ފުވައްމުލައް ސިޓީގެ ކޮވިޑް-19 ހާލަތު އެނގިގެންދާނީ މިހާރު ނަގާފައިވާ ކޮންޓެކްޓުންގެ ސާމަޕްލަތަކުގެ ނަތީޖާ ލިބުނުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު ވިދާޅުވެއްޖެއެވެ. އާމިނަތު މިހެން ވިދާޅުވީ މިރޭ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފުވައްމުލައް ސިޓީއިން މިއަދު ވަނީ އިތުރު 4 ކޭސްއެއް ޕޮޒިޓިްވ ވެފައެވެ. މިހުރިހާ ކޭސްތަކަކީ ވެސް އެއް ކްލަސްޓާ އަކަށް ނިސްބަތްވާ ކޭސްތަކެއް ކަމަށެވެއެވެ. އަދި އިއްޔެ ފެނުނު ކޭސްތަކާއި އެކު ޖުމްލަ 14 ކޭސް އެއް މި ކްލަސްޓާ އަށް ނިސްބަތްވެގެން ރަށުގެ 3 އަވަށެއްގައި ކޮވިޑް-19ގެ ބަލި މީހުން އެބަތިބި ކަމަށެވެ. މިހުރިހާ ކޭސް ތަކެއް ވެސް ފެށިފައި ވާނީ ބަލީގެ އަސަރު ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ފަރާތަކާއި ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުންކަމަށެވެ.
ކުރިން އައި ކޮވިޑް-19ގެ ރާޅުގައި ފުވައްމުލައް ސިޓީއިން ފެނުނު ގިނަ ޕޮޒިޓިވް ކޭސްތަކަކީ ބަލީގެ އަލާމަތްތައް ފެނިފައި ނުވާ ކޭސްތަކެއް ނަމަވެސް މިފަހަރު އެއާއި މުޅިން ތަފާތުކަމަށް އާމިނަތު ފާހަގަ ކުރެއްވިއެވެ. އަދި މިފަހަރުގެ ހުރިހާ ޕޮޒިޓިވް ކޭސްތަކަކީ ވެސް ބަލީގެ ނިޝާންތައް ހުރެ، ރޯގާގެ އުނދަގުލާއި ކުރިމަތިލަމުންދާ ފަރާތްތަކެއް ކަމަށް ވިދާޅުވިއެވެ. ވުމާއެކު ބެލެވެނީ މިއީ ކުރީގައި ބަލީގެ ހާލަތަށް ވުރެ ނުރާއްކާތެރިކަން ނުވަތަ ބަލީގެ ބާރުގަދަަކަން ހާމަވާ ކަމެއް ކަމަށެވެ. ވުމާއެކު ކުރިއަށް ވުރެ ބޮޑަށް ރައްކާތެރިަކމުގެ ފިޔަވަޅުތަކަށް އެންމެންވެސް ސަމާލުކަން ދިނުން މުހިންމެވެ.
މިއަދު ހަވީރު 6:00 އާއި ހަމަޔަށް 150 ސާމްޕަލް ނަގާފައިވެއެވެ.
މިހާރު ރަށުގެ އެކްޓިވް ޕޮޒިޓިވް ކޭސް މިވަނީ ޖުމްލަ 17 އަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހައިރިސްކް 8 މީހުންނާއި 65 އަހަރުން މަތީގެ 3 މީހުން ހިމެނެއެވެ. އެއީ އަންހެން 4 ފިރިހެން 13 މީހުންނެވެ. ބައްޔަށް ޕޮޒިޓވް ވި ބައެއް މީހުން ވަނީ ވެކްސިން ގެ ދެޑޯޒް ޖަހާފައި ކަމަށް ވިޔަސް ދެ ދޯޒް ޖެހުމަށް ފަހު ފުރިހަމަ ރައްކާތެރިކަން ލިބެން އޮންނަ 14 ދުވަސް ވެފައި ނުވާ ކަމަށާއި ބަލީގެ އަސަރު އެމީހުންނަށް ކޮށްފައިވާލެއް ކުޑަ ކަމަށް ވެއެވެ.
ކޮންޓެކްޓް ޓްރޭސިން ގެތެރޭގައި 246 ފަރާތެއް ފާހަގަކުރެވިފައިވާ އިރު 127 ގެއެއް މޮނިޓަރިން އަށް ލެވިފައިވާކަމަށާއި ކޮންޓެކްޓްސްގެ ތެރެއިން 53 ފަރާތަކީ ހައިރިސްކް މީހުން ކަމަށް ފާހަގަ ކުރެވިފައިވާކަމަށް އާމިނަތު މައުލޫޫމާތު ދެއްވިއެވެ.
މިރޭގެ ނޫސްކޮންފަރެންސްގައި ފުވައްމުލައް ސިޓި ކައުންސިލްގެ ޑެޕިއުޓި މޭޔަރު މުހައްމަދު ޟިރާރު އައި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އާއި ޑިރެކްޓާ އަހުމަދު މަސީހު ބައިވެރިވެ ވަޑައިގެން މައުލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ ތިރުން ހޮސްޕިޓަލުގެ ފަރާތްުން ބައިވެރިވީ ސިނިއާ ޕަބްލިކް ހެލްތު އޮފިސަރު އާމިނަތު އަހުމަދު އެވެ.
އެޗްޕީއޭއިން ވަނީ ފުވައްމުލައް ސިޓީގައި 7 ދުވަހުގެ މުއްދަތަށް ކާފިއު އިއުލާންކޮށްފައެވެ.
ޚިޔާލުތައް