A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކާއި ހުވަދޫ ބާކީކޮށް ދެކުނުގެ ސަރަހައްދީ ތަރައްގީއެއް ނުގެނެވޭނެ

ސަރައްހދީ ތަރައްގީގެ ޚިދުމަތްތައް ހުރިހާ އަތޮލަޅެއްގައި ވެސް ހުންނަން ވާނެ.

ފުވައްމުލަކާއި ހުވަދުއަތޮޅު ބާކީ ކޮށްގެން ދެކުނުގެ ސަރަޙައްދީ ތަރައްޤީ ނުގެނެވޭނެ ކަމަށް ގދ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަޖުލިހުގައި ވިދާޅުވި ނިމުނު ހަފުތާގައެވެ. އެއާއެކު އެމްޕީ ސަނިފަށް ހެއްދެވި ނެހެއްދެވިއަސް ވެސް ގޮވަނީ ކީއްވެ ބާވައެވެ؟

ސަނީފުގެ މިވާހަކަ ގުޅެނީ ދެކުނުގެ ސަރަހައްދީ އިންޓަނޭޝަނަލް އެއަރޕޯޓާއި ސަރަހައްދީ ކަނޑުގެ ބަނދަރު ގާއިމުކުރާނެ ތަނަކާއި މެދު އޮތް ދެބަސްވުމާއި ގުޅިގެންނެވެ. އެގޮތުން ރާއްޖެގައި ސަރަހައްދީ ތަރައްގީ ގެނައުމުގެ ގޮތުން މިހާތަނަށް ކަންކޮށްފައި ހުރީ ދައުލަތުގެ ހުރިހާ ވަސީލަތެއް އެއްރަށަކަށް ނުވަތަ އެއްއަތޮޅަކަށް ޖަމާކުރާ އުސޫލުން ކަން ދެކުނުގައި ވަސީލަތަތއް ގާއިމުވެފައިވާ ގޮތަށް ވިސްނާލުމުން ހާމަވެ ސާފުވާނެއެވެ.

ސަރަހައްދީ ހޮސްޕިޓަލް، އިކުއެޓޯރިއަލް ހޮސްޕިޓަލް އައްޑޫ ސިޓީ ހިތަދޫގައި، ސަރަހައްދީ ބަނދަރު އައްޑޫ ސިޓީ ހިތަދޫގައި، ސަރަހައްދީ ބައިނަލްއަގުވާމީ އެއާޕޯރޓް ވެސް އައްޑޫގައި ސަރަހައްދީ ފެރީ ޓާމިނަލް ވެސް އައްޑޫ ސިޓީގައި، ސަރަހައްދީ އޮފީސް އިމާރާތް ވެސް އައްޑީސިޓީ ހިތަދޫގައެވެ. ސަރަހައްދީ ސްޓޭޑިއަމް ވެސް ހިތަދޫގައެވެ. އަދި މިނޫންވެސް ސަރަހައްދީ އެތައް އޮފީހެއް ހަމައެކަނި އައްޑޫ ސިޓީގައި ހުރީ ކީއްވެގެން ބާވައެވެ؟ އައްޑޫ ސިޓީ ހިތަދޫއަކީ މިސަރަހައްދުގެ ޖިއޮގްރަފީގެ ގޮތުން މެދެއްވެސް ނޫނެވެ. ހުވަދޫއަތޮޅުގައި ޖުމްލަ މީހުން ވެސް މާގިނައެވެ. ފުވައްމުލަކާއި ހުވަދުއަތޮޅުގައި ތިބެނީ މާ ދަށު ދަރަޖައިގެ ބައެއް ކަމަށް ބެލެވެނީ ނޫން ބާވައެވެ؟ މިއީ އެތައް ދުވަހެއްވެއްޖެ ކަމެކެވެ. ނަމަވެސް މިކަމުގައި މި ދެއަތޮޅުގެ މަތިފަޑީގައި މީހުން އެހެން ބަޔަކު ހިތްހަމަނުޖެހިދާނެތީ ބަސްބުނަން ނުކެރި އަދިވެސް ތިބެން ވީހެއްޔެވެ؟

2019 ގައި މަޖުލިސް އިންތިޚާބުގައި ހިތަދޫގެ ދާއިރާތައް

އައްޑޫ ސިޓީގައި އޮންނަނީ ރައްޔިތުންގެ މަޖުލީހުގެ އިންތިާޚބީ 7 ދާއިރާއެވެ. އެއީ ހިތަދޫގެ 3 ދާއިރާ ހިމެނޭ ގޮތުންނެވެ. ފުވައްމުލައި ސިޓީގައި 3 ދާއިރާ އަދި އަދި ހުވަދުއަތޮޅު ދެބައިގައި 8 ދާއިރާ (ގދ. 5 ދާއިރާ އަދި ގއ. 3 ދާއިރާ) އެވެ. ވުމާއެކު އާބަދިގެ ގޮތުން ވެސް އައްޑޫ ސިޓީއަށް ހުރިހާ ވަސިލަތެއް ހުންނަން ޖެހެ ސަބަބަކަށް ނުވެއެވެ.

ރައްޔިތުންގެ މަޖުލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ދެކުނުގެ ސަނީފު ވިދާޅުވީ ބައިނަލްއަޤްވާމީ އެއަރޕޯޓް އޮންނަންޖެހެނީ ހުވަދު އަތޮޅުގައި ކަމަށާއި، ގަދަބާރުން އޮބި އަޅައިގެން ކިތަންމެ ވަރަކަށް ތަރައްޤީ ގެންނަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. މެމްބަރު ސަނީފް މިމޭރުމުން ވާހަކަ ދެއްކެވުމުން އެކަމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ރައްދު ދެމުންނެވެ.

ސަރައްހައްދީ ތަރައްގީގެ ހުރިހާ ޚިދުމަތެއް މިޙާރު ހުރީ އައްޑޫ ހިތަދޫގައި

އެގޮތުން އެކަކު ޓްވިޓާގައި ބުނެފައިވަނީ އަޑުގެ ތަރައްގީ ދިވެހި ސަރުކާރުން ހަލާކުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ގަމުން އިނގިރޭސިން ފޭބުމުން އެތަނުގައި ހުރި ތަކެތި މާލެ ގެންދިޔަ ޥާހަކައާއި އެތަނުގައި ހުރި ރާޑަރު ސިސްޓަމަކާއި އައްޑުގެ ރައްޔިތުންނަށް ބަހަން އިންގިރޭސިން ދިން ޕައުންޑް އޭރުގެ ސަރުކާރުން ނުބަހާކަމަށެވެ.

މެމްބަރު ސަނީފް އެވިދާޅުވަނީ ހަގީގަތެއްކަން ވަރަށް ސާފެވެ. ހުވަދު އަތޮޅާއި ފުވައްމުލައް ބާކީ ކޮށްގެން ސަރަޙައްދީ ތަރައްޤީ ނުގެނެވޭނެއެވެ. ތަރައްގީކުރުމަކީ އެއްއަތޮޅަކަސް ހުރިހާ ވަސީލަތްތަކެއް ގެންގޮސް ދެން ތިބި މީހުން އަޅުވެތި ކުރުން ކަމުގައި މިހާރަކު ބަލައެއް ނުގަނެވޭނެއެވެ. ދެކުނުގެ ތަރައްގީގެ ވަސީލަތްތައް ހުރިހާ އަތޮޅަކަށް ވެސް ލިބޭގޮތަށް ބެހިގެން ދާންޖެހެއެވެ. ހުރިހާ ޚިދުމަތެއް ހޯދުމަށް އެންމެން އައްޑޫ ހިތަދޫއަށް ދަތުރުކުރަން ޖެހޭގޮތަށް ކަންކަން ބައްޓަން ކުރާކަށް އާނއެކޭ ބުނެގެން ނުތިބެވޭނެއެވެ. ތަރައްގީ ފުޅާކުރެވޭނެ ވިސްނުމަކުން ޚިދުމަތްތައް ބަހާލާށެވެ. ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކު ގުޅާލާއި، ޚިދުމަތް ހޯދުމަށް އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭ ގޮތަށް ކަންކަން ބައްޓަން ކުރާށެވެ.

ސަރައްހައްދީ ތަރައްގީގެ އެއްވެސް ޚިދުމަތެއް ފުވައްމުލައް ސިޓީއަށް ލައްވާލާ ވައެއް ނުވޭ!

މެމްބަރު ސަނީފް ވިދާޅުވީ، މި ވާހަކަ ހުވަދޫ ރައްޔިތުން ދައްކާތާ ލައްކަ ދުވަސް ވެއްޖެ ކަމަށާއި، ސަރަޙައްދީ ތަރައްޤީ އަކީ ގުޅިގެން ކުރެވޭނެ ކަމެއްކަމަށެވެ. ފުވައްމުލަކުގެ ރައްޔިތުން ވެސް ހިތުގެތެރޭގައި މިވާހަކަ ނުބާއްވާ ފާޅުކުރަންވީ ވަގުތު ޖެހިއްޖެ ކަމުގައި ދެކެވެ.

މެމްބަރު ސަނީފު ވިދަޅުވާ ގޮތުގައި ހުވަދު އަތޮޅަށް ބައިނަލް އަޤުވާމީ އެއަރޕޯޓެއްގެ މުހިއްމުވަނީ ތަރައްގީ ފުޅާކުރެވެން އޮތީމައެވެ. ތަރައްގީ ކުރެވެނެ ވަސީލަތަތއް ރަށްތައް އޮތީމައެވެ.  އެގޮތުން އޭނާ ފާހަގަކުރީ ހުވަދޫ އަތޮޅުގައި ގައި މިހާރު 12 ޓޫރިސްޓް ރިސޯޓް އޮޕަރޭޝަންގަ އެބައޮތް ކަމަށާއި، އޭގެ އިތުރުން 3 ރަށް ނިމުމުގެ މަގުމަތީގައި އެބައޮތް ކަމަށެވެ. އަދި މުޅިރާއްޖޭގައި އޮތް 1100 ރަށުގެތެރެއިން ހުވަދުއަތޮޅުގައި އެކަނ ވެސް 255 ރަށް (%20) އޮތުމުން ތަރައްގީއަށް ހުރި ފުރުސަތު ވިސްނޭނެކަމަށެވެ.

ހަނގުރާމައަކަށް އިނގިރޭސިން ތައްޔާރުކުރި އެއަރޕޯޓަކުން ސަރހައްދީގެ ތަރައްގި އަދި ނުގެނެވޭނެކަމަށެވެ. ސަރަހައްދީ އިންޓަނޭޝަނަލް އެއަރޕޯޓެއް އޮންނަން ޖެހެނީ ހުވަދޫއޮތޮޅުގައި ކަމަށް ސަނިފު ނުސީދާގޮތުން ވިދާޅުވިއެވެ. ހުވަދޫގައި 15 ރިސޯޓް ހިންގަމުންދާއިރު އައްޑޫގައި އޮތް ދެރިޒޯޓްވެސް އުޅެއުޅެ ކުރިނާރައި މިހާރު އޮތީ ހުއްޓިފައިކަން ސަނީފު ފާހަގަ ކުރިއެވެ. އިތުރަށް ސަނީފު ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް ބަލައިގެން، އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް ކަމަށެވެ.

ދެކުނުގެ ސަރަހައްދުން ހުވަދުއަތޮޅު އެއްފަހަރަކު ވަކިކޮށް ވަކި ސަރަހައްދެއްގެ ގޮތަށް ހެދީ ކީއްވެގެންބާ؟

އެމްޕީ ސަނީފުގެ ވާހަކާގައި ހަގީގަތްތައް ހިމެނިފައިވިޔަސް އެކަން ބަލައިގަތުމަށް ބައެއް މީހުންނަށް އުނދަގޫވެދާނެއެވެ.

ފުވައްމުލަކުގައި ޑޮމެސްޓިކް އެއަރޕޯޓެއް ހަދަން އުޅުމުން ވެސް އައްޑޫ މީހުން އެކަމަށް ދެކޮޅުހަދައި އެތައް ހުއްޖަތެއް ނެރެ އެކަން ވިޔަނުދޭން އުޅުނުކަމީ ހަގީގަތެވެ. އެމްޑީޕީ ކުރީގެ ވެރިކަމުގައި ފުވައްމުލަކުގައި ސަދަން ޔުޓިލިޓީ ހެޑްއޮފީސް ހަދައިގެން އުޅެއުޅެވެސް އެކަން ނާކާމިޔާބުވީ އައްޑޫ މީހުންގެ އެއްބާރުލުން ނުލިބިގެންނެވެ. ރާއީސް ޔާމީނުގެ ވެރިކަމުގައި ފުވައްމުލަކާއި އައްޑޫއާއި ދެމެދު ގާއިމުކުރި ފެރީ ދަތުރުތަކުގެ މައި އޮފީސް ވެސް ފުވައްމުލަކުގައި ހެދުމަށް އުޅެއުޅެ އެއްބަސްވާގޮތެއް ނުވެ އެއޮފީސް ވެސް ހަދަން ޖެހުނީ އައްޑޫ މަރަދޫގައެވެ. މިއީ ހުރިހާ ވެރިަކމެއްގައި ވެސް ކަންވާވީ ގޮތް ބާވައެވެ؟

ފުވައްމުލަކުގެ ކޮވިޑް ޓެސްޓިން ފެސިލިޓީއަކީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް ކަމުގައި ލިޔެކިޔުމުން ހެދި ކަމުގައި ވިޔަސް ފުވައްމުލަކުގެ ޓެސްޓްތައް ހަދަން ފޮނުވަން ޖެހުނީ މާލެއަށް ކަމަށްވީހިނދު ސަރަހައްދީ ތަރައްގީގެ ފައިދާ ލިބިގެންދަނީ އެއްބަޔަކަށް ކަން ސާފުވެއެވެ. ސަރަހައްދީ ހޮސްޕިތަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްތަރުން ފުވައްމުލަކު ހޮސްޕިޓަލުގައި ވިޒިޓިން ޑޮކްޓަރުންގެ ޚިދުމަތ ދިނުންް ރޭވި ތަރުތީބު ނުވެވެންންވީ ކީއްވެހެއްޔެވެ؟

މިއީ މިއަދު ފުވައްމުލަކުގެ ރައްޔިތުން ވިސްނަން ޖެހޭ އަދުގެ ހަގީގަތެވެ. ގއ. ވިނލިގިލީގައި ހުރި ކޮވިޑް-19 ފެސިލިޓިއަށް ތިނަދޫން ބަލިމީހަކު ވެއްދުމަށް ދިމާވި މައްސަލަތަކާއެކު ވަގުތުން ގދ.ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގައިމުކުރެވިގެންދިޔަ މިސާލު ބަލާށެވެ. ފުވައްމުލަކުގެ ހޮސްޕިޓަލަށް ކޮވިޑް ޓެސްޓްކުރަން ލިބުނީ ޖީންއެކްޕާޓް މެޝިނުގެ ބޭރު ތޮށިގެނަޑު އެކަންޏެވެ! އެހިސާބުން އެނިމުނީއެވެ. ވައްސަލާމް! އަދިވެސް އެއިގެ އިތުރު ޚަބައެއް ނުވެއެވެ.

ފުވައްމުލަކުގެ މަޖުލިސް 3 މެމްބަރުނޭވެ! ސަރަހައްދީގެ ތަރައްގީގައި މެމްބަރު ސަނީފުގެ ވާހަކައިގައި ހަގީގަތެއް އޮތްކަން ގަބޫލުކުރައްވާށެވެ. ސަރަހައްދީ ތަރައްގީގެ ޚިދުމަތްތައް އެއްރަށަކަށް ޖަމާކުރުމަށް އާބަސް ނުބުނާށެވެ. ޚިދުމަތްތައް ހުރިހާ އަތޮޅެއްގައި ވެސް ގާއިމުކުރެވޭނެ އުސޫލަކުން ކަންތައްތައް ކުރުމަށް މަސައްކަތް ކުރާށެވެ. ތިޔަ 3 މެމްބަރުން ހޮވާފައި ތިތިބީ ރައްޔިތުންގެ ބަސް އިއްވާށެވެ. ބަސް ބުނަން “ހިންދުކޮޅު’ އަންނަކަން ގަބޫލުކުރައްވާށެވެ. މިއޮތީ ހިނދުކޮޅު އައިސްފައެވެ. ސަރައްހަދީ ތަރައްގީގެ ބައެއް ޚިދުމަތްތައް ފުވައްމުލައް ސިޓީގައި ވެސް ހުންނަން ޖެހޭނެއެވެ. އެކަމަށް މަސައްކަތް ކުރާށެވެ. ފުވައްމުލަކުގެ މަޖުިސްލ 3 މެމްބަރުންނާއި ހުވަދޫ ސިޓީގެ 8 މެމްބަރުންނާއެކު 11 މެމެްބަރުންގެ ބުރަދަން އައްޑޫ ސިޓީގެ 7 މެމްބަރުންނާއި އެއްވަރެއް ނުކުރެވޭނެ ކަން ސިޔާސީ ވިސްނުމުން ވިސްނާށެވެ.

ސުވާދީބް ސަރުކާރު އުފެދިގެއައި ގޮތުން އިބުރާތް ހާސިލުކުރާށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !