ފުވައްމުލަކު ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020ގެ މިއަދުގެ ފަހު މެޗުގައި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރ ޓީމް އާއި ދޫނޑިގަލޯނާ ޑްރީމްސް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް ހޯދަޑު ޓީމުން ސެމީފައިނަލުގެ ދެވަނަ ޖާގަ ހޯދާފިއެވެ. މިއަދުގެ ފުރަތަމަ މެޗުގައި އެކުވެރި ފުނާޑު ޓީމުން ކާމިޔާބުކުރުމުން ބީ ގްރޫޕްގެ ފަހުމެޗުގެ ނަތީޖާއަށް އިންތިޒާރު ކުރަން 3 ޓީމަށް ވެސް ވަނީ ޖެހިފައެވެ.
ގްރޫޕް ބީ ގެ މެޗުގައި އެކުވެރި ފުނާޑު ޓީމާއި މިސްކިތްމަގު ޖޫނިއަސް ބައްދަލުކުރި މެޗު އެކުވެރި ފުނާޑު ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ. މިނަތީޖާއާއެކު މިގްރޫޕުން ސެމީފައިނަލަށް ދާނެ 2 ޓީމެއް ކަނޑައެޅިގެން ދާނީ މާދަމާ ހަވީރު ކުޅޭ ފަހު މެޗުންނެވެ. އެމެޗުން މޮޅުވެގެން ނޫނީ މިސްކިތްމަގު ޖޫނިއަސް ޓީމަކަށް މުބާރާތުގައި އިތުރު ފުރުސަތެއް ނުލިބޭނެއެވެ. އެމެޗު އެއްވަރުވިޔަސް ސެމީފައިނަލަށް ދާނީ ފިސްޑާ ޖޫނިއަސް އާއި އެކުވެރި ފުނާޑު ޓީމެވެ.
މިއަދު ގްރޫޕް އޭ ގައި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓާސް އާއިއެކު ކުޅުނު މެޗުން 2-1 އިން ބަލިވުމުން ދޫނޑިގަލޯނާ ޖޫނިއާސް ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މިގްރޫޕްގެ 1 ވަނަ ލިބެނީ ދިގުވާޑު އަފުން ޓީމަށެވެ.
ސެމީފައިނަލުން ދިގުވާޑު އަފުން ޓީމުން ބައްދަލުކުރާނީ ބީ ގްރޫޕްގެ 2 ވަނަ ޓީމާއެވެ. އަދި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރ އިން ބައްދަލުކުރާނީ ބީ ގްރޫޕްގެ 1 ވަނަ ޓީމާއެވެ. ސެމީ ފައިނަލުގެ 2 މެޗުވެސް ކުޅޭނީ އެއްދުވަހުގެ މެދުކެނޑުމަކަށްފަހު ޑިސެމްބަރު 2 ގައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ފިސްޑާ ޖޫނިއާސް އާއި ބައްދަލުކުރާނީ މިސްކިތްމަގު ޖޫނިއަސް ޓީމެވެ. މެޗު ފަށާނީ ހަވީރު 4:15ގައިއެވެ. ސެމީފައިނަލުން ޖާގަ ހޯދުމަށް މިސްކިތްމަގު ޖޫނިއަސް ޓީމުން މިމެޗު ކާމިޔާބުކުރަން ޖެހެއެވެ. އެހެން ނޫނީ މުބާރާތުން ކަޓައިގެން ދާނެއެވެ.
މިއީ މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ހޭންޑްބޯޅަ މުބާރާތެކެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 4 ޑިސެމްބަރު ވާ ހުކުރު ދުވަހު ހަވީރުއެވެ.
ޚިޔާލުތައް