މިއަހަރުގެ އަޟުހާ އީދު (ބޮޑު އީދު) ފާހަގަ ކުރުމަށް ހޯދަޑު އަވަށުގެ ޒުވާނުން ކުރިޔަށް ގެންދިޔަ އީދު ކުޅިވަރުތަކުން އުފާވެރި މާހައުލެއް ގެނުވައި ދިންކަމަށް އެހަރަކާތުގައި ބައިވެރި ބައެއް މީހުން ބުނެއެވެ.
ފުވައްމުލައް ސިޓީގެ ގިނަ އަވަށްތަކަކުން މިފަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް މާކަ ބޮޑު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔަ ތަނެއް ނުފެނުނެވެ. ނަމަވެސް ހޯދަޑު އަވަށުގެ ޒުވާނުން އިސްނަގައިގެން ގިނަ ކުޅިވަރުތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. މިހަރަކާތްތަކުގައި އެއަވަށުގެ އެކި އުމުރުފުރާއިގެ ގިނަބަޔަކު ބައިވެރިވެފައި ވެސް ވެއެވެ.
މިފަހަރުގެ އީދު ކުޅިވަރުތައް ހޯދަޑު އަވަށުގައި ކުރިޔަށް ގެންދިޔައީ ވެސް ހޯދަޑު އަވަށުގެ ‘މަތިމަގު ބުރީ” ގައެވެ. ހޯދަޑު އަވަށުގެ މީހުން އިޖުތިމާއީ ކަންކަމުގައި އެއަވަށް 3 ބަޔަކަށް ބަހާލައެވެ. އެއީ ‘މަތިމަގު ބުރި’ އާއި މެދުބައި (ޕެރިސް ސިޓީ) އާއި ‘ވަލި ބުރި’ އެވެ. މިފަހަރުގެ އީދު ހަރަކާތްތައް އޮތީ ހަމައެކަނި މަތިމަގު ބުރީގެ މީހުންގެ މެދުގައި މަތިމަގު ފޯކައިދޫ ކޮއެ އާރު ސަރަހައްދު (ބަހާރު މަގުން ހޯދަޑުގައި) ގައެވެ.
ޢީދުގެ ކުޅިވަރުތަައް ފެށުމުގެ ކުރިން މަތިމަގުގެ ކުޅިވަރު ތައް ބޭއްވުމަށް ހަމަޖެހުނު ހިސާބުގައި ވާރޭވެހުމުގެ ސަބަބުން އުފެދުނު ފެންގަނޑު ޕަމްމު ޖަހައިގެން ހިއްކައި ކުޅިވަރުކުޅުމަށް ތައްޔާރުކުރިއެވެ.
އީދު ކުޅިވަރުގެ ގޮތުން ޗުކި(ފައިގަތަޅާ) އާއި މަގުމަތީގައި ކުޑަކުދީންގެ ފައިބޯޅަ ކުޅުމާއި ދެޖިންސުގެ އެކި އުމުރުފުރައިގެ މީހުންގެ ޓައެރު ދުއްވުމާއި މިއުޒިކާއެކު ލަވަކަިޔުން ފަދަ ތަފާތު ހަރަކާތަތް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ވެސް ތަފާތު ކުޅިވަރުތަކާއެކު އީދު ފާހަގަ ކުރުމަށް ޒަމާނުއްސުރެ ކުރަމުން އަންނަ ފެންޖެހުމާއި ކުލަ އަދި ޖެހުން ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ބޮޑު އީދު ސްކޫލްތަކުގެ ބޮޑު ޗުއްޓީއާއި ދިމާވުމުން ފުވައްމުލަކުގެ ގިނަ އަވަށްތަކުގެ މީހުން މިދުވަސް ބޭނުންކުރީ ޗުއްޓީ ހޭދަކުރުމަށް ރަށުން ބޭރަށް ދަތުރުކުރުމަށް ކަމަށް ބެލެވެއެވެ. ހުރިހާ އަވަށްތަކެއްގައި ހެން އެހެން ފަހަރު ތަކުގައި ތަފާތު ގިނަ ކުޅިވަރު ހަރަކާތަތައް ކުރިޔަށްގެންދެއެވެ. ނަމަވެސް މިފަހަރު ގިނަ އވަސްތަކުން އެކަމެއް ފެނިގެނެއް ނުދިޔައެވެ.
ޚިޔާލުތައް