ހޭންޑްބޯލް ނުވަތަ ހޭންޑް ބޯޅަ ފުވައްމުލަކަށް ތައާރަފުކުރުމުގެ ގޮތުން ހެންޑްބޯޅައިގެ މައުލޫމާތު ދިނުމުގެ ސެޝަނެއް ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ނެޓްބޯޅަ ކޯޓުގައި ރޭ ބާއްވައިފިއެވެ.
ފުވައްލައް ސިޓީ ޕޮލިސް އިން އިންޒާމުކުރި މިސެޝަނުގައި ހޭންދްބޯޅައިގެ ރާއްޖޭގެ މާހިރަކު ގެނެސް ފުވައްމުލައް ސިޓީގައި ހޭންޑްބޯޅަ ކުޅޭ އަންހެން ކުޅުންތެރިންނަށް ވަނީ މައުލޫމާތު ދީފައިއެވެ. ހޭންޑް ބޯޅަ ކުޅެ ނެގޮތާއި ހޭންޑް ބޯޅައިގެ އުކުޅުތައް ކިޔައިދިން މިސެޝަންގައި ގިނައަދދެއްގެ ބަޔަކު ބައިވެރިވާ ކުޅުމުގައި ދިމާވާ އެކިއެކި ކަންކަމާއި ގުޅޭ ގޮތުން ސުވާލުކޮށްފައި ވެއެވެ.
އަމަލީގޮތުން ހޭންޑް ބޯޅަ ކުޅޭގޮތް ދައްކަމުން ދިޔައިރު ދިފާއަށް ކުޅޭނެ ގޮތާއި ‘ފައުލް’ ނުވަތަ ކުށްކުރެވޭ ގޮތާއި އަދަބުތައް ވެސް ކިޔައިދިފައި ވެއެވެ.
ހޭންޑް ބޯޅައަކީ ދެޖިންސުގެ މީހުންވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ނަމަވެސް މުބާރާތަށް ފަރިތަކުރާ ޓީމުތަކަށް ބަލާއިރު ފެންނަނީ މުޅިންވެސް އަންހެން ޓީމުތަކެވެ.
ރޭގައި ބޭއްވި މިސެޝަން ގުޅުވާލާފައި ވަނީ އިއްޔެ ހަވީރު ފަށާފައިވާ “އައިބޭ ޕޮލިސްކަޕް ހޭންޑް ބޯޅަ މުބާރާތް 2019” އާއެވެ.
ރާއްޖޭގައި ހޭންޑްބޯޅަ…
ރާއްޖޭގެ ކުޅިވަރުގެ އިދާރާގައި ގައުމީ ހޭންޑްބޯޅަ އެސޯސިއޭޝަން ރަޖިސްޓްރީ ކޮށްފައި ވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް މިއަހަރާއި ހަމަޔަށް ބާއްވާފައި ވަނީ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ 7 ވަނަ މުބާރާތެވެ. ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅާ ޓީމެއް ނަގައި ބޭރުތެ ޓީމުތަކާއެކު ތަމްރީނު މެޗުތަކެއް ވެސް ކުޅެފައިވެއެވެ.
ފާއިތުވި އޯގަސްޓް މަހު ވަނީ ހޭންޑްބޯޅަ ކޯޗިން ޕްރޮގްރާމެއް ވެސް ބާއްވާފައެވެ. އެޕްރޮގްރާމުން 37 ކޯޗުން ތަމްރީނު ކޮށްފައި ވެއެވެ.
ގައުމީ ފެންވަރެއްގައި އެންމެ ފަހުން ބޭއްވީ ގައުމީ 7 ވަނަ ހޭންޑް ބޯޅަ މުބާރާތެވެ. މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އެމުބާރާތް އޮތީ 2 ޑިވިޝަަނަކަށް ބަހާލާފައެވެ. ކޮންމެ ޑިވިޝަނަކުން ވެސް އަންހެން އަދި ފިރިހެން ޓީމުތައް ވާދަކުރިއެވެ. 1 ވަނަ ޑިވޝަންގައި ފިރިހެން 3 ޓީމު އަދި އަންހެން 3 ޓީމު، 2 ވަނަ ޑިވިޝަނުގައި ފިރިހެން 7 ޓީމާއި އަންހެން 8 ޓީމު ކުޅުފައިވެއެވެ. ޕޮލިސް ކްލަބަކީ މިމުބާރާތުގެ އަންހެން އަދި ފިރިހެން ބައިގައި ވެސް ވާދަކުރަމުން އަންނަ ކްލަބެއްކަން ފާހަގަކުރެވެއެވެ.
ހޭންޑް ބޯޅަ ރާއްޖޭގައި މަގުބޫލުކަން ހޯދަން ފެށިތާ އަދި ވާނީ 3-2 އަހަރެވެ. މާލޭގައި ހޭންޑް ބޯޅައިގެ ފޯރި ހިފާފައިވަނީ ފާއިތުވި 3-2 އަހަރުތެރޭގައެވެ. އެގޮތުން މިހާރު ސްކޫލްތަކުގެ ތެރެއިން ފެށިގެން ކްލަބްލެވެސް ލެވެލެއްގައި ވެސް މުބާރާތްތައް ބާއްވަމުން އާދެއެވެ.
ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ބީސޗް ހޭންޑްބޯލް މުބާރާތެއްްފާއިތުވި ޖުލައިމަހު ކުޅުދުއްފުށިަގއި ބާއްވާފައި ވެއެވެ. ބޮޑު ތަރުހީބެއް ލިބުނު އެމުބާރާތުގައި 14 ޓީމުން ވާދަކޮށްފައިވެއެވެ.
ޚިޔާލުތައް