A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 10

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

ދިހަވަނަ ބައި

ވިސްނާލުމަށްފަހު ޒާހިލް ހިފީ ރައިހާގެ އަތުގައެވެ. ހީވަނީ ރައިހާ ގޮސްދާނެތީ ދިޔަނުދޭން ހިފެހެއްޓީހެންނެވެ. އެ ހިފިލެއް ބާރުކަމުން ރައިހާއަށް އަނގައިން އަޑެއް ވެސް ލައްވައިލެވުނެވެ.

”ކީއްވީ! ހާދަ ނާޒުކުވީ!” މަލާމާތުގެ ރާގަކަށް ޒާހިލް ވާހަކަދެއްކުމުން ރައިހާ ވަރަށް ރުޅިއައެވެ.

”ވީގޮތް އެނގޭނީ އެހީމަ! އަދި ބެލީމަ! ނާހަންޏަކާ، ނުބަލަންޏަކާ ވާގޮތެއް ވީގޮތެއް ވެސް ނޭނގޭނެ!”

ދެން ރައިހާ ދެއްކީ ހުޅުތައް ދުޅަވެފައިވާ ރައިހާގެ އިނގިލިތަކެވެ. ދުޅަވެފައިވާ ކަކުލު ހުޅެވެ. އަތާ ފައިގެ ކުޑަހުޅެވެ. ފައިގެ ތަނބިކައްޓެވެ.

”ފެނޭތަ! މިއީ ޒާހިލް ކައިރީ ހުރެފަ އަހަރެން ފުރައިގެން ދިޔައިރު މިހުޅުތައް ހުރި ގޮތްތަ! ……. ބުނެބަލަ!”

އައި ރުޅި މައިތިރިވެ ރައިހާގެ ޖަޒުބާތުތައް އެހެންމަގެއް ޚިޔާރު ކުރީ ހިތަށް އައި އެއްޗެހި ގިނަކަމުންނެވެ.

”އަހަރެން މިއީ ޒާހިލްގެ ހަލާލު އަނބިމީހާއޭ! އެންމެ ފަހަރަކުވެސް އަހަންނަށް ގުޅާ އަހަރެންގެ ހާލު ބެލިންތަ! ނުބަލަންދޯ! އެކަމަކު އަހަރެން މިއީ ޒާހިލްގެ ދެކުދިންގެ މަންމަދޯ!… ދުރުހިލޭ ބަޔަކު އަހަންނަށް ބޭސްކޮށްދީ ހޮސްޕިޓަލުގައި ބޭއްވީމަ އަހަރެން ބަލަހައްޓައިދިންއިރު އަހަރެންވެސް އުޅެނީ ބޮޑުސިންގާ ފިރިހެނާކާ އިނދެގެންނޯ! އަޅެ އެމީހުން ވެސް އެހެން ހިތަށް އަރާނެތާ!”

ރައިހާގެ އަޑުގައިވަނީ ވޭނެވެ. ހިތުގައި ޖެހިފައި ހުރިވަރުން ކުރިން ޒާހިލްގެ ކުރިމަތީ އަނގަ ހުޅުވާލަން ވެސް ނުކެރޭ ރައިހާ ހިތުގައި ހުރި އުދާސް ބޭރުކޮށްލެވޭތޯ ބެލީ ހިތަށް ލުޔެއް ލިބޭތޯއެވެ.

“ތިމާގެ ހަޔާތުގެ ބައިވެރިޔާ ތިމާދެކެ ލޯބިވާވަރު، ތިމާއާމެދު ހިތުގައި ކުލުނެއް އޮތިއްޔާ އޮތްވަރު އެނގޭނީ ތިމާ ބަލިވާ ދުވަހު! ތިމާޔަށް ބައިވެރިޔާގެ އެހީތެރިކަން ބޭނުންވާދުވަހު އެ އެހީތެރިކަން ދޭ މިންވަރަކުން! އަހަންނަށް ވެސް މިހާރު މިބުނާ މިންވަރު ވަރަށް ރނަގަޅަށް އެނގިއްޖެ! ޒާހިލްއަށް ލިބޭނެ އެމިންވަރުން ބަރާބަރު ސަތޭކަ! އެކަމަކު …………. މައިނަސް ސަތޭކަ!”

ވަރަށް ހިތްވަރާއެކު ހިތުގައި އުފެދިފައިވާ ޝަކުވާއިން ބައެއް ނަމަވެސް ބޭރުކޮށްލުމަށްފަހު ރައިހާ ހިނގައިގަތީ އެ ކޮޓަރިން ބޭރަށް ނުކުންނާށެވެ.

ޖެހި ބުދެއްހެން ރައިހާއަށް ބަލަހައްޓައިގެން ހުރި ޒާހިލް ގުޑިވެސް ނުލާ އެތާ ހުއްޓެވެ. ރައިހާ ގޮސް އިށީނީ ސިޓިންރޫމު ސޯފާގައެވެ. ރުޅިއާ ހިތާމައިން ފޯވެފައިވާ ރައިހާއަށް ބޭނުންވީ ހަމަ ޖެހިލަން ވަގުތު ކޮޅެކެވެ. ދިރިއުޅުމާމެދު ވިސްނާލަން މިނިޓްކޮޅެކެވެ.

ޒާހިލް އަނެއްކާވެސް ނުކުމެގެން ދިޔައީ ރައިހާ އެހެން އިންދައެވެ. ޒާހިލްއަށް ރައިހާ ނުވެސް ފެންނަ ފަދައެވެ. އެ ހުރިހާ ވާހަކައެއް ދެއްކުމުން ވެސް ޒާހިލްގެ ފަރާތުން ހަމްދަރިދީގެ އެއްމެ ލަފުޒެއް ވެސް އަޑު ނީވުމުން ރައިހާ އިނީ ނުލާހިކުބޮޑަށް ހިތުގައި ޖެހިފައެވެ.

ޒާހިލް ނުކުމެގެން ދިޔަ ދޮރަށް ބަލަހައްޓައިގެން އިން ރައިހާގެ ޚިޔާލީ ދުރުމީއިން އާމިރު ފެނިލީ އާމިރުގެ އޯގާތެރިކަން ލިބިފައި އޮތުމުންނެވެ. ބައެއްފަހަރު މަޑުމަޑުން ބުރަކަށީގައި ފިރުމާލާ ގޮތެވެ. ބަލިވެ އޮތް އިރު މޫނުގައި ފެން އުނގުޅާލަ ދިން ގޮތެވެ. އަދި ބައެއްފަހަރު ގަޔާލާ ކައިރި ކޮށްލާ ގޮތެވެ. ރައިހާގެ މޫނަށް ބަލަން އިންނަ ގޮތް ހަނދާނަށް އައީ ހަނދާނުގެ ތަންކޮޅެއް ފުނުންނެވެ.

އެގާރަ ޖަހާ ބޮޑުވެ އެގާރަ ގަޑިބައިވި އިރު ވެސް ޒާހިލް ގެއަކަށް ނާދެއެވެ. ކުދިންނާ މައިދައިތައާއެކު ވާހަކަ ދައްކާލާ ހަދާލަން މައިދައިތަގެ ކޮޓަރީގައި އިނދެފައި ކުދިން ނިދުމުން ރައިހާ އައީ ޒާހިލްއާ ރައިހާ ނިދާކޮޓަރިއަށެވެ. ދަތުރުފޮށި އެނދާ ކައިރިކޮށްގެން އެނދުގައި އިށީނދެ ފޮށީގައި ހުރި އެއްޗެހި ނަގާ އެ އެއްޗެއް ހުންނަންވާ ތަނެއްގައި އެ އެއްޗެއް ބަހައްޓާ ނިމުމުން ދަބަހުން ވޮލެޓް ނަގާ އޭގައި ހުރި އިންޑިއާ ރުޕީސްކޮޅު ވެސް ރައްކާ ކޮށްލަން ހިތަށް އެރިއެވެ.

ރައިހާ އަތުގައި ހުރި ފައިސާއިން  ސަތޭކަ ފަންސާސް ޑޮލަރުން ސަތޭކަ ޑޮލަރު އާމިރު އަތަށް ދީފައި ދެން އޮންނާނީ ފަންސާސް ޑޮލަރާ އިންޑިޔާ ދެ ހާހެއްހާ ރުފިޔާއެވެ. ވޮލެޓް ހުޅުވައިލުމުން ވޮލެޓްތެރޭން ފުރަތަމަ ވެސް ރައިހާގެ ލޮލުގައި އަޅާގަތީ ސަތޭކައިގެ ޑޮލަރު ނޫޓެވެ. ދެން އަވަސް އަވަހަށް ނިކަން ރަނގަޅަށް ވޮލެޓް ހާވާ ޗެކްކޮށްލިއެވެ.

”މީކޮން ސަތޭކަ ޑޮލަރެއްބާ! މި ކީއްވެ ވޮލެޓް ތެރޭ އޮންނަން ވީއެއްޗެއް!”

ރައިހާއަށް މަޑުމަޑުން ކިޔައިލެވުނެވެ. ރައިހާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ރައިހާގެ ވޮލެޓުން ސަތޭކަ ޑޮލަރު ނެގިއިއިރު ބާކީ އޮތީ ފަންސާސް ޑޮލަރެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު މިހެން މިކަން މިވީ ކިހިނެތްކަން ރައިހާގެ ވިސްނުމަށް އައެވެ.

ހިތަށް އައިއެއްޗަކުން ވަގުތުން ފޯނުނަގާ ހުޅުވައިލިއެވެ. ފޯނު ހާވާލާފައި ވައިބަރ ނަންބަރެއް ދެފަހަރަކު ކިޔައިލިއެވެ. އަދި ތިންވަނަ ފަހަރު އެނަމްބަރު ހަނދާނަށް ގެންނަމުން ފޯނުގެ އަދަދުތަކަށް ފިތާލިއެވެ.

ދެތިން ފަހަރު ރިންގުވުމުން އެކޮޅުން ފޯނު ނަގައި ހަލޯއޭ ބުނިއަޑު އަހަން ރައިހާ އިނީ ކެތްތެރިކަން ކުޑަވެފައެވެ. އިވުނު އަޑާއެކު ރައިހާގެ މެއަށް ފިނިވެލިއެވެ. ހީވީ ފިނިރޯޅިއެއްގެ ފިނިކަމުން ހިތަށް ލުއި ވެލިހެންނެވެ. ދެވަނަ ފަހަރު އާމިރު ގޮވައިލިއިރު ރައިހާ ފޯނު ކަނޑައިލަނީއެވެ.

އާމިރުގެ އަޑު އިވުމުން ވާހަކަ ދައްކަން ރައިހާ ނުކުޅެދުނެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ހިނދުކޮޅަކަށް ހިތުގައި ޖަހަމުންދިޔަ ވިންދު ހުއްޓުނެވެ. ދައްކާނެ އެއްވެސް ވާހަކައެއް ދުލަކަށް ނައެވެ. އާމިރު ދުރުހިލޭ މީހަކަށް ވީމާ އެދުރުކަން އިހުސާސްވީހެއްޔެވެ! ނޫނެކެވެ. ދުރުހިލޭ މީހަކަށްވުރެ އާމިރު ވަނީ ރައިހާއާ ގުޅި ލާމެހިފައެވެ. ނޫނެކެވެ. އެހެނެއްވެސް ނޫނެވެ. އާމިރާ ރައިހާއާ ދެމެދު އޮތީ ކޮއްކޮގެ ރަޙުމަތްތެރިޔާއަށް ވުމުން ކޮއްކޮއަށްޓަކައި ކޮށްދިން ކަންތައްތަކެއްގެ ސަބަބުން އުފެދުނު ގުޅުމެކެވެ. ގޮތެއް ނިންމާކަށް ރައިހާއަކަށް ނޭނގުނެވެ. ނުވަތަ ވަކި ގޮތެއް ގަބޫލުކުރަން ރައިހާގެ ހިތް އެއްބަސް ނުވީއެވެ.

ވީ ގޮތެއް ބަލަން އާމިރު ބޭނުންވާނެއޭ ރައިހާގެ ހިތް ބުންޏެވެ. އެކަމަކު އަހަންނާ އާމިރާ ދެމެދު އޮތް ގުޅުން އަހަރެންގެ ގެއަށް އަހަރެން ލައިދިނުމުން ކެނޑުނީއެވެ. އާމިރުގެ ކޮއްކޮ އެދުނީ އެގޮތަށެވެ. އެހެންވިޔަސް އާމިރު ފަހަރެއްގައި ގުޅައިފާނެތީ ރައިހާ ފޯނު ނިއްވާލިއެވެ.

ޒާހިލްއަށް އިންތިޒާރު ކުރުމުގެ މާބޮޑު ބޭނުމެއް ރައިހާއަކަށް ނުވެސް ނެތެވެ. އެހެން ހިތަށް އަރާ އެނދުގައި އޮށޯވެލިއެވެ. އަމިއްލަ ތަންމަތީގައި ބުރަކަށި ޖެހުމުން އަމިއްލަވަންތަކަން އިހުސާސްކުރެވި ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ހަވީރު ގަޑީގައި ނިދާލާފަ ހުއްޓަސް ރައިހާއަށް ވަރަށް ފަސޭހައިން ނިދިއްޖެއެވެ. އޭރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. އެހާ އިރު ވީއިރު ވެސް ޒާހިލް ގެއަކަށް ނާދެއެވެ.

އާދައިގެ މަތިން ފަތިސް ނަމާދަށް ރައިހާއަށް ހޭލެވުނެވެ. އަމިއްލަ ފިރިމީހާ ގާތުގައި އޮތުމުން ފުރޮޅިލާފައި މަޑުމަޑުން ޒާހިލްގެ ބުރަކަށީގައި ނޭފަތް ޖައްސައިލިއެވެ. އަދި ބައްދައިލިއެވެ. ނަމަވެސް ޒާހިލް ކުޑަކޮށް ހަރަކާތް ކޮށްލާފައި ރައިހާގެ އަތް ދުރަށްލިއެވެ. އެހެން ވިޔަސް ރައިހާ ދުރަށް ދާކަށް ޚިޔާލެއް ނުކުރިއެވެ. އިތުރަށް ޒާހިލްއާ ބޮޑަށް ކައިރިވެލާ ބާރަށް ބައްދައިލިއެވެ. ޒާހިލް އެނބުރިލާފައި ރައިހާއާ ޒާހިލްގެ ދެމެދަށް ހުރަހަކަށް ކަންނެޔޮ ލުމަށްފަހު ކަންނޭލުގައި ބައްދައިލި މަންޒަރު ލޯމަރައިގެން އޮވެފައި ލޯހުޅުވައިލި ރައިހާއަށް ފެނުނެވެ.

އަމިއްލަ ފިރިމީހާގެ ހުރި ދުރުކަމާ ފަރުވާކުޑަކަން އަބަދު އަބަދު ތަޙައްމަލް ކުރިއަސް އެފަދަ ކޮންމެ ވަގުތަކު ވެސް ހިތުގައި ޖެހެއެވެ. ދެރަވެ ރޮވެއެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް ހިތުގައި ހިނގައެވެ.

ހިރިލަން ވެސް ހަނދާންނެތިފައި އޮތް ރައިހާ މަޑު މަޑުން ތެދުވެގެން ވަނީ ފާޚާނާއަށެވެ.

ކުދިވެރިން ހޭލުމުގެ ކުރިން ސައި ހަދަން ބޭނުންވާތީ ރައިހާ އުޅުނީ ސައި ހެދުމުގެ ކަންތަކާއެވެ. މައިދައިތަ ކޮޓަރިން ނިކުމެގެން އައިސް ރައިހާއަށް މަސައްކަތްކޮށް އުޅެވޭވަރު ނުވާކަން އެނގޭތީ އެދުނީ ރައިހާ އިށީނދެ އިނުމަށެވެ. ތެދެކެވެ. ރައިހާއަށް ހެލިފެލިވެ އުޅެން އަދިވެސް ވަރަށް އުނދަގުލެވެ. ޚާއްސަކޮށް ތަނެއްގައި އިށީނދެ އޮށޯވެ އޮވެފައި ތެދުވެ ހިނގައިގަތުމަކީ އަދިވެސް ވަރަށް ވޭން ހުރިކަމެކެވެ. މައިދައިތަ އަކީ ވިސްނޭ  އެހެންމީހުންގެ އިޙުސާސްތައް އެނގޭ މީހަކަށްވީ ކަމީ ރައިހާގެ ނަސީބެވެ. އެކަމަކު މައިދައިތަގެ ދަރިފުޅު އެކަހަލަ މީހަކަށް ނުވި ކަމީ ރައިހާގެ ބަދުނަސީބުހެއްޔެވެ!

ކުދިންނާ ރައިހާ އަދި މައިދައިތަ ސައިބޯން އިށިނުމުގެ ކުރިން ރައިހާ ގޮސް ޒާހިލްއަށް ސައިބޯން އަންނަން ގޮވިއެވެ. އެހެންނަމަވެސް ރައިހާ ދެތިން ފަހަރު ގޮވުމުންވެސް ޒާހިލް އެ އަޑު އިވުނު ކަމަކަށް ނެހެދިއެވެ.

ސަޔަށްފަހު ރައިހާ އުޅުނީ ނެގި ޗުއްޓީ ހަމަ ވުމުން ޗުއްޓީގައި އިތުރަށް ދުވަސްކޮޅެއް އޮތުން ޗުއްޓީ އިތުރުކުރުމަށެވެ. ފޯނު ނަގާ ވައިފައި ޖެއްސުމުން މެސެޖްތައް އަންނަ އަޑު އިވުނެވެ. އެންމެ ފުރަތަމަ ވެސް ރައިހާގެ ލޮލުގައި ޅައިގަތީ އާމިރުގެ މެސެޖެވެ.

”ހައި!” އާމިރު ފުރަތަމަ ލިޔެފައި އޮތެވެ.

”އަހަރެން ފޯނު ނެގިން! ދެފަހަރަކު ގުޅިއިރު ވެސް ތި ފޯނު އޮތީ ނިންއްވާލާފަ! ކަމަކުތަ ގުޅީ! ކިހިނެތް ރައިގެ ހާލު! މިހާރު ރަނގަޅުތަ!”

އެ ހުރިހާ ސުވާލަކަށް ވެސް ޖަވާބުދޭން ރައިހާ ބޭނުންވިއެވެ. އެކަމަކު ފަހުންނެވެ.

ޒާހިލް ތެދުވީ މެންދުރުވާން އުޅެނިކޮށެވެ. ސައިބޮއެގެން އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ. ރައިހާ އިނީ ކައްކަން އެހީތެރިވެދޭން މައިދައިތަ ކައިރީގައެވެ. ކުދިވެރިން ވެސް ގޭތެރޭ އުޅެއެވެ.

”މަންމާ! ބައްޕަ ބުނި އައިސްބަލާށޭ!”

އައިނާ އައިސް ޒާހިލް ގޮވާ ވާހަކަ ބުނުމުން ރައިހާ ހިނގައިގަތީ ކޮޓަރިއަށެވެ. ދޮރުމަތީ ހުއްޓިލަމުން ކީއްކުރަންތޯ ރައިހާ އަހައިލީ ހިތްހަމަ ނުޖެހި ހުރިކަން ނާންގަންވެގެން ވަރަށް މަޑުންނެވެ.

”އެބަހުރިތަ ލާރި! އަހަރެން ސަތޭކަވަރަކަށް ރުފިޔާ ބޭނުންވެގެން!” ޒާހިލް ލަދެއް ވެސް ނުގަންނަނީބާވައެ ރައިހާ ހިތަށް އެރިއެވެ.

”އަހަރެން އަތުގަ ކޮން ލާރިއެއް  ހުންނާނީ!” މިފަހަރު ރައިހާގެ ނުރުހުން ސިއްރެއް ނުކުރިއެވެ.

”އެބައޮތެއްނު ސަތޭކަ ޑޮލަރު! ފަންސާސް ޑޮލަރުވެސް އެބައޮތް! އެ ފަންސާސް ޑޮލަރު ނަގައިފިން އިނގޭ!”

ރައިހާގެ ވޮލެޓް ވެސް ހޭވީތާއޭ ރައިހާ ހިތަށް އެރުމުން ވީ ފާޑެއްގެ ފޫއްސެކެވެ. ނަގައިގެން ހުރެ ދެން ކޮން އެހުމެއް އަހާކަށްހެއްޔެވެ.

ރައިހާ އެނބުރިލީ އައިކޮޅަށް ދިއުމަށެވެ. ޒާހިލްގެ މޫނުމަތިން ފެނުނީ ބޭނުން ފުދުނުކަމުގެ އުފާވެރި ހިނިތުންވުމެކެވެ.

އިތުރަށް އެއް ހަފުތާގެ ޗުއްޓީއެއް ނެގުމަށްފަހު ރައިހާ ގޭގައި މަޑުކުރީ އޮފީހަށް ދިއުން ފަސޭހަ ކަމަކަށް ނުވާތީއެވެ. އުންމީދު ކުރަނީ މި ނެގި އެއްހަފުތާ ނިމެންވާއިރަށް ގައިގެ ކަށިތަކާ ހުޅުތަކުގެ ދުޅަ އެއްކޮށް ރަނގަޅުވެ ރިހުން ލުއިވެގެން ދިއުމެވެ.

ހަވީރު ވުމުން ކުދިން ދިޔައީ މައިދައިތައާއެކު ބޭރަށެވެ. ގޭގައި އެކަނި ވުމުން އާމިރުގެ ސުވާލުތަކަށް ޖަވާބުދޭން ރައިހާ ބޭނުންވިއެވެ.

އެހެންކަމުން މެސެޖެއް ލިޔެ އާމިރަށް ފޮނުވައިލިއެވެ.

”ހައި! …….. އިންޑިޔާގައި ……. އެއްކަލަ ދުވަހު އަހަރެން ދިނީމެންނު މޭވާ ގަންނަން ސަތޭކަ ޑޮލަރު! ކޮބާ އެފައިސާ!”

ރައިހާ ސީދާ ޕޮއިންޓަށް ދިޔައީ ވާހަކަ ދިގު ނުކުރަންވެގެންނެވެ. އެ މެސެޖު އާމިރަށް ފެނުނީ ހަވީރުގަޑީގައި ޖޮގިންއަށް ގޮސްފައި ގެއައިސް ވަން ފަހުނެވެ.

”އަހަރެން ގުޅިޔަސް އޯކޭތަ!” ޖަވާބުގައި އާމިރު ލިޔުނެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !