ޓްރެވެލް މެރަތަން އޮފް މޯލްޑިވްސް ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިގު ދުވުންތައް އިންތިޒާމު ކުރާ އައިރަނާސް އިން ފުވައްމުލަކުގައިވެސް މެރަތަން އަކާއި އަދި ދިގު ދުވުންތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ފުވައްމުލަކުގައި ދުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އެވެ. ބޮޑެތި މީހުންނަށް އަމާޒުކޮށްގެން 5 ކެޓަގަރީއަކުން ބައިވެރިވުމަށް ހުޅުވާލެވިފައިވާއިރު ކުޑަކުދިންނާއި ދޮށީ އުމުރުގެ ބޭފުޅުންނަށްވެސް ޚާއްސަ ކެޓަގަރީތައް ހިމެނެއެވެ.
42 ކިލޯ މީޓަރުގެ މެރަތަން ގައި ބައިވެރިވުމުގެ އަގަކީ 600 ރުފިޔާ ނަމަވެސް ފަހުވަގުތު ބައިވެރިވާ ފަރާތްތަކުން 850 ރުފިޔާ ދައްކަން ޖެހޭއިރު އަވަހަށް ބައިވެރިވާ ފަރާތްތަކަށް 450 ރުފިޔާ ދައްކައިގެން ބައިވެރިވެވެއެވެ. މިކެޓަގަރީގައި ބައިވެރި ވެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. 21 ކިލޯ މީޓަރުގެ ހާފު މެރަތަން ގެ ބައިވެރިވުމުގެ އާންމުފީ، 500 ރުފިޔާއެވެ. 10 ކިލޯ މީޓަރު ދުވުމުގެ ބައިވެރިވުމުގެ ފީއަކީ 400 ރުފިޔާއެވެ. އަދި 5 ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ އާންމު ފީއަކީ 350 ރުފިޔާއެވެ.
މި މެރަތަން އަށް ތައްޔާރުވުމަށް ސެޕްޓެމްބަރު 5 އަދި 6 ވަނަ ދުވަހު ޚާއްސަ ހެލްތު އެންޑް ފިޓްނެސް އެކްސްޕޯއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިދު ދުވުންތައް ފެށިގެންދާނީ މެރަތަންއިންނެވެ. މެރަތަންގައި ބައިވެރިވާ ފަރާތްތަކުން 7 ވަނަ ދުވަހުގެ ދަންވަރު 2 ޖަހާއިރު ދުވަން ފަށާއިރު 5 ކިލޯ މީޓަރު ދުވުމުގައި ބައިވެރިވާ ފަރާތްތައް ދުވަން ފަށާނީ 6 ޖަހާއިރުއެވެ.
މީގެ އިތުރުން ފެމެލީ ފަން އިވެންޓެއްވެސް އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިއީ ފުވައްމުލަކުގައި ބާއްވާ ފުރަތަމަ މެރަތަން ދުވުމެވެ.
ޚިޔާލުތައް