ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް: 2004ގެ ސުނާމީ އަހަރެން ތަޖުރިބާ ކުރިގޮތް

ސުނާމީގެ އަސަރު ފުވައްމުލަކުން ފެނުނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތިރިވުމުގެ ގޮތުގައެވެ. ކ. ދިޔަވަރު ހިކިފައި، ވ. ފުވައްމުލަކު ބަނދަރު 2005ގައި
Share on facebook
Share on twitter
Share on google

ދެހާސް ހަތަރެއްގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހާދިސާ ފުވައްމުލަކުން ތިބާއަށް ތަޖުރިބާ ކުރެވިފައި ވަނީ ކޮންގޮތަކަށް ހެއްޔެވެ؟ ރާއްޖޭގެ އިރުމަތީ ބިތުގެ ގިނަ ރަށްތަކަކަށް ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބިގެން ދިޔައެވެ. އަދި ދިވެހިރާއްޖެއިން 82 މީހުން މަރުވެ 26 މީހަކު މިކާރިސާގައި ގެއްލިގެން ދިޔައެވެ. ނަމަވެސް ފުވައްމުލަކަށް ސުނާމީގެ އަސަރު ކުރީ ވަރަކަށް ކުޑަކޮށެވެ. އަދި ރަށުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވާ ކަން އެނގޭކަށް ނެތެވެ. ނަމަވެސް އެހެން ރަށްރަށުގައި ތިބި ފުވައްމުލަކުގެ މީހުންގެ ފުރާނަ ވެސް ގެއްލި މުދަލަށ ްވެސް ގެއްލުން ލިބިފައި ވެއެވެ.

އެދުވަހު، 2004 ޑިސެމްބަރު 26 ވީ އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި އަޅުގަނޑު ދިރިއުޅެމުން ދިޔައީ ދަޑިމަގު އަވަށުގައެވެ. އެގޭގެ ބަދިގެ ފަރާތުގައި ހުއްޓައި، އަންހެނުންގެ ބޮޑު ދައިތައަކަށް މާލޭގައި ތިބި ތިމާގެ މީހުން ގުޅާފައި، ރާއްޖެއަށް ބިންހެލުމެއް އައިސްގެން އުޅޭކަމަށް ދިން ޚަބަރު ހިއްސާކުރީ ގަޑިން ގަތްގަޑަކަށް 8-9 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި ބިންހެލުމެއްގެ އަސަރުގެ ވާހަކައާއެކު ރަށްރަށަށް ބޮޑު ރާޅެއް އަރައިގެން އުޅޭ ވާހަކައެވެ. މާލޭގެ ގެތަކުގައި ތިބި މީހުން ގޭގެ މަތީ ބުރިތަކުން ފައިބައި ބިންމަތީގައި ތިބި ވާހަކައެވެ. އެދުނީ އާއިލާ މީހުންނަށް އެޚަބަރު އަވަހަށް ދިނުމަށެވެ.

ނަމަވެސް، އެއީ އެހާ ބޮޑުކަމެއްގެ ގޮތުގައި އަޅުގަނޑަށް އެވަގުތު ނަގައިގަންނަން އުނދަގޫވީ ފުވައްމުލަކަށް ވެސް ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ކޮންމެ އަހަރަކުހެން މާނޭރެ ފަރާތުން، ހުޅަނގު ދެކުނުފަރާތުން ރާޅުތައް ނުވަތަ އުދަ އެރިކަމުގައި ވިޔަސް މާބޮޑު ގެއްލުމެއް ނުވާތީއެވެ. ބޮޑުރާޅުގައި އަޅުގަނޑުގެ ތަޖުރިބާއަކީ އެއީ ކަމުގައި ވީހިނދު ރާޅުތައް އެހާބޮޑުވެ (ފަހުން ވީޑިއޯތަކުން ފެނުނު ގޮތަށް) ބޮޑެތި ގެއްލުން ތަކެއް ލިބިދާނެ ކަމުގެ އެއްވެސް ކަހަލަ އިހުސާސެއް އޭރަކު ކުރެވިފައި ނެތުމުން، ސުނާމީ އާއިމެދު ވިސްނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ބިންހެލުމުގެ ޚަބަރަށް ކަންބޮޑު ވިއެވެ.

2004ގެ ސުނާމީގެ ލޮނުގަނޑު ރާއްޖޭގެ ރަށެއްގެ އެތެރެއަށް އަރައިގެންދާ މަންޒަރެއް

އޭރު އަހަރެން ދުއްވާ ހޮންޑާ ވޭވް 110 ގެ ސައިކަލުގައި، އަންހެނުންނާއި އެކު މިސްރާބު ޖެހީ އެޚަބަރު އަހަރެންގެ އާއިލާގެ އެހެން މީހުނަށް ދިނުމަށެވެ. އެއިރު ރަށުގެ މެދު ހިސާބުގެ ގިނަ ބަޔަކަށް އެޚަބަރު އަދި ނޭގެއެވެ. ގެއަށް ގޮސް އާއިލާ މީހުނަށް ޚަބަރު ދީފައި އިތުރަށް ޚަބަރު ދަބަރު ބަލާލަން ރަށުގެ ބޯޅަ ދަނޑު ސަރަހައްދާއި ދިމާލަށް ދިއުމުން އެނގުނީ އެހިސާބުގައި މާއެދެވޭ ޚަބަރެއް ނެތް ކަމެވެ. ބޮޑު ޚަބަރެއް އޮތްނަމ،ަ ހެނދުނު ގަޑި ކަމުގައިވިޔަސ،ް މީހުން އެހިސާބަށް އެއްވާނެއެވެ. އެހިސާބުގައި ޚަބަރެއް ނެތުމުން ‘ބޮޑުރާޅު’ ބަލާލުމަށް ބަނދަރާއި ދިމާލަށް މިސްރާބު ޖެހީމެވެ.

އަންހެނުން ގޮވައިގެން ސައިކަލުގައި ދުއްވާފައި ގޮސް ބަނދަރާއި ހަމަވިއިރު ދަންނަ ދެތިން ޒުވާނުން ބަނދަރު ސަރަހައްދުގައި ތިއްބެވެ. ސައިކަލުން ނުފައިބާ ބަނދަރުގެ އެއްގަމު ތޮށި ކައިރިން މަޑުމަޑުން އެ ދެތިން މީހުނާއި ވާހަކަ ދައްކަމުން ދުއްވަމުން ދިޔައީމެވެ. އޭރު ސުނާމީގެ ޚަބަރު އެމީހުންނަށް ވެސް ލިބިފައިވާ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެމީހުންނަށް ވެސް ފާހަގަކުރެވި، ވާހަކަ ދައްކަމުން ދިޔައީ އެވަގުތު ދިޔަވަރަށް އަންނަމުންދިޔަ ބަދަލުގެ ވާހަކައެވެ. ރާޅުގެ އަސަރެއް އެއްވެސް ގޮތަކަށް ބަދަރު ތެރެއިން ނުފެނެއެވެ. އަދި ބަނދަރުގެ ބޭރުންވެސް އާދަޔާޚިލާފަށްް ރާޅު ބޮޑުކަމަކަށް ނުބެލެވުނެވެ. ނަމަވެސް ވާހަކަ ދައްކަމުން ދިޔައީ ބަނދަރުގެ އެތެރޭގެ ދިޔަވަރު ކުއްލި ކުއްލިއަށް އުސްވެފައި ކުއްލިއަކަށް ތިރިވާ ވާހަކައެވެ. އެއީ އާއްމުކޮށް ދިޔަވަރަށް ވަގޮތެއް ނޫންކަން އެ އެންމެނަށް ވެސް އެނގެއެވެ. އަދި އުސްވެގެން ދާ ފަހަރު އެހާތަނަށް ދުވަހަކު ވެސް އުސްނުވާހައި ބޮޑަށް މައްޗަށް ދިޔަވަރު އުފުލެއެވެ.

އެކަން އެގޮތަށް ދިމާވާ ސަބަބެއް އޭރަކު އެއްވެސް މީހަކަށް ނޭނގުނެވެ. އަހަރެންވެސް ހުރީ ލިބިފައިވާ ޚަބަރާއި ވާގޮތާއި އަޅާކަިޔައި މާނެއް ނަގަން ނޭނގިފައެވެ. އެއީ ބޮޑު ރާޅެއް އަރައިގެން އުޅޭ ޚަބަރަކަށްވެ އެކަން އެގޮތަށް ނުވާތީއެވެ.

ރާއްޖެގެ ރަށަކަށް 2004ގެ ސުނާމީއާއެކު އުސްވި ލޮނުގަނޑު ވަދެފައިވާ ކަމުގެ އަސަރު

ބަނދަރުގައި މާގިނައިރެއް ނުވަނީސް އަނެއްކާވެސް ބަދަނރުގެ ދިޔަވަރު އުސްވާން ފެށިއެވެ. އުސްވަމުން އުސްވަމުން ގޮސް ބަނދަރުގެ މަގަތު ތޮއްޓެއްގެ ގޮތުގައި އޭރު އަޅާފައިވާ ލަކުޑިގަނޑު (ތަށިގަނޑުގެ ބަރަފޯސް) މަތިން އަރައި ތަންކޮޅަކަށް ފެތުރުނެވެ. އަދި ދެތިން ސިކުންތުހާ ވަގުތުގެ ތެރޭގައި ދިޔަވަރު ތިރިވާންފަށައި، ދިޔަވަރު އަޑިއަށް ދިޔައެވެ. އެދިޔަގޮތަށް ގޮސް ވަރަށް ބޮޑަށް އަޑިޔަށް ދިޔައެވެ. ބަނދަރުގައި އަޅާފައިވާ ދޯނިތައް ނުބީހޭކަން ވެސް ނޭގެއެވެ. އެހާވެސް ބޮޑަށް ތިރިވިއެވެ.

ދިޔަވަރު އުސްވާން ފެށިވަގުތު ލޮނުގަނޑުން ސަލާމަތްވާން އަހަވަހަށް ސައިކަލާއެކު ދުރަށް ދުއްވީމެވެ. ނަމަވެސް ދެން ވާގޮތެއް ބަލަން ތަންކޮޅެއް ދުރުގައި މަޑުކުރީއެވެ. އެއީ ލަފާކުރެވޭ ގޮތުން ހެނދުނު 9 އާއި 10 އާއި ދެމެދުގެ ވަގުތެވެ. އެހާހިސާބުން އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ.
ނަމަވެސް ދެންވެސް ދިޔައީ އެހެން ދިމާލަކުން ބޮޑު ރާޅު ނުވަތަ ދަޔަވަރަށް އަންނަމުންދިޔަ ބަދަލު ފެނޭތޯއެވެ. ބަހާރުމަގުން ދުއްވާފައި ގޮސް ރަސްގެފަންނާއި ބަޑަހަލް ފަންނާއި ހިސާބުން ވެސް ދިޔަވަރު ބެލީމެވެ. މާބޮޑު ތަފާތެއް ފާހަނގައެއް ނުކުރެވުނެވެ. ދެން ދިޔައީ އަނބުލު ފަންނަށެވެ. އެހިސާބުގައި ތިބި ދަންނަ މީހުން ކިޔައިދިން ގޮތުގައި ދިޔަވަރު އުސްވެފައި އަޑިއަށް ދިޔަގޮތަށް ގޮސް ފަރުމަތި އެއްކޮށް ހިކުނެވެ. އަދި މަސްތައް ތެޅިތެޅި ފަރުމަތީގައި ތިއްބެވެ. ޒުވާން ކުދިން ދުވެފައި ގޮސް މަސް ނެގިކަމަށް ވެސް ބުންޏެވެ.

ނަމަވެސް އެހިސާބުގައި އެވަގުތު ތިބި ދޮށީ އުމުރުގެ މީހުންގެ ބަހަށް އަވަހަށް ކުދިންތައް އެއްގަމަށް އެރުވީކަމަށް ވެއެވެ. އައިގޮތަށް ދަޑިމަގު އަވަށަށް ދިޔުމުން އެނގުނީ ހޯދަޑު އަނބުލު ފަނުން ކަންހިނގި ގޮތަށް، ދިޔަވަރު އަޑިއަށް ގޮސް މަސްތައް ފަރުމަތީގައި ތެޅިތެޅި ތިއްބާ ދަޑިމަގު މީހުން ވެސް މަސް ނެގި ކަމެވެ.

މިއީ ފުވައްމުލަކުން އަޅުގަނޑު 2004 ވަނަ އަހަރުގެ ސުނާމީ ތަޖުރިބާ ކުރިގޮތެވެ. އަދި ތަޖުރިބާ ކުރެވުނު މިންވަރެވެ. އިތުރަށް ޚަބަރުތައް ލިބެންފެށީ މެންދުރު ފަހުންނެވެ. އޭރު ރަށްރަށަށް މޯބައިލް ފޯނުގެ ޚިދުމަތެއް ނުލިބެއެވެ.  2002 ވަނަ އަހަރު ފުވައްމުލަކަށް ވަޒީފާ ބަދަލުކުރި އިރު އޭރު މާލޭގައި އަހަރެން ޕްރިޕެއިޑް ޚިދުމަތަށް ބޭނުންކުރި ސައިޒުކުޑަ އެރިކްސަން މޮބައިލް ފޯނު ރައްޓެސަކާއި ހަވާލުކޮށްފައި ދާންޖެހުނީ، އޭރުވެސް ފުވައްމުލަކަށް މޯބައިލް ފޯނުގެ ޚިދުމަތް ނުލިބޭތީއެވެ. ނަމަވެސް ލޭންޑް ލައިންގެ ފޯނު ޚިދުމަތް ލިބެއެވެ. އެގޮތުން ސުނާމީގެ ޚަބަރު އެންމެ ފުރަތަމަ އަހަރެމެންނަށް ލިބުނީ މާލެއިން ގޭގެ ލޭންޑްލައިނަށް ގުޅާފައި ދިން ޚަބަރުންނެވެ.

ރިޒޯޓުތަކަށާއި ރަށްރަށަށް ވެސް ބޮޑު ރާޅު އަރައިގެން އުޅޭ ކަމުގެ ޚަބަރު ލިބުނެވެ. ބައެއް މީހުން ރާޅާ ދަމައިގެން ގޮސް، ގެއްލިފައިވާ ކަމުގެ ޚަބަރެވެ. އަދި އަދި ރަށްރަށުގެ އެއްގަމަށް ރާޅުއަރާ އިމާރާތްތަކާއި ގަސްތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާ ކަމުގެ ވާހަކަ ދެކެވެމުން ދިޔައެވެ. ރިޒޯޓުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ގޮސް ހުއްޓައި، ދަޑިމަގު އަބްދުލް ގާދިރު (ފުޓުބޯޅަ ކުޅުނު) އަކީ ސުނާމީގައި ރާޅާ ދަމައިގެން ގޮސް އެތައް އިރެއް ފަހުން ސަލާމަތް ކުރެވުނު މީހެކެވެ. އަދި އަބްދުލްގާދިރާއެކު މަސައްކަތުގައި އުޅުނު އެއްކުއްޖަކު ސުނާމީގައި ވަނީ ގެއްލިގެން ގޮސްފައެވެ.

2004ގެ ސުނާމީގައި އިންޑިއާ ކަނޑުގެ ގިނަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވި

ފަހުން ޚަބަރުތަކުން އެނގުނު ގޮތުގައި ފުރަތަަމަ ހީކުރެވުނު ވަރަށްވުރެ ސުނާމީގެ އަސަރު މާބޮޑެވެ. ރާއްޖެއަށް ލިބުނު ގެއްލުންވެސް މާބޮޑެވެ. ނަމަވެސް ބިންހެލުމުގެ އަސަރު ކުޑަ މިންވަރަކަށް ނޫނީ ރާއްޖޭގެ އެއްވެސް ހިސާބަކަށް ނުކުރެއެވެ. މި ސުނާމީއަކީ އިންޑިއާ ކަނޑުގެ އަޑިއަށް އައި އައި 9.3 (ރެކްޓަރ ސްކޭލް)ގެ ބިންހެލުމެއްގެ ސަބަބުން އުފެދުނު ރާޅުބާނިއެކެވެ. އިންޑޮނެޝިއާގެ ސްމަތުރާގެ ހުޅަގުން އައްސޭރިފަށުން އައި ބާރުގަދަ ބިންހެލުމެކެވެ. މި ސުނާމީއާއެކު އުފެދުނު ރާޅުބާނީގެ އުސްމިން ރާއްޖޭގެ ސަރަހައްދުގައި ހުރީ 4 ފޫޓާއި 11 ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. ބޮޑެތި ރާޅުތަކަށް ވުރެ ބޮޑަށް މުޅި ރާއްޖެއަށް ވެސް ކުރިމަތިވީ ލޮނުގަނޑު އުފުލި ރަށަތައް ފެނުއަޑިއަށް ދިއުމާއި ދިޔަވަރު ތިރިވުގެ އަސަރެވެ. އަދި އެއާއެކު އުފެދުނު އޮއިވަރުގެ އަސަރެވެ.

ސުނާމީ ތިބާ އިޙުސާސު ކުރީ ކޮންތަނެއްގައި ކޮންގޮތަކަށް ހެއްޔެވެ؟

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments