ސަތާރަވަނަ ބައި
”މަންމާ! ސައި ބޮއެފިންތަ! ކޯއްޗެއް ސަޔަށް ހުރީ!” ރައިހާގެ އަޑު އިވުމުން މައިދައިތަ ފެށީ ރޯންށެވެ.
”ކިހިނެތްވީ! މަންމަ ބަލީތަ!” ކަންބޮޑުވެފައިވާ އަޑަކުން ރައިހާ ސުވާލުކުރިއެވެ. ޖަވާބެއް ނައިސް އިރުކޮޅެއް ދިޔައެވެ. ފަހަރެއްގައި މައިދައިތަ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނަގަނީއެވެ.
”މަންމަ އޭރުވެސް ބުނީމެއްންނު ދަރިފުޅު ގާތު ނުގޮސް މަޑުކުރާށޭ! ޒާހިލް އައިއްސަ ހުރި ރުޅީގައި އެހެން ބުންޏަސް އެއީ ދަރިފުޅު ފޮނުވާލަން ބުނި އެއްޗެއް ނޫންކަން މަންމައަށް އެނގޭތީއޭ އެހެން ބުނީ! ޒާހިލް ހުރީ ވަރަށް ދެރަވެފަ! މަންމަ ގާތު ރޭވެސް އެހި ރައިހާ ނުގުޅާހޭ! ކޮންތާކުހޭ އެމީހުން ތިބެނީ! …… މަންމަ ބުނިން ހައްވަ މެންގޭގައޭ! ނުދޭތަ ކުދިންގާތަށް!”
ރައިހާ ހުރީ މައިދައިތަގެ ވާހަކަ ކަނުލާ އަޑުއަހައިގެންނެވެ. ޒާހިލްގެ ހުރި އަނިޔާވެރިކަމާ ކެހިވެރިކަން ރައިހާ ވަނީ ހަ އަހަރު ތަޖުރިބާ ކޮށްފައެވެ. މިހާރު ރައިހާ އަކީ ޒާހިލްއާ އެއްވެސް ގުޅުމެއް އޮތް މީހެއްނޫނެވެ. ދެން އެކެހިވެރިކަމުގެ މަޅީގައި ރައިހާއެއް ނުޖެހޭނެއެވެ. ވީ އެންމެ އަވަހަކަށް ރައިހާ ކޯޓަށް ދާނެއެވެ. ވަރީގެ ކަންތައް ވަކިކޮޅެއްގައި ޖެއްސުމަށެވެ.
”މަންމާ! ޒާހިލްގެ ހުރިހާ ކަމަކަށްވެސް އަހަރެން އައީ ކެތް ކުރަމުން! އެކަމަކު ޒާހިލް ބޭނުންކުރަން އަހަންނަށް ލިބޭ މުސާރަ ދީފައި އަހަރެންގެ އަމިއްލަ މައިންބަފައިންނަށް ވެސް ދޭނެ އެއްޗެއް އަހަރެން އަތުގަ ނޯންނަ އިރުވެސް އެ ޝަކުވާ ނުކޮށް އަހަރެން އުޅުނީ އަހަރެން ޒާހިލްއާއެކު އުޅެން ބޭނުންވާތީ! ………އަހަރެންގެ ބައްޕަ ބޮޑު އޮޕްރޭޝަނެއް ކުރަން ވެގެން ލާރިއަކަށް އެދުނު ހިނދު އަހަރެންގެ އެކައުންޓުގައި ހުރި ފައިސާއިން އެންމެ ލާރި ފޮއްޗެއް ވެސް އެމީހުންނަށް ނުދެވުނީ ޒާހިލް ހިލޭ އަންހެނަކަށް އަހަރެންގެ އެކައުންޓްގައި ހުރި ފައިސާ ނަގައިގެން ޚަރަދު ކުރީމަ! އަދި އެވަރުން ވެސް ނިމުނީކީ ނޫނެއްނު! އަހަރެންގެ މިހިރަ ދެލޮލުންނޭ ދުށީ އެދެމިހުންގެ ދެމެދު އޮތް ގުޅުން! އަހަންނާ ޒާހިލްގެ ނިދާކޮޓަރިން އަހަރެން ބޭރަށް ލުމަށްފަހު ހިލޭ އަންހެނަކާއެކު …… ! މަންމާ އަޅެ މަންމައަށް ކެތް ވާނެތަ! ބުނެބަލަ! މަންމަގެ ފިރިމީހާ މިގޮތަށް މަންމައާ މެދު ކަންތައް ކުރި ނަމަ މަންމަ ރުހިގެން ހުންނާނެތަ!”
ވާހަކައިގެ އެ ހިސާބުން ރައިހާއަށް ރޮވިއްޖެއެވެ. އެހެންނަމަވެސް ވާހަކަ ހުއްޓާ ނުލާ ކުރިއަށްގެންދިޔައެވެ.
”އަހަރެން މިހިރީ ހައްވައްތަ މެންގެއަކު ނޫން! އަހަރެންގެ އެކުވެރިއެއްގެ އެހީގެ ދަށުގައި!……………….މަންމަ އަހަންނާމެދު ބެހެއްޓި އޯގާތެރިކަމާ މަންމަގެ ފަރާތުން އަހަންނަށް ލިބުނު ލޯބި އެއީ އަހަރެން ދުވަހަކު ވެސް ހަނދާން ނެތޭނެ ކަންކަމެއް ނޫން! މަންމައަށް އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަހަންނަށް ވީވަރަކުން މަންމައަށް އެހީވާނަން! ……….. އެކަމަކު އަހަރެން ދެން……… މަންމާ! އަހަރެން ދެން ޒާހިލް އަކާ ނުގުޅޭނަން! މިވަރުން އަހަންނަށް ފުދިއްޖެ!”
ރައިހާ ވާހަކަ ނިންމައިލީ މައިދައިތަ ގާތު އެވާހަކަ ބުނެވުނީމާ ލިބުނު ހިތްހަމަ ޖެހުމާއެކުގައެވެ. އެއަށްފަހު ދެ ކުދިންނަށް ގޮވާ އެ ކުދިންގެ މާމައާ ވާހަކަދައްކަން ފޯނު ދީގެން އިރުކޮޅަކު ހުއްޓެވެ.
ވަގުތަކީ އެންމެ އެކަށޭނަ ފަރުވާއެވެ. މާޔޫސްވެ ވަރުބަލިވާ ފަރާތްތަކަށް ލިބޭ އެންމެ ރަނގަޅު ޝިފާ ވެސް މެއެވެ. ރައިހާގެ ޒަޚަމްވި ހިތުގެ ބޭހަކަށްވީ ވެސް ވަގުތެވެ. އެކުވެރި ރަޙުމަތްތެރިޔާގެ އެހީގައި ދިރިއުޅެން ލިބުނު ކޮޓަރީގައި ރައިހާއާ ދެކުދިންނާ އުޅެމުން ދިޔައީ ހަމަ ޖެހިގެންނެވެ. ރޭގަނޑު ނިދަން އޮށޯތުމުން މާޒީގެ އެކި ހަނދާންތައް އައިސް އުދަނގޫ ކުރަން ފެށިޔަސް އިސާހިތަކު އެ ޚިޔާލުތަކާ ފިކުރުތަކުން މިންޖުވެ ނިދައިލެވެއެވެ.
ހަފުތާގެ ފަސްދުވަސް ރައިހާ ހޭދަކުރަނީ އޮފީހުގައެވެ. ކުދިން ސްކޫލަށް ލުމަށްފަހު ގެއަށް އައިސް ގޭގައި ކައްކަން އުޅޭ މީހާއާއެކު ގޭތެރޭގެ ބައެއް މަސައްކަތް ތަކުގައި ވެސް ވަގުތުކޮޅެއް ހޭދަކުރެއެވެ. އޮފީހުގައި ހުރެފައި ދެން ރައިހާ އޮފީހުން ނިކުންނާނީ ކުދިން ސްކޫލުން ނިމޭގަޑިއާ ކައިރިކޮށްފައެވެ. ކުދިން ގޮވައިގެން ގެއަށް އައިސް ހެދުން ބަދަލުކުރުވައިގެން ކާން ދީގެން ގެންގޮސް އަމީރާ ގާތުގައި ކުދިން ބައިތިއްބާފައި ދެން ދާނީ އަނެއްކާ ވެސް އޮފީހަށެވެ. ގިނަ ރޭރޭ ރޭގަނޑު ވެސް މިހާރު އޮފީހަށް ދާނެއެވެ. އެއީ ކުރިން ރައިހާއަށް ވަގުތު ނުވާތީ ނުކުރެވި އޮތްކަމެކެވެ.
އެ ގެއަށް ރައިހާ ބަދަލުވިތާ ފަނަރަ ވަނައަށް ވީދުވަހެވެ. ކުދިންނަށް ކާންދިނުމަށްފަހު ފިލާވަޅު ނިންމުވަން ބައިތިއްބާފައި ރައިހާ އުޅުނީ އޮފިހުގައި އޮތް މީޓންއަކަށް ދާންވެގެން ތައްޔާރު ވުމުގައެވެ.
ކުދިން ނިންދަވަން ބައިތިއްބާފައި ރައިހާ ނިކުތީ އޮފީހުގެ ގަޑި ޖެހޭތީ ލަސްވެ ހުރެގެންނެވެ. ސިޓިންރޫމުގެ ދޮރުކައިރީ ބަހައްޓާފައި ހުރި ބޫޓު ފަޔަށް ކޮއްޕާލަމުން އަވަހަށް ލިފްޓްގެ ގްރައުންޑް ފިތަށް ފިތާލިއެވެ. ލިފްޓްގެ ދޮރު ހުޅުވުނުއިރު ފަހަތުގައި އެހެން މީހަކު ވެސް ހުއްޓެވެ. އެއީ ކާކުތޯ ބެލީ ލިފްޓަށް އަރަމުންނެވެ.
”އާމިރު!”
”ރައި!”
ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ނަމުން ގޮވައިލެވުނީ އެކުއެކީގައެވެ. ދެލޯ ބޮޑުކޮށްގެން ކޮންމެ މީހަކު ވެސް އަނެކަކަށް ބަލަން ތިބީ ޙައިރާންކަމުން ފުރިގެންވާ ބެލުމަކުންނެވެ.
އާމިރު ރާއްޖެއިން ބޭރުގައި ހުރެފައި މާލެ އައީ މިއަދުއެވެ. ގެއަށް ދެވުނު އިރު ހުރީ މެންދުރުވެފައެވެ. ދިގު ދަތުރެއް ނިންމާލުމަށްފަހު ގެއަށް ގޮސް ފެންވަރާ ތާޒާވެލުމުން ހަށިގަނޑަށް ލިބުނު ހަމަ ޖެހުމުގައި ބޭނުންވީ ނިދާލުމަށެވެ. ކޮއްކޮ ދެކިލަން މިރޭ ދާނިއޭ ހިތާ އޮށޯތުމުން ނިދުނުގޮތަށް އާމިރަށް ހޭލެވުނު އިރު ގަޑިން އަށެއް ވެސް ޖަހައިފިއެވެ. އަނެއްކާވެސް ފެންވަރާލައިގެން އަމީރާމެންގެއަށް ދިއުމުގެ ކުރިން ގުޅީ ކޮއްކޮ ގޭގައި އުޅޭތޯއެވެ.
”މިއީ އާމިރުމެންގެތަ!” ފުރަތަމަ އޮޅުން ފިލުވަން ސުވާލު ކުރީ ރައިހާ އެވެ.
”ހަމްމް! ކޮއްކޮ ނުބުނޭތަ!”
”ނުބުނޭ! ބުނީ އާއިލީ ގެއެކޭ! ….. ” ރައިހާ ޖަވާބުދިން އިރު އެމޫނުމަތިން އޭގެ ކުރިން ކިތަންމެ ފަހަރަކު އާމިރު ދެކެފައިވާ ލަދުވެތިކަމުގެ އެ ހިތްގައިމު ޝުޢޫރު މިރޭ ވެސް ފެނިގެންދިޔައެވެ.
”އާމިރު ގާތަކު އަމީ ނުބުނޭތަ އަހަރެން މިގެއަށް ގެނެސް ލީވާހަކައެއް!” ރައިހާ ބޭނުންވީ އަނެއްކާ ވެސް އަހާ އޮޅުން ފިލުވާށެވެ.
”ނޫން، ބުނި! އެކަމު އެމީހަކީ ރައި އެކޭ ނުބުނޭ!” އާމިރު ޖަވާބުދިނީ މަޖާވެފައި ހުރެގެންނެވެ.
”އަޅޭ! ހާދަ ގޯހޭ!” ރައިހާގެ އަޑު އިވުމުން އާމިރަށް ވަކިން މަޖާވިއެވެ.
“ކޮންތާކަށް ތިދަނީ! ކޮބާ އެއްކަލަ ދުޅަވެފައި ހުރި އިނގިލތައް!” އާމިރު ހިފީ ރައިހާގެ އަތްތިލާގައެވެ.
ރައިހާ ވެސް އިނގިލިތައް ދަމާލާ އިނގިލީގެ ހުޅުތައް ވަކިވަކިން އާމިރަށް ދެއްކިއެވެ. އެހާއިރު ވީއިރު ވެސް އާމިރު ހުރީ ރައިހާގެ އަތްތިލާގައި ހިފައިގެންނެވެ. އަދި ލިފްޓް އޭގެ މަންޒިލަށް ދަތުރު ނިމިއްޖެކަން އެންގުމުން ފޭބީ ރައިހާގެ އަތުގެ ނުފުށުގައި މަޑުމަޑުން ފިރުމާލަމުންނެވެ. އެއީ އޭގެ ކުރިން ވެސް ރައިހާއަށް ފާހަގަވެފައިވާ ފިރުމުމެކެވެ.
ދެމީހުން ހިނގައގަތީ ދެ ދިމާއަށެވެ. އެހެންނަމަވެސް އާމިރު ހުއްޓިލާފައި އަނެއްކާ ވެސް ރައިހާ ދާތަނަކާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. މި ދަނީ އޮފީހަށޭ ބުނަމުން ކުރިމަތިން އޮތް ހަނި ގޯޅިން ރައިހާ ހިނގައިގަތްތަން ބަލަން އާމިރު އިރުކޮޅަކު ހުއްޓެވެ.
އޮފީހުން ދިހަގަޑި ބައިވުމުގެ ކުރިން ރައިހާ ނިކުންނާނެއެވެ. އޭރުން އެގާރަޖަހަން ވާއިރަށް ނިދަން އޮށޯވެ ވެއެވެ. މިރޭ ވެސް އެއާދައިގެ މަތިން ރައިހާ އޮފީސް ނިންމާލާފަ އައީ ގެއަށެވެ. ގެއަށް ވަދެވުމުގެ ކުރިން ފޯނު ރިންގްވާހެން ހީވުމުން ދަބަހުގެ ބޭރުން ދަބަހުގައި އަތްޖައްސައިލިއެވެ. އޭރު ލިފްޓް ވެސް ހުޅުވިއްޖެއެވެ. އެހެންކަމުން ގުޅީކާކުތޯ ބަލާނީ ގެއަށް ވަދެއޭ ހިތާ ދަބަހުން އަތް ދޫކޮށްލިއެވެ.
ސިޓިންގރޫމުގެ ދޮރު ހުޅުވައިލުމުން ފެނުނު މަންޒަރުން އެ ގަޑީގައި ގެއަށް ނާދެވުނު ނަމައޭ ރައިހާ ހިތަށް އެރިއެވެ. ސިޓިންގރޫމުގެ ހާމައަށް ހުރި ސޯފާގައި އާމިރު އިނެވެ. އާމިރުގެ ލޯ ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ އިނގިރޭސި ފިލްމަށެވެ. އާމިރުގެ އުނގުގައި ބޯއަޅާލައިގެން ދެލޯ މެރިފައި އޮތީ ދޮން ރީތި އަންހެން ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ހައިލައިޓް ކޮށްލާފައެވެ. ލައިގެން ހުރި ހެދުމުގައި އަތެއް ނެތޭ ބުއްޏަސް ދޮގަކަށް ނުވާނެއެވެ. އެހާ ކުރު ޓޮޕް ކޮޅެކެވެ. ބަލާބެލުމަށް ރައިހާއާ އުމުރު ވާނީ އެއްވަރެވެ.
ރައިހާއަށް ހުއްޓި ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ. ކުރިއަށް ހިނގައިގަންނަން ވެސް ނޭނގިފައެވެ. މިއީ އާމިރުގެ ފަރާތުން މިހާތަނަށް ރައިހާއަށް ފެނިފައި ނުވާ ބައެކެވެ.
އާމިރަށް ރައިހާ ސިޓިންރޫމަށް ވަންކަން އެނގުނީ ވެސް އިރުކޮޅެއް ފަހުންނެވެ. އާމިރު އިނީ އެހާ ވަރަށް ފިލްމަށް ގެއްލިފައެވެ.
ރައިހާ ބަލަން ހުރިތަން ފެނުމުން އާމިރަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އާމިރުގެ އުނގުގައި ބޯއަޅައިގެން ނިދިފައި އޮތް އަންހެންކުއްޖާ ލޯ ހުޅުވައިލުމުގެ ކުރިން ރައިހާ ދެމިގަތީ ކޮޓަރިއަށެވެ.
ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ދޮރުފަތުގައި ބުރަކަށި ޖައްސައިގެން އިރުކޮޅަކު ރައިހާއަށް ހުރެވުނެވެ. ރައިހާ ގަތީ ލަދުކަމެއް ރައިހާވީ ދެރަކަމެއް ޚުދު ރައިހާއަކަށް ވެސް ނޭނގެއެވެ. އެނގޭކަމަކީ ހިތަށް ތަފާތު ގޮތެއް ވެއްޖެކަމެވެ. އެ ހިސާބުން ދަބަސް ނަގާ ރީތިވާ މޭޒުމަތީ ބޭއްވުމަށްފަހު ކޮޓަރީގެ ތަޅުލިއެވެ. އަދި ނިދަންވެގެން ހެދުން ބަދަލުކޮށްގެން އަރާ އޮށޯތެވެ.
އާމިރުގެ ލޯބިވެރިއެއް ހުންނަނީތާ!. ދެން ނީނދެ ގެއަށް ގެނެސްގެން އުޅެނީ ކީއްވެބާ! ހުސް ޒާހިލް ކަހަލަ މީހުން! ….. ނޫން ނޫން ޒާހިލްއަކާ އާމިރަކާ އަޅައެއް ނުކިޔޭނެ! ……… އާމިރު ….. ރައިހާއަށް އެތައް ފަހަރަކު އެނަން ތަކުރާރުކޮށް ކިޔައިލެވުނެވެ. އަދި އެނަން ކިޔައިލެވޭ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ފިނިކަމެއް ހިތަށް ލިބޭކަން އިޙުސާސްވެއެވެ. ރައިހާއަށް ނޭނގުނީ އެ ފިނިކަމުގެ ސިއްރެވެ. ހިތަށް ލިބެމުންދިޔަ ފޮނިކަމުގެ އަސްލެވެ. އަދި އަންހެންކުއްޖެއް އާމިރުގެ އުނގުގައި ބޯއަޅާލައިގެން އޮތްތަން ފެނުމުން ހިތަށް އުދަނގޫވި ސަބަބެވެ.
އާދައިގެ މަތިން ރައިހާ ކުދިން ތައްޔާރުކޮށްގެން ނިކުތީ ސްކޫލަށް ދާށެވެ. އެ ވަގުތަކީ އާމިރު ޖޮގިން ނިންމާލާފަ ގެއަށް އައި ވަގުތެވެ. އާމިރު ފެނުމުން ނުފެންނަ ކަމަށް ހަދާލާފަ ރައިހާ އެރީ މަގުގެ އަނެއް ފަރާތަށެވެ. އަދި ކުދިންނަށް އާމިރު ނުފެންނާނެހެން ކުދިންނާ ކައިރީގައި ހުރެގެން ރައިހާ ކުރިއަށް ހިނގައިގަތެވެ.
އާމިރަށް ރައިހާގެ ފަރާތުން މި ފެނުނު ދުރުހިލޭކަން ފާހަގަ ކުރެވިގެން ހީވި ގޮތެއްތޯ ވިސްނާލިއެވެ.
ކުދިން ސްކޫލަށް ލާފައި އައިސް ގެންގުޅޭ މީހާއާ އެކު ރައިހާ ބަދިގޭގައި އުޅުނު އިރަކު އާމިރުގެ ހިލަމެއް ނުވެއެވެ. އެކަމާ ރައިހާ ހުރީ އުފާވެފައެވެ. އެހެންނަމަވެސް އިރުއިރުކޮޅާ އާމިރު އުޅޭނެހެން ހީވާ ކޮޓަރިއާ ދިމާއަށް ލޯ ހިންގައިލެވެއެވެ. ސައި ތައްޔާރު ވުމުން މިއަދު މޭޒުމައްޗަށް ސައި ނެގީ ވެސް ރައިހާއެވެ. އަދި އާމިރު ނިކުތުމުގެ ކުރިން ސައި ބޮއެގެން އަވަހަށް ވަނީ ކޮޓަރިއަށެވެ.
އޮފީހަށް ދާންވެގެން ރައިހާ ނިކުތީ ގަޑިޖެހެން ފަނަރަ ވަރަކަށް މިނިޓަށް ވެފައި ހުއްޓައެވެ.
(ނުނިމޭ)
ޚިޔާލުތައް