ރާއްޖެ އިސްލާމީ ވާހަކަ ފަދައިން ފުވައްމުލައް އިސްލާމްވީ ވާހަކައަކީވެސް ދޫދޫމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކެކެވެ. ލިޔެވި ރައްކާކުރެވިފައިވާ ވާހަކަތަކެއްނޫނެވެ. ނަމަވެސް ބޭރުގެ ސައްޔާހުން ކުރާ ދިރާސާތަކާއި ދިވެހި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ކުރާ ދިރާސާތަކުގެ މައްޗަށް އެކުލެވޭ ވާހަކަތައް ވަނީ ލިޔެވި ރައްކާކުރެވިފައެވެ. އެގޮތުން ފުވައްމުލައް އިސްލާމްވެ އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ގެންމިސްކިތް ކަމަށްވެސް ވަނީ ބައެއް ބޭބޭފުޅުން ވިދާޅުވެލައްވާފައެވެ. ނަމަވެސް، ފުވައްމުލައް އިސްލާމްވި ގޮތުގެ ވާހަކައަށް ނަޒަރު ހިންގާލާއިރު ގެންމިސްކިތަކީ ފުވައްމުލަކުގައި އެންމެ ފުރަމަތަ ބިނާ ކުރެވުނު މިސްކިތަށް ވުމުގެ ފުރުސަތު ވަރަށްވެސް ކުޑައެވެ. ގެންމިސްކިތުގެ ބަދަލުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ހެނިއަރި މިސްކިތް ނުވަތަ ހޯދަޑި މިސްކިތް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ. ފުވައްމުލަކުގެ ތާރީޚް ދިރާސާކުރާ ބައެއް ފަރާތްތަކުން އެގޮތަށް ދަނީ ބުނަމުންނެވެ. ހެނިއަރި މިސްކިތާއި ހޯދަޑި މިސްކިތަކީ ޖެހިޖެހިގެން ހުރި ދެމިސްކިތެވެ. ނަމަވެސް އެދެމިސްކިތުގެ ތެރެއިން ހެނިއަރި މިސްކިތް ވަނީ އެތަނުން ނަގާފައެވެ. އަދި ހޯދަޑި މިސްކިތް މިހާރުވެސް ނަމާދުކުރުމަށް ބޭނުންކުރަމުން ދާއިރު އެމިސްކިތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އެއާކޮންޑިޝަންވެސް ކޮށްފައެވެ.
ފުވައްމުލައް އިސްލާވީ ވާހަކައަށް ނަޒަރު ހިންގާލާއިރު ގިނަ ބަޔަކު އެއްބަސްވެލައްވާ އެއްކަމަކީ ފުވައްމުލައް އިސްލާމްވީ އެއްފަހަރާ ނޫންކަމެވެ. އެގޮތުން އެންމެ ފުރަތަމަ އިސްލާމްވެފައި ވަނީ ހޯދަޑު އަވަށުންނެވެ. ފުވައްމުލަކު ރައްޔިތުންނަށް އެންމެ ފުރަތަމަ އިސްލާމްދީނަށް ގޮވާލެއްވީ ޔަމަނަށް ނިސްބަތްވާ ޔޫސުފު ބިން އީސާ ހަޟަރަމީ އެވެ. އެއީ މީލާދީން 1145 ވަނަ އަހަރުކަމުގައި ބުނެވެއެވެ. އެކަލޭގެފާނުގެ ގޮވާލެއްވުމަށް އިސްލާމްވީ ހަމައެކަނި ހޯދަޑު އަވަށުންކަމަށް ފުވައްމުލަކު ތާރީޚު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. ހޯދަޑު އަވަށުން ގިނަ ބަޔަކު އިސްލާމްދީން ޚިޔާރުކުރުމާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިގިނަމަވެސް ފަހުން ސުލްހަވެރި އެއްބަސްވުމަށް އާދެވުނުކަމަށްވެއެވެ.
ޔޫސުފު ބިން އީސާ ހަޟަރަމީ ނުވަތަ ޔޫސުފު ނާއިބު ކަލޭގެފާނުގެ އާއިލާގެ ދެވަނަ ފަހަރަށް ފުވައްމުލަކަށް 1171 ވަނަ އަހަރު ވަޑައިގެން ފުވައްމުލަކުގައި ވަޒަންވެރިވެ ވަޑައިގަތްކަަމަށްވެއެވެ. އަދި ޔޫސުފު ނާއިބު ކާފަދަރިކަލުން ޔޫސުފު ފުވައްމުލަކު ހޯދަޑު އަވަށުން ބޭކަނބަލަކާއި ކާވެނިފުޅުވެސް ބައްލަވައިގަތެވެ. ފުވައްމުލައް އެއްކޮށް އިސްލާމްވެފައިވާ ކަމަށް ބުނެވެނީ މިދެންނެވި ދެވަނަ ދަތުރުގައެވެ. އެހެންކަމުން ފުވައްމުލައް އެއްކޮށް އިސްލާމުވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ނެގުމަކީވެސް ދުރުކަމެއްނޫނެވެ.
ފުވައްމުލަކުގައި އެންމެ ފަހުން އިސްލާމްވިކަމަށް ބުނެވެނީ ރަށުގެ ދެކޮޅެވެ. އެއީ ރަށުގެ މުހިންމު ބުދު ފައްޅިތައް ބިނާވެފައިވާ ސަރަހައްދެވެ. އެގޮތުން ހަވިއްތަ ހުރި ސަރަހައްދަކީ ފުވައްމުލަކުގެ އުތުރުގައި ހުރި ރަށުގެ މައި ބުދުފައްޅިއެވެ. އަދި ރަށުގެ ދެކުނުން ވަށޮވެޔޮ ހުރި ސަރަހައްދަކީ ބުދު ފައްޅިއެއް ހުރިތަނެކެވެ. އެހެންކަމުން، ބުދުދީނުގެ ފާދިރީއިންނާއި ވަފާތެރިން އެންމެ ގިނަވާނީ އެހިސާބުގައި ކަމަށްވުމުން އެސަރަހައްދުތައް އިސްލާމްވުމަށް ގިނަ ދުވަސްތައް ނެގިކަމަށް ބެލެވެއެވެ. އޭގެތެރެއިން ވެސް މިހާރުގެ ހަވިއްތަ ސަރަހައްދަކީ ފުވައްމުލަކުގެ އެންމެ ބޮޑު އެންމެ ބިޔަ ބުދުފައްޅި ކަމަށް ބެލެވެއެވެ. ވުމާއިއެކު އެސަރަހައްދު ރައްޔިތުން އިސްލާމްވުމުގައި ގިނަ ދުވަސްތަކެއް ނަގައި އެންމެފަހުން އިސްލާމްވީ އެމީހުން ކަމަށް ބުނެވެއެވެ.
މިހާރުގެ ގެންމިސްކިތަކީ ކުރީގެ މިދެންނެވި ބުދުފައްޅި ހުރި ސަރައްދުގައި އެބުދުފައްޅި ތަޅާލުމަށްފަހު ބިނާ ކުރި މިސްކިތެކެވެ. ވީމާ ގެންމިސްކިތް ބިނާ ކުރެވުމުގެ ކުރިން ގާތްގަޑަކަށް ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމީ ރައްޔިތުން ދިރިއުޅޭތާ 30 އަހަރުވުރެ ގިނަ ދުވަސް ވާނެ ކަމަށް ބެލެވެއެވެ. ވީމާ މިދިގު މުއްދަތުގެ ތެރޭގައި މިސްކިތެއް ބިނާކޮށްފައި ނުވާކަމަށް ބުނާ ބުނުމަކީ ބުއްދީގެ ނަޒަރުން ގަބޫލުކުރަން އެހޭ ފަސޭހަކަމެއްނޫނެވެ. އަދި މުސްލިމުންނަށް އޭރު ރައްކާތެރި ހިސާބުކަމަށްވާ ފުވައްމުލަކުގެ މެދުގައި މިސްކިތްތައް ބިނާކުރެވިފައިވާނެ ކަމަށް ބެލެވެއެވެ. އެގޮތުން، މާދަޑާއި ހޯދަޑު އަވަށުގައި މިސްކިތްތައް ބިނާ ނުކުރެވެންވީ ކީއްވެތޯއެވެ.
އެހެންކަމުން، ހެނިއަރި މިސްކިތާއި ހޯދަޑި މިސްކިތަކީ އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަށްވުމުގެ ފުރުސަތު ބޮޑެވެ. އެހެނީ މިދެމިސްކިތް ވެސް ވަނީ ހޯދަޑު އަވަށުގައެވެ. ތިންވަނަ އަށް ބިނާ ކުރެވުނު ކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވަނީ އަލްގެދަރި މިސްކިތެވެ. އެޗްސީޕީ ބެލް ފުވައްމުލަކަށް ވަޑައިގެން ކުރެއްވި ދިރާސާތަކުގެ އަލީގައި ބަޔާންކުރާ ވާހަކަތައް މިކަމަށް ބާރުލިބޭ ކަމަށްވެސް ފުވައްމުލަކު ތާރީޚު ދިރާސާކުރާ ބައެއް ފަރާތްތަކުން ވިދާޅުވެލައްވައެވެ.
އެހެންކަމުން ފުވައްމުލަކުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ހޯދަޑި މިސްކިތް ނުވަތަ ހެނިއަރި މިސްކިތެވެ. އަދި ފުވައްމުލައް އެއްކޮށް އިސްލާމްވުމަށްފަހު ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ގެންމިސްކިތެވެ.
ޚިޔާލުތައް
މި ލިޔުމުގެ ގިނަ މައުލޫމާތުތައް ވަރަށް ރަނގަޅު. އެކަމަކު ދެކަމެއް ފާހަގަ ވި.
މިލިޔުމުގައި ހަވިއްތަ އެއީ ދަޑިމަގު އަވަށު ތަންތަނުގެ ގޮތުގައި ސިފަކުުރުމުގެ ގޮތުން، ހަވިއްތަ އެއީ ބުދު ފައްޅިއަކަށްވެ، ދަޑިމަގު މީހުން އެންމެ ފަހުން އިސްލާމް ވުމަކީ މާހަރުދަނާ ހެއްކެއް ނޫން. އެހެނީ އެދުވަސްވަރަކީ އަވަށްތައްކުގެ އިން ވަކިވެފައިވަ ދުވަސްވަރަކަށް ނުވުން. ހޯދަޑު މީހުން އުޅުނީ ހަވައިްތައާއި މާގާތުގައި ކަން ސާބިތުވާން އޮތުން.
ގެނމިސްކިތް ފަންނުން ފެށިގެން ދެއަވަށް ބެހިފައިވާކަން އެނގެން އޮތުން. ކުރީގެ ލިޔުންތައް ވަކިގޮތަކަށް މާނަކޮށްފައި ވަނީ އޭރު ރާއްޖޭގެ ތާރީޚުގެ މަރުކަޒުގައި ތިބެ ނުފޫޒުތަކެއް ފޯރުވި ފާރޫގު ހަސަން އާއި ލުތުފީ ކަމަށް ބުނެވޭ.
ދެން އޮތީ ހެނިއަރި މިސްކިތާއި ހޯދަޑި މިސްކިތް އޮޅޭ ގޮތެއް ލިޔުމުގެ ބައެއް ތަންތަނުގައި އޮތުން.
ޢެންމެފަހުން އިސްލާމްވީ ދަޑިމަގި އަރި އެ މީހުން އަދި އޮޅުންއަރާ ފަހޭ ބެނެލަން ފުވައްމޮލޮކެ ފެރެތަމަ އެޑީ މިސްކިތް އެނގޭ ގޮތެއް އަދި ނިވޭ ކަޅު މުހައްމަދު ރަށި ވެރި އަކުށަ ހީށި ދުވަސްވަރަށް ފަހަށަ ފަޅޮވެފެފޭ އަލެން މީހުން އާހޮ އެޑީ މިސްކިތް ތެއް އަބާކިރު އަދި ގެންމިސްކިތް ކެޑޭރެ މިސްކިތް ތަންތަނަކީ އެހެން ކަމުގައި ވީ ނަމަވެސް އެއީ ވަރަހަ ކުރީގެ ތަންތަން.
ސޯ ހަވިއްތަ އިޒް ދަޑިމަގު؟
އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ އަބާކިރު މިސްކިތް. ރަށުގެ ދުވަސްވީ ކަންތައްތައް ދަންނަ މީސްމީހުންނަށް އެނގޭނެ މިކަން.
ވަރަށް ރަގަޅު ލިއުމެއް. ގެންމިސްކިތާއި ހޯދަޑި މިސްކިތްފަދަ ތާރީޚީ މިސްކިތްތަކަށް ބަދަލު ގެނައުމަށްފުރެ އެމިސްކިތްތައް އާސާރީ ގޮތަށް ބެލެހެއްޓުން މުހިންމު ކަމަށް ދެކެން.