ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފުވައްމުލަކު މެދު ދާއިރާގެ ޓިކެޓް ހޯދުމަށް އާއިޝަތު އާތިޔާ ނަސީރު މިއަދު ކެންޑިޑެންސީ ފޯމު ހުށަހަޅައިފިއެވެ. މި ދާއިރާއިން އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް އާތިޔާގެ އިތުރުން 2 ފަރާތަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިދާއިރާއިށް ފުރަތަމަ ކެންޑިޑެންސީ ފޯމު ހުށަހަޅާފައި ވަނީ ހުސޭން މުޙައްމަދު ހުނުބޮލިއެވެ. ދެން ވާދަކުރުމަށް ތައްޔާރުވަމުން އަންނަ މުހައްމަދު މުސްތަފާ އަޙުމަދު އަދި ކެންޑިޑެންސީ ފޯމު ހުށަހަޅާފައެއް ނުވެއެވެ.
އެމްޑީޕީ ޕްރައިމަރީ އަށް ކެނޑިޑެންސީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހު 19 ވާ ބުދަ ދުުވަހާއި ހަމައަށެވެ.
މިއަދު (16 ޑިސެމްބަރު ގައި) ފޯމު ހުށަހެޅީ މާދަޑު ހަޒާރުމާގެ އާތިޔާ ނަސީރު އަކީ މިފަހަރު ފުވައްމުލަކުން މި އިންތިާޚބުގައި ވާދަކުރާ ހަމައެކަނި އަންހެން ކަނބަލެވެ.
ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕޭން ރަސްމީކޮށް މިހާތަނަށް ލޯންޗުކޮށްފައި ވަނީ ވެސް އާތިޔާ ނަސީރު އެކަންޏެވެ. އޭނާ ވަނީ ޕްރައިމަރީ ކެމްޕޭން ލޯންޗުކުރުމުގެ ގޮތުން މެދު ދާއިރާގެ އެމްޑީޕީ ހަރުގޭގައި ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި މުސްތަފާ ވެސް ބައވެރިވެ ވެފައިވެއެވެ.
އާތިޔާ ތައުލީމީ ދާއިރާއާއި ވަކިވުމަށްފަހު އެމްޑީޕީއާއި ގުޅިގެން ގިނަ ގުނަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައި ވެއެވެ. އެގޮތުން ރިޔާސީ ކެމްޕޭނުގެ ޕާޓީގެ ފަރާތުން އެކިއެކި ތަމްރީނުތައް ދިނުމަށް އަތޮޅުތެރެއަށް ދަތުރުކޮށްފައި ވެއެވެ. އަދި އެމްޑީޕީ އެޑިއުކޭޝަން ކޮމެޓީގެ މަންބަރުކަން ވެސް ކުރައްވައެވެ.
ކުރިން އާތިޔާ އަކީ ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގެ ޕްރިންސިޕަލް ކަން ކުރައްވައި އަދި ފަހުން މާލޭ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވާ ކަނބަލެކެއެވެ. އާތިޔާ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ވަކިކުރީ ރައީސް ޔާމީނުގެ ވެރިކަމުގަ ސިޔާސީ ގޮތުންކަމަށް އޭނާ ގަބޫލުކުރެއެވެ. އެއިގެ ކުރިން އާތިޔާއަކީ ސިޔާސީ ކަންކަމުން ފެންނަ މޫނެއް ނޫނެވެ.
މި ދާއިރާއަށް ކުރިމަތި ލުމަށް މާލެގަމު، ހުނުބޮލި ހުސޭން މުހައްމަދު ފޯމު ހުށަހަޅާފައި ވަނީ މިމަހު 13 ވަނަ ދުވަހުއެވެ. ހުސޭން މުހައްމަދު އަކީ ކުރިން އަދާލަތު ޕާޓީގައި އުޅުއްވި އިރުވެސް ސިޔާސީ އެކިއެކި ކަންކަމުގައި އިސް ހަރަކާތްތެރިއެއްގެ ރޯލު އަދާކުރެއްވި ފަރާތެކެވެ. އެގޮތުން ލޮނުޒިޔާރަތް ކޮޅުގައި އޭރު ބޭއްވި ދީނީ އިލްމުވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެފައި ވެއެވެ. އެއިގެ ފަހުން ރައީސް ޔާމީނުގެ ކޯލިޝަންގައި ހިމެނިގެން، ފާއިތުވި ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބަށް މެދު ދާއިރާއިން އެމްޕީ އަލީ ފަޒާދު ހޮވުމަށް ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ. މިކަންކަމުން އެނގި ހާމަވެފައި ވަނީ ހުސޭން މުހައްމަދަކީ ވެސް ސިޔާސީ ދާއިރާއަށް އާމޫނެއް ނޫންކަމެވެ. ސިޔާސީި އިސް ހަރަކާތްތެރިއެއް ކަމެވެ.
ދެން މިދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލާނެ ކަމަށް އިއުލާން ކޮށްފައި ވަނީ މިސްކިތްމަގު، ކިނާރީގެ މުހަމްމަދު މުސްތަފާ އަޙުމަދު އެވެ. މުސްތަފާއަކީ ގިނަ ދުވަސްތަކަކަށް އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި އަމަލީގޮތުން އިސް ދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. ފާއިތުވި ރައްޔިތުންގެ މަޖުލީހުގެ މެދު ދާއިރާގެ ޕްރައިމަރީގައި ކެމްޕަސް ޑީޑީއާއި ވާދަކޮށް މުސްތަފާއަށް ވަނީ ނާކާމިޔާބު ވެފައެވެ. އޭނާ ވަނީ އެމްޑީޕީ ދެކުނު ޕްރޮވިސްން އޮފީހުގެ އިސްމަގާމެއް ވެސް ފުރައްވާފައެވެ.ކެނދިޑެންސީ ފޯމު އޭނާ އަދި ހުށަހަޅާފައި ނުވި ކަމުގައި ވިޔަސް އޭނާގެ ކެމްޕޭން ހަރަކާތްތައް ސޯޝަލް މީޑީއާއިން ފެނެއެވެ.
ބެލެވޭ ގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބަށް ފުވައްމުލަކުން ވާދަކުރުމަށް ނިކުންނާނެ ހަމައެކަނި އަންހެން ކަނބަލަކީ އާތިޔާ ނަސީރުއެވެ. މީގެ ކުރިން ފުވައްމުލަކުގެ އަންހެން ކަނބަލަކު ރައްޔިތުންގެ މަޖުލީހުގެ ގޮނޑިއަކަށް ވާދަކުރުމަށް ނުކުމެފައެއް ނުވެއެވެ. ނަމަވެސް އާތިޔާއަށް ސީދާ މަޖުލިސް ގޮނޑިއަށް ވާދަކުރެވޭނީ ޕްރައިމަރީ ކާމިިޔާބު ވެއްޖެ ނަމައެވެ.
ޚިޔާލުތައް