ދެހާސް އަށާރަވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ގަދަ 10ގައި ހިމެނުނު ފުވައްމުލައް ސިޓީގެ ދަރިވަރުންނަށް ޕާކިސްތާނު އެމްބަސީން ލެޕްޓްޕް ހަދިޔާކޮށްފިއެވެ.
މި ލެޕްޓޮޕްތައް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދުވަނީ އެފަރާތްތަކަށް ހަވާލުކޮށްފައެވެ. އެ އަހަރު، 2018 ގެ އޯލެވެލް އިމްތިހާނުން ފުވައްމުލައް ސިޓީގެ 8 ދަރިވަރަކު ގަދަ 10ގައި ހިމެނި ޕާކިސްތާނު އެމްބަސީގެ އެހީގެ ގޮތުގައި ލެޕްޓޮޕް ލިބިފައިވެއެވެ.
ދަރިވަރުންނަށް ލެޕްޓޮޕް ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ ކޮޓަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ކައުންސިލް މެމްބަރު އާމިނަތު އިނާޔާގެ އިތުރުން ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދު އެވެ.
މިއީ ކުރީގެ ކައުންސިލުން ޕާސްކިސްތާނު އެމްބަސީއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އޭރު ހަމަޖެހިފައިވާ ހަދިޔާތަކެކެވެ. މިތަކެތި ފުވައްމުލައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ދާދި ފަހުން ޕާކިސްތާނު ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.
މިފަދަ އެހީތެރިކަމެއް ފުވައްމުލައް ސިޓިގެ ދަރިވަރުންނަށް ހޯއްދަވައި ދެއްވުމަށް ކުރީގެ ސިޓީ ކައުންސިލް މެމްބަރުން، ޚާއްސަކޮށް މޭޔަރު ފަލާޙު ޝަރުފު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ކުރެވި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިއަދުގެ ރަސްމިއްޔާތުގައި މިހަރުގެ ކައުންސިލުން ޝުކުރު އަދާކުރިއެވެ.
ޕާކިސްތާނު ހައިކޮމިޝަނަކީ ފުވައްމުލައް ސިޓީ ކައުންސިލާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެއްކަން ފާހަގަ ވެއެވެ. އެގޮތުން އެނެމް ފަހުން ހައިކޮމިޝަނަރު ކުރެއްވި ދަތުރުގައި ވެސް ފުވައްމުލައް ސިޓީގެ ތަރައްގީގެ އެކިއެކި ކަންކަމަށް އެހީތެރިކަން ދެވިދާނެ ގޮތަތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. އަދި ކުރިން ފުވައްމުލައް ސިޓީ ލައިބްރާރީއަށް ފޮތް ހަދިޔާކޮށްދެއްވާފައި ވެސް ވެއެވެ.
ޚިޔާލުތައް