ސަތާރަ ވަނަބައި
ނައުރާ ބަލައިލީ އެއްފަރާތު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. އެއަށްފަހު ތެދުވެގެން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ފަހަތުން ޒަކުވާން ވެސް އަންނާތީ ފެނުނެވެ. ތަންކޮޅެއް ބާރަށް ހިނގާފައިދިޔަ ނައުރާ ނަރުސްކުއްޖެއްގެ އަތުން ޓެކްސީއެއްގެ ނަމްބަރ ހޯދި އިރު އަޑުއިވޭ ހިސާބު ދުރުގައި ޒަކުވާން ރުޅިން އަނދައަނދާ ހުއްޓެވެ.
އެއް ފަރާތަކަށް ޖެހިލަމުން ނައުރާ ގުޅީ ޓެކްސީއަށެވެ. ހުއްޓާނުލާ ދެތިން ނަމްބަރަށް ނައުރާ ގުޅިކަން ޒަކުވާންއަށް އެނގެއެވެ. އެހެންނަމަވެސް ކުޅިބަލަން ހުރުން ނޫންކަމެއް ޒަކުވާންއަށް ކުރެވޭކަށްނެތެވެ. އެނގޭކަމަކީ ނައުރާ ހަމަ އިސްކޮޅަށް ދެމިލައިފި ކަމެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެއްޖެކަމެވެ. ތިމާގެ ކަންކަން ތިމާ އަމިއްލައިން ކުރެވޭކަން ދައްކާލެވޭ ވަރު ވެއްޖެކަމެވެ.
ޓެކްސީ އައިސްގެން ނައުރާ ޓެކްސީއަށް އެރިއިރު ޒަކުވާން އިނީ ސައިކަލު ސްޓާޓް ކޮށްގެންނެވެ. ޓެކްސީ ދުއްވާލުމުން ޒަކުވާން އައީ ޓެކްސީގެ ފަހަތުންނެވެ. ނައުރާއަކަށް އެކަމެއް ނޭނގެއެވެ. ނައުރާ ގެއަށް އައިސް ފޭބިތަނުން ޓެކްސީގެ އަރިމަތިން ޒަކުވާން ވަށައިލިތަން ނައުރާ ދުށްޓެވެ.
ޙައިރާންވެ އަންތަރީސްވެގެން ނައުރާއަށް ހުރެވުނީ ޒަކުވާން ގޮސް ގެއްލެން ދެން ވެސް ބަލަހައްޓައިގެންނެވެ. މީ ފުކެއް ބޮޑުވަރެވެ. އަމިއްލަ ކޮއްކޮ ވެސް މިވަރުން ބަލަހައްޓާހެއްޔެވެ! ނައުރާއަށް ދެއަތަކަށް ބޯ ހޫރާލެވުނެވެ.
ނިދަން އޮށޯވެ އުޅެ އުޅެވެސް ނައުރާއަކަށް ނުނިދުނެވެ. ހިތް އެދެނީ ޑާޓާ ޖެއްސުމަށެވެ. ސާޖިދުގެ ޚަބަރެއް ވެފައި އޮއްތޯ ޗެކުކޮށްލުމަށެވެ. އަލުން ސާޖިދަށް މެސެޖު ކުރުމަށެވެ. ދެންވެސް ނައުރާ ކެއްކުރިއެވެ. ތިމާއާ ހެދި ނޫޅޭވަރަކުން އެއްވެސް މީހަކާހެދި އުޅުމުގެ ބޭނުމެއްނެތެވެ. ލޯބި ވިޔަސް ލޯބި ވާންވާނީ ތިމާއަށް އެ އިޙުސާސް ކޮންޓްރޯލް ކުރެވޭ ވަރަށެވެ. ނައުރާ ބޭނުންވަނީ އަމިއްލަ ހިތް މި ވަރު ގަބޫލުކުރުމެވެ.
ހިތަކީ ހާދަ ބަސްނާހާ އެއްޗެކެވެ. އަމިއްލަ ގޮތް އަބަދު ވެސް އިސްކުރެއެވެ. ނިންމާނީ ތިމާ ބޭނުންގޮތެކެވެ. އެންމެ ފަހުން ނައުރާއަށް ހަމަ ޖެހުމެއް ލިބުނީ ފޯނުގެ ޑާޓާ ޖެއްސުމުންނެވެ. ފުލުފުލުގައި މެސެންޖަރއިން މެސެޖު އަންނަ އަޑުން ނައުރާ އުފަލުން ފޮޅުނެވެ. މެސެންޖަރއިން ނައުރާއަށް މެސެޖު ކުރާނެ ދެވަނަ އިންސާނަކު ނުހުންނާނެއެވެ. އެކަން ނައުރާއަށް ޔަގީނެވެ.
ސާޖިދުގެ އެތައް މެސެޖެކެވެ.
“އަހަރެން ނައުރާ ދެރަ ވާނެ އެއްވެސް ކަމެއް ދުވަހަކު ވެސް ކުރާކަށް ބޭނުމެއް ނޫން! ދުނިޔޭގައި އުޅޭއިރު ކިތަންމެ ކަމަކާ ކުރިމަތި ލާންޖެހޭއިރު އަހަރެމެން ދެމިހުންގެ ބާރު ނުފޯރާ ކިތަންމެ ކަމަކާ ވެސް އަހަރެމެން ކުރިމަތިލާން ޖެހޭނެ! ހަޤީގަތަކީ ……..! ނައުރާ!……. ގަބޫލުކުރާނެ ކަމެއްވެސް ނޭނގެ! އެކަމަކު ތެދަށް ބުނެފިއްޔާ ނައުރާ ގަބޫލުކުރާނަންތަ! ….. މިދުނިޔޭގައި އަހަރެންގެ މަންމަ ފިޔަވައި އަހަރެންގެ އެންމެ ޚާއްސަ މީހަކީ ތިއީއޭ ބުނެފިއްޔާޔޯ
……! ހެ ހެ ހެ ! އުދަނގޫ ދޯ ގަބޫލުކުރަން!”
ނައުރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ހިތުގެ ދުރުމީއިން އެ ހިތުގައި ކުރަހާލެވިފައިވާ ސާޖިދުގެ ތަސްވީރަށް ރަނގަޅަށް ބަލައިލިއެވެ. އަދި ހީނލިއެވެ. އެ ގޮތަށް އިރުކޮޅަކު އޮތުމަށްފަހު އަނެއްކާ ވެސް ކިޔަން ފެށިއެވެ.
” އަހަންނަށް ހީވަނީ އަހަރެން ނައުރާ ގާތު ދައްކަން ބޭނުން ހުރިހާވާހަކައެއް ދައްކަންވި ވަގުތު ޖެހިއްޖެހެން! ނޫނީ މާލަސްވެ އަހަރެން ހިތާމަ ކުރަން ޖެހިދާނެހެން! އެކަމަކުވެސް …… ބުނަން ފަސްޖެހެވެނީ ވަރަށް ގިނަ އުޒުރު އޮތުމުން! ….. އަހަރެން ނައުރާ ދެކެ ލޯބިވެޔޭ! ނައުރާއާ ނުލާ އަހަންނަށް ދުނިޔޭގައި ނޫޅެވޭނެޔޭ އަހަރެން ބުންޏަސް ނައުރާ އަހަރެން ގަބޫލު ނުކޮށްފާނެތީ ބިރުގަނޭ! ނައުރާއަށް އަހަރެން ކަމު ނުގޮސްފާނެތީ ޖެހިލުންވޭ! …. އަހަންނަކީ ކާކު ކަން ބުނަން ހިތަށް އަރުވާއިރު އަހަރެން …………! ނައުރާ! ކިހިނެތް އަހަރެން މިހެން ބުނާނީ!”
ނައުރާގެ ހިތުގައި ލައްކަ ސުވާލު އުފެދުނެވެ. އަނެއްކާ ސާޖިދަކީ އުނި މީހަކީހެއްޔެވެ! ނޫނީ ބޮޑު ބައްޔެއްގައި އުޅޭ މީހަކީ ހެއްޔެވެ! ކަންފަތުގައި އަޑުނީވޭ ބީރު މީހަކީހެއްޔެވެ! އޯޓިޒަމް ހުންނަ މީހަކީ ހެއްޔެވެ.! ނުވަތަ ޑައުންސިންޑްރޯމް ހުންނަ މީހަކީހެއްޔެވެ! ނުވަތަ ޑްރަގް ……. ނައުރާއަށް ނޫން ނޫން އޭ ބުނެވުނީ ނިކަން ބާރަށެވެ. ކޮޓަރީގައި އެހެންމީހަކު ނެތްކަން ނަސީބެވެ.
ނައުރާއަށް އެނގޭކަމަކީ ދުވަހަކުވެސް ސާޖިދުގެ ޕްރޮފައިލް ފޮޓޯ ބަދަލު ނުކުރާކަމެވެ. އަމިއްލަ ފޮޓޯއެއް ލައިފައި ނުހުންނަކަމެވެ.
ސާޖިދުގެ މެސެޖުތައް ކިޔައިލުމުން އެކަންވީ ބޮލުގެ ރިހުމަކަށެވެ! ހިތަށް ލިބުނު އިތުރު ވޭނަކަށެވެ! ސާޖިދު ދައްކާފައި ހުރި ވާހަކަތަކަށް ވިސްނަން އޮއްވާ އައީ ސާޖިދުގެ އިތުރު މެސެޖެކެވެ. ސާޖިދު އޮންލައިން ވީކަން ނައުރާއަކަށް ނުވެސް އެނގުނެވެ.
“ނައުރާ! އަހަރެން ނައުރާ ދެކެ ވަރަށް ވަރަށް ލޯބިވޭ! ނައުރާއަށް ކެރޭނެތަ އަހަންނަކީ ކޮންމެ މީހަކަށް ވިޔަސް އަހަރެން ގަބޫލުކުރަން!”
“ސާޖިދު!………. ތިއީ ގައިމު އަހަންނާ ކައިވެނި ހެޔޮވާނެ މީހެއް! އަހަންނަކީ އެއްބަނޑު އަދި އެއްބަފާ ވިޔަސް އިތުރު މީހަކު ހުރި މީހެއް ނޫން! ދެން އެންމެ ގާތް ބަޔަކަށް އުޅޭނީ އަހަރެންގެ ބޮޑުބޭބެގެ ކުދިން! ސާޖިދު ނުވާނެ ބޮޑުބޭބެގެ ކުއްޖަކަށް! ވީއިރު އަހަރެން ސާޖިދު ގަބޫލު ނުކުރަންޖެހޭ ސަބަބަކީ ކޮބާ! ބުނެބަލަ!”
ނައުރާ އޮޅުން ފިލުވަން ބޭނުންވިއެވެ.
“އަހަރެން މީ ކޮންމެ މީހަކަށްވިޔަސް އަހަރެންގެ ހަގީގަތް އެނގޭ ދުވަހަކުން އަހަރެން ދޫކޮށްފައި ނުދާން ވަޢުދުވޭ!”
ސާޖިދު ލިޔުނެވެ. އާދޭހާއެކުގައެވެ.
ވިސްނާ ވެސް ނުލާ ނައުރާ އެއްބަސްވިއެވެ. ފަހުން އެކަމާ ދެރަވެސް ވިޔެވެ. މި ނިންމުނީ މުޅި ދިރިއުޅުމާ ގުޅުން ހުރި ނިންމުމެކެވެ. އެކަމަކު ވެސް ވެވުނު އެއްބަސްވުން އަނބުރާ ގެންނާކަށް ނައުރާ ބޭނުމެއް ނުވިއެވެ.
“ނުދާނަން! ވަރިހަމަ ތީ ގުނަވަނެއް މަދު މީހަކަށް ވިޔަސް! ވަރިހަމަ ތީ އޯޓިޒަމް މީހަކަށް ވިޔަސް! ވަރިހަމަ ތީ ޑައުންސިންޑްރޯމް މީހަކަށް ވިޔަސް! ވަރިހަމަ ތީ އަޑު ނީވޭ މަންމަނަކަށް ވިޔަސް!…… އެކަމަކު!”
“އެކަމަކު ކީއްވީ! ބުނޭ ލޯބި!”
ސާޖިދަށް ސިހުން ލިބުނެވެ. އަދި ދުވަހަކު ވެސް ބޭނުން ނުކުރެވޭހާ ގާތްކޮށް ނައުރާއާ ވާހަކަ ވެސް ދެއްކިއްޖެއެވެ. އެކަމު ނައުރާއަށް އެކަން ފާހަގަވި ހެނެއް ހިއެއް ނުވެއެވެ.
“ޑްރަގު ނަގާމީހަކަށްވެގެން ނުވާނެ! އަންހެންކުދިން ރޭޕް ކުރާ މީހަކަށް އަމުދުން ވެގެން ނުވާނެ! ފިރިހެން ކުދިން ކަމުދާ މީހަކަށްވެގެން ނުވާނެ!……… އަދި ކުޑަކުދިންނާ ………!”
ނައުރާ ހުރީ މިކަންކަން ނޫން ހުރިހާކަމަކަށް އެއްބަސްވާން ތައްޔާރަށެވެ.
“ނައު ގާތު ބުންނަތަ ވާހަކައެއް!… ތިބުނި އެއްވެސް ކަހަލަ ކަމެއް އަހަރެންގެ ނެތް! އެއީ ނަސީބުކަމެއް ބަދުނަސީބުކަމެއް އަދި ބުނާކަށް އަހަންނަކަށް ނޭނގެ!”
ސާޖިދުގެ ޖަވާބު ލިބުމުން ނައުރާގެ ހިތް އުފަލުން ފޮޅުނެވެ.
“އެހެންވިއްޔާ ހިނގާ އަހަރެމެން މީޓްވަމާ! އަހަރެން ވެސް ސާޖިދު ގާތު ދައްކަން ބޭނުން ވަރަށް މުހިންމު ވާހަކައެއް އެބައޮތް! ސާޖިދު ވެސް އެބަޖެހޭ އެ ވާހަކަތައް އަޑުއެހުމަށްފަހު އަހަރެން ދޫކޮށްނުލާނެ ކަމަށް ވަޢުދުވާން!”
“ދޫކޮށެއް ނުލާނަން! ދުވަހަކު ވެސް ދޫކޮށެއް ނުލާނަން! އެފަދަ ސަބަބެއް ނުވެސް އޮންނާނެ!”
ނައުރާގެ ހިތް ތެޅިލިއެވެ. މެއަށް ބާރުވެލިއެވެ. ބިރުގަންނަނީއެވެ. ސާޖިދު ގާތު ބުނަން ޖެހޭ ވާހަކައެއްގެ ބާވަތުން ނައުރާއަށް ދޮގެއް ހަދަން ޖެހިދާނެތީއެވެ. ނައުރާ ބުނަން އޮތީ ކިހާވަރެއްގެ ކޮން ފާޑެއްގެ ވާހަކައެއް ކަން ސާޖިދަށް އެނގޭނަމަ އެހެނެއް ނުބުނީހެވެ. އެކަމަކު ވެސް ދޮގެއް ހަދާކަށް ނައުރާ ބޭނުމެއް ނުވެއެވެ. ސާޖިދު ނައުރާ ގަބޫލުކުރިއަސް ނުކުރިއަސް ނައުރާ ވާހަކަ ދައްކާނީ ތެދަށެވެ.
ޔަގީންކަމާއެކު ސާޖިދު ދިން ޖަވާބުން ނައުރާއަށް ހިންދިރުވައި ލެވުނެވެ. ހިތުގައި ފިނިރާޅެއް ދުވެލިއެވެ. ބިރުވެރި އިންޒާރެއްގެ ސިގުނަލް ދޭން ފެށިއެވެ.
ނައުރާގެ ޙަގީގަތް އެނގޭ ދުވަހަކުން ސާޖިދު ނައުރާ ދޫކޮށްލައިފިއްޔާ ނައުރާގެ ހިތް ހުއްޓޭނެއެވެ. ނައުރާ މޮޔަވާނެއެވެ. ނައުރާ އެވަނީ ސާޖިދުގެ ޖާދޫގައި އެހާ ވަރަށް ޖެހި މެހިފައެވެ. މާ ބޮޑަށް ވެސް ސާޖިދު ދެކެ ލޯބިވެވިފައެވެ.
އިރުކޮޅެއް ވުމަށްފަހު ސާޖިދު އަނެއްކާ ވެސް ލިޔަން ފެށިއެވެ.
“އަދި އެއްވާހަކަ! ……. ”
“އަހަރެން އަބަދުވެސް ވަނީ ނައުރާއާ ވަރަށް ގާތުގަ! …… ހިތާ ރޫޙުން! އަހަންނަށް ނައުރާ އެނގޭތާ ލައްކަ ޒަމާން! އެކަމަކު ހަޤީގަތުގައި ނައުރާއަކަށް އަހަރެންގެ ގޮތުގައި އަހަންނެއް ނޭނގޭނެ!”
ނައުރާ ވިސްނައިލިއެވެ. މާލޭގެ ކޮންމެވެސް ތަނަކުން ފެނުނީތާއެވެ. ފިހާރައިން ކަމަށްވެސް ވެދާނެއެވެ. ނޫނީ ކޮލެޖަށް ދާ މަގުމަތިން ……. އެސުވާލު ކުރަން ހިތަށް އަރާފައި ވެސް ނައުރާ މަޑުކުރިއެވެ.
“އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ ދޮންބައްޕަ! އަހަރެންގެ މަންމަ ދޮންބައްޕަޔާ އިނީ އަހަރެންގެ އުމުރުން ހަތަރު އަހަރުގައި! އެކަމަކު ދޮންބައްޕަ އަހަރެން ބަލާ ބޮޑުކުރީ އޭނަގެ އަމިއްލަ ދަރިއަކު ފަދައިން! އެއީ މިދުނިޔެ މަތިން އަހަރެން ދުށް އެންމެ މާތް އެންމެ ރަނގަޅު އިންސާނާ! …… ނައުރާއަށް ތިފެންނަ އަހަރެންގެ ނަމަކީ އަސްލު އަހަރެންގެ ނަމެއް ނޫން! އެއީ އަހަރެންގެ ނަމުގެ އެއްބައި! ….. ސާޖިދު އެއީ އަހަރެންގެ ބައްޕަގެ ނަން! ސާޖިދުގެ ގޮތުގައި ނައުރާއާ އަހަންނާ ބައްދަލުވުމުގެ ކުރިން މިވާހަކަ ބުނަން ޖެހޭތީ ބުނެލީ!….. އޭރުން ނައުރާއަކަށް ނުބުނެވޭނެ އަހަންނަކީ އޮޅުވާލާ މީހެކޭ އަދި ދޮގު ހަދާ މީހެކޭވެސް! ….”
މާދަމާ ރޭ މީޓްވާނެކަމަށް ބުނެފައި ސާޖިދު ފޯނު ނިއްވައިލިއެވެ. ނައުރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ނައުރާއަށް ވިސްނައިލެވުނެވެ. ސާޖިދު މިއީ ޢަޖާއިބެއްފަދަ އިންސާނެކެވެ. ސާޖިދު އެއީ ނައުރާގެ ރަށުގެ މީހަކަށެއް ނުވާނެއެވެ. އެނަން ކިޔާ އެއްވެސް މީހަކު ރަށުގައި އުޅޭ ކަމެއް ނައުރާއަށް އެނގިފައެއް ނެތެވެ. ނޭނގި ވެސް ހުރެދާނެއެވެ. …….އެކަމަކުވެސް މި ސާޖިދު ވާނީ ރަށުން ބޭރު މީހަކަށެވެ. އެހެންވެއްޖިއްޔާ ސާޖިދު މާދަމާގެ ލޯންޗުން މިރަށަށް އަންނަނީތާއެވެ. ނައުރާގެ ހިތް ބުންޏެވެ.
ފޯނު ސައިލެންޓަށް ލުމަށްފަހު ނައުރާ ވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. ސާޖިދާ އެކު ދެކެވުނު ވާހަކައިން ލިބުނު ހިތްހަމަޖެހުމާ ދުވާލުގެ ވަރުބަލިކަމާ އެކުވުމުން ވަރަށް ފަސޭހައިން ނައުރާއަށް ނިދިއްޖެއެވެ.
ނައުރާއަށް ހޭލެވުނީ އަނީސާއްތަ ގޮވާއަޑަށެވެ. ދެލޯ އުނގުޅަމުން ފުރަތަމަ ނައުރާ ބަލައިލީ ފޯނަށެވެ. ގަޑިން ވީއިރެކެވެ. އަސްތަޣުފިރުﷲ، ހެނދުނު ހަތެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތު ދިޔައީއެވެ. އެހެންކަމުން އަނީސާ ގާތު މި ތެދުވީ ކަމަށް ބުނެފައި ނައުރާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ.
ފެންވަރާ ތާޒާވެލައިގެން ސައި ތައްޔާރުކުރަން ނިކުތް ނައުރާއަށް ފެނުނީ މޭޒުމަތީ އަތުރާފައި ހުރި ތަށިތަކެވެ. ސައިބޯން ތައްޔާރުކޮށްގެން އަނީސާ ހުއްޓެވެ. ހައިރާން ކަމާއެކު ނައުރާ ބަދިގޭގެ އެތަން މިތަނަށް ނަޒަރު ހިންގައިލިއެވެ.
“ބޮޑުބޭބެ މިހާރު ކިހިނެތް!”
ދައްކާނެ ވާހަކައެއް ނޭނގުމުން ނައުރާ ދެއްކީ އެންމެ މުހިންމު ވާހަކައެވެ.
“ވަކި ރަނގަޅެއް ނޫން!”
މޮޅިވެރި އަޑަކުން އަނީސާ ވާހަކަދެއްކުމުން ނައުރާ ބަލައިލީ އޯގާތެރިކަމާއެކު އަނީސާގެ މޫނަށެވެ.
“މެންދުރަށް ކައްކާ ހަދާފަ އަހަރެން ދާނަން ހޮސްޕިޓަލަށް! ސައި ބޮއެގެން މި ގަޑީގައި ނައުރާ ދޭ ހޮސްޕިޓަލަށް!” އަނީސާ ބޭނުންވީ ނައުރާ ހޮސްޕިޓަލަށް މިގަޑީގައި ދިއުމަށެވެ. ވާހަކަ ދެއްކި އިރު އަޑުގައިވަނީ އޯގާތެރިކަމެވެ.
“އަހަރެން ކައްކަފާނަން! އަނީސާއްތަ ދޭ ހޮސްޕިޓަލަށް! ގޭގައި އެއްވެސް ކަމެއް ނުކޮށް ހުންނަން އަހަންނަށް ވަރަށް އުދަނގޫ!”
ނައުރާ ފާޅުކުރީ ހަޤީގަތެވެ.
(ނުނިމޭ)
ޚިޔާލުތައް