މާލެއިން އައިސް ރަށްރަށުގައި ހޯމް ކަރަންޓީނު ވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރި ނަމަވެސް ހިތްނެދޭ ކަންތައްތައް ކުރިމަތިވުމުގައި ސިއްހީ ދާއިރާގެ އިދާރާތަކުން އިތުރަށް ޒިންމާ ދާރުވާން ޖެހޭ ކަމަށް ދެކެމެވެ. މިހެން މިދެންނެވީ ދާދި ފަހުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އާއްމުކުރެއްވި ފޭސްބުކް ސްޓޭޓަސް އަކާއި ގުޅިގެން ފުވައްމުލަކުގެ އާއްމު ރައްޔިތެއްގެ ހައިސިއްޔަތުންނެވެ.
ހޯމް ކަރަންޓީނުގެ މުއްދަތު ނިމޭއިރު ޑިރެކްޓް ކޮންޓެކްޓެއް ހުރެގެން ނުވާނެއެވެ. ނަމަވެސް ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކޮށް ޓެސްޓްގެ ނަތީޖާ ނުލިބި 4-5 ދުވަސް ވެގެން ދާއިރު ގޭގައި ބަންދުވެގެން ހުރުމަށް ހިތް އެދޭނީ ކާކު ހެއްޔެވެ؟ ބަލީގެ ނިޝާނެއް ނެތި އެހެން ހުރުމަށް ހާދަހާވާ އުނދަގޫތަކެއްވާ ކަމެއްކަން އެނގޭނީ އެ އިހުސާސް ކުރާ މީހުންނަށެވެ.
ތެދެކެވެ. ކަރަންޓީނުގައި ތިބޭއިރު އެކަމަށް އެކަށައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އެންމެން ވެސް އަމަލުކުރުން ލާޒިމެވެ. ހަމަ އެއާއެކު ކަރަންޓީނަށް މީހުން ގެންދާ ފަރާތްތަކުގެ ވެސް ޒިންމާތަކެއް އެބައޮތްކަން ހަނދާންކޮށްދެމެވެ. މިދަންނަވަނީ ކޮންމެހެން ފުވައްމުލަކު ހޮސްޕިޓަލުގެ ވާހަކަ އެކަންޏެއް ނޫނެވެ. ދިވެހިރާއްޖެގައި ސިއްޙީ އިދާރާތައް ވެސް ހިމެނޭ ގޮތުންނެވެ.
އެންމެންގެ ރައްކަލަކަށްޓަކައި ކަރަންޓީނުގެ މުއްދަތުގައި ފަރުވާ ކުޑަނުކުރުން މުހިއްމު ކަމަކަށް ވާއިރު، ކަރންޓީނުގައި ތިބޭ މީހުން އެތިބެނީ ކުށަކާއި ނުލައި ބަންދެއްގައި ކަން ދަނެގެން، އެމީހުން އެހެން މީހުންނަށްޓަކައި އެވާ ގުރުބާނީގެ އަގު ވަޒަންކޮށް އެކަމުގައި ވީހާ ކުރު މުއްދަތެއްގައި އެމީހުން ބައިތިއްބަން ސަމާލުވެގެން މަސައްކަތް ކުރަން ޖެހެއެވެ. ގިނަ ގައުމުތަކުގައި ކަރަންޓީނަށް 14 ދުވަސް އޮންނައިރު 13 ވަނަ ދުވަހު ޓެސްޓް ސާމްޕަލް ނަގައި ހަމަ އެދުވަހު ނުވަތަ 14 ވަނަ ދުވަހު ނަތީޖާ ލިބި، 14 ވަނަ ދުވަހު ކަރަންޓީނު ކުރެވިފައިވާ ތަނަކުން ދޫކުރެވެއެވެ.
ނަމަވެސް ދިވެހިރާއްޖޭގައި ކަންކަން ކުރިޔަށްދަނީ އެހެނެއް ނޫނެވެ. ކަރަންޓީނުގެ 14 ދުވަސް އޮތަސް، އެންމެ އަވަސް ވެގެން ވެސް ޓެސްޓް ސާމްޕަލް ނަގަނީ 15 ވަނަ ދުވަހު ނޫނީ 16، 17 ވަނަ ދުވަހު އެވެ. އެ ޓެސްޓްގެ ނަތީޖާ ލިބެނީ އިތުރު 3-4 ދުވަސް ފަހުންނެވެ. އަދި ދެވޭ ނަތީޖާ އެކިފަހަރު އެކިގޮތްގޮތަށް ދެވެނީ ކަމުގައި ވާނަމަ، ޑިރެކްޓް 1 ކޮންޓެކްޓުން ކީއްކުރަންތޯ ޑިރެކްޓް މާގިނަ ކޮންޓެކްޓުން ތިބޭނެ ކަމަށް ބެލުން ބުއްދިވެރިއެވެ.
ފުވައްމުލަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 މީހުންގެ ކަންތައްތައް މިހާތަނަ ދިޔަގޮތަށް ބަލާއިރު، ސިއްޙީދާއިރާގެ ފަރާތްތަކަށް އަމަލުކުރެވިފައިވާ ގޮތުންވެސް މިކަމުގައި ވާނުވާ ރައްޔިތުންނަށް އޮޅޭގޮތް މެދުވެރިވެފައި ވާކަން ހާމަކުރަމެވެ. އެގޮތުން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކޭސް އާއިމެދު އެފަރާތުން އުފެއްދި ޝައްކު ސާފުނުވެ އޭނާ ބަލިން ރަނގަޅުވީ ކަމަށް ނިންމާފައި ވެއެވެ. އަދި އިތުރު ކުރެވުނު ކަރަންޓީނު މުއްދަތު ހަމަވެ، ކަރަންޓީނު މުއްދަތު ހަމަވިކަމުގެ މެސެޖް އެޗްޕީއޭއިން ލިބިގެން 1 ދުވަސް ފުރިހަމަ ވާން ދިޔައިރުވެސް، ރަށު ހޮސްޕިޓަލަށް މެސެޖް ނުލިބިގެން ނުވަތަ އެހެން ވެސް ސަބަބަކާއި ހުރެ ކަރަންޓީނުން ދޫކުރަން ނައައުމުން އެންމެ ފަހު ނިކުންނަން ޖެހުނީ ކަމަށްވެސް ބުނެ އުޅެއެވެ. އޭނާގެ ކަރަންޓީނުގެ މުއްދަތު 30 ދަުވަހަށްވުރެ ގިނަވެގެން ދިޔައެވެ.
އަދި ދެވަނައަށް ޕޮޒިޓިވްވި ކޭސްގައި އޭނާއަށް އެޗްޕީއޭގެ ރަސްމީ މެސެޖުން އޭނާ ބައްޔަށް ނެގަޓިވްވި ކަމަށް އަންގައިވައި ވަނިކޮށް ތަފާތު 3 ގޮތަކުން ނަތީޖާ ތަފާތުވެ އުފެދުނު ނުތަނަވަސްކަން ހިމެނެއެވެ. އެތިން ގޮތަކީ އެޗްޕީއޭ އިން ކޮވިޑް-19ގެ ޓެސްޓްގެ ނަތީޖާ އެމީހެއްގެ ފޯނަށް މެސެޖު ފޮނުވައި، އެގޮތުން ނަތީޖާ ނެގަޓިވް ކަމަށް މެސެޖު ލިބިފައިވަނިކޮށް ފުވައްމުލަކު ހޮސްޕިޓަލުން ނަތީޖާ ޕޮޒިޓިވް ކަމަށް އެންގުމުން އުފެދުނު ސުވާލުތަކަށް، އަނެއްކާ މައުލުމާތު ސައްހަކުރަން އެޗްޕީއޭއަށް ގުޅުމުން އެޗްޕީއޭގެ ‘ހާލުބެލުން ޕޯޓަލް’ އިން ސައްހަ ނަތީޖާ ބެލުމަށް ޖަވާބު ލިބި، އެ ޕޯޓަލް އިން ނަތީޖާ ނެގަޓިވް ކަމަށް “އޮޅިގެން” ރެކޯޑް ކުރެވިފައިވާ ކަމަށް މާފަހުން އެނގުމުން އުފެދުނު ކަންބޮޑުވުންތަކެއްވެ.
މިފަދަ އޮޅުންތަކުގެ ސަބަބުން ކަރަންޓީނުގައިވާ މީހާ ރަސްމީކޮށް ހޮސްޕިޓަލުން އެމީހާގެ ގެއަށް އައިސް ދޫކުރުމުގެ ކުރިން އެހެން މީހުންނާއި ޑިރެކްޓް ކޮންޓެކެޓު ވުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރަން ޖެހެއެވެ. އެހެން ވާން ނެއެދޭނަމަ، އެއްގޮތަކީ ރަށު ހޮސްޕިޓަލުން އެމީހަކަށް ޖަވާބުދިނުމެވެ. އެޗްޕީއޭގެ ފޯން މެސެޖިން އާއި ހާލުބަލާ ޕޯޓަލްގެ އެކްސެސް ރަށު ހޮސްޕިޓަލަށް އެކަނި އޮތުމެވެ.
މިފަދަ ގޮތަކަށް ކަންތައްތައް ކޮވިޑް-19 ބަލި ފެށުނު އިރު ތަރުތީބުވި ކަމަށް ބެލެވެއެވެ. ނަމަވެސް އެސިސްޓަމުން މައުލޫމާތު ލިބެންވާ ފަރާތްތަކަށް ނުލިބި ލަސްވުމާއި ކަންތައްތައް ނުކުރެވި ދިގުލައިގެން ދިޔަކަން ފާހަގަ ކުރެވިފައި ވެއެވެ. އެއާއި ގުޅިގެން އަލަށް ގާއިމު ކުރެވުނު މައުލޫމާތުގެ ސިސްޓަމަށް މައުލޫމާތު އަޅާ ފަރާތްތަކުން އިތުރަށް ސަމާލުވާން ޖެހޭ މިންވަރު ވެސް މިވަނީ ސާބިތުވެފައެވެ.
އުސޫލުތަކުގައި ކަންކަން ލިޔެފައި އޮތަސް، ކަންހިނގާ ގޮތަށް ބުރަވެ ކަންކަން ރަނގަޅު ކުރެވިގެން ނުނީ ކަމުގެ ހައްލަކާއި ހަމަޔަކަށް ވާސިލު ނުވެވޭނެއެވެ. މީގެ މިސާލެއްގެ ގޮތުން ފުވައްމުލަކުން 2 ވަނަ އަށް ޕޮޒިޓިވްވި ކޭސްއަށް ވިސްނާލުން ރަނގަޅެވެ. އޭނާ މާލޭގައި ވެސް ފުރަބަންދުގައި ގޭގައި އެތައް ދުވަހަކު ހުރެފައި ރަށަށް އައިސް ފުރަބަންދުގެ ދިގު 14 ދުވަހުގެ އިންތިޒާރެއްގެ ނިމުން ލިބެނީ ފޯނަށް އަންނަ އެޗްޕީއޭގެ މެސެޖަކުންނެވެ. އެއީ މީހަކު އަތުން ލިޔެފައި ފޮނުވާ މެސެޖެއްނޫނެވެ. މައުލޫމާތުގެ ސިސްޓަމަކަށް އަޅައި އެޕްރޫޕް ކުރަން ޖެހޭ ފަރާތްތަކުން ބަލާ ޗެކުކޮށް އެޕްރޫވު ކުރުމުން އޮޓޮމެޓިކުން ފޮނުވާލާ މެސެޖެކެވެ.
މިފަދަ މެސެޖެއް ލިބުމާއެކު މީހާއަށް ސައިކޮލޮޖީގޮތުން އެލިބޭ އުފާ ނުވަތަ ހިތާމަ އެހެން މީހުންގެ ސިކުނޑިން ވިސްނާލަން ވެސް އުނދަގޫވާނެއެވެ. ވަކިން ޚާއްސަކޮށް ނެގެޓިވް ނަތީޖާ ލިބުމުން މީހާގެ އެޑްރިނަލިން ހޯމޯން އެކްޓިވޭޓްވެ، ހިތް އަވަސް ވެފައިވާ ވަގުތެއްގައި، ރަށު ހޮސްޕިޓަލުން އައިސް ގޭގައި ހަރުކުރި އިންޒާރުގެ ނޯޓިސް ނަގަންދެން އެގެއެއްގައި ވަކިން ނަމަަވެސް ދެން އުޅުނު ތިމާގެ އާއިލާ މީހުންނާއި ބައްދަލުނުކޮށް އެކަހެރިކޮށް ހުރުމަކީ އިންސާނީ ތަބީއަތާއި އެއްކޮޅު ކަމެއް ނޫނެވެ. ވުމާއެކު އޭނާގެ ކޮންޓެކްޓުން ތިބިލެއް މަދުކަމަށް ބެލުން މާރަނގަޅެވެ.
ފުވައްމުލަކުން ޕޮޒިޓިވްވި 3 ވަނ ކޭސް އާއި ގުޅޭ މާބޮޑު މައުލޫމާތެއް އާއްމުކުރެވިފައި ނެތުމުން އެޙާލަތުގެ ވާހަކަ ދޫކޮށްލަމެވެ.
ފުވައްމުލައް ސިޓީގައި މާ ބޮޑެތި ކަންތައްތަކެއް އަދި މިބައްޔާއި ގުޅިގެން ނުހިނގި ކަމުގައި ވިޔަސް، ފުރަ މާލޭގައި ބައްޔާއި ގުޅިގެން ޝަކުވާ ބޮޑުވެ، ރައްޔިތުމީހާގެ އިންތިޒާރު ކުޅުންލައިގެން އެންމެފަހުން އަމިއްލައަށް ޑިޒިޝަން ނަގަން ޖެހުނު ފަހަރުތައް ވެސް މަދެއް ނޫނެވެ. ބަލީގައި ނާޒުކު ޙާލަތަށް ދާ އުމުރުގެ ދުވަސްވީ މުސްކުޅިއެއްގެ ކިބައިން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓް ސާމްޕަލް ނަގަން ގުޅައި ގުޅާއި ނައިސް ހާލުބޮޑުވެ އެންމެފަހުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ގުޅައިގެން ވެސް އެމްބިައުލެންސަށް އާދެވުނުއިރު ބަލިމިހާ މަރުވެފައިވަކަމުގެ ޝަކުވާތައް ވެސް އެބަހުއްތެވެ. މިފަދަ އެތައްއެތަށް ޝަކުވާތަކެވެ.
އެހެނަސް ގަބޫލުކުރަމާ ހިނގާށެވެ. މިއީ ދިވެހިރާއްޖޭގެ ސިއްޙީ ފަރުވާގެ ނިޒާމެވެ. މި ނިޒާމުގައި ބުރަކޮށް މަސައްކަތް ކުރާ އެތައް ބަޔަކުވެސް އެބަތިއްބެވެ. އެކަމަކުވެސް ނިޒާމީ ފެންވަރެއްގައި ހާލަތު ހުރީ މިދެންނެވިފަދަ ގޮތަކަށެވެ.
ވުމާއެކު ފުވައްމުލަކު ހޮސްޕިޓަލަށް އަދި ދިވެހިރާއްޖޭގެ މުޅި ސިއްހީ ނިޒާމަށް ވެސް އަޅުގަނޑު އެދި ގޮވަލަނީ އާއްމު ރައްޔިތުން ޒިންމާދާރުކުރުމަށް އަދި ހޭލުންތެރި ކުރުމަށް ކުރެވޭ މަސައްކަތާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ސިއްޙީ ނިޒާމުގައި ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރުމަށް އިސްކަންދޭށެވެ. އެވާހަކަ ދައްކާ މިހާ ދެކެ ރުޅިމޫން ދައްކާކަށް ނުޖެހެއެވެ. ޒިންމާނަގައި އުސޫލުތަކާއި އެއްގޮތަށް ކަންކަން ތަންފީޒު ކުރަމުން ދޭތޯ ބެލުމާއި ނުކުރެވެނަމަ ފިޔަވަޅު އަޅާށެވެ. އުސޫލަކީ ހަމައެކަނި ރައްޔިތުމީހާ ހިފަހައްޓަން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކި އެކަމުގައި ސިއްޙީ ދާއިރާގެ ފަރާތްތަކުން އިތުބާރު ލިބޭފަދަ މިންވަރަކަށް ކަންކަން ކުރުމަށް މަސައްކަތް ކުރާށެވެ.
ހޯމް ކަރަންޓީނު ކުރަނީ 14 ދުވަހަށް ކަމަށްވާނަމަ 15 ވަނަ ދުވަހު އޭނާ ފުރަބަންދުގައި ބަހައްޓަން ނަހަދާށެވެ. އުސޫލުގައި އޮތީ 15 ކަމަށް ވާނަމަ އެކަން އެގޮތަށް ކުރުމަށް ވަށައިގެންވާ އެހެން ކަންކަން ބައްޓަން ކުރާށެވެ. އެހެން ނުވާނަމަ އެދެވެނީ ރައްޔިތުމީހާއަށް އަނިޔާ ކަމުގައި ދެކެމެވެ.
+1
+1
ޚިޔާލުތައް