ސާދަވަނަ ބައި
ފިރމީހާގެ ހުރި ބޭވަފާތެރިކަން އަމިއްލަ ލޮލަށް ފެނުމުން ރައިހާގެ ދެލޯ ކަރުނުން ފުރިގެން އައެވެ. ހިތް ކުދިކުދިވެ ބުރަބުރައިގެން ފޭބިކަމުގެ އިޙުސާސުން ރައިހާ މުޅިން ބަލިކަށިވެއްޖެއެވެ. އަމިއްލަ މައިންބަފައިންނާ ހެޔޮ އެދޭ ރަޙުމަތްތެރިންނާ ދެކޮޅަށް މި ކުރެވުނު ކައިވެނިން ރައިހާ އުންމީދު ކުރި އެއްވެސް ކަމެއް ޙާސިލެއް ނުވިއެވެ.
ދެދަރިން ލިބުން ފިޔަވައެވެ. ދެން ލިބުނީ ލިބެން ބޭނުން ނުވި ހުރިހާ އެއްޗެކެވެ. ހިތާމައާއި ހިތްދަތިކަމެވެ. ރުއިމާ ކަރުނައެވެ. ބޭވަފާތެރިކަމުގެ ހިތި ރަހައެވެ. ލޯތްބާ އަޅާލުމާ އޯގާތެރިކަމަކީ މި ދިރިއުޅުމުގައި ޝާމިލް ނުވާ ބައިތަކެވެ.
ފަތިސްނަމާދަށް ބަންގި ގޮވީ ވެސް ރައިހާ އެ ސޯފާގައި ނުނިދި ދެއަތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ބަންގީގެ އަޑު އިވުމުން މަޑުމަޑުން ތެދުވެ ހިނގައިގަތުމުން ބޮލަށް އެނބުރުން އަރާ އަރި އަޅާލާ ގޮތް ވުމުން ހިފެހެއްޓީ ސޯފާގެ އަތްގަނޑުގައެވެ. އިރުކޮޅަކު އެހެން ހުރުމުން ހަމައަކަށް އެޅިއްޖެއެވެ.
ނެތް ހިއްވަރުލާ ކުރިއަށް ހިނގައިގަތީ އައިސްއަލަމާރި މަތީ އޮތް ތަޅުދަނޑިފަތި ހިފައިގެންނެވެ. ކޮޓަރީގެ ތަޅުގައި ތަޅުދަނޑި ޖެހުމުގެ ކުރިން ތަޅުގައި ހިފައިލުމުން މަޑުމަޑުން ދޮރު ހުޅުވިއްޖެއެވެ. ރައިހާއަށް ލިބުނު ޙައިރާންކަން ވަކިން ބޮޑެވެ. އަންހެނަކާ ފިރިހެނަކު ނިދަން ވަން ކޮޓަރިއެއް ތަޅު ނުލާ ހުރުމުން ރައިހާއަށް ވިސްނައިލެވުނެވެ. އެދެމީހުން ދޭތޭގައި ގޯސް ގުޅުމެއް ނެތީކަން ނޭނގެއެވެ. އެހެންވިއްޔާ ރޭގައި އެ އިވުނު އަޑަކީ އަހަންނަށް ހުވަފެނެއްގެ ތެރޭ އިވުނު އަޑަކަށް ވެދާނެއޭ ރައިހާ ހިތަށް އެރިއެވެ.
ދެއަތަށް ކިރި ކިރި ހުރެ އެތައް ޚިޔާލުތަކަކާއެކު އެތެރެއަށް ވަން ރައިހާއަށް ޒާހިލްއާ އެއަންހެން ކުއްޖާއާ ތބިގޮތް ފެނުމުން އަނގަމަތީ އަތް އަޅާލެވުނެވެ. ދެމީހުންގެ ގައިމަތީ އަޅާފައިވާ ފޮތިގަނޑު އެއްފަރާތް ވެފައި އޮތުމުން ދެމީހުންގެ ވެސް ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް ފެންނަން އޮތެވެ. އަންހެންކުއްޖާ އޮތީ އަރިއަކަށް ޒާހިލްއާ ވީފަރާތަށް އެނބުރިއެވެ. އެއް އަތާ އެއްފައި އޮތީ ޒާހިލްގެ ގައިމަތީގައެވެ. ރައިހާއަށް އެމަންޒަރު ބަލަން ކުޅަދާނަ ނުވުމުން އިސްއުފުލާ ރައިހާގެ ނަޒަރު ސީލިންގއަށް ހުއްޓައިލިއެވެ. އަދި ދެލޯ މަރއި ލެވުނެވެ.
”ޔާﷲ، މިއަޅާއަށް ކެތްތެރިކަން ދެއްވާށި!” ބޭއިޚުތިޔާރުގައި ރައިހާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
އަލަމާރިމަތީ ބާއްވާފައި އޮތް މުސައްލަ ނަގައިގެން އެނބުރިލި ވަގުތު ސައިޑްކަބަޑުމަތީ އޮތް ހުދުކުލައިގެ ފޯނު ރައިހާގެ ލޮލުގައިއ އަޅާގަތެވެ. ވަކި ޚިޔާލެއް ފިކުރެއް ނެތި އެއްލިއަތުން ފޯނުނަގައިގެން ކުރިއަށް ހިނގާފައި އައިސް ދޮރުން ނިކުމެ ރައިހާ ކޮޓަރީގެ ތަޅު ވެސް ލިއެވެ.
އެ ދުވަހުގެ ފަތިސްނަމާދު ރައިހާ ކުރީ ސިޓިންގރޫމުގައެވެ. ދުޢާއަށް ދެއަތްނަގައި ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރިއެވެ. ނަމާދުކޮށް ނިމިގެން ދެލޮލޮން ފޭބި ކަރުނަ ފޮހެލީ ވަރަގަދަ ޢަޒުމަކާ އާ ހިތްވަރަކާއެކުގައެވެ.
ހެނދުނު ސަޔަށް ރޮށި ފިހަން ހުރެފައި ރައިހާ އެނބުރުނީ މައިދައިތއާ ދިމާއަށެވެ.
”މަންމާ! އަހަރެން ބޭނުން ވާހަކައެއް ބުނަން!”
ރައިހާގެ އަޑު ހުރިގޮތުން އަދި މޫނުމަތިން ފެނުނު ކުލަވަރުން މައިދައިތައަށް ހުރެވުނީ ރައިހާ ބުނަން އުޅޭ އެއްޗަކަށްވުރެ ބޮޑަށް ރައިހާގެ މޫނުމަތިން ފެންނަން ހުރި ތަފާތު ކުލައަށް ނަޒަރު ހުއްޓިފައެވެ.
މައިދައިތަ ބަލަން ހުރި ގޮތުން މައިދައިތައާމެދު ރައިހާގެ ހިތުގައި ކުލުނާއި ހަމްދަރުދީ އުފެދުނެވެ. އެކަމަކުވެސް މިފަހަރު ފަހަތައް ޖެހޭކަށް ރައިހާ ބޭނުމެއް ނޫނެވެ. ރައިހާ މި ދިރިއުޅުމުން ދުރަށްދާން ޖެހިދާނެ ވަގުތެއް އަޔަސް މައިދައިތައަށް ޙަޤީގަތް އެނގުން ރައިހާ ނުލާހިކު ބޭނުމެވެ. އެވަގުތު މިހާރު ވަރަށް ކުޑަތަން ވެއްޖެ ކަމުގެ ރަތް ސިގުނަލް ފެންނަން ފަށައިފިކަމަށް ރައިހާއަށް ޤަބޫލުކުރެވުނެވެ.
”އަހަންނަށް ހީވަނީ މަންމައާ އެކު މިގޭގައި، އަހަންނަށް ލައްކަ ދުވަހު ވަރަށް ގިނަ ކަންކަން ނުވާކަމަށް ހަދައިގެން އުޅެވިއްޖެހެން! އަހަރެން ޒާހިލްއާ އިނީ ލޯބިން އެކުގައި އުމުރުދުވަހު އުޅުމަށް! ދެކުދިން ލިބުމުން އެދަރިންނަށް ރީތި ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ޒާހިލްއާއެކު އުޅެން…….. ވަރަށް ކެތްކުރިން! މަންމައަށް ނޭނގޭ ވަރަށް ގިނަ ކަންކަން މިގޭތެރޭގައި ހިނގައި ނިމިދާއިރު ވެސް އަހަންނެއް ނުބުނަމެއްނު! އެއީ ބުނަން ޖެހެނީ އަހަރެންގެ ފިރިމީހާގެ ވާހަކަ ކަމަށްވާތީ! އެއީ މަންމަ ބަނޑުއަޅައި ވިހޭދަރި! އެހެންވީމަ އަދި ފިރިމީހާގެ ހުންނަ އުނިސިފަތަކުގެ ވާހަކަ ދެއްކުން އެއީ އަހަރެން ނުކުރާނެ ކަމެއް ވީމާ! އެކަމަކު މަންމާ! އަހަންނަކީ ވެސް އިންސާނެއް! އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ……. މިހާރު އަހަރެން ވަރުބަލި ވެއްޖެ! ވަރަށް ބޮޑަށްވެސް ވަރުބަލި ވެއްޖެ!”
މަޑުމަޑުން ގޮސް ކާ މޭޒުމަތީ ރައިހާ އިށީނެވެ.
ރައިހާ ދެއްކީ ހަރުދަނާ ރަނގަޅު ވާހަކަތަކެކެވެ. އެހެންނަމަވެސް އުމުރުން ޅަ އަންހެންކުއްޖެކެވެ. ދުނިޔޭގެ ތަޖުރިބާ މަދު ކުއްޖަކަށްވާއިރު ވެސް ވަރަށް ގިނަ ކަންތައްތަކަށް ކެތްކޮށްފިއެވެ. ނުރޯން ހުއްޓާ ވެސް ރައިހާއަށް ގިސްލެވިއްޖެއެވެ. ފޮނި އުންމީދުތަކެއް ދެކެމުން އެޅި ދިރިއުޅުމުގެ ބިންގާ ބިލާހަކަށްވެގެން ފުނޑުފުނޑުވެގެން ދިޔަ މަންޒަރު އަމިއްލަ ލޮލުން ފެނުމުން ކެތް ނުކުރެވުނީއެވެ.
މައިދައިތަ ރައިހާގެ ގާތަށް ޖެހިލާ ރައިހާގެ ލޮލުން ކަރުނަ ފޮހެދިނެވެ. މައިދައިތައަކަށްވުރެ ބޮޑަށް ރައިހާގެ މައިދައިތަ ދެކެ ރައިހާ ލޯބިވެއެވެ. އަދި އެ މައިދައިތަ ވެސް އުފަން ދަރިއަކުދެކެވާ ލޯބި ރައިހާ ދެކެ ވާކަން ސާބިތުކޮށްދެއެވެ. މައިދައިތަގެ އޯގާތެރި ފިރުމުމުން ރައިހާއަށް ކުރިއަސަރު ވަކިން ބޮޑެވެ.
”މަންމާ! ޒާހިލް އެއޮތީ މިގޭ ތެރޭގައި……… އަހަރެމެން ދެމީހުންގެ ނިދާ ކޮޓަރީގައި ……….. ހިލޭ އަންހެނަކާއެކު ނިދާފަ!”
ޒާހިލްގެ މަންމައަށް ރައިހާ ދުރަށް ޖައްސައިލެވުނީ އެ ދެއްކި ވާހަކަ ގަބޫލު ނުކުރެވިގެންނެވެ.
”ދަރިފުޅާ! ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެނު!” ރައިހާގެ މައިދައިތަ ވާހަކަ ދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ.
ރައިހާ އިސްޖަހާލައިގެން އިރުކޮޅަކު ހުއްޓެވެ. ދެން އެދުނީ ރައިހާއާއެކު ދިއުމަށެވެ.
ކޮޓަރީގެ ދޮރުމަތީ ހުއްޓިފައި ވެސް ރައިހާ ވިސްނައިލިއެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާލަމުން ރައިހާ މައިދައިތައަށް ބަލައިލިއެވެ. އަދި ކޮޓަރީގެ ދޮރު ބާރަކަށް ހުޅުވައިލިއެވެ. ހުޅުވިގެން ދިޔަ ދޮރުގެ ދޮރުފަތް ދިޔަ ބާރުމިނުގައި ގޮސް ޖެހުނީ ފާރުގައެވެ. އެއަޑާއެކު ނިދަން ތިބި ދެމީހުން ސިއްސައިގެން ގޮސް ދެލޯ ހުޅުވައިލިއެވެ. އަންހެން ކުއްޖާ ފުންމައިގެން ގޮސް ފޮތިގަނޑު ނަގައިގެން އޭނަގެ ހަށިގަނޑު ފޮރުވައިލިއެވެ. ޒާހިލް އޮތް ގޮތަށް އޮތީއެވެ.
”ޒާހިލް! ޒާހިލްގެ މަންމަ އެބަހުރި މިތާ!”
ރައިހާ ބޭނުންވީ ފެންނަން ނުޖެހޭ މަންޒަރެއް މަންމައަށް ނުދެއްކުމެވެ. ރައިހާ ބުނިއެއްޗެއް އަޑުއިވުމުން ޒާހިލް ދުވެ ގޮސް ވަނީ ފާޚާނާއަށެވެ.
ޒާހިލް ގޮސް ނިވައިވުމުން ރައިހާ ދޮރުމަތިން އެއްފަރާތް ވެލާ މައިދައިތައަށް އިޝާރާތް ކޮށްލުމުން މައިދައިތަ ދޮރުމަތީ ހުއްޓިލީ ނިކަން ރުޅި މޫނަކާއެކުގައެވެ.
”ކަލޭ!”
މައިދައިތަ ހިނގައިގަތީ އެނދާ ދިމާއަށެވެ. އެވަގުތު ރައިހާ މައިދައިތަ އަތުގައި ހިފެހެއްޓިއެވެ.
”އަހަރެން ބޭނުންވީ އަހަރެން ކެތްކުރިވަރު މަންމައަށް ދައްކަން!” ރައިހާ ހިނގައިގަތީ މައިދައިތަ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށެވެ. ގަދަހެދުމެއްނެތި މައިދައިތަ ވެސް މަޑުމަޑުން އިސްޖަހާލައިގެން ހުރެ ރައިހާއާއެކު ހިނގައިގަތެވެ.
ރައިހާ ވެސް ގޮސްވަނީ މައިދައިތައާ އެކު އެ ކޮޓަރިއަށެވެ. މައިދައިތަ އެނދުގައި އިށީނީއެކޭ ނުބުނެވޭނެއެވެ. އެނދަށް ވެއްޓިގަތީއެވެ. އެއަށްފަހު އިސްޖައިލިއިރު އެ މުސްކުޅި މަންމަގެ މޫނުން ފެނުނީ ވަރުބަލިކަމާ ލަދުވެތިކަމެވެ.
އޭގެ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓްފަހުން ޒާހިލް އައިސް ދޮރުމައްޗަށް އެރިތަން ފެނުމުން ރައިހާ ވެސް މައިދައިތަ ވެސް މޫނު އަނބުރައިލީ ދުރަށެވެ. އަދި އަތުގެ އިޝާރާތުން ކުރިމަތިން ދުރަށްދާން މައިދައިތަ އަތް ހޫރައިލީ ޒާހިލްއާ ދިމާއަށެވެ.
އިރުކޮޅަކު އަނގައިން ނުބުނެ ހުރިތާ ހުރުމަށްފަހު ޒާހިލް ވާހަކަ ދެއްކީ ރައިހާއާއެވެ. އެ އަޑުގައި އެއްވެސް ވަރަކަށް ޖެހިލުންވުމެއް އަދި ކުރި ކަންތަކާމެދު ދެރަވި ކަމުގެ އަލާމާތެއް ނެތެވެ.
”ރައިހާ! އެތާ އޮތް ފޯނު ކޮބާ! އެ ހިފައިގެން އަހަރެންގެ ކޮޓަރިއަށް އާދޭ!”
ބުނަން ބޭނުންވި ވާހަކަ އަމުރުވެރިރާގަކަށް ބުނެފައި ޒާހިލް ގޮސް ވަނީ ޒާހިލްގެ ކޮޓަރިއަށެވެ.
ޒާހިލް ދިއުމުން މައިދައިތަ ބަލައިލީ ރައިހާގެ މޫނަށެވެ.
”ނުދާތި!” މައިދައިތަ ރައިހާ ދާކަށް ގަބޫލެއް ނުވިއެވެ.
”ނޫން މަންމާ! އަހަރެން ނުހުއްޓުވާ!” ސާބިތުކަމާއެކު ޖަވާބުދެމުން ރައިހާ ހިނގައިގަތީ ކުރިއަށެވެ. ދޮރުމަތީގައި ހުއްޓެމުން އަނެއްކާވެސް ރައިހާ ބަލައިލީ މައިދައިތައަށެވެ.
”ކަމެއްކޮށްދެއްޏާ އަހަންނަށް ހިތްވަރުދީ!” ރައިހާގެ އަޑުގައި ހުރި ހިތްދަތިކަން މައިދައިތައަށް ފަހުމުވިއެވެ. މައިދައިތަ ރައިހާއަށް ބަލަން އިނީ ކަރުނަވީ ލޮލަކުންނެވެ.
މަޑު ފިޔަވަޅުތަކެއްގައި ހިނގާލާފައި ދިޔަ ރައިހާގެ ޅަ ސިކުނޑިއަށް އަރާފައިބަމުންދިޔަ ހަނދާންތަކާ ޚިޔާލުތައް ގުނާ އަދަދު ކުރެވޭ ވަރަށްވުރެ ގިނައެވެ. މި އެޅެނީ ކިހާވަރެއްގެ ފިޔަވަޅެއްކަން ދެންވާނީ ކިހިނެތްކަމެއް ވިސްނައިގަންނާކަށް ތަޖުރިބާ މަދު އެ އަންހެން ކުއްޖާއަކަށް ނޭނގެއެވެ.
ދިޔަގޮތަށް ގޮސް ރައިހާ ހުއްޓުނީ އެ ކޮޓަރީގެ ދޮރުމަތީގައެވެ. އޭރު އެއަންހެންކުއްޖާ އިނީ އިސްޖަހާލައިގެންނެވެ. ޒާހިލް އެ އުޅެނީ ހީވާގޮތުން އޭނަ ހިތްހަމަ ނުޖެހި އުޅޭތީ އޭނަ މަސަލަސް ކުރަންވެގެންނެވެ.
ރައިހާ ދިޔުމުން ވެސް ދެމީހުންކުރެ އެކަކުވެސް ބަލާނުލާ އިރުކޮޅަކުތިއްބެވެ. ރައިހާ ކަރުކެހިލުމުން ބަލާލާފަ ވާހަކަ ދެއްކީ ޒާހިލްއެވެ. ރުޅިއައިސް ގެންގޮސް ފަޅައިގެން ހިނގައިދާނޭހެން ހީވާއަޑަކުން އެކަމަކު އެއަޑު މަޑުކުރަން މަސައްކަތް ކުރަމުންނެވެ.
”މިތާ އޮތް ފޯނު ކޮބާ!”
”އެއީ ޒާހިލްގެ ފޯނުނު! އެބައޮތް އަހަރެންގެ އަތުގަ!” ރައިހާ ޖަވާބު ދިނީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. އެވަގުތު ވެސް ރައިހާ ބޭނުންވީ ޒާހިލްއަކީ ފިރިމީހާވީމާ ފިރިމީހާއަށް ގަދަރުކުރާކަން އަންގާށެވެ.
”ޒާހިލްގެ ފޯނެއް ނޫން އެއީކީ! އެއީ އަހަރެންގެ ފޯނު!” އަންހެންކުއްޖާ ހީވީ ފުންމައިގަންނަން އުޅޭހެންނެވެ.
”އެހެންތަ! އެކަމަކު ފޯނު ދިނީ ޒާހިލްއެއްނު!” އޮޅުން ފިލުވަން ރައިހާ ބޭނުންވި ކަމަކީ އެއީއެވެ.
”ޒާހިލް ދޭ ހިސާބުން އެ ވާނީ އަހަރެންގެ އެއްޗަކަށް! އެހެންނޫނަސް އެކަމަކާ ކަލެއަކާ ކީއް؟” އަންހެން ކުއްޖާ ބޭނުންވީ އޭނަޔާ ޒާހިލްއާ ދެމެދު އޮތް ގުޅުމާ ޒާހިލްއަށް އޭނަ މުހިންމުވަރު އަންގައިދޭށެވެ.
”ރޭ ކަލޭ އެކުގައި ތި ނިދި ޒާހިލްއަކީ ތި އަގުގެ ފޯނު ގަނެދެވޭވަރު މީހެއްތޯ ތި އިންދަ އަހަރެންގެ ފިރިމީހާ، ކަލޭގެ ލޯބިވެރިޔާ ޒާހިލް ގާތުން ނިކަން އަހާބަލަ!”
ރައިހާއަކަށް ކެތެއް ނުކުރެވުނެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އަމިއްލަ މަސައްކަތުން އަތްފައި ކޮށައިގެން ހޯދި ލާރިކޮޅަށް ހިލޭ އަންހެނަކަށް ޚަރަދުކުރިކަން ފަޅާއެރީމާ ކެތްކުރާނީ ކިހނެތްހެއްޔެވެ!
ރާއިހާ ބުނިއެއްޗަކުން އަންހެންކުއްޖާ ބަލައިލީ ސުވާލުގެ ނަޒަރަކުން ޒާހިލްއަށެވެ.
ޒާހިލްގެ ލޯބިވެރިޔާގެ ކުރިމަތީ ޒާހިލްގެ އަގު ވެއްޓޭގޮތަށް ރައިހާ މި ދެއްކި ވާހަކަ އަޑުއިވުމުން ޒާހިލްގެ ރުޅިގަނޑު ހައްދުން ނެއްޓިއްޖެއެވެ. ތެދުވެގެން އައިސް ހިފީ ރައިހާގެ ބޮލުގެ އިސްތަށިގަނޑުގައެވެ.
ވީތަދުން ރައިހާއަށް ބޭއިޚުތިޔާރުގައި ގޮވުނީ ރައިހާގެ މަންމައަށެވެ. އެތަނަށް އައީ އެފަދަކަމެއް ހިނގައިފާނެކަމަށް ތަޖުރިބާއިން ވިސްނިފައި ހުރި ޒާހިލްގެ މަންމައެވެ.
”ޒާހިލް! ދޫކޮށްލާ! އަނިޔާ ތިކުރަނީ އަމިއްލަ އަނބިމީހާއަށޭ! ޒާހިލްގެ ދެކުދިންގެ މަންމައަށޭ! ކިހިނެއް ވެގެންތަ ތިއުޅެނީ!”
(ނުނިމޭ)
ޚިޔާލުތައް