A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ 11

ވާހަކަ: އެކުގައި ވާން ކުރަމެ ހުވާ - ޝާހީނު މުހަމައްމަދު ، ނިރު

އެގާރަވަނަ ބައި

”ހައި! …….. އިންޑިޔާގައި ……. އެއްކަލަ ދުވަހު އަހަރެން ދިނީމެންނު މޭވާ ގަންނަން ސަތޭކަ ޑޮލަރު! ކޮބާ އެފައިސާ!”

ރައިހާ ސީދާ ޕޮއިންޓަށް ދިޔައީ ވާހަކަ ދިގު ނުކުރަންވެގެންނެވެ. އެ މެސެޖު އާމިރަށް ފެނުނީ ހަވީރުގަޑީގައި ޖޮގިންއަށް ގޮސްފައި ގެއައިސް ވަން ފަހުނެވެ.

”އަހަރެން ގުޅިޔަސް އޯކޭތަ!” ޖަވާބުގައި އާމިރު ލިޔުނެވެ.

ޒާޙިލް ގޭގައި ނެތް ވަގުތަކަށްވުމުން ރައިހާ ވެސް ބޭނުންވީ އާމިރާ ވާހަކަ ދައްކާލުމަށެވެ. އެހެންވެ ގުޅީ ރައިހާއެވެ. އެހެންނަމަވެސް އެކޯލް ކަނޑާލާފަ އާމިރު ގުޅިއެވެ.

”އަހަރެންގެ ފޯނުގައި ވެސް ލާރި އެބަހުއްޓޭ!”

ހިތަށް އެރި ވާހަކަ ދުލާ ހަމައަށް ނުގެނެސް ރައިހާ އެހީ ކުރިން ވެސް އެހި ވާހަކައެވެ.

”ހުޅުތަކުގެ ދުޅަ ކުޑަތަ މިހާރު! ރިއްސާތަ އަދި ވެސް އެހާ ވަރަށް!” އާމިރު އެހީ ރައިހާގެ ބަލި ހާލަތާ ބެހޭގޮތުންނެވެ.

ހާދަ ތަފާތު މީހެކެވެ. ފިރިމީހާއަށް މިވަރު ވެސް ނުކުރެވެއެވެ. ކައިރީގައި ހުރިއިރު ވެސް އެވެ.

”ކުޑަކޮށް ރަނގަޅުހެން ހީވަނީ! އާމިރު ކިހިނެތް!” ރީތިގޮތަކީ ރައިހާ ވެސް އާމިރުގެ ހާލުގެ ވާހަކަ އެހުން ކަމަށްވާތީ އެހީއެވެ. މާބޮޑު ޝައުގެއް ހުރެގެނެއް ނޫނެވެ.

”އަހަރެން ހިތަށް އަރާ މީގެ ފަސް ދުވަހެއް ކުރީގައި އަދި ވެސް އަހަންނަށް އުޅެވޭނެނަމައޭ!” އާމިރު ބުނިއެއްޗެއް އެއްވެސް ވަރަކަށް ރައިހާއަކަށް ވިސްނައެއް ނުގަނެވުނެވެ.

”އަހަރެން އޮޅުން ނުފިލައިގެން މިއުޅޭ ކަންތަކާ ވާހަކަ ދައްކަބަލަ! މަގޭ ވޮލެޓްގައި ނުހުންނާނެ މާބައިވަރު ލާރިއެއް! ކޮބާ އެ ސަތޭކަ ޑޮލަރު!” ރައިހާގެ އަޑުން ހިތްހަމަ ނުޖެހުން އާމިރަށް ފާހަގަ ކުރެވުނެވެ.

”ކީއްވީ ލާރި މާ މަދުވީތަ ދަބަހުން!” އާމިރުގެ އަޑުން ރައިހާއަށް އެނގުނީ އާމިރު ރައިހާ އާ ސަމާސާ ކުރަން ބޭނުންވާކަމެވެ. އެހެންކަމުން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނުމުން އާމިރު ވާހަކަ ދައްކަން ފެށިއެވެ.

”މާރުކޮށްފަ ބައިވަރު އިންޑިއާ ފައިސާ އަހަރެންގެ އަތުގައި ހުރީމަ އެއަށް އެއްޗެހި ގަތީ! އެލާރި ދެން އަހަރެން  ބޭނުން ކުރަން ޖެހޭނެހެން ހީނުވާތީ! ގާތްގަނޑަކަށް ހަތަރުސަތޭކަ ޑޮލަރުގެ އިންޑިޔާފައިސާ ހުރި! އެހެންވެ! އަދިވެސް އެއިން ބައެއް އެބަހުރި ވޮލެޓްގައި! ” ސީރިއަސް ކަމާއެކު ޢަމިރު ދެއްކި ވާހަކަ މިފަހަރު ރައިހާ ގަބޫލުކުރިއެވެ.

”އެކަމަކުވެސް އަމީމެން އަތުން ކިހާ ފައިސާއެއް އަހަންނަށް ޚަރަދުވި! އަހަރެން ވެސް މިއީ ބޮޑު ސިންގާ މީހެކޭ! އެހެން ބަޔަކަށް އަހަރެންގެ ކަންތައްތައް ކުރުވަން ޖެއްސެވުނީތީ އަހަރެން ….. ..އަހަރެން އަސްލު ދެރަވޭ! ލަދުގަނޭ!”

ރައިހާގެ އަޑު ހިނދިގެން ދިޔައިރު އެ އަޑުގައި ހުރި މޮޅިވެރިކަން އާމިރުގެ ހިތަށް ތަދު ކުރިއެވެ.

”ކޮއްކޮ ރައި ދެކެނީ އެއްބަނޑު ކޮއްކޮއެއްގެ ގޮތަށް! އަދި …. އަހަރެންވެސް ރައި ދެކެނީވަރަށް ގާތް ފަރާތެއްގެ ގޮތަށް!”

އާމިރުގެ އަޑުގައިވަނީ ވިސްނައިދޭ ރާގެވެ. އަޑުގައިވަނީ އަޅާލުމެވެ.

”ދެން ރައި އެ ސަތޭކަ ޑޮލަރު ތިހާ ދޭހިތްވަންޏާ އަހަރެން ބޭނުން ވީމަ ބުނާނަން! ރައްކާ ކޮށްފަ ބާއްވާ!  އެދުވަހަކުން އަތުލާނަން! އޯކޭނު!” އަނެއްކާ ވެސް ސަމާސާ ރާގުގައި އާމިރު ބުންޏެވެ.

”ތި ބުނި ދުވަހެއް ނާންނާނެ!” ރައިހާ ބުންޏެވެ.

”އަންނާނެ! އަހަރެންގެ ހިތް ބުނަނީ އެ ދުވަހެއް އަންނާނޭ! އަވަހަށް … ވަރަށް އަވަހަށް ވެސް އަތުވެދާނެ! …….. ނުވަތަ ….. ލަހުން ނަމަވެސް!”

އާމިރަށް އޮތީ ވަރަށް ބޮޑު ޔަގީންކަމެކެވެ.  ބުނި ގޮތުން އަދި ރާގުން ރައިހާއަށް ކަށަވަރުވިއެވެ. އެހެންނަމަވެސް އެ ޔަގީންކަން ވީ ރައިހާއަށް އަރަތަކަށެވެ.

އާމިރުމެންނަކީ މާލޭގެ ބިމުން ނަފާ ނަގާ މީހުންގެތެރޭ އިސް ސަފުގައި ގުނައިލެވެވޭ މީހުންނެވެ. ދެބެންތިބި އިރު ދެބެންނަށް މައިންބަފައިންގެ ފަރާތުން ދެ ބިން ވާރުތަ ވެފައި އެބައޮތެވެ. ކޮންމެ ބިމެއްގައި އެތައް ބުރިއަކަށް ނަގާފައިވާ ޢިމާރާތެކެވެ. އާމިރަކީ ވެސް އަމީރާއަކީ ވެސް ކިޔަވައިގެން ތިބި ރަނގަޅު ވަޒީފާތައް އަދާކުރާމީހުންނެވެ. ވީ އިރު ސަތޭކަ ޑޮލަރު އެއީ އެމީހުންނަށް ކޯއްޗެއްހެއްޔެވެ.

”ކޮބާ ކުދިންނާ މައިދައިތަ! އެމީހުން ރަނގަޅުތަ!” އާމިރުގެ އަޑުން ރައިހާ ދިޔައީ ސިއްސައިގެންނެވެ.

”ހަމްމްމް! ރަނގަޅު! ދެން ބާއްވަނީ އިނގޭ!” އާމިރުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ރައިހާ ފޯނު ކަނޑައިލިއެވެ.

ޒާހިލް ނިދަން އައީ ކުރީ ރެއަށްވުރެ އެތައްތަނެއް އަވަހަށެވެ. އޭރު ރައިހާ ނިދަން ތައްޔާރު ވަނީއެވެ. އަލަމާރި ތެރޭގައި އެހެން މިހެން އުކާލާފައި ހުރި ޒާހިލްގެ އަންނައުނުތައް ފަށް ޖަހާނިމިގެން އަލަމާރިއަށް ލާން ރައިހާ ހިނގައިގަތީ ޒާހިލް ކޮޓަރިއަށް ވަންނަން ދޮރު ހުޅުވައިލީއެވެ.

ދޮރުން ވަދެގެން އައި ޒާހިލްއަށް ނުގޮތަކަށް ބަލައިލުމަށްފަހު ރައިހާ ކުރަން ހުރިކަންތަކާއިގެން އުޅެގަތެވެ.

”ރައިއަށް ގުދުވެ އުޅެން އުދަނގޫނު! ގެނޭ މަގޭއަތަށް! މަ ބަހައްޓައިދޭނަން! ”

ޒާހިލް އަތަށް އަންނައުނު ބޮނޑި ރައިހާ ދިނީކީ ނޫނެވެ. ޒާހިލް ޖަހައިގަތީއެވެ. ފާރަވެރިވެގެން ހުރި ހުޝިޔާރު ބާޒެއް ފަދައިންނެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގި ދެލޯ ބޮޑުކޮށްގެން ބަލަން ހުރި ރައިހާ ހުރީ އަނގަ ހުޅުވި ބުނާނެ އެއްޗެއް ނޭނގިފައެވެ.

އަންނައުނުތައް އަލަމާރީގައި ބަހައްޓަމުން ޒާހިލް ބަލައިލީ ހަރަކާތެއް ނުކޮށްހުރި ރައިހާއަށެވެ. އެއަށްފަހު ތެދުވެ ރައިހާ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ޒާހިލް ވަނީ ނިދަންލާ ސޯޓް ހިފައިގެން ފާޚާނާއަށެވެ.

ޒާހިލް ފާޚާނާއިން ނިކުތްއިރު ރައިހާ އޮތީ އޮށޯވެ ބިއްދޮށަށް އެނބުރިގެންނެވެ.

”ނިދީތަ!” ޒާހިލް އަތް ޖައްސައިލީ ރައިހާގެ ކޮނޑުގައެވެ. ރައިހާ އެނބުރުނެވެ. އަދި ޒާހިލްގެ މޫނަށް ބަލައިލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން ހިނތުން ވެލިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ކުޑަކޮށް ބޯޖަހާލުމުން ޒާހިލް ހިފީ ރައިހާގެ މޫނުގެ ދެފަރާތުގައެވެ. އަދި ކައިރިވެލާ ނިތުގައި ތުންފަތް ޖައްސާލައިގެން އިރުކޮޅަކު އޮތުމަށްފަހު ނިދާލާށޭ ބުންޏެވެ.

ފިރިމީހާގެ ފަރާތުން މިލިބުނު އޯގާތެރިކަން ރައިހާ ބަލައިގަތީ ހިތުން ރުހުމުންނެވެ. ރައިހާގެ ކަނާތް ގެންގޮސް ޒާހިލްގެ މޭމަތީ ބާއްވައިލިއެވެ. އަދި ލޯމަރައިލީ ނިދުމުގެ ބޭނުމުގައެވެ.

އާދައިގެ މަތިން ހެނދުނު ތެދުވެ މައިދައިތަޔާ ދެމައިން އުޅުނީ ސައިގެ ކަންތަކާއެވެ. ސައި ރަނގަޅަށް ތައްޔާރުކޮށް ނުނިމެނީސް ޒާހިލް އައިސް މޭޒުދޮށުގައި އިށީނެވެ.

“ރައި! ކޮފީއެއް ހަދާ ދީބަލަ!” ރައިހާ އެނބުރުނީ ޒާހިލްއާ ދިމާއަށެވެ.

”އައްދޭ! ހާދަ ނުވާކަމެކޭ! ރޭގަ ނުނިދުނީތަ މިހާއަވަހަށް ހިއްލައިލީ!”

ހިނިތުނވެގެން ހުރި ރައިހާ ބުނި އެއްޗަކަށް ޒާހިލް ވަކި ޖަވާބެއް ނުދިނެވެ. ސަމާލުކަން ހުރީ ފޯނަށެވެ.

ތައްޔާރުކުރި ކޮފީތަށި ގެނެސް ޒާހިލްގެ ކުރިމަތީބެހެއްޓުމަށްފަހު ރައިހާ ހިނގައިގަތުމުން ޒާހިލް ބަލަން ހުރީ ރައިހާއަށެވެ.

ކަމަކަށް އެދެން ވީމަ އަބަދުވެސް ޒާހިލްގެ މިސިފަ ރައިހާއަށް ދައްކާނެއެވެ. އެކަމަކު ދުވަހަކު ވެސް ރައިހާ އަކަށް އެކަން ފާހަގަވި ހެނެއް ހިއެއްނުވެއެވެ.

ޖެހިގެން އައި ތިންދުވަހު ވެސް ޒާހިލް އުޅުނީ ރައިހާއާ ވަރަށް ގާތް ވެގެންނެވެ. ރައިހާ ތަނެއްގަ އިނަސް ޒާހިލް އިށީންނާނީ ރައިހާއާ ޖެހިގެންނެވެ. ބައެއް ފަހަރު ރައިހާ ކުރަންހުންނަ ކަންތަކަށް އަތް ގާތްކޮށްލަދީ ވެސް ހަދައެވެ. އިންސާނުންގެ މަކަރުވެރިކަމަށް ލޯ ނުހުޅުވޭ މައުސޫމު މި އަންހެންކުއްޖާ ހުންނަނީ ފިރިމީހާގެ މިސިފަތަކާހެދި އުފާވެފައެވެ.

މަސް ނިމުނު ދުވަހެވެ. ޒާހިލް އެރޭ ގެއަށް އައީ އަދި މާއަވަހަށެވެ.

”ކޮބާ ކުދިން!” ކާން ހަދަން ހުރި ރައިހާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ޒާހިލް އެހިއެވެ. ޒާހިލްގެ މޫނުގައި މޫނު ކާއްތާލަމުން ރައިހާ ބުނީ ނަމާދު ކުރަނީކަމަށެވެ.

”ރައި! އަހަރެން ބޭނުން ލާރިކޮޅެއް!” ތަށިތައް މެޒުމަތީ އަތުރަމުން ދިޔަ ރައިހާއަށް ލިބުނީ ސިހުމެކެވެ. ދެލޯ ބޮޑުކޮށްގެން ޒާހިލްއާ ދިމާއަށް ބަލަން ފެށީ ހިތްހަމަ ނުޖެހި ހުރެގެންނެވެ.

”ކުރީދުވަހު ގެންދިޔަ ލާރި ހުސްވީތަ!” ރައިހާ ސުވާލުކުރުމުން  ޒާހިލް ދިނީ އަދި މާ ހައިރާންވި ޖަވާބެކެވެ.

”އެއީ އެންމެ ފަންސާސް ޑޮލަރެއްނު!”

“އެއީ ހަތްސަތޭކަ ފަންސާސް ރުފިޔާނު! ކޮންކަމެއް އެއަށް ކުރީ! ކޯއްޗެއް ގަތީ!” ރައިހާ ބޭނުންވީ އޮޅުން ފިލުވާށެވެ.

”ރައްޓެހި ކުއްޖެއްގެ ބާތުޑޭ އައިސްގެން ………. އެންމެންވެގެން ޕާރޓީ ބޭއްވީ!” ރައިހާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

”އެކަމަކު ޒާހިލް! އަހަރެން ހާދަ ބުރަމަސައްކަތުން ހޯދާ ލާރިއެކޭ ……! ތިވެސް ދެން ދެތިންކުދިންގެ ބަފައިން އުޅޭ ގޮތްތަ! އަހަންނަށް ހީވަނީ ތިއަށްވުރެ ޒާހިލް ޒިންމާދާރުވާން ވެއްޖެހެން!”

ރައިހާ އުޅުނީ ޒާހިލްއަށް ވިސްނައިދެވޭތޯއެވެ. ރުޅި އަޔަސް ރުޅި އިސްނުކޮށް ލޯބިން ވާހަކަދައްކަން ރައިހާ ބޭނުންވިއެވެ. މައްސަލަ ބޮޑުކުރަން ބޭނުން ނުވާތީއެވެ.

”އެއްކަލަ ލެކްޗަރ ދޯ! ދެންޏާ ދޭނަމޭ ބުނެބަލަ! އަހަރެން މުހިންމު އެއްޗެއް ގަންނަން ވެގެންނޭ!” އާދޭސް ކުރާ ރާގަކަށް ޒާހިލް ބުނުމުން އަނެއްކާވެސް ރައިހާގެ ރުޅި މައިތިރިވެއްޖެއެވެ.

”ކިހާވަރެއް! ކޯއްޗެއް ގަންނަން! ބުނީމަ ލިބޭނީ!” ރައިހާ އުޅުނީ ބުނާ އަދަދު ދޭންވެގެންނެވެ.

”އެއީ ސަރޕްރައިޒެއް! ގަނެގެން އައިމަ އެނގޭނެނު! އަހަރެން ބޭނުމީ ކޭޝްކާޑު!” ޒާހިލްގެ ބަހަށް ހެއްލި ކޭޝްކާޑު ހިފައިގެން އައިސް ރައިހާ ޒާހިލްއާ ދިމާއަށް އެއްލަމުން ހުސްނުކުރާށޭ ބުންޏެވެ.

އެރޭ ޒާހިލް ގެއަށް އައި ގަޑިއެއް ވެސް ރައިހާއަކަށް ނޭނގުނެވެ. ކޭޝްކާޑް ޒާހިލް އަތުގައި ވުމުން ޒާހިލް އަންނަންދެން ނުނިދާ އޮންނަން ރައިހާ ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ރައިހާ ނިދުނީއެވެ. ގައިމު އޭރު ބާރަގަޑި ބައިވެދާނެއެވެ.

ފަތިހު ރައިހާ ހޭލިއިރު ޒާހިލް އޮތީ ނިދާފައެވެ. ވިސްނާލަން އިރުކޮޅަކު އޮތުމަށްފަހު ރައިހާ ތެދުވެގެން ހިނގައިގަތީ ޒާހިލްގެ ޖިންސް ބާއްވާފަ އޮތް ގޮނޑިއާ ދިމާއަށެވެ. ޖީންސްގެ ފަހަތު ޖީބުގައި އަތްޖައްސައިލިއިރު ވޮލެޓް އޮތެވެ. އަވަސްއަވަހަށް ރައިހާގެ ކޭޝްކާޑް ނަގައިގެން ގޮސް ދަބަހަށް ލިއެވެ. ދެން ގޮސް ވަނީ ފާޚާނާއަށެވެ.

ހެނދުނު ސައިބޯން އިންދާ އަމީރާގެ ކޯލެއް އައެވެ. އެދުނީ އާދެވޭ ވަރު ވަންޏާ އެގެއަށް މެންދުރުކާން ޒާހިލްއާ ކުދިން ގޮވައިގެން އައިސް ދިނުމަށެވެ. ޢާއިލީ ބަޔަކަށް ކައްކާތީވެ ރައިހާގެ ފެމެލީ ވެސް ބައިވެރިކުރަން ބޭނުންވަނީ ކަމަށް ބުންޏެވެ.

”އަސްލު ރައި ނުފެނި މިހާރު ކިހާ ދުވަހެއް! އެހެންވެ ދެކިލާހިތުން ވެސްމެ!

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !