(ދިހަވަނަ ބައި)
ލަމްޔާ ކޮޓަރީގައި ވާހަކަ ދައްކަން އޮތަސް ފަރުހާން އިނީ ބެލްކަންޏަށް ނިކުމެ އެތަނަކުން އެންމެ ގިނައިން ފަރުހާންއަށް ލަމްޔާ ފެންނަތަން ކަމުގައިވާ ބޯގަންވިލާ ހައްދާފައިވާ ޓެރެހަށް ނަޒަރު ހުއްޓާލައިގެންނެވެ. ލަމްޔާ އެތާ ފެންނަން ނެތަސް ލަމްޔާގެ ސޫރަ އެގަސްތަކާ ގުޅުވާލުމުން ފަރުހާންގެ ހިތުގައި ލަމްޔާގެ ޚިޔާލީތަސްވީރު ކުރެހިގެން އަންނައިރު އަސްލު ތަސްވީރެކޭ އެއްފަދައެވެ.
ފަރުހާން ފުރާ ދުވަހަކާ ބެހޭގޮތުން ލަމްޔާ ސުވާލުކުރުމުން ފަރުހާން ބުނީ ދެ ދުވަސް އިތުރުކުރަން މާދަމާ އުޅޭނެކަމަށެވެ. ލަމްޔާ ނުފެންނަ ހިސާބުގައި އުޅެން ވަރަށް އުނދަގޫކަމަށާއި ލަމްޔާއަށް ފަރުހާން ފެނުމުގެ މާކުރިން ލަމްޔާގެ ހުނުމާ އަޑުގެ ޖާދޫގައި ފަރުހާން ހައްޔަރުވެފައިވި ކަމަށެވެ. ލަމްޔާގެ ސޫރަ ފަރުހާންގެ ހިތުގައި ކުރެހީ އެ ހީނލުމުގެއަސަރާއި އެ އަންހެންވަންތަ އަޑަށް ބަލައިގެންކަމަށެވެ. އަހަންނަކީ ނަސީބުވެރިއެއްކަމަށާއި ލިބުނީ ހިތުގައި ކުރެހި ތަސްވީރަށްވުރެ އަސްލު މާ ރީތި ފުރިހަމަ އަންހެންކުއްޖެއް ކަމަށް ހިތް ގަބޫލުކުރާކަމަށެވެ.
ލަމްޔާގެ އަޑު އިވުނު ދުވަހާ ބެހޭގޮތުން ފަރުހާން ދެއްކި ވާހަކަ އަޑުއިވުމުން ލަމްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސް ހުއްޓިފައެވެ.
“ލަމް! އަހަރެންގެ މާޒީއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭހީ ކީއްވެތަ!”
އެވަގުތު ފަރުހާން ކޮށްލީ ލަމްޔާ އިންތިޒާރު ކުރިފަދަ ސުވާލެއް ނޫނެވެ.
“އަހަރެން ނޭހިޔަސް ވަގުތު ޖެހުނީމަ ފަރުހާން ކިޔައިދޭނެ! އެ ޔަގީންކަން އޮތީމަ މަޑުކޮށްގެން މިހިރީ!” ޔަގީންކަމާއެކު ލަމްޔާ ދިން ޖަވާބުން ފަރުހާންގެ ހިތުގައި ލަމްޔާއަށް ދެވިފައިވާ ޤަދަރު އެތައް ގުނައަކަށް އުފުލިގެން ދިޔައެވެ.
“ޔަގީނުން ވެސް ކިޔައިދޭނަން! އަހަރެންގެ ޙަޔާތުގައި ލަމްއަށް ސިއްރު ކުރާނެ އެއްވެސް އެއްޗެއް ބާއްވާކަށް ބޭނުމެއް ނޫން! އެހެންނަމަވެސް އެ ވާހަކަތައް ކިޔައިދޭން ފުރަތަމަ އަހަރެންގެ މައިންޑް ރެޑީކުރަން ޖެހޭ!”
މާޔޫސީ އެކުލެވިފައިވާ އަޑަކުން ފަރުހާން ބުނި ވާހަކައަކުން ފަރުހާންގެ މާޒީގައި ހިތްދަތި ކަންތައްތަކެއް ހިނގާފައިވާކަން ކޮންމެވެސް ވަރަކަށް ލަމްޔާއަށް ނަގައިގަނެވުނެވެ.
ހިނގާ މިރެއަށް ދެން ބާއްވަމާ! މާ ލަސް ވަންދެން ތިބޭކަށްނުވާނެ! އެހެންނޫނީ ނަމާދަށް ހޭނުލެވޭނެނު!……….. އަސްލު އަހަރެންގެ ފޯނު ވެސް ނިވޭތީއާ އެކު މިހެން މިބުނީ!” ހެމުން ހެމުން ފަރުހާން ބުނިއެއްޗަކުން ލަމްޔާ ގާތަށް ވެސް ހިނިއައެވެ. އެއީ އެ ހުނުމުގެ އަޑު ކިތަންމެ އިރަކު ވެސް އަހަން އިނދެވޭފަދަ ހިތްގައިމު ފިރިހެންވަންތަ އަޑެކެވެ.
ދުވަހަކީ ހޮނިހިރު ދުވަސްކަމުން ލަމްޔާ އުޅުނީ އިސްތިރިކުރުމާ ގޭތެރެ ސާފުކުރުމާ ސްކޫލްގެ ބައެއް މަސައްކަތުގައެވެ. ގަސްތަކަށް ފެންދޭން ނިކުތީ ވެސް ދިހައެއްވެސް ޖެހިފަހުންނެވެ. އޭގެ ކުރިން ދެފަހަރަކު ފަރުހާންގެ މެސެޖެއް ، ކޯލެއް ނަމަވެސް ލިބިފައި އޮތްތޯ ވެސް ބަލައިލެވުނެވެ. އެހާ ދަންވަންދެން ހޭލާ އުޅުނީމައި ފަތިސްނަމާދަށްފަހު ނިދުނީކަމަށް ނިންމައި ފަރުހާން ގުޅަންދެން މަޑުކުރާނީއޭ ހިތަށް އެރިއެވެ.
ގަޑިން ދިހަގަޑިބައިވި ފަހުން ލަމްޔާގެ ފޯނު ރިންގްވާއަޑު އިވުމުން ދުވެފައި އެދިމާއަށް ދެވުނެވެ. އެހެންނަމަވެސް ހީކުރި ގޮތަށް އެއީކީ ފަރުހާންގެ ކޯލެއް ނޫނެވެ. އެހެންނަމަވެސް ކޮންމެމީހަކު ގުޅިޔަސް ގުޅާނީ ބޭނުމަކުކަން އެނގޭތީ ފޯނަށް ޖަވާބުދޭން ތައްޔާރުވި ތަނާ ދޮރު ހުޅުވާލަމުން ފަރުހާންގެ މަންމަ ޚަދީޖާ ވަންނަނީއެވެ . ފުރަތަމަ ނަޒަރުން ވެސް ޚަދީޖާ އެހެރީ ކަމަކާ ކަންބޮޑުވެފައިކަން ލަމްޔާއަށް އެނގުނެވެ. ވީ ގޮތެއް އަހާނީ ފޯނަށް ޖަވާބުދިނުމަށް ފަހުގައޭ ހިތަށްއަރާ އެކަމަށް ސަމާލުކަން ދެވުނެވެ.
“ހެލޯ ލަމް!” ފުރަތަމަ ރިންގާއެކު އެ އިވުނީ ފަރުހާންގެ އަޑެވެ.
މީ ކޮން ނަމްބަ…….” ލަމްޔާގެ ވާހަކަ މެދު ކަނޑާލަމުން ފަރުހާން ވާހަކަ ދައްކަން ފެށުމުން ކޮންމެ ވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައި ހުރިވަރާ އަދި އަވަސް ވެފައިވާ ވަރު ފަރުހާންގެ އަޑުން ލަމްޔާއަށް އިހުސާސް ކުރެވުނެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގި ސިކުންތަކަށް ނަމަވެސް ލަމްޔާގެ ހިތުގެ ހިނގުން މަޑުޖެހުނެވެ.
“ލަމް އަހަރެން މިދައްކާ ވާހަކަ އަޑު އަހާ!….. މަންމަ ގާތު ބުނެދޭތި، ސާރާ ހުރީ ހެޔޮ ހާލުގައި އަހަރެން ގާތުގައޭ. އެއްވެސް ކަމަކާ މަންމަ ނުވިސްނާށޭ! ހުރިހާ ކަމެއްވެސް ރަނގަޅޭ”
“ފަރުހާން!”
ފަރުހާންގެ ނަމުން ލަމްޔާއަށް ގޮވައިލެވުނުއިރު އަޑު ކުރެހިގެން އިތުރަށް އެންމެ ލަފުޒެއް ވެސް ބޭރެއް ނުވިއެވެ. ބޮޑުކަމެއް ވެއްޖެ ކަމުގެ ބިރުވެރި އިޙުސާސުގެ ރަނގަބީލާއެކު ހިތް ރޫރޫއަޅައިގެން ދިޔައެވެ.
“ލަމް! ޕްލީޒް! ނުރޯތި!.. ބީ ޕޭޝެންޓް! ޕްރޮމިސް މީ އަހަންނަށް ވެއިޓް ކުރާނެކަމަށް. ލަވްޔޫ ވަރަށް ބޮޑަށް……”
ކޯލް ކެނޑިއްޖެއެވެ.
ޚަދީޖާއަށް ލަމްޔާ ވާހަކަ ދައްކަނީ ފަރުހާންއާކަން އެނގުމުން ދުވެފައި އައިސް ފޯނުޖަހައިގަތެވެ. ފޯނު ކަންފަތުގައި ޖެއްސިއިރު ވެސް އެ ފޯނު އޮތީ ކެނޑިފައެވެ. ލަމްޔާ ހުރީ ޚަދީޖާ ތަޅުވައިގަންނަން ދެން ވެސް ޖެހި ބުދެއްހެން ގަނޑުވެފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހު އެދެމެދުގައި ޢިމާރާތް ކުރަމުން އައި ލޯބީގެ ގަނޑުވަރު، އެ ރީތި ހުވަފެނީގަނޑުވަރު، އެ ގަނޑުވަރެއްގައި ހަމަ އެކަނި އޭނަޔާ ފަރުހާންއާ އެދެމީހުންގެ ތުއްތު ތުއްތު ދެކުދިން ފިޔަވާ އިތުރުބަޔަކު ނޫޅޭ އެ ގަނޑުވަރު…… އާހް! .. ލަމްޔާއަށް މާނޭވާއެއް ދޫކޮށްލެވުނީ ފަޅިސިކުނަތެއްގެ ތެރޭ ބިމާ ހަމަވެ ފުނޑުފުނޑުވެގެން ފޭބިކަމުގެ ވޭނީ އިޙުސާސުންނެވެ.
“ލަމްޔާ ކީކޭތަ ފަރުހާން ބުނީ! ކޮންތާކުއޭނަ މިހިރީ ބުނީ! ކޮބާއޭ ސާރާ!”
ޚަދީޖާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ވެގެން އުޅޭ އެއްވެސް ކަމެއް ރޭކާވެސް ނުލާ ހުރި ލަމްޔާ ފަރުހާން، މަންމަ ގާތު ބުނަން ބުނި ވާހަކަތައް ވަރަށް ހިތްވަރުން ޚަދީޖާ ގާތު ކިޔައިދިނެވެ. އަދި ގުޅީ ނުދަންނަ ނަމްބަރަކުން ކަމަށްވެސް ބުންޏެވެ.
އެ ނަމްބަރަށް އަލުން ގުޅަން ލަމްޔާގެ ޚިޔާލަށް އައީވެސް ޚަދީޖާ އާދޭސް ކުރަންފެށުމުންނެވެ. ގުޅިއިރު ނަމްބަރ އޮތީ ނިއްވާލަފައެވެ.
ވެގެންއުޅޭ ގޮތަކާބެހޭގޮތުން ކުޑަމިންވަރެއް ނަމަވެސް އެނގެން ލަމްޔާ ބޭނުމެވެ. އެހެންވެ ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެވުނީ ފަރުހާންގެ މަންމައާ ދިމާއަށެވެ.
ޚަދީޖާ ބުނީ ހެނދުނު ހޭލިއިރު ފަރުހާންއާ ސާރާ ވެސް ގޭގައި ނޫޅޭކަމަށާއި ފަރުހާންގެ ފޯނު އޮތީ ނިންވާލާފައިކަމަށެވެ. ފަރުހާންގެ ދަތުރު ދަބަހާ ސާރާގެ ވެސް ބައެއް އަންނައުނާ މުހިންމު ބައެއް ސާމާނު ކޮޓަރީގައި ނެތުމުން ފަރުހާން ސާރާގޮވައިގެން ފުރީކަން އެނގުނުކަމަށެވެ.
ފަރުހާން ކަންތައްމިކުރި ގޮތުން ލަމްޔާގެ ހިތުގައި އެތައް ހާސް ޝަކުވާތަކެއް ފުނިޖެހުނެވެ. ހިތަށް ކުރިއަސަރު ބަޔާން ކުރެވޭ ވަރަށްވުރެ ބޮޑެވެ. ކޮންމެވެސް ކަމެއް މާބޮޑަށް ވެސް ގޯސްވީއެވެ. ނޭނގެނީ ގޯސްވީ ކަމެކެވެ! ކަމެއް ގޯސްވާން ޖެހުނު ސަބަބެކެވެ.
“ކީއްވެ ފަރުހާން އެ ގޮތަށް ކަންތައް ކުރީ! ޚަދީޖާއްތައަކަށް ނޭނގޭތަ!”
ލަމްޔާ އެއްވެސް އެއްޗެއް އޮޅުންފިލާތޯ ޚަދީޖާއާ ސުވާލުކުރިއެވެ. ފަރުހާންއަކީ ގޯސްމީހެކޭ އެއްގޮތަކަށް ވެސް ލަމްޔާގެ ހިތް ގަބޫލުނުކުރީއެވެ.
“ވީ ގޮތަކީ ރޭ ބާރައިގެ ފްލައިޓުން ސާރާގެ މަންމަ މިރަށަށް އައީ!”
ޚަދީޖާ ބުނި އެއްޗަކުން ލަމްޔާގެ ދެލޯ ބޮޑުވެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. އިވުނު ޚަބަރުން މުޅި މީހާ ގަނޑުވިކަހަލައެވެ.
“އަސްލު ފަރުހާންއަކަށް ނޭނގެ ލައިލާ އަންނަ ކަމެއް. އަހަރެން ގާތު ލައިލާ ގުޅާފަ އަންނަ ވާހަކަ ބުނީ! އަދި އެއްވެސް މީހެއް ގާތު ލައިލާގެ ދަތުރުގެ ވާހަކަ ނުބުނަން ލައިލާ އެދުމުން އަހަރެންވެސް ނުބުނީ! … ހިޔެއް ނުކުރަން ކަންތައް މިހާ ގޯސް ވެދާނެކަމަކަށް! ….”
ނޭވާއެއް ލުމަށްފަހު ހިތްދަތި އަޑަކުން ޚަދީޖާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެ ސޮރު ގާތުން ލައިލާ ވަރިވެގެން ދިޔަފަހުން މިހާރު މީ ކިހާދުވަހެއް. ބުނެ ބުނެ މީހަކާވެސް އިނީކީ ނޫން! ….. އެހެންވެ އަހަރެންވެސް ބޭނުންވީ އެދެމީހުން އަލުން ގުޅެން. ލައިލާ އައިސް އަލުން ކައިވެންޏަށް އެދިއްޖެއްޔާ ސާރާއަށްޓަކައި ނަމަވެސް އަލުން ދެމީހުން ގުޅެން އެދޭތީ …!”
ޚަދީޖާގެ ދެލޮލުން ހާސްވެ ދެރަވެފައި ހުރިވަރު، ލޮލުން ނީރާލައިގެން ފޭބި ކަރުނަތައް ހެކި ދެއެވެ.
ޚަދީޖާގެ ވާހަކަ ދިޔަ ހިސާބެއް ދެއްކީ ކޮންވާހަކަތަކެއްކަން އަލަކުން އިތުރަކަށް އެހުމުގެ ކުޅަދާނަކަމެއް ލަމްޔާގެ ހަށިގަނޑަކު ނެތެވެ. މަޑުމަޑުން ތިރިވަމުން ގޮސް އެންމެ ގާތުގައި ހުރި ސޯފާގައި އިށީނދެވިއްޖެއެވެ. ދައްކާނެ ވަރަކަށް ވާހަކަ ދެއްކުމަށްފަހު ޚަދީޖާ ނިކުމެގެން ދިޔައީއެވެ. ހަނގުރާމައަކުން ބަލިވެފައި ހުރި ސިފައިންގެ މީހެއް ފަދައިންނެވެ. އަމިއްލަ ކުށް ގަބޫލުކުރެވުނު ފަދައިންނެވެ.
ލައިލާ އައުމަށްފަހު ފަރުހާންއާ ލައިލާއާ ދެމެދު ކަންހިނގިގޮތެއް އެނގެން ބޭނުމަސް އެއިން އެއްވެސް ވާހަކައެއް ލަމްޔާ ނާހައެވެ. އެހާ ހިތްވަރު ނެތީއެވެ.
ފަރުހާން ފުރައިގެން ދިޔަފަހުން ތިން ދުވަސް ހަތަރު ދުވަހަށް ބަދަލުވެ ދިޔައިރު ވެސް ފަރުހާންގެ އެއްވެސް ޚަބަރެއް ނުވެއެވެ. އިރުއިރުކޮޅާ ފަރުހާންގެ ކޯލަކަށް، މެސެޖަކަށް އިންތިޒާރު ކުރަމުން ދިޔަ ލަމްޔާ މުޅިން މާޔޫސްވެއްޖެއެވެ. ވިސްނާ ވިސްނާ ވަރުބަލިވެއްޖެއެވެ. ދެން ހަދާނެ ގޮތަކާމެދު ފިކުރު ހިންގާހިންގާ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހި ނާއުންމީދާ ހިތާމައިން މީހާ ބަލިކޮށްލައިފިއެވެ.
ޚުދު ލަމްޔާވެސް ކުރީދުވަހު ފަރުހާން ގުޅި ނަމްބަރަށް ގުޅޭތޯ އެތައް ފަހަރަކު އުޅުނެވެ. މާޔޫސްވުން ނޫން ކަމެއް ނުވިއެވެ.
އެ ދުވަހަށްފަހު ވެސް ޚަދީޖާ ދެތިން ދުވަހަކު ފަރުހާންގެ ޚަބަރެއް ވިތޯ ބަލާލަން އެގެއަށް އައެވެ. އެހެންވީމާ ޚަދީޖާއަށް ވެސް ފަރުހާންގެ އެއްވެސް ޚަބަރެއް ނުވަނީކަން ލަމްޔާއަށް އެނގުނެވެ.
ސްކޫލަށް ދާހާ ހިތްވަރުނެތުމުން ލަމްޔާ އެއް ހަފުތާގެ ޗުއްޓީ ނެގިއެވެ. ވަގުތަކީ އެންމެ އެކަށޭނަ ފަރުވާއެވެ. ހަފުތާއެއްވީއިރު ލަމްޔާ ވެސް މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. މި އެއް ހަފުތާ ތެރޭ ލަމްޔާއަށް ވީގޮތަކާމެދު ބައްޕަ ކިތަންމެ ފަހަރަކު ސުވާލުކުރިއެވެ. ލަމްޔާ ދޭނީ ވަކި ކޮން ޖަވާބެއްހެއްޔެވެ! ދޭނެ ޖަވާބެއް އެބައޮއްހެއްޔެވެ!
ލަމްޔާއަށްޓަކައި އެތައް ބުރައަކާ ވޭނެއް ބަރުދާސްތުކުރި އެ މުސްކުޅި ބައްޕަގެ ހިތުގައި ޖައްސަން ބޭނުން ނުވާތީ ކަމެއް ނުވާކަމަށްބުނެ ނިންމާލަނީއެވެ.
ޖެހިގެން އައި ދުވަހު ސްކޫލަށް ދާން ނިންމައިގެން ހުރި ލަމްޔާ ބޯގަންވިލާ ގަސްތަކަށް ފެންދޭން ނިކުތީ ފެން ނުދޭތާ އެތައް ދުވަހެއް ފަހުންނެވެ. އެގަސްތައް ފެންނަ ކޮށްމެ ފަހަރަކު ހިތް ފަޅައިގެން ދާކަމުގެ އިޙުސާސްވާތީއެވެ. ހީވަނީ ފަރުހާން ލަމްޔާއަށް ބަލަހައްޓައިގެން، ހީނލައިގެން އިންނަހެންނެވެ. އެގަސްތަކާ ފަރުހާންގެ އެ ހިތްގައިމު ސޫރައާ ގުޅި ލާމެހިފައިވަނީ އެހެންވެއެވެ. އެހެންނަމަވެސް ދުނިޔޭގައި މިހޭދަ ކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި ލަމްޔާއަށް ކުރެވިފައިވާ ހިތި ތަޖުރިބާތަކުން ހިތްވަރު ލިބިގަނެ އަނެއްކާވެސް ހިންދެމިލަން ބޭނުންވެއެވެ. އެހެންކަމުން ހިކެން ފަށައިފައިވާ ގަސްތަކަށް ފެންދީ ނިމުމުން ފަރުހާން މަންމަ ދެކިލަން ހިތް އެދޭވަރުން އެގެއަށް ވަދެލާހިތް ވެއްޖެއެވެ. އެގެއަކީ އެއްވެސް އިރެއްގައި މާގިނައަކުން ލަމްޔާ ދިޔަ ގެއެއްވެސް ނޫނެވެ. އެކަމަކު ފަރުހާންއާ ގުޅުން ހުރި ކޮންމެ އެއްޗަކާ ކޮންމެ ކަމަކީވެސް ލަމްޔާގެ ހިތުގައި ލޯތްބާ ގަދަރާ ކުލުނު ޖެހިފައިވާ ކަންކަން ކަމަށްވާތީ އެގެއަށް ދާހިތް މާބޮޑަށް ވީކަންނޭނގެއެވެ. ފަހަރެއްގައި ފަރުހާންގެ ޚަބަރެއް ވެސް ވެދާނެތީއާ ވެސް އެކުގައެވެ.
( ނުނިމޭ )
ޚިޔާލުތައް
ޥަރަށް ރީތި! އަޅެ ލަމްއާ ފަރުހާން ވަކި ނުކުރައްޗޭ
ސާބަހޭ ލިޔުންތެރިޔާ! މި ލިޔުންތެރިޔާ ހުރިހާ ލިޔުމެއް ވެސް ވ ރީތި.