ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް ރާއްޖޭގެ 4 ސަރަހައްދެގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް އެމަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީއިން ރާއްޖެ ގެނެސްފިއެވެ. މި 4 ސަރަހައްދުގައި ބޭނުންކުރުމަށް 36 ބަސް ރާއްޖެ ގެނެސްވައިވަނީ އިއްޔެއެވެ. އޭގެ ތެރެއިން 12 ބަސް މާލޭގައި ބޭނުންކުރުމަށް ނިންމާފައިވާއިރު ބާކީ ހުރި ބަސްތައް ބޭނުންކުރާނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ލާމު އަތޮޅު ގަމުގައެވެ.
މި 4 ސަހަރައްދުގެ ތެރެއިން މާލެ ސިޓީގައި މިނީ ބަހުގެ ޚިދުމަތް މިހިގާ ޖުލައި މަހު 31 ދުވަހު ފަށަން މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާއި ހަވާލާދީ ރާއްޖެ އެމްވީ އިން ރިޕޯޓްކުރެއެވެ. ނަމަވެސް، މިދިޔަ ޖޫން މަހު ހުޅުމާލޭގައި ބޭއްވި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން، ހައްދުންމަތީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބަސްތައް ރާއްޖެގެނެސް އެބަސްތަކުގެ ބޭނުންކުރަން ޖުލައި މަސްނިމުމުގެ ކުރިން ފެށޭނެކަމަށެވެ.
މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިނީ ބަހުގެ ހިދުމަތް ފެށޭނެ ކަމަށް ބުނެ ގިނަ ތާރީހުތަކެއް މީގެ ކުރިންވެސް ސަރުކާރުން އިއުލާނު ކޮށްފައިވެއެވެ. މި ޚިދުމަތް ފެށުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 16.9 މިލިއަން ވަނީ ހިމަނާފައެވެ.
ފުވައްމުލަކުގައި ބޭނުންކުރުމަށް އާބަސްތައް ރާއްޖެ ގެނެސްފައިވީ ނަމަވެސް އެބަސްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފިދާނެކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ސަބަބީ ފުވައްމުލަކު ބޮޑެތި މަގުތަކައި ތާރު އެޅުމަށް ކުރާ މަސައްކަތް އަދިވެސް ނިމިފައި ނުވުމެވެ.
ޚިޔާލުތައް