ކޮވިޑް-19 ގެ ބަލި މީހުނަށް ފަރުވާ ދިނުމަށް ފުވައްމުލައް ސިޓީގައި ތައްޔަރުކުރެވޭ އައިސީޔޫ (އިންޓެންސިވް ކެއާ ޔުނިޓް) ގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. މިއީ އެއްފަހަރާ 3 މީހުނަށް ފަރުވާދެވޭ ގޮތަށް ތައްޔާރުކުރެވޭ އައިސީޔޫ ފެސިލިޓީއެކެވެ.
ކޮވިޑް-19 އައިސީޔޫއަށް ހަދަނީ ކުރިން ފުވައްމަލަކު ހޮސްޕިޓަލް ހިންގި އިމާރާތުގެ ބައެއް މަރާމާތުކޮށް ގެންނެވެ. މިއައިސީޔޫގައި ފަރުވާ ދެވޭނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ގާތުން ފަރުވާ ދޭންޖެހޭ ހާލަތްތަކުގެ މީހުންނަށެވެ. ކޮވިޑް-19 ޖެހޭ ވަރަށް މަދު މީހަކަށް ނޫނީި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭކަށް ނުޖެހެއެވެ. އަދި އެއިގެތެރެއިން ވެސް އައިސީޔޫގައި ފަރުވާން ދޭންޖެހޭ މީހުން ނިސްބަތުން ވަރަށް މަދެވެ. ކޮވިޑް-19އަށް ފައްސިވާ މީހުން ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ކަރަންޓީން ފެސިލިޓީތަކަށެވެ.

ފުވައްމުލައް ސިޓިގައި ގާއިމުކުރެވޭ ކޯވިޑް-19 އައިސީޔޫ ފެސިލިޓީ – ކުރީގެ ބާ ހޮސްޕިޓަލް ހިންގި އިމާރަތުގައި
އައިސިޔޫ ފެސިލިޓީއަކަށް ތައްޔާރުކުރާ ކުރީގެ ބާ ހޮސްޕިޓަލުގެ އެތެރޭގެ މަރާމާތުތަކަށް ފަހު އެތަނަށް އިމަޖެންސީގައި ކަރަންޓް ދިނުމަށްޓަކައި ހޮސްޕިޓަލުގެ މައި އިމާރާތުގައި ބަހައްޓާފައިވާ ބެކަޕް ޖަނެރޭޓަރުން، ބާ އިމާރާތަށް ކަރަންޓް ލުމުގެ މަސައްކަތް ފެނަކަ-ފުވައްމުލައް އިން މިހާރު ކުރިޔަށް އެބަގެންދެއެވެ. އެގޮތުން ކަރަންޓް ލުމަށް ބޭނުންވާ ކޭބަލް އެޅުމުގެ މަސައްކަތް މިހަރު ވަނީ ނިމިފައެވެ.
މި އައިސީޔޫއަކީ، ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ގާއިމު ކުރައްވާ ކޮވިޑް-19 ހޮސްޕިޓަލްގެ މަޝްރޫޢުގެ ތެރެއިން ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމުކުރާ ކޮވިޑް-19ގެ އައިސީޔޫ އެކެވެ.

ފުވައްމުލައް ސިޓިގައި ގާއިމުކުރެވޭ ކޯވިޑް-19 އައިސީޔޫ ފެސިލިޓީ – ކުރީގެ ބާ ހޮސްޕިޓަލް ހިންގި އިމާރަތުގައި ކަރަންޓް ލުމުގެ މަސައްކަތް ފެނަކަ-ފުވައްމުލައް އިން ކުރަނީ.
ޚިޔާލުތައް