ފުވައްމުލައް ސިޓީގެ ތައްރައްގީގެ ޕްލޭން 2019-2023 އަށް އަކީ ފުވައްމުލައް ސިޓީ ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރިޔަށް އޮތް 5 އަހަރަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމެނޭ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެކެވެ.
މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނު 7/2010 ގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ. ސިޓީ ފެންވަރުގެ ތަރައްގީގެ ޕްލޭނުގައި ކަނޑަައޅާފައިވާ ހަރަކާތްތައް ކުރިޔަށް ދާގޮތް ކޮންމެ ކައުންސިލަކުން ވެސް މަދުވެގެން 6 މަހުން އެއްފަހަރު ހާމަކުރަން ޖެހެއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭނަށް އަމަލީސިފަ އަންނަމުން ދާގޮތް އެކައުންސިލުން އަންނަނީ ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ 6 މަހަށްވުރެ އަވަހަށް ތަރައްގީގެ ޕްލޭންގެ ހަރަކާތްތައް ހާމަކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ހާމަކޮށްފައި ވަނީ ފާއިތުވި 2 މަހުގެ ހަރަކާތްތަކެވެ. ފާއިތުވި ނޮވެމްބަރު މަހާއި މި ޑިސެމްބަރު މަހުގައި ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭނުގެ ދަށުން ކޮށްފައިވާ ކަންކަން ރިޕޯޓެއްގެ ގޮތުގައި އެކައުންސިލްގެ ފޭސްބުކް ޕޭޖްގައި ޝާއިއުކޮށްފައި ވަނީ މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި ރިޕޯޓަށް ބަލާލާއިރު 17 ހަރަކާތެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން:
ދެމެހެއްޓެނިވި މަސްވެރިކަމަށް ފަހިކުރުމުގެ ގޮތުން ފުވައްމުލަކުގެ ސަރަހައްދުގައި އަޅާފައިވާ 3 އޮއިވާލިކަނދުފާތީގެ ތެރެއިން ކަނޑައިގެންދިޔަ އޮއިވާލި ކަނދުފައްޗެއް ފާއިތުވި ނޮވެމްބަރު މަހު އަލުން އަޅާފައި ވެއެވެ. އެއީ ފުވައްމުލަކު ހުޅަނގު ބޮައެ އެވެ.
ދަނޑުވެރިކަން ތަރައްގީކުރުމުގެ ގޮތުން ފުވައްމުލަކުގެ ދަނޑުވެރިންނަށް ގއ.ނިލަންދޫއިން ދަނޑުބިން ލިބޭނެ އެއްބަސްވުމެއްގައި ގއ. ނިލަންދޫ ކައުންސިލާއެކު ވަނީ އެއްބަސްވުމެއް އެކުލަވާލާފައި ވެއެވެ. އަދި ފުވައްމުލަކުގެ އަލަ އޮޅުތަކާއި އަނބުގަސްތަކަށް ޖެހޭ ބަލިތަކާއި ގުޅިގެން ދަނޑުވެރިންނާއި ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގާފައި ވެއެވެ.
ފުރިހަމަ ތައުލީމާއި ހުނަރު ލިއްބައިދިނުމުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކޯސްތަކާއި ގުޅޭގޮތުން މަޝްވަރާ ބާއްދަލުވުމެއް މި ޑިސެމްބަރު މަހު ބާއްވާފައިވާކަމަށް ވެއެވެ.
އުމްރާނީ ތަރައްގީގެ ގޮތުގައި ރައްޔިތުންނަށް ފަސޭހާވާނެ ގޮތަށް ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް މިޑިސެމްބަރު މަހު ކުރެވިފައިވާ ކަމަށް ވެއެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފުވައްމުލަކުގައި ގާއިމުކުރާ އައުޓްޑޯ ޖިމް އިންސްޓޯލް ކުރުމަށް ބަޔަކާއި ހަވާލުކުރުން ހިމެނެއެވެ.
ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅުވައިގެން ޒުވާނުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ޑިސެމްބަރު މަހު ބާއްވާފައި ވެއެވެ. އަދި ފުވައްމުލަކުގެ އިންޑޯ ބެޑްމިންޓަން ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިޑިސެމްބަރު މަހު ފެށިފައި ވެއެވެ.
ސިޓީ އަދި ގައުމީ ފެންވަރުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުން ނޮވެމްބަރު މަހު ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ސިސްޓާ އައިލެންޑް އެއްބަސްވުމުގެ ދަށުން އެކި ސެކްޓަރ ތަކުގެ ބައްދަލުވުން ބޭއްވުން ހިމެނެއެވެ.
މަގުހެދުމާއި މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ ދަށުން ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހަދަން މިޑިސެމްބަރު މަހު ފެށިގެން ދިއުމާއި، ރަށްގޮތުން ހުއްޓުވަން މަސައްކަތް ކުރުމުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ ޕްރޮޖެކްޓްގެ ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުކުރުން ބޭއްވުން ހިމެނެއެވެ.
ކުޅިވަރު ކުޅޭނެ ރަނގަޅު ދަނޑުތަކެއް ހެދުމުގެ ދަށުން ފުވައްމުލަކު ސްޓޭޑިއަމްގައި އޮންނަ ފުޓްސަލް ދަނޑު ބޮޑުކޮށް މިނަށް ފައިތައި ތަރައްގީކުރުން ހިމެނެއެވެ.
ފުވައްމުލަކުގައި ފެންބޮޑުވުން ހައްލުކުރުމުގެ ދަށުން ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ 3 އާރު (ކާނު)ގައި ފެންހިންދާ ޕަމްޕް ބެހެއްޓުމުގެ މަސައްކަތް، ޑިސެމްބަރު މަހުގައި ކުރެވުނު ކަމެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.
ރަށުތެރެ އާއި ގޮނޑުދޮށް ސާފުކޮށް ބެލެހެއްޓުމުގެ ދަށުން ފުވައްމުލަކު އީސާ ބނާއިބު މަގު (ހޯދަޑާއި ދިގުވަޑު ގުޅުވައިދޭ މަގު) ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާފައި ވެއެވެ.
ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފުވައްމުލަކުގެ މިސްކިތްތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގާފައި ވެއެވެ. އަދި ސިޓީ ކައުންސިލްގެ ފެސިލިޓޭޓިން ޑިޕާޓްމެންޓް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިރިޕޯޓްގައި ކައުންސިލުން ދުވަހުން ދުވަހަށް ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި ހިންގުނު ހަރަތާކްތަކުގެ ތަފުސީލު ހިމެނިފައެއް ނުވެއެވެ. އަދި މިއީ ތަރައްގީގެ ޕްލޭންގެ ދަށުން ހެދިފައިވާ މިއަހަރުގެ ވޯކްޕްލޭންގައި ހިމެނުނު ކަންތައްތަކުގެ ތެރެއިން އަހަރުގެ އެންމެ ފަހު ދެމަހުގައި ކުރެވުނު ކަންކަމުގެ ޚުލާސާއެކެވެ.
ޚިޔާލުތައް
ފުވައްމުލަކު ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށްވުރެ ސަރުކާރުގެ ރިޔާސީ ވަޢުދުތައް ފުއްދޭ މިންވަރުގެ މައްޗަށް ޢާޓިކަލެއް ލިއުއްވި ނަމަ ފުވައްމުލަކު ރައްޔަތުންނަށް މާރަގަޅުވީސް ކަމަށް ދެކެން.