ފުވައްމުލައް ސިޓީގައި ކުޅުނު އީދު ފެންކުޅި އާއި ގުޅިގެން ޒުވާން އަންހެން ކުއްޖަކު އެކްސިޑެންވެ ބޮޑު އަނިޔާއެއް ލިބިއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ ފިތުރު އީދުގެ ދެވަނަ ދުވަހު، (ހޮނިހިރު) ހަވީރު 5 ޖަހާކަށް ހާއިރު ސައިކަލުގައި ރައްޓެސަކާއެކު ތާރުމަގުން (ނާއިބު ތުއްތު މަގު) ދަޑިމަގާއި ވީކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ދަޑިމަގު ފަންނާއި ހިސާބުން އީދު ކުޅިވަރު ކުޅެން ތިބި ބަޔަކު ސައިކަލުގައި ދިޔަ މީހުންގެ ގަޔަށް ކުލަފެން (ކުލަ ފެނަށް ގިރާފައި) ޖަހަން އުޅުމުން، އެމީހުން ކައިރިން ސަލާމަތް ވުމަށް އަވަހަށް ސައިކަލް އަނބުރާލިތަނުން ވެއްޓި އަނިޔާވެގެން ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރެއެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 20 ވަރަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖާ ތާރުމަގަށް ވެއްޓި ބޯޖެހުމުގެ ސަބަބުން ބޮލަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމަށް ފުވައްމުލަށް ހޮސްޕިޓަލް މެނޭޖަރު މުހައްމަދު ލިރާރު މީޑިއާއަށް ވިދާޅުވެފައި ވެއެވެ. ބައެއް މީހުން ބުނާގޮތުން އެކްސިޑެންޑަށް ފަހު އަނިޔާވި އަންހެން ކުއްޖާގެ ނޭފަތާއި ކަންފަތުން ލޭއަންނަމުން ދިޔައެވެ.
މިހާދިސާގައި އެ އަހެންހެން ކުއްޖާގެ ސިކުޑިއަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ރޭ އޭނާ ވަނީ މާލެ ފޮނުވާލާފައެވެ.
މިއެކްސިޑެންޓްގައި ދެން ހިމެނުނު މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ.
ނަމަވެސް އިއްޔެ ފުވައްމުލަކުގައި ހިނގި އެހެން އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވެފައިވާ އުމުރުން 61 އަހަރުގެ މީހަކު ވެސް އިތުރު ފަރުވާއަށް ރޭގެ ފްލައިޓްގައި މާލެ ފޮނުވާލާފައި ވެއެވެ.
އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ފެންކުޅި ކުޅުމަކީ ޒަމާނުއްސުރެ ފުވައްމުލަކުގައި އޮންނަ އާދައެކެވެ. ފެން ކުޅި މިހާރުވަނީ ކުލަ ފެންކުޅިއަކަށް ބަދަލުވެއެއެވެ. އެއީ މިހާރު ގިނައިން ޖަހާ އުޅެނީ ކުލަފެން ކަމަށް ވާތީއެވެ.
އިއްޔެގެ މިއެކްސިޑެންޓާއި ގުޅިގެން ބައެއް ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް އަންނަނީ ދައްކަމުންނެވެ. ނަމަވެސް އީދުގެ ފެންކުޅި އާއި ބެހޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައި ވަނީ ފެންކުޅި ކުޅެންވާނީ އެހެން މީހުންގެ ކަރާމާތާއި އިއްޒަތަށް، އަދި މީހުންނާއި މުދަލަށް ގެއްލުން ނުލިބޭފަދަ ގޮތަކަށް ކަމަށެވެ.
މިފަހަރު އީދުގައި މި ދިމާވި ހާދިސާއަކީ އެކްސިޑެންޓެކެވެ. އެފަދަ އެކްސިޑެންޓެއް އެނޫން ވެސް ތަފާތު ހާލަތްތަކުގައި ދިމާވާކަމީ ހަގީގަތެކެވެ.
ޚިޔާލުތައް