އަށާރަވަނަ ބައި
“މެންދުރަށް ކައްކާ ހަދާފަ އަހަރެން ދާނަން ހޮސްޕިޓަލަށް! ސައި ބޮއެގެން މި ގަޑީގައި ނައުރާ ދޭ ހޮސްޕިޓަލަށް!” އަނީސާ ބޭނުންވީ ނައުރާ ހޮސްޕިޓަލަށް މިގަޑީގައި ދިއުމަށެވެ. ވާހަކަ ދެއްކި އިރު އަޑުގައިވަނީ އޯގާތެރިކަމެވެ.
“އަހަރެން ކައްކަފާނަން! އަނީސާއްތަ ދޭ ހޮސްޕިޓަލަށް! ގޭގައި އެއްވެސް ކަމެއް ނުކޮށް ހުންނަން އަހަންނަށް ވަރަށް އުދަނގޫ!” ނައުރާ ފާޅުކުރީ ހަޤީގަތެވެ.
“ތީ ރަނގަޅު ގޮތެއް!”
މަގުތަކަށް ސައި ހަދަން ތައްޔާރުވަމުން އަނީސާ ޖަވާބުދިނެވެ.
ކައްކާފައި ހުރި ފެން ޖަގު ހިފައިގެން އައިސް ނައުރާ ސައި ގިރަން ފެށިއެވެ. އެހެންކަމުން އަނީސާ އައިސް އަނީސާ އިށީންނަ ގޮނޑީގައި ހަމަޖެހިލިއެވެ. އެވަގުތު ބޭރުން ގެއަށް ވަދެގެން އައި ޒަކުވާން ފެނުމުން އަނީސާ ގޮވައިލީ ޒަކުވާންއަށެވެ! ސައިބޯން އައުމަށެވެ.
”ދަރިފުޅު މަންމަ ބަލާތަ ތިއައީ! ސައިބޮއެގެންތާ ދެވޭނީ!”
އޯކޭ އޭ ބުނަމުން އައިސް ޒަކުވާން އިށީނުމުގެ ކުރިން ޒަރީން ކޮބައިތޯ މަންމަ ކައިރިން އަހާ އަޑު ފުރަގަސް ދީގެން ހުރި ނައުރާއަށް އިވެއެވެ.
އަނީސާ ތެދުވެގެން ހިނގައިގަތީ ކުދިކިޔަމުން ޒަރީން ކޮބައިތޯ ބެލުމަށެވެ.
”ޔަގީން ގޭމް ކުޅެން އޮންނާނީ! މަގޭ ހިތަށް އަރާ މި ހެދި ބަޔަކު މީހުންގެ ދަރިން ހަލާކު ކުރަން މިނޫން ކަމެއް ކުރަން ނޭނގުނީ ބާވައޭ!”
އަނީސާގެ ވާހަކަ ހުރި ގޮތުން ޒަކުވާންއަށް ހެވުނެވެ. އަދި އެނބުރި ފަސް ބަލައިލިއެވެ.
އެ ވަގުތަކީ ނައުރާ ސައިތައްޓެއް ގެނެސް ޒަކުވާންގެ ކުރިމަތީ ބެހެއްޓި ވަގުތެވެ. އިސް އުފުލާ ބަލައި ވެސް ނުލާ ތޭންކްސް ބުނުމަށްފަހު ޒަކުވާން ސައިތަށީގައި ތުން ޖެހިއެވެ.
ޒަރީން މަންމައާއެކު އައިސް ސައިބޯން އިށީނުމުން ނައުރާވެސް އިށީނެވެ. ވައްކަޅިން ޒަކުވާންއަށް ބަލައިލީ ޒަކުވާން ބަލަން އިންހެން ހީވުމުންނެވެ. އެކަމަކު ޒަކުވާން އިނީ މާދުރަށް ބަލަހައްޓައިގެން ފަހަރަކު ރޮށިކޮޅެއް އަނގައަށް ލުމުގައި މަޝްޣޫލު ވެގެންނެވެ. ނައުރާ އެތާ އިންކަން ޒަކުވާން ހަނދާން ހުރިހެނެއްވެސް ހިއެއް ނުވެއެވެ.
“ނައުރާ ދައްތާ! މާލެ ގޮސް ކޯއްޗެއް ކިޔެވީ!”
އެއްވެސް މީހަކު ހިތަށްވެސް ނާރާ ސުވާލެއް ޒަރީން ކުރުމުން ނައުރާއަށް ފުރަތަމަ ބަލައިލެވުނީ އަނީސާގެ މޫނަށެވެ. އެއަށްފަހު ކުޑަކޮށް ހީލާފައި ޖަވާބު ދިނެވެ.
“ޤުރުއާން ޓީޗިންގް …… ޑިޕްލޮމާ!”
” އެ ދެން ނިމުނީ؟” ޒަރީން ސުވާލު ކުރާ ގޮތުން ހީވަނީ ތަސައްރަފު ފުދިފައިވާ ބޮޑު މީހަކުހެންނެވެ.
“މިހާރު އޭގެ ޑިގްރީއަށް މި ކިޔަވަނީ!” ހީނލާފައި ނައުރާ އަނެއްކާ ވެސް ތަފުސީލް ދިނެވެ.
“އެހެންތަ! ތީ ނައުރާ ދައްތަ ކުރަން ހަމަ ވަރަށް ރަނގަޅުކަމެއް! ނައުރާ ދައްތަހާ ނައުރާދައްތަގެ އަޑު ވެސް ރީއްޗޭ މީހަކު ބުނި!”
ޒަކުވާންއާ ދިމާއަށް އެއްލޯ މަރާލަމުން ޒަރީން ލާނެތް ވެލިއެވެ. ޒަކުވާން ކުރިންވެސް އިންހެން އަޅާވެސް ނުލާ ކެއުމާއިގެން ކުރިއަށް ދިޔައެވެ.
ނައުރާއަށް ވީ ގޮތަކީ އަނީސާއާއި ޒަކުވާން ތިބުމުން ލަދުން އިސް ޖަހާލެވުނީއެވެ. ނައުރާއަށް ވީ ގޮތް ފެނުމުން އަނީސާ ޒަރީން ގައިގާ ބޮނޑިއެއް އަޅަމުން މި ސޮރު ހާދަ އަނގަ ވެސް ގަދަވެއްޖެއޭ ބުންޏެވެ. ޒަކުވާންއަށް އެކަންވީ މަޖާކަމަކަށެވެ. އެހެންކަމުން ސިއްރު ސިއްރުން އެއް މިޔަކަނުން ހީނލިއެވެ.
ތަނުގައި އޮތީ ކާއެއްޗެހީގެ ވަހެވެ. އެއްވެސް މީހަކު އިތުރަކަށް ވާހަކައެއް ނުދައްކައެވެ. އެންމެ ފަހުން ތަނުގެ ހަމަހިމޭންކަން ކަނޑުވާލަމުން ނައުރާ އަހަން ބޭނުންވެގެން ހުރި ސުވާލު އަނީސާއާ ކުރިއެވެ. މިހާރު އަނީސާގެ މިޒާޖު ކުރިއާ އަޅާބަލާއިރު އުޑާ ބިމާހާ ތަފާތުކަން އިއްޔޭއްސުރެ ނައުރާއަށް ފާހަގަވެފައި ވާތީއެވެ. އެއީ ކުރީގެ އަނީސާއެއް ނޫނެވެ. ބޭނުން ކޮންމެ ވާހަކައެއް ދެއްކިދާނެކަމަށް މިހާރު އެބަ ގަބޫލެކުރެވެއެވެ.
“އަނީސާއްތާ! ކޮބާތަ ޒާހިޔާ! ބޮޑުބޭބެ މިހާ ބަލިއިރު …….! ” ބުނަން އުޅުނު ވާހަކަ ނުބުނެ ނައުރާ ހުއްޓައިލިއެވެ.
“މިއީ ޒާހިޔާގެ އިމްތިޙާން ދުވަސްވަރު! އަދި އެބައޮތް ތިން ދުވަހު ޓެސްޓް! ހަފުތާ އަކުން ނިމޭނީ! އެހެންވެ ޒަކުވާން ވެސް އަދި ޒާހިޔާ ވެސް ބޭނުންވީ މަޑުކުރަން!” ނައުރާ އިނީ އަނީސާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ބޮޑުބޭބެ އެހާ ބަލިއިރު ……. ޒާހިޔާއަށް ފުރުސަތު ނުގެއްލޭނެބާ!
ހިތަށް އެރި ވާހަކަ ނައުރާ އެއްވެސް މީހަކާ ޙިއްސާއެއް ނުކުރެއެވެ. ނައުރާ އެއީ އެފަދަ ވާހަކައެއް އެޢާއިލާގައި ޙިއްސާ ކުރާވަރުގެ ހައިސިއްޔަތެއް އޮތް މީހެއް ނޫނެވެ. ބޮޑުބޭބެ އެ ހާލުގައިވެސް ލޯމަތީ ފެންނަން އޮތުން އެއީ ނައުރާގެ ވެސް އެދުމެވެ.
ސައިބޮއެ ނިމުމުން އަނީސާ ހިނގައިގަތީ ހޮސްޕިޓަލަށް ދާން ތައްޔާރު ވުމަށެވެ. ޒަރީން ނެގީ ފޯނެވެ. މޭޒުމަތީ ހުރި ތަށިތައް ނަގާ ސިންކް ތެރެއަށް ލަމުން ނައުރާ ދިޔައިރު ޒަކުވާން އިނީ ނައުރާގެ ޙަރަކާތްތަކަށް ގެއްލިފައެވެ. ނައުރާއަށް އެކަމުން އުދަނގޫ ވިޔަސް އަޅައެއް ނުލައެވެ. ނައުރާ ހުރީ އެއަށްވުރެ ފޮނި ޚިޔާލެއްގައެވެ.
ނައުރާ ތަށިތައް ދޮންނަން ފެށުމުން ސިންކާ ދިމާއަށް ދިޔަ ޒަކުވާން ފިޔަވަޅެއްވަރު ފަހަތައް ޖެހިލާ ނައުރާ ސަމާލު ކުރުވިއެވެ.
“ހަލޯ މެޑަމް! އަހަރެން އަތް ދޮންނަން!” ޒަކުވާން ޖެއްސުން ކޮށްލީ ރޭގެ ކަންތަކާ ކަން ނައުރާއަށް އެނގުނެވެ. ބަލާ ވެސް ނުލާ ނައުރާ އެއްފަރާތް ވެލިއެވެ.
އަތް ދޮވެލައިގެން ހިނގައިގަންނަމުން އިސްކުރުން އަތަށްނެގި ފެންފޮދެއް ނައުރާއާ ދިމާއަށް ބުރުއްސައިލަމުން ޒަކުވާން ހިނގައިގަތީ ނިކުންނާށެވެ. ޒަކުވާން ކަންތައް ކުރި ގޮތުން ލޯ އަޅާލައިގެން ހުއްޓަސް ނައުރާ ގާތަކަށް ރުޅިއެއް ނާދެއެވެ. ކުރިން މި ގޭތެރެއިން ނުފެންނަ އެތައް ކަމެއް މިހާރު މިގޭތެރެއިން ފެންނާތީ ނައުރާ ހުންނަނީ ހައިރާންވެ ބަސްހުއްޓިފައެވެ. އިއްޔެ ޅަކުދިންގެ ގޮތުގައި ތިބި ކުދިން މިހާރު ބޮޑެތިވެ،އަދި ޒަމާން ބަދަލުވުމުން އައި ބަދަލަކަށް ވެދާނެއޭ ނައުރާ ހިތަށް އެރިއެވެ.
އަނިސާ ނިކުތުމުން ކުރިއަށް ހިނގައިގަތް ޒަކުވާން އަނެއްފަހަރު ވެސް ފަހަތަށް އެނިބުރި ނައުރާ ކޮބައިތޯ ބަލައިލިއެވެ. ނައުރާގެ ސަމާލުކަން ނުލިބޭކަން އެނގުމުން ލާނެތް ގޮތަކަށް ހީލަމުން ސައިކުގެ ތަޅުދަނޑި އަނބުރަމުން ގޮސް އެރީ ސައިކަލަށެވެ.
ކައްކަން ހުރި އިރުވެސް ދޭތެރެއަކުން ނައުރާ ފޯނަށް ބަލައިލައެވެ. ސާޖިދު އިތުރު މެސެޖެއް ކުރޭތޯއެވެ. އެކަމަކު ޚަބަރެއް ނުވެއެވެ. ރޭއްސުރެ އޮންލައިންއަކު ވެސް ނެތެވެ. ނައުރާގެ މައްސަލައެއް ނެތެވެ. ސާޖިދު ނައުރާދެކެ ލޯބިވާކަން އެންމެފަހުން އަނގަބަހުން އެ އޮތީ އެއްބަސްވެފައެވެ. އިރުގެ ދައުރުވުމަށް ބަދަލެއް ނާންނަންޏާ ބައްދަލުކުރަން ބުނި ގަޑިވެސް އައިސް އަރާ ހަމަ ކުރާނެއެވެ. ނައުރާ ހީނލިއެވެ.
ކައްކާ ނިންމާލުމަށްފަހު ވަނީ ފެންވަރާ ތައްޔާރު ވުމަށެވެ. އޭރު ބަންގި ދޭވަގުތު ވެސް ކައިރިވަނީއެވެ.
ނައުރާ ހޮސްޕިޓަލަށް ދިއުމުން ނަމާދުކޮށްލަންށާ އަރާމުކޮށްލަން އަނީސާ އައީ ގެއަށެވެ. މަޣުރިބު ނަމާދުގެ ފަހުން ނައުރާ ފޮނުވަން އަންނާނެކަމަށް ބުނަމުންނެވެ. އަދި އިރުކޮޅަކުން ޒަރީން ވެސް ފޮނުވާނެ ކަމަށް އަނީސާ ބުންޏެވެ. އޭރުން ނައުރާ އެކަނި ފިލާނެ ނޫންހޭ ބުނުމުން ނައުރާގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ.
ހާރޫނުގެ ހާލަތު ރަނގަޅު ވަމުން ނުދާވާހަކަ މިއަދު ޑޮކުޓަރް ބުނުމުން ނައރާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ. ކުރެވޭނެ ކަމަކީ ކޮބައިތޯ އެހުމުން ޑޮކުޓަރ ބުނުއްވީ ދެ ދުވަހަކަށް ބެލުމަށެވެ. ޝިފާ ދެއްވަނީ ވަކި ފަރާތަކުން ކަމަށާ އުންމީދު ކަނޑާ ނުލުމަށެވެ. ފުރައިގެން ތަނަކަށް ގެންދެވޭ ވަރަށް ވުރެ ބޮޑުބޭބެ ބަލިކަމަށް ޑޮކުޓަރ ބުނުއްވިއެވެ. ބޮޑުބޭބެއާ ދޭތެރޭ ނައުރާގެ ހިތް ލޯތްބާ ކުލުނުން ފުރުނު ހިނދު ހިތާމަޔާ ހިތްދަތިކަން ވަނީ ނައުރާ ވަށާލާފައެވެ. ބޮޑުބޭބެ ނައުރާއާ ވަކިވެގެން ހިނގައިދާނެ ކަމުގެ ބިރުންނެވެ. އެ ވަގުތުވެސް ބޮޑުބޭބެގެ ބައްޔަށް ޝިފާލިބުން އެދި ދުޢާކުރެވުނެވެ.
އަނީސާއްތާ ގޮވައިގެން ޒަކުވާން އައުމުން ނައުރާ ދާން ހިނގައިގަތެވެ.
ސާޖިދުގެ ޚަބަރެއް ވެލާނެ ވާހަކަ ލިޔެފައި އޮތުމުން ކޮންމެ ގަޑިއަކުވެސް ޚަބަރު ވެދާނެތީ ތައްޔާރަށް ހުންނަން ނައުރާ ބޭނުމެވެ.
ފަހަތުން އައި ޒަކުވާން ގާތު ޑޮކުޓަރ ބުނުއްވި ވާހަކަ ނައުރާ ބުނީ އެވާހަކަ އަނީސާއްތައަށް ވުރެ ބޮޑަށް އެނގެން ޖެހޭނެ ފަރާތަކީ ޒަކުވާން ކަމަށްވާތީއެވެ. އަނީސާއްތަ މާބޮޑަށް ދެރަވެ ރޯން ފަށައިފިއްޔާ އެންމެނަށް ވެސް އޭގެ އަސަރު ކުރާނެއެވެ. ބައްޕަގެ ޙާލަތު ހުރި ގޮތް ކުރިންވެސް ޑަކްޓަރ ބުނިކަމަށް ޒަކުވާން ބުންޏެވެ. އުންމީދެއް ނެތްކަމަށާ ހާލަތު ވަރަށް ގޯސް ކަމަށެވެ. ބަލަހައްޓައިގެން ތިބުން ނޫންކަމެއް ނެތޭ ބުނިއިރު ޒަކުވާންގެ ލޯ ތެމިގެން އައެވެ. އަޑުގައި ހިތާމައިގެ އަސަރު އެކުލެވިފައި ވިއެވެ.
“ގެއަށް ލައިދެންތަ!” މަޑުމަޑުން ޒަކުވާން އެހުމުން ނޫނެކޭ ބުނަން ނައުރާއަށް އުދަނގޫވިއެވެ. އެހެންނަމަވެސް ހިލޭ ފިރިހެނުންނަށް އިތުބާރު ނުކުރާ ކަމަށާ ދާނީ ހިނގާލާފައި ކަމަށް ނައުރާ ބުނުމުން ޒަކުވާން ހިތްހަމައެއް ނުޖެހުނެވެ.
“ކޮންއިރަކު އަހަރެން ހިލޭ މީހަކަށްވީ! ރޭގަނޑުގެ މިގަޑީގައި ގޯޅި ގޯޅިކަންމަތީ އެތިބަ ޑްރަގީންތައް ނުފެންނަނީތަ!”
ޒަކުވާން ހުރީ މާ ބޮޑަށް ވެސް ހިތްހަމަ ނުޖެހިފައެވެ. ނައުރާގެ އިތުރު ދެކޮޅު ހެދުމަކަށް ބެލުމެއް ނެތި ޒަކުވާން ހިފީ ނައުރާގެ އަތުގައެވެ. ނައުރާއަށް ބަލައިލެވުނީ ޒަކުވާން ހިފަހައްޓައިގެން ހުރި އަތަށެވެ.
“އަތުން ދޫކޮށްލާ! އަހަރެން ހިނގައިދާނަން ތި ސައިކަލުގަ!”
ނައުރާގެ އަޑު މަޑެވެ. އެހެންނަމަވެސް އަޑުގައި ހުރީ އަމުރުވެރި ގޮތެވެ. ޒަކުވާން ވެސް އިތުރަށް ދެކޮޅު ހެދުމަކާ ނުލާ ނައުރާގެ އަތް މިނިވަން ކޮށްދީފިއެވެ.
ސައިކަލަށް އަރަމުން އިށީންނާނީ ހަމަ އަނީސާއްތަ ސައިކަލުގަ އިންނަ ގޮތަށޭ ނައުރާ ބުނީ ޒަކުވާންއަށް ޖެއްސުމަކަށެވެ. އަރާ އިށީނީވެސް ހަމަ އެ ގޮތަށެވެ. އެހެންނަމަވެސް ޒަކުވާންގެ ގައިގާ ބީހިވެސް ނުލާ އިނދެވޭތޯ ނައުރާ ބެލިއެވެ. ޒަކުވާން އަޅާވެސް ނުލާ ލާނެއް ގޮތަކަށް ހީނލައިގެން އިނެވެ.
ކޮޓަރިއަށްވަދެ ނަމާދުކުރަން އިންދާ މެސެންޖަރއިން މެސެޖެއް އައި އަޑު ނައުރާއަށް އިވުނެވެ. ނައުރާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ.
”އަށެއް ޖަހާއިރަށް ތައްޔާރު ވާތި!” ސާޖިދުގެ މެސެޖުގައި އޮތީ ހަމައެކަނި އެހެންނެވެ.
“ކޮންތާކަށް ދާން!” ނައުރާ ވެސް ކުރީ ސުވާލެކެވެ.
“ނައުރާއަށް ތަނަކަށް ނުދެވެންޏާ އަހަރެން ހިނގައިދާނަން ނައުރާ ގާތަށް ނައުރާ ހުރި ހިސާބަކަށް ވެސް! އެ ގޮތް އޯކޭތަ!” ސާޖިދު ބޭނުންވޣޮތް ލިޔުމުން ނައުރާއަށް ތެޅިގަނެވުނެވެ.
“ނޫން ނޫން! މިގެއަށް ނާންނާތި!” އަވަސް އަވަހަށް ނައުރާ ޖަވާބު ލިޔުނެވެ.
“އެހެންވިއްޔާ އަހަރެންގެ ގެއަށް ނައުރާ އަންނަންޖެހޭނީ! މި ގޮތް އޯކޭތަ!” ސާޖިދުގެ ޖަވާބުން ނައުރާ ކަންބޮޑުވިއެވެ.
“ނޫން! ތި ގޮތެއް ވެސް އޯކޭއެއް ނޫން!” ހަދާނެ ގޮތެއް ނައުރާއަކަށް ނޭނގެއެވެ.
“މިރަށުގެ ތުނޑިއަށް ދެވޭނެތަ! ނޫނީ މިރަށުގެ އުތުރު ފަރާތުގައި އޮންނަ ކަނޑޫފަލަށް ދެވޭނެތަ!”
“ސާޖިދު!” ނައުރާ ހިތްހަމަ ނުޖެހުނެވެ.
“މީހުން ނެތް ފަޅުތަނަކަށް އަހަރެން ނައުރާ ނުގެންދާނަން! ރެޑީ ވޭ! ދާންވާ ތަން މެސެޖު ކުރާނަން!” ސާޖިދު މިފަހަރު ކުރީ އަމުރެކެވެ.
އަށެއް ނުޖަހަނީސް ނައުރާ ހުރީ ތައްޔާރުވެގެންނެވެ. ދެން އަންނަ އަމުރެއްގެ އިންތިޒާރުގައެވެ. އެންމެ ފަހުން ދާންވީ ތަން ސާޖިދު މެސެޖު ކުރީ ނައުރާގެ ކެތްތެރިކަން ކޮޅުން ލީފަހުންނެވެ.
(ނުނިމޭ)
ޚިޔާލުތައް