން އިސްޖަހާލެވެއެވެ. ހިތުގެ ވިންދު އަވަސްވެ ފަރުހާންގެ ނަޒަރުން ހިތަށް ފިނިކަން ލިބޭކަމުގެ އިޙުސާސްކުރެވެން ފެށިއެވެ. ފަރުހާންއާއެކު ހޭދަ ކުރެވޭ ވަގުތު ތަކުގައި ރައްކާތެރިކަމާ ހިތްހަމަ ޖެހުން ލިބޭކަމަށް ހިތް އެއްބަސް ވިއެވެ.
ލަމްޔާގެ ހިތުގެ ހާލަތު މިހިސާބަށް ދިޔުމުން ފުރަތަމަ ފަހަރަށް ފަރުހާން ދެކެ ލޯބިވެވިއްޖެ ކަމަށް ގަބޫލު ކުރެވުނެވެ. ލަމްޔާ ފަދައިން އެ އިޙުސާސް ފަރުހާންގެ ހިތުގައިވެސް ހިނގާނެކަމަށް ލަމްޔާ އުންމީދު ކުރިއެވެ. މިއީ ހުޒާމްއަށް ފަހު މިގޮތަށް ފިރިހެނަކު ފެނުމުން ނުވަތަ ބަލާލުމުން ލަމްޔާގެ ހިތަށް ތަފާތު އަސަރެއް ކުރުވި ފުރަތަމަ ފަރާތެވެ. މީހަކު ދެކޭހިތްވުމާ މީހަކަށް އިންތިޒާރު ކުރެވުމާ މީހެއްގެ ބެލުމުން ލަދުވެތިކަން އިހުސާސްވި ފުރަތަމަ ފަހަރެވެ. އާނއެކެވެ. ލަމްޔާއަށް ސިއްރުސިއްރުން ފަރުހާން ދެކެ ލޯބި ވެވުނީއެވެ. އޭގެ ނިމުމަކީ އަދި ނަތީޖާއަކީ ކޮބައިކަމާމެދު ލަމްޔާއަށް ވިސްނަން މަޖުބޫރުވީ ވެސް ހިތުގެ ކޮންޓްރޯލް އަތުން ދޫވިފަހުންނެވެ.
ބީޗަށް ފޭބިތާ ވާނީ ވިއްސަކަށް މިނިޓެވެ. ވާރޭ ކަނި ޖަހަން ފަށައިފިއެވެ. ކުދިވެރިން ރުއްސައިގެން ގެއަށް ގެންދިއުން އުނދަގޫކަމަކަށްވިޔަސް އެންމެފަހުން ކުދިން ގެއަށް ދާން އެއްބަސްވެއްޖެއެވެ. މަގު ދެބައިވެސް ނުވަނީސް ތަންކޮޅެއް ވާރޭ ތުނިކޮށްލުމުން ބާރަށް ދުއްވާފައި އައީ ގެއަށެވެ.
ލަމްޔާގެ ބޭގް ނުލާ އާދެވުނުކަން އެނގުނީ ގެއަށްއައިސް ވަންފަހުންނެވެ. އައިނީ ގެންދިޔަ ސާމާނުގެ ތެރޭގައި ބޭގް އޮވެދާނެކަމަށް ބަލާފަ ނެތުމުން ދެން ގުޅީ ފަރުހާންއަށެވެ. ލަމްޔާގެ ބޭގު ނެތްވާހަކަ ބުނުމުން ފަރުހާން ވަރަށް ކަންބޮޑުވެއްޖެއެވެ. ބޭގުގައި ހުރީކޯއްޗެއްތޯ އެހުމުން ލަމްޔާގެ ފޯނުއޮތީ ބޭގުގައިކަމަށް ލަމްޔާ ބުނުމުން ބަލާދާންވީނޫންހޭ ފަރުހާން އެހިއެވެ. އޭރު އިރުވެސް އޮއްސެނީއެވެ. ދެން އެކަނި އެހިސާބަށް ދާކަށްވެސް ލަމްޔާއަކަށް ނުކެރޭނެއެވެ. އެކަމަކު އެހެން ބުނާކަށް ނުކެރުނެވެ.
އަވަސްއަރުވާލައިގެން ނިކުމެ ސައިކަލަށް އަރާ ސްޓާޓްކޮށްލަމުން ލަމްޔާ ސައިކަލް ދުއްވައިލީ މާ ބޮޑަށް އަނދިރި ވުމުގެ ކުރިން އެހިސާބަށް އަވަހަށް ދިއުމަށެވެ. ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން ބަރުގޮނުގެ އަޑު އިވުމުން ވެސް ބަލައިނުލިއެވެ. ގަތީ ފާޑެއްގެ ބިރެކެވެ. ފާޑުފާޑުގެ މީހުން އުޅޭރަށެކެވެ. ކޮންމެ ފަދަ މީހަކަށް ވެސް ވެދާނެއެވެ. އެހެންކަމުން ފަހަތް ނުބަލަން ނިންމާ ދެން ވެސް ސައިކަލުގެ ދުވެލި ބާރު ކޮށްލެވުނީއެވެ.
ވޫސްލާފައި އައި ސައިކަލް ލަމްޔާއާ އަރާ ހަމަވުމުގެ ކުރިން ”ލަމް! އޭ ލަމް! މަޑުކުރޭ!” އޭ ބުނާއަޑު އިވުމުން ލަމްޔާގެ މެއަށް ފިނިވެގެން އައެވެ. ބާރަކަށް ދުއްވާފައި އައި ސައިކަލް އަރާ ހަމަކުރިއިރު ފަރުހާން ހުރީކަންބޮޑުވެފައެވެ.
”ކީއްކުރަންތަ ތިހާ ބާރަށް ތި ދުއްވަނީ! ލަމްއަށް ކަމެއް ވެއްޖެއްޔާޔޯ!”
ފަރުހާންގެ ކަންބޮޑުވެފައިވާ އަޑު ހަމަ އިވުމާއެކު ލަމްޔާ ޖަވާބުދިނެވެ.
”ދެރަވެ ރޯނެ ބަޔަކަށް ތިބޭނީ އަހަރެންގެ ދަރިފުޅާ ބައްޕަ!”
ލަމްޔާގެ އެ ޖަވާބުން ފަރުހާންގެ ހިތަށް ތަދުވެ ދެ ލޯ މަރައިލެވުނެވެ. އެކަމަކުވެސް ފަރުހާން އެއްވެސް ޖަވާބެއް ނުދެއެވެ. އޭނަގެ ހިތުގެ އަޑު ލަމްޔާއަށް އިވޭނެނަމައޭ ހިތަށް އެރިއެވެ.
މަޑު ދުވެލީގައި ދުއްވާފައި ދެމީހުންގޮސް ކުރިން އިށީނދެ ތިބި ހިސާބަށް ދެވުނު އިރު ފުދޭވަރަކަށް އަނދިރިވެއްޖެއެވެ. ވިއްސާރަކަމުންނާއި ވެސް އެކު ދުވަސްވަރަކީ ކަޅުފޮއެ ދުވަސްވަރަކަށް ވެސް ވުމުންނެވެ. ވައިރޯޅީގައި ވަނީ ތެތްފިނިކަން އެކުލެވިފައެވެ. އިރުކޮޅެއް ކުރިން ވާރޭ ވެހުމުންނާއި ފުދޭވަރަކަށް ވައިރޯޅި ޖެހޭތީކަމަށް ވެސް ވެދާނެއެވެ.
މާޙައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ފަރުހާންގެ ފޯނުނަގައި ދިއްލައިގެން ދެމީހުން ކުރިޔަށް ދިޔައީ ދާދި ގާތުގައި ތިބެގެންނެވެ.
ނަސީބަކުން އެމީހުން އިށީނދެގެން ތިބިތަނުގައި ބޭގު އޮތެވެ. ބޭގު ނަގައިގެން އެއްގަމަށް އަރަން ހޭޅިފަށުގައި ހުރި ދިމާލުން އެއްގަމަށް އެރިތަނާ ދާދި ގާތުގައި ހުރި ފުނަގަހެއްގައި ތިބި ވާތަކެއް އަޑުގޮއްވަމުން އުދުއްސައިގަތެވެ. ލަމްޔާއަށް ބިރުން ހުރެވުނުތަން ވެސް ނޭނގުނެވެ. މަންމާ ބައްޕާއޭ ގޮވަމުން ފަރުހާންގެ މެދުހަށީގައި ބާރަކަށް ބައްދައިގަތެވެ.
ލަމްޔާ ހަމައަކަށް އެޅެން ވަގުތުދީގެން ހުރި ފަރުހާންއަށް ލަމްޔާގެ އަޑަށް ސަމާލުކަން ދެވުނުއިރު ލަމްޔާހުރީ ފަރުހާންގެ ގައިން ދޫކޮށްލައިގެން އިސްޖަހާލައިގެންނެވެ.
”ސޮރީ ! ގަސްދަކު ނޫން!”
”އަހަންނެއް ނުބުނަމެއްނު ލަމް!” ދެރަވެފައިވާ އަޑަކުން ފަރުހާން ބުންޏެވެ. އެއަޑުގައި އެވަގުތު ހުރީ މޮޅިވެރިކަމެވެ. ސައިކަލު ބާރަށް ނުދުއްވަން ފަރުހާން ބުނުމުން ލަމްޔާއަށް ދެވުނު ޖަވާބަށްފަހު މިއީ ފަރުހާން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ފަރުހާންގެ އަޑުހުރިގޮތުން ލަމްޔާއަށް ކުރިން ބުނެވުނު ވާހަކަ ބުނެވުނު ރާގާ މެދު ވިސްނާލެވުނެވެ.
”ސޮރީ ، ފަރުހާން! އަހަރެން އެހެންބުނީ…….ހަޤީގަތަކީ އެއީކަމަށްވާތީ! ……… އަހަރެންގެ ދެންކޮންބައެއް ވަކި ތިބީ ވެސް!”
ކުރިން ދެއްކި ވާހަކައަށް އިޝާރާތްކޮށް ލަމްޔާ ވާހަކަދެއްކިއެވެ.
ލަމްޔާ ބުނި އެއްޗަކަށްވުރެ މިފަހަރު ފަރުހާނަށް އަސަރު ކުރީ ލަމްޔާގެ އަޑުގައިވި މަޑުމޮޅިކަމުންނެވެ. ރިހުމުންނެވެ. އެވަގުތު އިޚުތިޔާރުން ބޭރުން ލަމްޔާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ދެން ތިހެން ނުބުނާށޭ ފަރުހާން ބުނީ އަމުރުވެރިރާގަކަށެވެ! ލަމްޔާ ބިރުވެސް ގަތެވެ.
”ލަމްއަށް ކަމެއް ވެއްޖިއްޔާ ޔަގީނުންވެސް އެންމެ ދެރަވާނެ އެކަކީ އަހަރެން. މި ފަރުހާން!”
މޭގައި އަތުން ޖަހާލަމުން ފަރުހާން ބުނީ ޔަގީންކަންދޭފަދަ ރާގަކަށެވެ. ފަރުހާންގެ މޭގައި ލެނގިލައިގެން ހުރި ލަމްޔާ މޫނުހިއްލާލާ ފަރުހާންގެ މޫނަށް ބަލައިލީ އަދިވެސް އިތުރަށް ޔަގީން ކުރަން ބޭނުންވެގެންނެވެ.
ލަމްޔާގެ މޫނަށް ބަލައިލަމުން ފަރުހާން މަޑުމަޑުން ބޯޖަހައިލީ ތި ޔަގީން ކަން ދެމޭ ބުނާފަދައަކުންނެވެ.
”ދުވަހަކުވެސް ދެރައެއް ނުދޭނަން! ﷲ ގަންދީ ހުވާ މިކުރީ……. ތިއީ މިދުނިޔެމަތިން އަހަރެން އެންމެ ލޯބިވި އަންހެނާ! ….. މަންމައާއި ސާރާ ފިޔަވާ! ……. ވަރިހަމަ ގަބޫލު ނުކުރިޔަސް …”
އެންމެ ފަހު ޖުމުލަ ފަރުހާން ބުނީ ފަރުހާންއަށް އެކަނި އިވޭ ވަރަށެވެ.
ލަމްޔާއަށް ކުރެވުނު އިޙުސާސް ބުނެދޭން ވެސް ނޭނގުނެވެ. ފަރުހާންގެ އަޑު އިވުމުން އިޚުތިޔާރުން ބޭރުން އަލްޙަމްދުލިﷲ އޭ ބުނެވުނު އަޑު ފަރުހާންއަށް ކިތަންމެ ރަނގަޅަކަށް ވެސް އިވުނެވެ. ހުޒާމްއާ އިނދެގެން ދެތިން އަހަރު ފާއިތުވި އިރުވެސް މިފަދަ ހިތްވަރުދިނުމާ ޔަގީންކަން ދިނުމާ އެކު ، އެކުގައި އުޅުމަށް ބާރު ލިބޭފަދަ ވާހަކައެއް ބުނި އަޑު ދުވަހަކުވެސް ލަމްޔާ ނާހައެވެ. ލިބުނު އުފަލުން ލަމްޔާ ބޭނުންވީ އަޑުން އަޑު ނަގާ ރޮއެ ގަންނާށެވެ. އުފާވިވަރުންނެވެ.
ފަރުހާންގެ މޫނަށް ދެވަނަ ފަހަރު ލަމްޔާ ބަލައިލީ ޝުކުރުވެރި ބެލުމަކުންނެވެ.
”ލަމް ކޮފީއަށް ދަންތަ!” ފަރުހާން އެހީ ލަމްޔާގެ އަތުގައި ހިފައިގެން ސައިކަލާ ދިމާއަށް ހިނގައިގަންނަމުންނެވެ.
”ވަރަށް މަދުން. އެވެސް އަންހެން ރައްޓެހިންނާއެކު ނޫނީ ޢާއިލާ މީހުންނާއެކު ! ” ލަމްޔާ ބޭނުންވީ ލަމްޔާއަކީ މިޒަމާނަށް ބޮޑުވިޔަސް މިޒަމާނުގެ ގިނަ ކުދިން އުޅޭ ގޮތަށް އުޅޭމީހެއް ނޫންކަން ފާޅުގައި ފަރުހާންއަށް އަންގާށެވެ. އެގޮތް ފަރުހާންއަށް ކަމު ނުދިއަޔަސް ހެވެވެ.
”އަހަންނާއެކު ވެސް ނުދާނަންތަ!” ސަމާސާ ރާގަކަށް ފަރުހާން ބުންޏެވެ.
”އަދި ނުދާނަން!” ލަމްޔާ ސާބިތުކަމާއެކު ބުންޏެވެ.
”ލަމް! ތެދެއް ބުނަންތަ!” ފަރުހާން ހިނގުން މަޑުކޮށްލާ ލަމްޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ލަމްޔާގެ މޫނަށް ބަލަން ހުރެގެން ވާހަކަ ދެއްކިއެވެ. އަނދިރިވުމުން ނުފެންނަނީ ލަމްޔާގެ މޫނުގެ ފުރިހަމަ ކަމެވެ. ލަމްޔާގެ ނޭވާގެ ހޫނު ކިތަންމެ ރަނގަޅަކަށްވެސް ފަރުހާންއަށް އިޙުސާސްވިއެވެ.
”ހަގީގަތަކީ …….. އެންމެ ކުޑަމިނުން ކައިވެނިން ބޭރުން މިހާވަރަށް ވެސް ލަމް ގައިގަ ޓަޗް ކޮށްލަން ވެސް އަހަރެން ބޭނުމެއް ނުވޭ! …… އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް……….. ލަމް ތީ އަހަރެންގެ މީހަކަށް ހަދާނަން. އެ ޔަގީންކަން ދެން!”
ދެމީހުން ސައިކަލަށް އަރާ ސްޓާޓް ކޮށްލީ މަޣުރިބު ނަމާދު ފާއިތުވެ ނުދަނީސް އަވަހަށް ނަމާދު ކުރުމަށް ގެއަށް ދިއުމަށެވެ.
ގެއަށް ވަނުމުގެ ކުރިން މިރޭ ގުޅާނެ ކަމަށް ފަރުހާން ބުނުމުން ލަމްޔާ އުފަލުން ބޯ ޖަހާލިއެވެ.
އައިނީއަށް ކާން ދިނުމަށްފަހު ރަޝިދުއާ ދެބަފައިން އެކި ކަހަލަ ވާހަކަދެއްކުމުގައި އިރުކޮޅަކު ތިބުމަށްފަހު ލަމްޔާ ނިދަން ވަންނަނީކަމަށް ބުނެ ކޮޓަރިއަށް ވަން އިރު އަދި ނުވަގަޑި ބައި ނުވެއެވެ. އެހެންނަމަވެސް އައިނީ ނިދިއިރު އާދައިގެ މަތިން ދިހަގަޑި ބައިވެދާނެއެވެ.
ކިތަންމެ ބޭނުންވިޔަސް ފޯނުގައި ލަމްޔާ އަތްލީ އައިނީ ނިދުނީމައެވެ. އޭރު ފަރުހާން ދެ ފަހަރަކު ގުޅާފައި އޮތެވެ. ލަމްޔާގެ ޖަވާބެއް ނުލިބުނީމަ ކަންނޭގެއެވެ. ފްރިވީމާ މެސެޖެއް ކޮށްލާށޭ މިއިނީ އިންތިޒާރުގައޭ ލިޔެފައި އޮތެވެ.
ލަމްޔާ އަވަސްވެގަތީ ފަރުހާންއަށް ގުޅުމަށެވެ. ފުރަތަމަ ރިންގާއެކު އިވުނީ ފަރުހާން ”އޯއި” އޭ ބުނި އަޑެވެ. ލަމްޔާގެ ހިތަށް ފިނިވެގެން އައީ އެ ލޯބިވެތި އަޑު އިވުމުންނެވެ. އުފަލުން ދެލޯ ވިދައިގެން ދިޔައީ ފަރުހާން ލަމްޔާއަށް ކުރާ އިތުބާރާ ލަމްޔާއަށް އެދޭކަން ގަބޫލުކުރެވުމުންނެވެ.
”ދެންމެ އައިނީ އެ ނިދުނީ! އެހެންވެ ލަސްވީ!…… ސޮރީ!”
ލަސްވި ސަބަބު ބަޔާންކޮށްދެމުން ލަމްޔާ ސޮރީއޭ ބުނުމުން ފަރުހާން ބުނީ ފުރަތަމަ އިސްކަންދޭން ޖެހޭނީ އައިނީއަށް ކަމަށާއި ފަރުހާން އަންނާނީ އޭގެ ފަހަށް ކަމަށެވެ. ލަމްޔާ ކޮޓަރީގައި ވާހަކަ ދައްކަން އޮތަސް ފަރުހާން އިނީ ބެލްކަންޏަށް ނިކުމެ އެތަނަކުން އެންމެ ގިނައިން ފަރުހާންއަށް ލަމްޔާ ފެންނަތަން ކަމުގައިވާ ބޯގަންވިލާ ހައްދާފައިވާ ޓެރެހަށް ނަޒަރު ހުއްޓާލައިގެންނެވެ. ލަމްޔާ އެތާ ފެންނަން ނެތަސް ލަމްޔާގެ ސޫރަ އެގަސްތަކާ ގުޅުވާލުމުން ފަރުހާންގެ ހިތުގައި ލަމްޔާގެ ޚިޔާލީތަސްވީރު ކުރެހިގެން އަންނައިރު އަސްލު ތަސްވީރެކޭ އެއްފަދައެވެ.
( ނުނިމޭ )
ޚިޔާލުތައް
ވަރަށް ރީތި. ވަރަށް ޓަޗިން
ޢެއް ބަޔަށްވވުރެ އަނެއްބައި ރީތި ކަން ފާހަގަވޭ
ޥަރަށް ރީތި، އަދި އެހާމެ އަސަރު ގަދަ.