A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުންމިދާ ޞަފުޙާތަކުން… 6

ވާހަކަ: ބަލަުމުން މިދާ ސަފުހާތަކުން

ހަވަނަ ބައި

ނައުރާގެ ހަށިގަނޑުގައި ޖަހަމުންދިޔަ ކޮންމެ ވިންދެއް ގޮވަމުން ދިޔައީ ނައުރާގެ ޢިއްޒަތަށް އަރައިގަތް މީހާގެ ކިބައިން ރަނގަޅަށް ބަދަލު ހިފުމަށެވެ. އެމީހާގެ މުޅި ދިރިއުޅުމުގައި އެ ހިފާ ބަދަލެއްގެ ސަބަބުން ކަރުނަ އަޅާވަރުގެ ބަދަލެކެވެ.

ފަތިސްނަމާދުގެ ބަންގީގެ މޫރިތި އަޑުން ހިތާ ނަފުސަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުމުން ނައުރާ މަޑުމަޑުން ތެދުވެގެން ގޮސް ވަނީ ފާޚާނާއަށެވެ. އެއްލެމުން ހޫރެމުންނެވެ. ހަށިގަނޑުގައި ވަރެއް ނެތަސް ނަމާދުކުރަން ނައުރާ ބޭނުމެވެ.

ނަމާދު ކުރަން ފެށުމުން އަނެއްކާ ވެސް އަމިއްލަ ހާލު ހިތަށް އައުމުން ތާޒާ ކަރުނަ ކޯތާފަތް ތެއްމަމުން ދިޔައެވެ. އެކަރުނަތަކަކީ ވެސް އޭނަގެ ހިތާމައިގެ އެއްބައޭ ހިތަށް އެރިއެވެ.

ނަމާދަށްފަހު އޭނަގެ މަސައްކަތުގައި ހިތްވަރު ދެއްވުމަށާ ދިރިއުޅުން ކާމިޔާބު ކުރެއްވުން އެދި ރަޙީމް ވަންތަ ރަސްކަލާނގެއަށް ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރިއެވެ. އެއަށްފަހު ހިތަށް ލިބުނު ހަމަ ޖެހުމުގައި އަނެއްކާ ވެސް އެނދުގައި އޮށޯވެލީއެވެ.

ނައުރާއަށް ހޭލެވުނީ މެންދުރުވާން އުޅެނިކޮށެވެ. ގޭގައި ގެންގުޅޭމީހާ ނައުރާއަށް ގޮވާއަޑަށެވެ. ނައުރާ ޖަވާބު ނުދިނުމުން ދޮރުފަތުގެ ތަޅުގައި ހިފައިލި އަޑު ވެސް ނައުރާއަށް އިވުނެވެ.

“ނައު މެޑަމް! …. ނައު މެޑަމް…….!” ބޭރުމީހާގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ.

“ނައު މެޑަމް ބަލީތަ! ކީއްވެ ނުތެދުވަނީ!” ސުވާލަކަށްފަހު ސުވާލެއް ކުރުމުގައި އޭނާ ދެމި ހުއްޓެވެ.

ނައުރާގެ ހިތުގައި އެ މީހާއާމެދު ހަމްދަރުދީ އުފެދި އޭނަ ދެކެ ރުޅިއައުމުގެ އޭނަގެ އޮތީ ކޮން ކުށެއްބާއޭ ހިތަށް އެރިއެވެ. އެހެންކަމުން ފޮރޮޅިލާފައި ފެންތައްޓެއް ގެނެސްދީބަލާށޭ ބުނެފިއެވެ. ފުރަތަމަ ނައުރާގެ ދެތުންފަތް ދޭތެރެއިން އެ އަޑު ނުވެސް ނިކުތެވެ. ދެވަނަ ފަހަރު އިވޭ ވަރަށް އެހެން ބުނަން ވެސް ވަރަށް ހިތްވަރު ކުރަން ޖެހުނެވެ.

ބޭރުމީހާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ފެން ތައްޓަކާ ތާޒާމޭވާގެ ޖޫސްތައްޓެއް ހިފައިގެން އައިސް ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލިއެވެ. ދެން އޭނަ އެތެރެއަށް ވަންނާނީ ނައުރާގެ ހުއްދަ ލިބުމުންކަން އެނގުމުން ނައުރާ ތެދުވެ އިށީނީ އެނދުގެ އެއްފަރާތުގައެވެ. އަދި ފެންތައްޓާ ދިމާއަށް އަތް ދިއްކޮށްލުމުން ފުރަތަމަ އޭނަ ދިނީ ޖޫސްތައްޓެވެ.

“ނައުމެޑަމް ބަޑުފައި ވަނީނު! މިހާރު ގިނައިރުވަނީ …! ނުކައި ހުންނަނީ! މަޖީދު ބޭބެ ބުނަނީ ނައު މެޑަމް ބޮޑު ބޮޑު ބަނޑުފައިވަނީ …! ރަނގަޅަށް ކާންދެނީ ….!”

ބޭރުމީހާ މަޖީދުއޭ އެ ބުނީ އެ ނުލަފާ މަޒީދުއަށް ކަން ނައުރާއަށް އެނގުމުން ރުޅިން ދަތްކުނޑި ވިކައި ގަނެވުނެވެ. އެ ނަން އަޑު އިވުމުން ވެސް ހޮޑުލަވައި ގޮތްވިއެވެ.

އެއަށްފަހު ބޮއެ ބޮއެ ހުރި ޖޫސްތަށި ތިރިކޮށްލާ ޖޫސްތަށީގެ އެތެރެއަށް ބަލައިލިއެވެ. ޝައްކުގެ ނަޒަރަކުންނެވެ.

“މީ ކޮންއިރަކު ހެދި ޖޫހެއް!”

ނައުރާ ކުރި ސުވާލުން ބޭރުމީހާ ހުރީ ހައިރާން ވެފައެވެ. އެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

“މިހާރު އަނިލް ރެޑީ ކުރަނީނު! ނައު މެޑަމް ނުކައި ހުންނާތީ އަނިލް ދެރަ ވަނީނު ….!”

ކުރެވުނު ސުވާލު ކިހާ މޮޔަކަން ނައުރާއަށް ރޭކާލީ އަނިލް ޖަވާބުދިން ގޮތުންނެވެ. ދެން މަޑުމަޑުން ބޯޖަހާލުމަށްފަހު ޖޫސްތަށި އެއްނޭވާއިން ދަމައިލިއެވެ. ޖޫސްތަށީގެ ފިނިކަމުން ހަށިގަނޑަށް ލުޔެއް ލިބުނުހެން ހީވިއެވެ. ފެންތަށި ވެސް އެއްކޯވަރުން ބޯލެވޭނެ ނަމަ ބޯނީ އެގޮތަށެވެ. އެހެންނަމަވެސް ދެތިން ކޯވަރުން ފެންތަށި ހުސްކޮށްލުމަށްފަހު ދެއަތުން ދެ ތަށި ކުރިއަށް ދިއކޮށްލުމުން އަނިލް ކައިރިވެލާ ތަށި އަތުލި އިރު ނައުރާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އަދި ޖޫސް ބުއި ތަށި އަތުލަމުން ނައުރާގެ ނިތުގައި އަތުގެ ނުފުށް ޖައްސައިލިއެވެ. އަނިލްގެ މި ޙަރަކާތުން ނައުރާ ދިޔައީ ސިއްސައިގެންނެވެ. ގަސްތުގައި ނޫނަސް ނައުރާގެ ހަށިގަނޑު ފަހަތަށް ޖައްސައިލެވުނެވެ.

“ނައު މެޑަމް!…….. މެޑަމް ބަލި!……. ވަރަށް ހޫނު ހުންނަނީނު! …… ކީއްވެ ބަލިވަނީ! ޑޮކުޓަރަށް ދަނީނު!”

އަނިލް މާދުރު މީހެއްގެ ހަމްދީދަރުދީ ލިބޭއިރު އެއްދީނެއްގެ އެއް ގައުމެއްގެ އެއް ގެއެއްގެ ތެރޭ އުޅޭ މީހުން ވަޙުޝީ ޖަނަވާރުންނަށް ވުރެ ނުބައިވަނީ ކީއްވެ ހެއްޔެވެ!

ކިތަންމެ ބަލިވިޔަސް ޑޮކުޓަރަށް ދައްކަން ދާން ނައުރާއަށް އެއްބަސް ވެވޭނީ ކިހިނެއްހެއްޔެވެ!

“ޕެނަޑޯލް ގުޅައެއް ގެނެސްދީ! ރަނގަޅުވެދާނެ!”

ބަލި އަޑަކުން ނައުރާއަށް ބުނެވުނެވެ. ބޭސްކެއުމަށްފަހު ފިހާރައަށް ނުދާނެ ވާހަކަ ބުނަން ފޯނު ކޮބައިތޯ ބަލައިލިއެވެ. ޑްރެސިންގޓޭބަލް މަތީގައި ދަބަސް އޮތެވެ. ނައުރާގެ ހިތް ތެޅިގަތެވެ. އަނެއްކާ ފޯނާ ވޮލެޓާ ކޮބައިބާވައެވެ. ނައުރާގެ ހުރިހާ އެއްޗެއްހެން ހުރީ ގާތްގަނޑަކަށް އަތްދަބަހުގައެވެ. ކޮޅަށް ތެދުވުމުން ހޫރޭހެން ވެސް ހީވިއެވެ. ކައިރީގައި ހުރި ގޮނޑީގައި ހިފަމުން ތެދުވެ އަތްދަބަސް ނަގައި ހުޅުވައިލިއެވެ. ތުރުތުރުލައި އިނގިލިތަކަކުން ފަހަރަކު އެއްޗެއް ހުރިތޯ، ހަމަތޯ ބެލިއިރު ހުރިހާ އެއްޗެއް ހަމައަށް ހުއްޓެވެ. ނައުރާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ދަބަހުން ފޯނު ނަގައި ފިހާރައަށް ގުޅައި މިއަދު ބަލި ވާހަކަ ބުނުމަށްފަހު އަނެއްކާވެސް އޮށޯތެވެ. ރޭގެ މަންޒަރު ފެށިގެން ގޮސް ނިމެންދެން ސިކުޑީގައި އެނބުރެމުން ދިޔައެވެ. މަޒީދު ނައުރާގެ ހެދުން ދަމައިގަންނަން އުޅުމުން ގަދަ ހެދި ހަނދާނެއް ވެސް ވިޔެވެ. މޫނުގައި މޫނު ހާކަން ފެށުމުން ކޮއްޕާލަން އުޅުނު ހަނދާނެއް ވެސް ވިއެވެ. އަދި ތަދުވާ ވާހަކަ އެތައް ފަހަރަކު ބުނަން އުޅުނު ހަނދާނެއް ވެސް ވިޔެވެ. އަނެއްކާ އެ ނުލަފާ ޝައިޠާނާ ހުރީ ހަމަ ހޭގައި ހެއްޔެވެ! ނައުރާއަށް ހިތާ ހިތާ ސުވާލުކުރެވުނެވެ.

އެ ވަގުތު އެ ފިރިހެނާ ނައުރާއަށް ހަދާލަނެ ގޮތް ހިތަށް އެރުމުން އަނެއްކާވެސް ނައުރާއަށް ރޮވިއްޖެއެވެ. މިފަހަރު ރުއީ އަޑުހަރުކޮށް ބާރަށެވެ. އެ އަޑު ހިފަހައްޓާކަށް ނައުރާ ބޭނުމެއް ނުވިއެވެ. ބޭނުންވީ ހިތާ ސިކުނޑީގައި އުފެދެމުންދާ އުދާސް ބޭރުކޮށްލާ ހިތާ ނަފުސަށް ލުޔެއް ލިބި ގަތުމެވެ.

އާދައިގެމަތިން ރިސޯޓަށް ދިޔަ އެގޭގެ ދެމަފިރިން ހަވީރު އަތަށް އެޅިއިރު މާލެ އަތުވެއްޖެއެވެ. އެހެން ފަހަރުތަކަށްވުރެ އަވަހަށެވެ.

ނިދިފައި އޮތް ނައުރާއަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ސިއްސައިގެންގޮސް ނައުރާއަށް ތެދުވެ އިށީނދެވިއްޖެއެވެ. އެވަގުތަކީ ހިދާޔާ ދެވަނަ ފަހަރަކު ވެސް ޓަކި ޖަހާލަމުން ނައުރާއަށް ގޮވިފަހަރެވެ.

ނައުރާ ތެދުވެ މަޑުމަޑުން ހިނގާލާފައި ގޮސް ދޮރު ހުޅުވައިލިއެވެ. ހިދާޔާ ފެނުމުން ނައުރާވީ ފާޑެއްގެ ފޫއްސެކެވެ. އެކަން މޫނުމަތިން ނުދައްކާވޭތޯ ނައުރާ މަސައްކަތް ކުރިއެވެ.

ނައުރާއަށް ދެތިން ފަހަރަކު ގުޅުމުން ވެސް ފޯނު ނުނެގުމުން ހިދާޔާ އަނިލްއަށް ގުޅިއެވެ. ނައުރާ ބަލިވެ އުޅޭކަން އެނގިގެން ދަތުރު ކުރުކޮށްލީކަމަށް ހިދާޔާ ބުނީ ނައުރާ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ.

“ނައުރާ! ތެދެއް ބަލިވީތަ!” ހިދާޔާ އަތް ޖައްސައިލީ ނައުރާގެ ނިތުގައެވެ. އަދި މޫނަށް ބަލާލަމުން ނައުރާ ހުމާ ފިހެނީ ނޫންހޭ ބުންޏެވެ.

“ބަލާލާ ދެލޯ ވެސް! …….ރަތްވެ ދުޅަ އަރާފަ! ކީއްވެ ދައްތަ ގާތު ގުޅާފަ ނުބުނީ …. ނައުރާ!” ރާއަށް ދަމައިލަމުން ހިދާޔާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ހިނގާ ޑޮކުޓަރަށް ދަމާ! ތައްޔާރުވޭ! ދައްތަ މިއަންނަނީ!”

ނައުރާ ވަގުތުން ދެކޮޅުހެދިއެވެ.

“މިހާރު ކުޑަކޮށް ރަނގަޅު!” މާދަމައަށް ރަނގަޅު ނުވަންޏާ ދާނީ!”

ނައުރާގެ ޖަވާބު އަޑު އިވުމުން ހިދާޔާ ހިތްހަމައެއް ނުޖެހުނެވެ. އެހެން ނަމަވެސް އިތުރު އެއްޗެއް ނުބުނެ އިރުކޮޅަކު ނައުރާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަނިލްއަށް ގޮވާލާފަ ނައުރާއަށް ގިނަގިނައިން ދިޔާ އެއްޗެހި ގެނެސްދޭން ބުނެފައި ވަނީ ކޮޓަރިއަށެވެ. ހިދާޔާ ގޮސް ކޮޓަރިއަށް ވަންނަންދެން ބަލަހައްޓައިގެން ނައުރާއަށް ހުރެވުނެވެ. ދެން އަނެއްކާ ވެސް ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.

އެދުވަހު ވެސް އެރެއަކު ވެސް މަޒީދުގެ އަޑެއް ގޭތެރެއަކުން ވެސް ނައުރާ އަކަށް ނީވެއެވެ. އަހަން ބޭނުން ނުވިއަސް މަޒީދު އުޅޭނަމަ އަޑު އިވޭނެއޭ ނައުރާ ހިތަށް އެރިއެވެ. ނައުރާއަށް ރަނގަޅީ ދުވަހަކު ވެސް އެ މޫނު ދެން ނައުރާގެ ދެލޮލަށް ނުދެއްކެވުމެވެ.

ނައުރާ އުންމީދުކުރި ގޮތަށް ފަހު ދުވަހު ހެނދުނު ތެދުވި އިރު ހުން ވިހެލައިފިއެވެ. ހަށިގަނޑުގައި ހުރި އުދަނގުލުގެ އަސަރުވެސް ކުޑަ ވެއްޖެއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ގޭތެރޭގެ މަސައްކަތުގައި އަނިލްއާއެކު ބައިވެރިވާން ނައުރާ ބޭނުން ވިއެވެ. އެކަމަކު ވެސް އަނިލް އެ ގޮތް ގަބޫލުނުކޮށް ނައުރާ ސިޓިންރޫމުގައި އަނިލްއަށް ގޮތް ކިޔައިދޭން ބައިންދާފައި އިނީއެވެ.

ގޭގެ މަސައްކަތް ނުކުރިއަސް މެންދުރު ފަހު ނައުރާ ފިހާރައަށް ދާން ނިންމިއެވެ. ތައްޔާރުވާން ފާޚާނާއަށް ވަނުމުގެ ކުރިން ފުރަތަމަ ފަހަރަށް ވައިބަރ ޖައްސައި ފޯނު ހާވަން ފެށިއެވެ. އައިސްފައި ހުރި ވައިބަރ މެސެޖުތައް ބަލަމުން ދަނިކޮށް ނައުރާއަށް ހުއްޓުމެއް ލިބުނީ މަޒީދު ފޮނުވާފައި ހުރި މެސެޖުތަކެއް ފެނުމުންނެވެ.

އެރޭ އޭނަ އެ ކުރިކަންތައް އެނގޭނީ އޭނާއަށް އެކަނިކަން އެނގޭތީ އެއީ ހަމަ އެ ނުލަފާ އިންސާނާ ކޮށްފައި ހުރި މެސެޖުތަކެއްކަން ނައުރާއަށް ޔަގީން ކުރެވުނެވެ.

ފުރަތަމަ ދެތިން މެސެޖު ކިޔައި ލުމަށްފަހު ހުރިހާ މެސެޖެއް ޑިލީޓްކޮށްލާ ނަމްބަރ ބްލޮކުކޮށްލުމަށް އިނގިލިތައް ހަރާކާތް ވެސް ކުރިއެވެ. އެހެންނަމަވެސް ހިތަށް އައި އެއްޗަކުން ހުރިހާ މެސެޖުތަކެއް ވެސް ކިޔައި ނިންމައިލިއެވެ. ހުރިހާ މެސެޖެއްގައިވެސް ހުރީ ދާދި އެއްވާހަކައެކެވެ.

“ނައު! ޕްލީޒް އަހަންނަށް މަޢާފު ކޮށްދީ!……. އެރޭ އެގޮތަށް ކަންތައް ކުރެވުނީ އަހަރެންގެ ކުށުންކަން ގަބޫލުކުރަން! އަހަންނަށް ނައު ފެނުނު ފުރަތަމަ ފަހަރުން ނައުދެކެ ލޯބި ވެވުނީ!……… އަހަންނަކީ އަހަރެން ބޭނުން ކޮށްމެ ކަމެއް ކޮށްފަ ނޫނީ ހުއްޓާ ނުލާ މީހެއް! އެއީ އަހަރެންގެ ބަލިފައި! ……….ގަބޫލުކުރަން! އަހަންނަށް ކުރެވުނު ކުށަށް މަޢާފު ވެސް ޙައްގެއް ނޫންކަން…..! އެކަމަކުވެސް އަހަންނަށް ކުރެވުނު އެ ގޯސްކަމަށް ދެރަވަން!….. ނައު މަޢާފު ކުރާނެ ކަމަށް އުންމީދު ކުރަން! ……….ކޮންމެވެސް ދުވަހަކުން!”

”ލޯބި!” ނައުރާއަށް ކިޔައިލެވުނެވެ.

”ލޯބިވާތީތަ ހިތުހުރި ގޮތެއްތަ ހަދަން ޖެހެނީ! ލޯބިވަންޏާ އަނިޔާވެރިތަ ވާން ޖެހެނީ! ލޯބިވާ މީހުން އެމީހުންގެ ޢިއްފަތް ފޭރޭތަ!” މަޒީދުގެ ހުރި އަނިޔާވެރިކަން ހިތަށް ވަނުމުން އެއީ ލޯބީގެ ނަމުގައި ކެހިދޭން ކިހާ މޮޅުމީހެއްކަން ނައުރާގެ ހިތަށް ވިސްނައިދިނެވެ.

އެހެން މެސެޖެއްގައި ދެން ލިޔެފައި ހުރި އެއްޗަކުން މަޒީދުއަކީ ކޮންކަހަލަ މީހެއްކަން ނައުރާއަށް ރަނގަޅަށް އެނގުނެވެ. އެ ޙަޤީގަތް އެނގުމުން ނައުރާގެ ހިތުގައި މަޒީދުއާ ދޭތެރޭ އުފެދިފައިވާ ނަފުރަތާ ރުޅީގެ އިތުރަށް ފޫހިކަން އެތައް ގުނައަކަށް އިތުރުވެ ބޮޑުވެގެން ދިޔައެވެ.

“ރޭގައި އަހަންނަށް ނައުއާ ދޭތެރޭ އެ ގޮތަށް ކަންތައް ކުރެވުނީ ހަމަ ހެއަކު ހުރެގެނެއްނޫން ………..! މިހާރު ވަރަށް ދެރަވޭ އެ ގޮތަށް ކަންތައް ކުރެވުނީމަ……. ސޮރީ އިނގޭ! މާ ބޮޑަށްވެސް ދެރަވެއްޖެ!”

މެސެޖު ކިޔާ ނިމުނު އިރު ނައުރާއަށް އިނދެވުނީ ދަތްކުނޑި ވިކިފައެވެ. ދެއަތް މުށްކެވިފައެވެ. އެހެންނަމަވެސް ސިކުނޑި ހަމައަކަށް އަޅުވަމުން ހިތްވަރުލާ ދެން ހުރި މެސެޖު ވެސް ކިޔައި ނިންމައިލިއެވެ.

“އަހަރެންނަށް ކުރެވުނު ކުށުން ސަލާމަތްވާން އަހަރެން މިހިރީ ނައުއާ މެރީ ކުރަން ތައްޔާރަށް! ……. މިހާރު ނައު އާނއެކޭ ބުންޏަސް އަހަރެން މިހިރީ ނައުއާ އިންނަން ތައްޔާރަށް! ……. ޕްލީޒު ރިޕުލައި މީ! އައި ލަވް ޔޫ ސޯމަޗް! ނައުގެ ހާލަތާމެދު މިހާރު އަހަރެން ދެރަވޭ! އުންމީދުކުރަން ތީ އަހަރެންގެ މީހަކަށް ވާން ރުހޭނެ ކަމަށް!”

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !