ހަތްވަނަ ބައި
ކޮންމެފަހަރަކު ވެސް ރައިހާ ފާޚާނާއަށް ގެންދަންވީމަ ނަރުހެއްގެ އެހީ ހޯދާތީ މިފަހަރު ވެސް ނަރުހަކަށް ގޮވައިލަ ދޭން ރައިހާ އެދުނީއެވެ.
އާމިރު ބޭރަށް ނިކުމެފައި އައިސް އިރުކޮޅަކުން އަންނާނެއޭ ބުންޏެވެ. އެކަމަކު ދެތިން މިނިޓްފާއިތު ވިއިރުވެސް ނަރުހެއް ނައެވެ. ލަސްވާތީ ރައިހާ ފާޚާނާއަށް ދާން އެނދުން ފައިބަން އުޅެގަތުމުން އާމިރު އެހީވެދިނެވެ. އަދި ރައިހާގެ ފައިގާ ފައިވާން ލައްވައިދެމުން ވެސް އެނބުރި ދޮރާދިމާއަށް ބަލައިލީ ނަރުސް އާދޭތޯއެވެ.
އެނދުން ފޭބި ރައިހާ އިރުކޮޅަކު އެނދުގައި އިށީނދެލައިގެން ދެފައި ބިންމަތީ ޖައްސައިލައިގެން އިނެވެ. ހަށިގަނޑު ހަމައަކަށް އެޅެންދެން ކަމަށްވެސް ވެދާނެއެވެ. ނޫނީ އެކަނި ދެވޭހާ ހިތްވަރު ހޯދަނީކަމަށް ވެސް ވެދާނެއެވެ. ދެން ތެދުވެ ކުރިއަށް ހިނގައިގަތެވެ.
ފާޚާނާގެ ދޮރާ ހަމައަށް ނުދެވެނީސް އާމިރަށް ފެނުނީ ރައިހާ ހޫރިގަތް ތަނެވެ. އާމިރު އިނީ ސަމާލުވެގެން ކަމުން ދުވެފައި އައިސް ރައިހާ ގައިގާ ހިފެހެއްޓިއެވެ. ދެފައިކޮޅުގެ ވަރު ހުސްވާހެން ހީވުމުން ރައިހާއަށް އާމިރުގެ މޭގައި ލެނގިގަނެވުނެވެ. އާމިރު ވެސް ރައިހާއަށް ފަސޭހަވާނޭހެން ގައިގާ ލައްކޮށްލިއެވެ.
އާމިރުގެ އެހީއާއެކު ފާޚާނާއަށް ވަނދެވުމުން ތަށިމަތީ ރައިހާ ބައިންދާފައި އާމިރު ނިކުމެ ދޮރުކައިރީ މަޑުކޮށްލީ ނިމުނީމަ ގޮވާލާށޭ ބުނަމުންނެވެ.
ފާޚާނާކޮށް ނިމުމުން ހަށިގަނޑުގެ ވަރު މާބަލިހެން ރައިހާއަށް ހީވިއެވެ. މުޅި ހަށިގަނޑުން އޮށްދާހިއްލާ އަނބުރައިގަންނަނީކަން ރައިހާއަށް އެނގުމުން އަވަސްވެގަތީ ފާޚާނާއިން ނިކުމެވޭތޯއެވެ. ދޮރު ކިރިޔާ ހުޅުވައިލެވުނީއެވެ.
ހުޅުވައިލި ދޮރުން ނިކުމެ ނިކުމެ ހުރި ރައިހާއަށް އާމިރު ބަލައިލިއެވެ. އާމިރަށް ފެނުނީ ސޮހިގެން ރައިހާ ވެއްޓެން ދިޔަތަނެވެ. އެއްލި އަތުން އާމިރަށް ކިރިޔާ ރައިހާ ހިފަހައްޓައި ލެވުނީއެވެ. އަތްދަނޑިމައްޗަށް ރައިހާ ނަގައިގަނެގެން ގޮސް އެނދުގައި ބޭއްވި އިރު ރައިހާގެ އެއްވެސް ޙަރަކާތެއް ނެތެވެ. ދުވެގޮސް ފެންފޮދެއް ހިފައިގެން އައިސް މޫނުގައި އުނގުޅަމުން ރައިހާއަށް ގޮވަމުން ދިޔަ އާމިރު ހުރީ ހާސްވެ ކަންބޮޑުވެފައެވެ.
މަދު މިނިޓުކޮޅަކަށްފަހު އެސްފިޔަ ތަޅުވާލަމުން ރައިހާ ލޯ ހުޅުވައިލިއެވެ.
”މަންމާ!…… ފެންފޮދެއް!” ރައިހާ ގޮވީ ރައިހާގެ މަންމައަށެވެ.
ރައިހާއާ ދިމާއަށް ގުދުވެގެން އޮތް އާމިރު ފުޅިން އަޅައިގެން ގެނައި ފިނި ފެންފޮދު ރައިހާ ތެދުކޮށްގެން ހަށިގަނޑަށް ލައްގާލައިގެން އިނދެ ރައިހާގެ ތުނބުގައި ޖައްސައިލަ ދިނެވެ.
ފެން ފޮދު ބޮއެ ނިމުމުން ވެސް އާމިރު އެ އިންގޮތަށް ރައިހާ ބައިންދައިގެން އިނެވެ. އެހެންނަމަވެސް ރައިހާ އަކީ މީހެއްގެ ހަލާލު އަނބިމީހާކަން ހަނދާންވުމުން އާމިރު އުޅުނީ ރައިހާ އެނދުގައި ބާއްވާލާށެވެ. އެކަން ހުއްޓުވީ ރައިހާއެވެ. އިތުރަށް އާމިރުގެ މޭގައި ރައިހާ ބޮނޑިވެލިއެވެ. އަދި ދެއަތުން އާމިރުގެ ކަނާތުގެ މުލައްދަނޑީގައި ހިފައި ބައްދައިލިއެވެ.
”ރައި! ހިނގާ އޮށޯވެލަން ދޯ!”
އާމިރުގެ އަޑަށް ދެލޯ ހުޅުވައިލި ރައިހާ އެބަހަށް އިޖާބަދީ ދެކޮޅު ހެދުމެއް ނެތި އާމިރުގެ އެހީތެރިކަމާއެކު އެނދުގައި އޮށޯތެވެ.
ރައިހާގެ ހުން މަޑުވަމުންދާ ވަރަކަށް ގައިގެ ހުޅުތަކުގެ ދުޅަ ވެސް އައީ މަޑުވަމުންނެވެ. އެހެންނަމަވެސް ހުޅުތަކުގެ ރިއްސުމަކަށް މާބޮޑުބަދަލެއް ނާދެއެވެ. ހިނގައި އުޅެވެނީ ވަރަށް ހާލުންނެވެ. އެންމެ ކުޑަމިނުން ފާޚާނާގެ އިސްކުރެއް ދޫކޮށްލާހާވަރު ވެސް އަތުގެ އިނގިއްޔަކު ނުހުރެއެވެ. ރިއްސާގަންނަ ވަރުންނެވެ. ބޮލުގައި ފުނާއަޅަން ވިޔަސް އެވަރެވެ. ތެދު ތެދަށް ބުނަންޏާ ގައިގާ ނުރިއްސާ އެންމެ ކަށިކޮޅެއް ވެސް ނެތެވެ. އިންޗިއެއްހާ އުސް ހަރުފަތަކަށް ވެސް އެރެނީ ތަނެއްގައި ހިފާ އެލުވިގަނެގެންނެވެ. މިއަދު މިތާގައި އާމިރު ނެތްނަމަ މިހާލުގައި ރައިހާ އުޅުނީހީ ކޮންފަދައަކުންހެއްޔެވެ.
އާމިރަށްޓަކައި ރައިހާގެ ހިތް ޝުކުރުން ފުރުނެވެ. އެކަމަކު އެ ޝުކުރު އަދާކުރަން ރައިހާ އޮތީ ނުކުޅެދިފައެވެ.
އެޑްމިޓްކުރިތާ ހަތަރުވަނައަށް ވީދުވަހު އާމިރު އެތައް އާދޭހެއް ކުރުމުން ޑޮކްޓަރ ރައިހާ ޑިސްޗާރޖް ކޮށްދިނެވެ. އެހިސާބަށް ދިޔައިރު އާމިރު ބަލިވެ އެޑްމިޓް ކުރަން ޖެހިދާނެހެން އާމިރަށް ހީވާން ފަށައިފިއެވެ. ރަނގަޅަށް ނިދި ނުލިބުމާ ވަރުބަލި ކަމާ ހެދި ރަނގަޅަށް އަރާމުކޮށްލަން އާމިރު ހުރީ ނިހާޔަތަށް ބޭނުންވެފައެވެ. މާލެ ނުދެވުނަސް އާމިރަކަށް މައްސަލައެއް ނޫނެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ވެސް ޓިކެޓް ނުލިބުމުން އިތުރަށް ދެ ދުވަހު އިންޑިޔާގައި މަޑުކުރަން ޖެހުނެވެ. ދެ ދުވަސްވީއިރު އާމިރު ވެސް ހުރީ ވަރުބަލިކަން ފިލާ ހަމަ ޖެހިފައެވެ.
ފޯނުން ވާހަކަ ދައްކާލެވޭވަރު ވީމާ ކޮންމެ ދުވަހަކު ވެސް އަމީރާއާ ރައިހާ ވާހަކަ ދައްކައެވެ. ގެއަށް ދޫކޮށްލުމުގެ އެއްދުވަސް ކުރިން ހޮސްޕިޓަލުގައި އޮވެގެން ރައިހާ ކުދިންނާ ވައިބަރއިން ވާހަކަދެއްކިއެވެ. ރައިހާ އުޅެނީބަލިވެކަން ނާންގަން ކިތަންމެ މަސައްކަތެއް ކުރިއަސް ކުދިންނަށް ވެސް މިހާރު އެވަރު އެނގޭނެއެވެ. ރައިހާ ބަލިކަން އެނގުމުން ކުދިން ފެށީ ފުރަތަމަ ރޯށެވެ. ހުއްޓައިލީ އެކުދިންގެ މާމަ އެތައް ވާހަކައެއް ދެއްކުމުންނެވެ.
މައިދައިތަ ބުނިގޮތުން ޒާހިލްގެ ފޯނު ހަލާކުވީއެވެ. އެގަޑީގައި ޒާހިލް ނެތުމުން ރައިހާ އަކާ ދިމައެއް ނުވިއެވެ. ޒާހިލްއާ ދިމާ ނުވުމަކުން ރައިހާއަށް އެއީ މާބޮޑުކަމަކަށް މި ފަހަރަކު ނުވިއެވެ.
މައިދައިތަ އެހެން ބުންޏަސް ޒާހިލް އޮންލައިން ވާކަން ރައިހާއަށް އެނގެއެވެ. ބަލިވެ އުޅޭތީވެ ޒާހިލްގެ ކުށް ނުދައްކަން އުޅުނީކަން ރައިހާ ދެނެގަތެވެ. އޭރު ވެސް އަމީރާމެން މާލެ ދިޔަކަމެއް މައިދައިތައަކަށް ނޭނގެއެވެ. އެއްވެސް މީހަކު އެހެން ނުބުނީ މަސްލަހަތަށްޓަކައެވެ.
ރައިހާގެ ހިތުގައި ޒާހިލްއަށްޓަކައި ވަނީ ޝަކުވާއެވެ. ހުސްވުމެއްނެތް ޝަކުވާއެވެ. ރައިހާއާ މެދު މިހާ ރަޙުމު ކުޑަކުރަން ޖެހުނު ސަބަބަކީ ޒާހިލްއަށް ދެކުދިން ވިހައި ދިނުންހެއްޔެވެ! ރައިހާއަށް ލިބޭ މުސާރައަށް ޒާހިލް ހަދާ ނަހަދާއެއް ނާހާތީ ހެއްޔެވެ! ރޭގަނޑު ކިތަންމެ ދަމެއް ކޮށްފައި ގެއަށް އަޔަސް ޒާހިލްގެ އިންތިޒާރުގައި ހޭލާ އިނުން ހެއްޔެވެ! ޒާހިލް ކޮންމެފަދަކަމެއް ކުރިއަސް އެކަމެއްގެ ޒިންމާ ރައިހާ ނަގައި އަދި އެންމެ ފަހުން އެކަމެއްގެ ކުށް އަމިއްލަ ބޮލުގައި އެޅުން ހެއްޔެވެ! ދެމަފިރިއެއްގެ ދެމެދު އޮންނަން ޖެހޭ އެންމެ މުހިންމު ގުޅުމުން މާބޮޑު ހިތްހަމަ ޖެހުމެއް ނުލިބުނަސް ޝަކުވާއެއް ނުކޮށް ފުއްދައިލާތީ ހެއްޔެވެ!
ހިތަށް އަރާ ފޭބި އެތައް ޚިޔާލަކުން ހޭލެވުމުން ރައިހާއަށް ތެޅިގަނެވުނެވެ. މިއޮތް ހުރިހާ ދުވަހު ހިތަށް ނާރާ އެއްޗެހިތަކެއް މިއަދު ހިތަށް މިއައީ ކީއްވެހެއްޔެވެ! ރައިހާއަށް ވިސްނާ ލެވުނެވެ. އަމިއްލަ މީހާ ބަލިޙާލަތުގައި އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު އެމީހާގެ ފިރިމީހާ ހެޔޮ ހާލުގައި އުފަލާ މަޖަލުގައި ދިރިއުޅެމުންދާތީއެވެ. ޝަރުޢީގޮތުންނާ ދީނީގޮތުން ތިމާ ޒިންމާވާންޖެހޭ، ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިމާގެ އަނބިމީހާއާމެދު ކަންތައް ކުރަމުންދާ ގޮތް ޚުދު އެ އަނބިމީހާ ތަޙައްމަލު ކުރަން ޖެހުމުން އަދި މިއަށްވުރެން މައްޗަށް ވެސް ވިސްނުމާ ފިކުރު ހިންގަން ޖެހޭކަން މިއަދު ރައިހާއަށް ގަބޫލުކުރެވިއްޖެއެވެ. އަނބިމީހާއަށް ރައްކާތެރިކަމާ ޙިމާޔަތްދީ ބަލި ވީމާ ބޭސްކޮށްދީ ހެދުން އެއީ ތިމާ ލޯބި ވިޔަސް ނުވިއަސް ފިރިމީހާ ކޮށްދޭން ކާވަނީގެ އަޙުދުގައި އޮންނަ މާއްދާއެކެވެ. ޒާހިލްއަށް އެވަރު ނޭނގުނީތީ ރައިހާ ކަންބޮޑެއް ނުވެއެވެ. ކޮންކަހަލަ ހިލަ ހިތެއްގެ ވެރިއެއްހެއްޔެވެ!
ރައިހާއަށް ބަލާލެވުނީ އާމިރާ ދިމާއަށެވެ. އާމިރު ވެސް މިއީ ފިރިހެނެކެވެ. ދުރުހިލޭ ނުވެސް ދަންނަމީހަކަށް ރައިހާ ވާއިރު ވެސް ކިހާ ހެޔޮ ހެއްޔެވެ. ކިހާ އޯގާތެރިހެއްޔެވެ! ކިހާ އަޅާލާހެއްޔެވެ! ރައިހާގެ ދެލޯ ކަރުނުންފުރިގެން އައެވެ. ނުރޯން އޮތަސް ހިތަށް އަރާ ފައިބާ އެއްޗިއްސަކީ އެއަށް ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ ޒާހިލްއަށްޓަކައި މިއަދު އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓާލާކަށް ވެސް ރައިހާ ބޭނުނެއް ނޫނެވެ.
ދުނިޔެ ދަސްވަނީ ދުނިޔޭގައި ގިނަ ދުވަސްވާވަރަކަށޭ މަންމަމެން ބުނަނީ މިހެންވީމައެވެ. ދުނިޔޭގައި އުޅެ ގިނަ ދުވަސްވާވަރަކަށް ގިނަ ތަޖުރިބާ ލިބި ދުނިޔެއަށް ލޯހުޅުވޭ ވާހަކަ މިއަދު ރައިހާއަށް ވެސް ގަބޫލުކުރެވިއްޖެއެވެ. ލިބުނު ތަޖުރިބާއަކީ ތަޙައްމަލް ކުރަން ޖެހުނު ވޭނާ ކެކުޅުމުގެ ސަބަބުން ލިބު ތަޖުރިބާ ތަކެކެވެ. އެ ތަޖުރިބާއިން ރއިހާ ވެސް ހިއްތަވަރު ލިބިގަންނާނެއެވެ.
ޒާހިލްއާ އިނީއްސުރެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމާ ، ކަންތައް ހިނގަމުންދާ ގޮތާމެދު ވިސްނިވަރަކަށް ރައިހާއަށް އައީ ހިތްވަރު ލިބެމުންނެވެ. ޠަބީއަތަށް ނައިސް ނުދާނެ އެތައް ބަދަލެއް އަންނަމުން އައެވެ.
މާލެ ފުރަން އޮތް ދުވަހުގެ ކުރީރޭ އާމިރު ވެސް އައީ ކެއުމަށް ރައިހާ ކޮޓަރިއަށެވެ. އެހެންނޫނީ އާމިރު ކައިގެން ރައިހާއަށް ކާއެއްޗެއްސަށް އޯޑަރ ދެނީއެވެ.
”މިރޭ އަހަރެންވެސް ކާނީ މިކޮޓަރީގައި!….. ރައިހާއާއެކު! ……އޯކޭތަ!” ރައިހާ ޖަވާބު ދިނީ ހީނލުމަކާއެކު ބޯ ޖަހާލަމުންނެވެ.
“އަދިވެސް ހުޅުތައް ވަރަށް ދުޅަތަ!”
އާމިރު ހިފީ ރައިހާގެ އަތުގެ އިނގިލި ތަކުގައެވެ. އެއަށްފަހު ފައިގެ ކުޑަހުޅާއެކު ބެލިއެވެ. އަތުގެ ކުޑަހުޅު ދެއްކީ ރައިހާ އަމިއްލައަށެވެ.
”އަދިވެސް ވަރަށް ދުޅަ ދޯ!” ރައިހާ ދޯ ދިނީ އާމިރަށެވެ.
”އާމިރަށް އެނގޭނތަ މިހުޅުތަކަށްވުރެ މާބޮޑަށް ދުޅަ އޮތޭ ކަކުލު ހުޅުގަ!” ރައިހާ މަޑުމޮޅިއަޑަކުން ބުނެލި ގޮތުން ވެސް އާމިރު ދެރަވިއެވެ.
”މީކޮން ރަތް ތިކިތަކެއް މިހިރީ ހަމުގަ ނަގާފަ!”
އާމިރަށް ރައިހާގެ އަތުގައި ހުއްޓާ ފާހަގަވި ރަތްކުލައިގެ ބިހި ތަކަކާބެހޭ ގޮތުން ސުވާލުކުރިއެވެ. އެއީ ރައިހާ ހޮސްޕިޓަލުން ދޫކޮށްލިފަހުން ފާހަގަވި އަލާމާތެކެވެ.
”ތިވެސް މި ބަލީގެ ނިޝާނެއް!” ރައިހާ އޮޅުން ފިލުވައިދިނެވެ.
ރައިހާ ވާހަކަ ދެއްކި އިރު އާމިރު އިނީ އެސްފިޔަވެސް ޖަހާނުލާ ރައިހާގެ މޫނަށް ބަލަހައްޓައިގެން ކަމެއް ވާހަކާގައި މަޝްޣޫލުވެގެން އިން ރައިހާ އަކަށް ނޭނގެއެވެ.
”ރައި!” އާމިރު ގޮވައިލި ރާގުން ރައިހާ ބަލައިލީ އާމިރުގެ މޫނަށެވެ. އެ ރާގުގައި ވަނީ ތަފާތު މާނައެކެވެ.
”އަހަރެން ހިތަށް އަރާއެއްޗެއް ބުނަންތަ!” ރައިހާ އިނީ އާމިރު ބުނަން އުޅޭ އެއްޗަކާ ބެހޭ ގޮތުން ޝައުގުވެރި ވެފައެވެ. އަދި ހުއްދަ ދިނުމުގެ ގޮތުން ބޯޖަހައިލިއެވެ.
”އޭގެ ކުރިން! ……… ކިޔައިދީބަލަ ރައިހާއާ ބެހޭގޮތުން!” އާމިރު ބުނި އެއްޗަކުން ރައިހާއަށް މަޖާވިއެވެ.
”އަހަންނަކީ ރައިހާ! އުމުރަކީ 26 އަހަރު! ރަށަކީ ރާއްޖެތެރޭގެ ބިންބޮޑު މީސްކޮޅު މަދު ރަށެއް! މާލެ އައީ ކިޔަވަން! މޮޅު މީހަކަށް އަހަރެން ވާތަން ދެކެން ބޭނުންވެފައި ތިބި މަންމައާ ބައްޕަގެ އުންމީދުގައި ކުލަޖައްސައިދޭން! އަދި ޚުދު އަހަރެންވެސް އަރަން ބޭނުން އެންމެ އުސް ހަރުފަތަށް އެރުމަށްޓަކައި! އޯލެވެލް އޭލެވެލް ވެސް ހެދިން! މި ދެ ހަރުފަތުގެ ވެސް އެންމެ މޮޅު ގައުމީ ގަދަ ދިހަވަނާގައި ހިމެނުނީ އަހަރެން ކުރި ބުރަމަސައްކަތުންނާ މައިންބަފައިންގެ ހިތްވަރުން! ގަދަ ދިހަވަނާގައި ހިމެނުމަކުން ކިޔެވުން ނިންމައެއް ނުލަން! ވަގުތު ދުއްވާނުލާ މަތީ ތަޢުލީމުގެ ހަރުފަތުގައި ފައި އެޅިން! ޑިގްރީއަށް ފަހު މިހާރު މާސްޓަރ ނިންމުމުގެ މަރުހަލާގައި!”
ރައިހާގެ ވާހަކަ ނިންމާލަމުން ދެކޮނޑު އަރުވައިލީ ނިމުނީއޭ ބުނާފަދައަކުންނެވެ. އެކަމަކު އާމިރު އޮޅުން ފިލުވަން ބޭނުން އެންމެ މުހިންމު ބައި އޮތުމުން އަނެއްކާ ވެސް ސުވާލު ކުރިއެވެ.
”ދެން!”
(ނުނިމޭ)
ޚިޔާލުތައް