ފުވައްމުލައް ސިޓީ ހޭންޑް ބޯޅަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަނަ ކަމަށް ފުވައްމުލައް-ޕޮލިސް ސްޓޭޝަނުން ހާމަކުރެއެވެ. ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި އޮކްޓޯބަރު މަހުގެ 28 ވާ ހޯމަ ދުވަހުގެ މެދުރުފަހު 3:00 ގެ ކުރިން ފުވައްމުލައް-ޕޮލިސް ސްޓޭޝަނަށް ހުށަހަޅަން ޖެހެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު ފުވައްމުލައް-ޕޮލިސް ސްޓޭޝަނުން ލިބޭނެ ކަމަށް އިއުލާން ކޮށްފައި ވެއެވެ. ހޭންޑް ބޯޅައަކީ ދެޖިންސުގެ މީހުންވެސް ކުޅެއުޅޭ ކުޅިވަރެކެވެ. މިމުބާރާތް ހުޅުވާލަފައިވަނީ ދެޖިންސްގެ ޓީމުތައްކަށްކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ފަރިތަކުރާ ޓީމުތަކަށް ބަލާއިރު ފެންނަނީ މުޅިންވެސް އަންހެން ޓީމުތަކެވެ.
މުމުބާރާތަށް އާއްމުކޮށް އިއުލާން ކުރުމުގެ ކުރިން ފުވައްމުލަކުގެ ކުޅޭ ދަނޑުތަކާއި ބިންތައް އެކި ޓީމުތަކަށް ބަހައިފައިވާ ގޮތުގެ ތާވަލެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ބައެއް މީހުން އެމީހުންނަށް ދަނޑު ލިބޭގޮތަށް ތާވަލްގައި ނުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ބައެއް މުބާރާތް އިއުލާން ނުކުރަނީސް ދަނޑުތައް ބެހީ ކޮން ކަހަލަ އިންސާފަކުން ތޯ ބުނެ ފާޑުކިޔާފައި ވެއެވެ.
ހޭންޑް ބޯޅަ މުބާރާތަކީ ފުވައްމުލައް ސިޓީއަށް އަދި މުޅިން އާ މުބާރާތެކެވެ.
ރާއްޖޭގައި ހޭންޑްބޯޅަ…
ކުޅިވަރުގެ އިދާރާގައި ގައުމީ ހޭންޑްބޯޅަ އެސޯސިއޭޝަން ރަޖިސްޓްރީ ކޮށްފައި ވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް މިއަހަރާއި ހަމަޔަށް ބާއްވާފައި ވަނީ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ 7 ވަނަ މުބާރާތެވެ. ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅާ ޓީމެއް ނަގައި ބޭރުތެ ޓީމުތަކާއެކު ތަމްރީނު މެޗުތަކެއް ވެސް ކުޅެފައިވެއެވެ.
ފާއިތުވި އޯގަސްޓް މަހު ވަނީ ހޭންޑްބޯޅަ ކޯޗިން ޕްރޮގްރާމެއް ވެސް ބާއްވާފައެވެ. އެޕްރޮގްރާމުން 37 ކޯޗުން ތަމްރީނު ކޮށްފައި ވެއެވެ.
އެންމެ ފަހުން ބޭއްވީ ގައުމީ 7 ވަނަ ހޭންޑް ބޯޅަ މުބާރާތެވެ. މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އެމުބާރާތް އޮތީ 2 ޑިވިޝަަނަކަށް ބަހާލާފައެވެ. ކޮންމެ ޑިވިޝަނަކުން ވެސް އަންހެން އަދި ފިރިހެން ޓީމުތައް ވާދަކުރިއެވެ. 1 ވަނަ ޑިވޝަންގައި ފިރިހެން 3 ޓީމު އަދި އަންހެން 3 ޓީމު، 2 ވަނަ ޑިވިޝަނުގައި ފިރިހެން 7 ޓީމާއި އަންހެން 8 ޓީމު ކުޅުފައިވެއެވެ. ޕޮލިސް ކްލަބަކީ މިމުބާރާތުގެ އަންހެން އަދި ފިރިހެން ބައިގައި ވެސް ވާދަކުރަމުން އަންނަ ކްލަބެއްކަން ފާހަގަކުރެވެއެވެ.
ހޭންޑް ބޯޅަ ރާއްޖޭގައި މަގުބޫލުކަން ހޯދަން ފެށިތާ އަދި ވާނީ 3-2 އަހަރެވެ. މާލޭގައި ހޭންޑް ބޯޅައިގެ ފޯރި ހިފާފައިވަނީ ފާއިތުވި 3-2 އަހަރުތެރޭގައެވެ. އެގޮތުން މިހާރު ސްކޫލްތަކުގެ ތެރެއިން ފެށިގެން ކްލަބްލެވެސް ލެވެލެއްގައި ވެސް މުބާރާތްތައް ބާއްވަމުން އާދެއެވެ.
ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ބީސޗް ހޭންޑްބޯލް މުބާރާތެއްްފާއިތުވި ޖުލައިމަހު ކުޅުދުއްފުށިަގއި ބާއްވާފައި ވެއެވެ. ބޮޑު ތަރުހީބެއް ލިބުނު އެމުބާރާތުގައި 14 ޓީމުން ވާދަކޮށްފައިވެއެވެ.
ޚިޔާލުތައް